ވާހަކަ: ހިތް އެދި ގޮވާތީ
އެޕިސޯޑު 26
"ކާކު؟" އުމާމާ ގޮސް ދޮރު ކައިރިއަށް ހުއްޓިފައި އެހި އެވެ. ބޭރުން ޖަވާބުދިން ނަމަވެސް ސާފެއްނުވި އެވެ. އުމާމާ ކާކުތޯ ބަލަންވެގެން ޕީޕް ހޯލްގައި ލޯ ޖެހި އެވެ. ވަގުތުން މެއަށް ހީވީ ފެން އެއްޗެއް އަޅައިލި ހެންނެވެ.
ދޮރު ނުހުޅުވަންވެގެން އޭނަ ފަހަތަށް ޖެހުނު ޖެހުނުހެން އެ ދޮރުގައި ތެޅުން ވީ އިތުރެވެ. އުމާމާ އެ އަޑު ނާހަންވެގެން ދެ ކަންފަތުގައި އަތް އެޅި އެވެ. ކިހިނެއްކަމެއް ވެސް ނޭނގެ އެވެ. ދެން ފެނުނީ ދޮރު ހުޅުވާލައިފައި ބައްޕަ ވަންތަނެވެ. ބައްޕަގެ މިސްރާބު ހުރީ ސީދާ އޭނައާ ދިމާއަށެވެ. އައި ގޮތަށް އައިސް އުމާމާގެ ކަރުގައި ދެ އަތުން ހިފާ ފިއްތައިލި އެވެ. ނޭވާ ނުލެވިގެން އުމާމާ ތެޅިގަތެވެ. އެހީއަށް އެދި ގޮވަން ބޭނުންވި އެވެ.
"ކަލޭ ހީކުރީތަ އަހަންނަށް ފިލައިގެން އުޅެވިދާނެއޭ؟ ދުނިޔޭގެ ކޮންމެ ތަނެއްގަ ފިލާ އޮތަސް އަހަރެން ކަލޭ ހޯދާނަން،" ހައިދަރުގެ އަޑު ކޮޓަރިތެރޭ ގުގުމާލި އެވެ.
ހޭލެވުމާ އެކު ފުންމައިގެން ތެދުވެ އިށީނދެވުނެވެ. މުޅި މީހާ ހުރީ ދާހިއްލާފަ އެވެ. ދޮރުގައި ތަޅަމުންދިޔަ އަޑު އުމާމާގެ ކަންފަތުގައި ޖެހުނީ ދެނެވެ. އޭނައަށް ހުވަފެނުގައި ވެސް އަޑު އިވުނު ފަދައިން ކޮންމެވެސް މީހަކު އެ ދޮރުގައި އެބަ ޓަކިދެ އެވެ. އިރުކޮޅަކުން އެ އަޑު ކެނޑުނެވެ.
އުމާމާ ތެދުވެގެން ގޮސް ޕީޕް ހޯލްގައި ލޯ ޖެހި އެވެ. ބޭރުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެވަނަ ފަހަރު ޓަކި ޖަހާތޯ އޭނަ މަޑުކުރި އެވެ.
އެނދުމަތީ އޮތް ފޯނު ރިންގް ވާން ފެށުމުން އުމާމާ އައިސް ބެލިއިރު އޭނަގެ އެހީތެރިންގެ ތެރެއިން ފިރިހެންމީހާ ގުޅަނީ އެވެ.
"އުމާމާ ދޮރު ހުޅުވަބަލަ!" އޭނަ ވާހަކަދެއްކި އެވެ.
"ޒާހިރުތަ ޓަކިޖެހީ؟ ކީއްވެ ނުގުޅާ އައީ؟ އުމާމާ ހަމަޖެހިލަން މަސައްކަތްކުރި އެވެ.
އެކޮޅުން ޖަވާބު ނާންނަނީސް އަނެއްކާވެސް ޓަކިދިނެވެ. އުމާމާ ޖަވާބަކަށް އިންތިޒާރެއް ވެސް ނުކުރެ އެވެ. ގޮސް ދޮރު ހުޅުވައިފި އެވެ. ދޮރުމަތީ ހުރީ ޒާހިރުއެއް ނޫނެވެ. ރައްޔާން އެވެ. އަނެއްކާވެސް މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ އުމާމާއަށް ގަބޫލުކުރަން ދަތިވި އެވެ.
"އާ ޔޫ ރިއަލް؟" އުމާމާއަށް އަހައިލެވުނެވެ.
ރައްޔާން އެވަގުތު ބޯޖަހައިލި އެވެ. އުމާމާ އިތުރަށް އެންމެ ސިކުންތެއް ވެސް ބޭކާރެއް ނުކުރެ އެވެ. ދުވެފައި ގޮސް ރައްޔާންގެ ގައިގައި އޮޅުލައިގެންފި އެވެ. އުމާމާގެ މި އަމަލުން ޚުދު ރައްޔާން ވެސް ދިޔައީ ސިއްސައިގެންނެވެ.
"ޕްލީޒް ރައްޔާން އަހަރެން ސަލާމަތްކުރޭ. ބައްޕަ އަހަރެން ހުރި ތާކުން ހޯދައިގެން ގެންދާނެ. އަހަރެން މަރާލާނެ. ރައްޔާން ދެން ނުވާނެ އަހަރެން އެކަނިކޮށްލާފަ އެއްވެސް ތާކަށް ގޮސްގެނެއް. ޕްލީޒް ރައްޔާން އަހަންނަށް އެހީވެދީ! ހަމައެކަނި ރައްޔާންއަށް އަހަރެން ސަލާމަތްކޮށްދެވޭނީ. އަދި އަހަރެން ރައްކާތެރިކޮށްދެވޭނީ. ޕްލީޒް ބުނޭ އާނއެކޭ،" އުމާމާ ރައްޔާންގެ މޭގައި މޫނުޖަހައިގެން ހުރެ އާދޭހާ އެކު ތަކުރާރުކޮށް އެދުނެވެ.
"ޑޯންޓް ވޮރީ. އަހަރެން އުމާމާގެ މަންޒިލާ ހަމައަށް ގެންގޮސްދޭނަން. އިންޝާﷲ،" ރައްޔާން އުމާމާގެ ދެ ކޮނޑުގައި ހިފާލައިފައި ދުރުކޮށްލުމުގެ ކުރިން އޭނަ ހިތްހަމަޖައްސައިދޭން ބުނި އެއްޗަކީ އެއީ އެވެ.
އެ ދެ ލޮލުން ކަރުނަ ފެނުމުން ރައްޔާންގެ ހިތަށް އެނގުންވި އެވެ. އޭނަ ކަނާއަތުން އުމާމާގެ ދެ ލޯ ފުހެދިނެވެ. ބުރުގާ ތެރެއިން ނިކުމެ ނިތްކުރީގައި ތަތްވެފައިވާ އިސްތަށިތައް އެތެރެކޮށްދިނެވެ. އަތުން ދޫކޮށްނުލާ ގެންގޮސް އެނދުގައި ބައިންދާފައި އެތާ ހުރި ފެން ފުޅިއެއް ނަގައި ކަނޑާލައިފައި ގެނެސް އުމާމާ އަތަށް ދިނުމަށް ފަހު އެތިފޮދެއް ބޯން ބުންޏެވެ. އުމާމާ ފުޅީގައި ހިފުމުން ރައްޔާންގެ ކޮނޑުގައި އޮތް ދަބަސް ތިރީގައި ބަހައްޓާފައި އުމާމާ ކައިރީ އެނދުގައި އިށީނެވެ.
އުމާމާގެ ހިތް އަދިވެސް ތެޅެނީ އެވެ. ފެނުނު ހުވަފެން ހާދަ ހަގީގަތާ އެއްގޮތެވެ. ރައްޔާންގެ ބަދަލުގައި ބައްޕަ އައި ނަމަ އޭނަގެ ދުވަސް ދިޔައީ އެވެ. އަދި އެ ހުވަފެން ސީދާ ނުވާނެ ކަމެއް ވެސް ނޭނގެ އެވެ. އޭނައަށް ޔަގީންވާ އެއްޗަކީ ބައްޕަ ކަމެއް ނުކޮށް ދެ އަތް އުރާލައިގެން ނުހުންނާނެ ކަމެވެ.
"އަހަރެން ހިއެއް ނުކުރަން ރައްޔާން އަންނާނެ ކަމަކަށް. ކޮން އިރަކު އައީ؟" ފެން ފޮދެއް ބޯލުމަށް ފަހު މަތި ޖަހާފައި އެއް ފަރާތުގައި ބޭއްވުމަށް ފަހު އުމާމާ ވާހަކަދެއްކި އެވެ. އޭނަގެ ނޭވާ ހުރީ ކުރުވެފަ އެވެ.
"ފްލައިޓް ޖެއްސި ފަހުން އަދި ވިއްސަކަށް މިނިޓް ވާނީ،" ރައްޔާން ޖަވާބުދިނީ ފަހު ސުވާލަށެވެ.
"ބަނޑުހައިވެފަ ދޯ ހުންނާނީ. ހިނގާ ބޭރަށް ކާން. އަހަރެން ރޫމް ސާވިސްއަށް އޯޑަރުދޭން ވިސްނައިގެން އޮއްވާ ނިދުނީ،" ބަނޑުހައިކަން އިހްސާސްވެފައި އުމާމާ ހިޔާލު ދިނެވެ.
ރައްޔާން ބަލަހައްޓައިގެން އިނެވެ. އަމިއްލަ ހާލަތާ މެދު އުމާމާއަށް ވިސްނައިލެވުނީ ދެނެވެ. ހޭލެވުނުއިރު އޭނަ ހުރީ ނިކަން ބޮޑަށް ދާހިއްލައިފަ އެވެ. ލޯގަނޑުން އެއް ފަހަރު ވެސް އޭނަ އަމިއްލަ ސޫރައަކަށް ނުބަލަ އެވެ. ހުރި ވައްތަރެއް ވެސް ނޭނގެ އެވެ.
"އަހަރެން އަންނާނަން ފެންވަރައިގެން،" އުމާމާ އަވަހަށް ތެދުވެގެން ފާހާނާއާ ދިމާއަށް ދިޔަ އެވެ.
ރައްޔާން އޭނަ ބަހައްޓާފައި ހިނގައިދޭނެއޭ ހިތަށް އަރާވަރުން އުމާމާ ފެންވެރީ ވެސް ނިކަން އަވަސްއަރުވާލައިގެންނެވެ. ރޯބް މަހާލައިގެން ނިކުތް ގޮތަށް ފުރަތަމަ ވެސް ބެލީ ރައްޔާން ކޮބައިތޯ އެވެ. ކޮޓަރިތެރެ ހުހަށް އޮއްވާ ފެނުމުން މޭގަނޑު ރޫރޫ އަޅައިގަތެވެ.
"ރައްޔާން! ރައްޔާން ކޮންތާކަށް ތި ދިޔައީ؟" އުމާމާ ބާރުބާރަށް ގޮވަމުން ދޮރާ ދިމާއަށް ދިޔަ އެވެ.
"އުމާމާ،" ރައްޔާންގެ އަޑު އައީ ފަހަތުންނެވެ. އުމާމާ ބަލާލިއިރު ބެލްކަނީގައި ހުރެފައި އެތެރެއަށް ވަންނަނީ އެވެ.
އުމާމާއަށް މޭގައި އަތް އަޅާލައިފައި ފުން ނޭވައެއް ދޫކޮށްލެވުނެވެ.
"އަހަރެން ހީކުރީ ރައްޔާން ދިޔައީ ކަމަށް،" އުމާމާ ކުޑަކޮށް ރަކިވި އެވެ.
ރައްޔާންގެ ހިތަށް ތަދުވި އެވެ. އުމާމާ އެހާ ބިރުން އުޅެނިކޮށް އޭނަ އުމާމާ ފޮނުވައިލީ އެކަންޏެވެ. އެހީތެރިންގެ ގޮތުގައި މީހުން ހަމަޖެއްސިއަސް އުމާމާއަށްޓަކައި އެމީހުން ވާނީ ބީރައްޓެހިންނަށެވެ. ގައިމު ވެސް އިތުބާރު ކުރާކަށް ފަސޭހައެއް ނުވާނެ އެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް އުމާމާ އޭނަގެ އަތްނބެއްގެ ގޮތުގައި ހުރިހާ ދުވަހަކު ރައްކާތެރިކުރަން އޭނައަށް ވާޖިބެވެ.
"އައިމް ސޮރީ،" ރައްޔާން އައިސް އުމާމާގެ ކުރިމައްޗަށް ހުއްޓިފައި މާފަށް އެދުނެވެ.
"އެއީ؟" އުމާމާ އަހައިލި އެވެ. ރައްޔާން މާފަށް އެދެން ޖެހުނު ސަބަބެއް އޭނައަކަށް ނުވިސްނުނެވެ.
"މާލަހުން އާދެވުނީމަ،" ރައްޔާން ޖަވާބުދިނެވެ.
"އިޓްސް އޯކޭ. ލަހުން ވެސް އަތުވެއްޖައީމެއްނު؟" އުމާމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ރައްޔާން އޭނައަށްޓަކައި އައީތީ ހަގީގަތުގައި ވެސް އޭނަ އެ ހުރީ އުފާވެފަ އެވެ. ހިތްހަމަޖެހިފަ އެވެ.
"ގެޓް ރެޑީ. އަހަރެން ވެސް އަންނާނަން ފްރެޝްވެލައިގެން،" ރައްޔާން ދަބަހާ ދިމާއަށް ދިޔަ އެވެ.
***
ޒާހިރުމެން ދެމަފިރިންނާ އެކު ފުރަތަމަ ބޭރަށް ނިކުތްއިރު އުމާމާ އަބަދުވެސް ހުރީ އެލާޓްގަ އެވެ. ހާދިސާއެއް ހިނގާނީ ކިހިނެއް ކޮން އިރަކު ކަމެއް ނޭނގުނަސް އެކަމަށް ތައްޔާރުވެގެންނެވެ. އެކަމަކު ރައްޔާންއާ އެކު ދިއުމަށް ފަހު ފުރަތަމަ ފަހަރަށް އޭނަ އެއްވެސް ފިކުރެއް ހާސްކަމެއްނެތި ހިތް ދޫކޮށްލައިގެން އުފާކުރި އެވެ. ކާއެއްޗެހީގެ މީރު ރަހަ އިހްސާސްކޮށް މާހައުލުގެ ރީތިކަމުން ހަމަޖެހުން ލިބިގަތެވެ. ތަނުގެ ފޮޓޯތައް ނަގައި ކެމެރާގައި ރައްކާކުރި އެވެ. ރައްޔާން ނުބަލާ އިންދާ ރައްޔާންގެ ފޮޓޯއެއް ވެސް ނެގި އެވެ. ކޮން ބޭނުމަކު ކަމެއް ޚުދު އޭނައަކަށް ވެސް ނޭނގެ އެވެ. ވަޔާ ވާދައަށް ކާރު ދުއްވާލިއިރު އުދުހިލާފައި އުޅެވުނު ފަދަ އެވެ. ފުރަތަމަ ބިރުން އިން ނަމަވެސް ފަހުން އޭނައަށް އެކަން ވެސް ވީ މަޖަލަކަށެވެ. ހައްތަހާ ބާރު ކުރާށޭ ކިޔާ ހިތްވަރު ދިނެވެ.
އެނބުރި އައި އިރު ދެ މީހުން ވެސް ތިބީ ނިދިއައިސްގެން ހަލާކުވާވަރު ވެފަ އެވެ. އުމާމާ ހެދުން ވެސް ބަދަލެއް ނުކުރެ އެވެ. އަރައިގެން ހުރި ޓެނިހާ އެކު ގޮސް އެނދަށް ވެއްޓިގެންފި އެވެ. އޭނައަށް ނިދެމުން ދަނިކޮށް ރައްޔާން ކައިރިވެފައި ބޫޓު ބާލައިދިންކަން އެނގުނެވެ. ދެން ރައްޔާން ވެސް އެނދަށް ވެއްޓިގަތްކަން އިހްސާސްވި އެވެ.
ދަންވަރު އުމާމާއަށް ހޭލެވުނީ އުނދަގޫވެގެންނެވެ. މާބޮޑަށް ނިދި އައިސްފައި ހުރުމުން އޭނަ ނިދީ ހެދުން ބަދަލުނުކޮށެވެ. އުނދަގޫވީ އެހެންވެ އެވެ. ތެދުވެ އިށީނދެފައި ބަލާލިއިރު އެނދުގެ ފައިލާކޮޅުގައި ރައްޔާންގެ ޓީޝާޓް އޮއްވާ ފެނުނެވެ. އަދި ރައްޔާން އޮތީ ވެސް ނިދާފަ އެވެ. އުމާމާ ރައްޔާން ހޭލާތޯ ހުޝިޔާރުވެ އިނދެގެން އަބާޔާއާ އެކު އެތެރެއިން ލައިގެން ހުރި އެއްޗެހި ވެސް ބާލާފައި އެތާ ހުރި ގޮނޑިއަކަށް އެއްލުމަށް ފަހު ތިރިން ލައިގެން ހުރި ހަރުވާޅާ އެކު މަތިން ރައްޔާންގެ ޓީޝާޓް ބޮލަށް މަހާލައިގެން މަޑު ރަޖާ ތެރެއަށް ވަދެ އަނެއްކާވެސް ނިދާލައިފި އެވެ.
***
ސައިފްއަށް އެ ދުވަހު ގެއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. ބަނޑުހައިވެގެން ހާންތިވެފައި ހުއްޓަސް ފެންވަރައިގެން ފުރަތަމަ ބެލީ ނަމާދުކޮށްލެވޭތޯ އެވެ. ނޫނީ ވަގުތު ފާއިތުވެދާނެ އެވެ. ބަދިގެއަށް ވަންއިރު ޖުމާނާ ކާން ހަދައިގެން އިނެވެ. ސައިފް ފެނުމުން ކޮޅަށް ތެދުވެފައި ފްރިޖުން ފިނި ފެންފުޅިއެއް ނަގައިގެން އައިސް އިށީނދެފައި ފެން އަޅައިދިނެވެ.
"މިއަދު ކާއެއްޗެހީގެ ރަހަ ވެސް ނޭނގޭހާ ހައިވެފަ މި އިނީ،" ސައިފް ތަށްޓަށް ބަތް އަޅަމުން ވާހަކަދެއްކި އެވެ.
"މާބޮޑަށް ލަސްވަންޏާ ކޮންމެވެސް އެއްޗެއް ގެންދަންވީނު އެތާ ކާލަން؟ އެއިރުން އަންނައިރު ތިހާވަރު ވެފައެއް ނުހުންނާނެ،" ޖުމާނާ ހިޔާލެއް ދިނެވެ.
"ކާނެ ވަގުތެއް ނުވާނެ. މަސައްކަތް މެދުކަނޑާލައިފިއްޔާ ވަގުތުތަކެއް ބޭކާރުވަނީ،" ސައިފް އެ ހިޔާލާ ދެކޮޅެވެ.
ޖުމާނާ ވަކި އެއްޗެއް ދެން ނުބުނެ އެވެ.
ކައި ނިމިގެން ސައިފް ގޮސް އިށީނދެލީ ކުދިވެރިން ޓީވީ ބަލަން ތިބި ތާގައި އެ ކުދިން ކައިރީގަ އެވެ. ބިލާލް އާއި އާކިފް ދެ ފަރާތުގައި ތިބެގެން ކާޓޫނުގައި ވާގޮތް ކިޔައިދޭން ފެށި އެވެ. ޖުމާނާ އެތަނަށް އައީ ކްރީމް ފުޅިއެއް ހިފައިގެންނެވެ.
"ބިލާލް އިހަށް ދޭބަލަ އެކޮޅަށް،" ޖުމާނާ ދަރިފުޅު އިން ތަނުން ނެގި އެވެ.
އެތަނުގައި އޭނަ އިށީނދެފައި ސައިފްގެ އަތުގައި ހިފާލައިފައި ގެނެސް އުނގުމަތީ ބޭއްވި އެވެ. އަބަދު މަސައްކަތް ކުރާތީ ކުރަކިވެފައިވާ ހަންގަނޑުގައި ލޯޝަން އުނގުޅިއަސް ނިކަން އަވަހަށް އޭގެ އަސަރު ކެނޑިދެ އެވެ. އެހެންވެ އޭނަ ތަންކޮޅެއް ރަނގަޅު އެއްޗެއް ގެނެސް އެ އަތުގައި އުނގުޅަން ފެށި އެވެ. ސައިފް ބަލަހައްޓައިގެން އިނެވެ. ޖުމާނާ އޭނަގެ ދެ ފައި އުނގަށް ނަގައިގެން އެ ދެ ފަޔަށް ވެސް އަޅާލުން ދިނެވެ.
"ތެންކިއު،" މަސައްކަތް ނިންމާފައި ޖުމާނާ ތެދުވި ވަގުތު ސައިފް ބުނެލި އެވެ.
ހިނިތުންވުމެއް ދައްކާލައިފައި އޭނަ ދިޔަ އެވެ.
***
ކުދިން ނިންދަވާފައި ކޮޓަރިއަށް ވަންއިރު ސައިފް އަދި ބޭރަށް ނިކުމެފައި ގެއަކަށް ނާދެ އެވެ. ފެންވަރާލައިގެން ޖުމާނާ އައިސް ރީތިވާ މޭޒު ކުރިމަތީ އިށީނދެލީ އާދައިގެ މަތިން ނިދުމުގެ ކުރިން ކުރާ ކަންކަން ކުރުމަށެވެ. ކްރީމް ފުޅި ނަގައި އަތުގައި ހާކަން އިންދާ ސައިފް ދޮރު ހުޅުވާލައިފައި ވަނެވެ.
"މައި ޓާން،" ސައިފް އައިސް ޖުމާނާގެ އަތުން ކްރީމް ފުޅި އަތުލި އެވެ.
އޭނަ އަތަށް އެ ފުޅިން ފިތާލިތަނާ މާގިނައިން އެޅުނެވެ. ޖުމާނާ ގާތަށް ހިނިއަ އެވެ. އެ ހިނިގަނޑު މަތަވީ ސައިފް ފަހަތުގައި ހުރެގެން ކުޑަކޮށް ގުދުވެލާފައި އޭނަގެ ކަނދުރާމަތީ ކްރީމް ހާކައިދޭން ފެށީމަ އެވެ. ޖުމާނާއަށް ލޯ މަރައިލެވުނެވެ. ސައިފްގެ ދެ އަތުގައި ވަނީ ޖާދޫއެއް ފަދަ އެވެ. އޭނަ ލޯ ހުޅުވާލިއިރު ލޯގަނޑުން ސައިފް ވެސް ބަލަން ހުރީ އެ މޫނަށެވެ. އެ ދެ އަތުގެ އިނގިލިތައް އޭނަގެ ކަނދުރާ އާއި ކޮނޑުމަތީ ހަރަކާތްކުރަމުން ދިޔަ މަންޒަރުވީ އޭނަ ދުވަހަކުވެސް ނުދެކޭ ފަދަ މަންޒަރަކަށެވެ.
"ރަނގަޅުތަ؟" ސައިފްގެ އަޑު ހުރީ އާދައިގެ ވަރަށް ވުރެ ބަރުކޮށެވެ.
"މާ ބޮޑަށް ވެސް،" ޖުމާނާގެ އަޑު ނިކުތީ ނިކަން އުނދަގުލުންނެވެ.
ޖުމާނާ ބަލަން އިންދާ ސައިފް ކުރިއަށްވުރެ ބޮޑަށް ގުދުވެލާފައި އޭނަގެ ކޯތާފަތުގައި ބޮސްދިނެވެ. އޭނަ ހިންދެމިލާފައި ލޯގަނޑުން ބަލާލި ވަގުތު ޖުމާނާ ރަކިވެގެން އިސްޖަހައިލި އެވެ.
"ކޮބާ އަހަރެންގެ؟" ސައިފް އެހި އެވެ.
"އައިމް ވެއިޓިން،" ޖުމާނާ އެއްޗެއް ނުބުނުމުން އޭނަ އިތުރަށް ބުނެލި އެވެ.
ޖުމާނާ އިން ތަނުން ތެދުވެ ސައިފްއާ ކުރިމަތިލީ އެ ގަޑީގަ އެވެ. އޭނަ އައިސް ހުއްޓުނުއިރު ސައިފް ދިގުވެ އެ ކޯތާފަތާ ހަމައަށް ފޯރާނެ ގޮތެއް ނެތެވެ.
"އެތާ އިށީނދޭ!" ޖުމާނާ އެނދަށް އިޝާރާތްކޮށްލާފައި އެދުނެވެ.
ސައިފް ފަހަތަށް ޖެހިލާފައި ގޮސް ޖުމާނާ ބުނި ތަނުގައި އިށީނެވެ. ޖުމާނާ އިށީނދެލީ އޭނަގެ ކަނާތްފަރާތުގަ އެވެ. ކޯތާފަތުގައި ބޮސްދޭން ހަމަ ތައްޔާރުކޮށްލިތަނާ މަކަރުން ކުއްލިއަކަށް މޫނު އަނބުރާލި އެވެ. ކޯތާފަތުގެ ބަދަލުގައި ޖުމާނާގެ ތުންފަތް އަމާޒުވީ ސައިފްގެ ވެސް ތުންފަތާ އެވެ.
"އަހަރެން ދިން ކަހަލަ ގިފްޓެއް ނޫން ތި ދިނީ. އެހެންވީމަ ޖެހޭނީ އަނބުރާ ގެންދަން،" ސައިފްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ.
"ސައިފް،" ޖުމާނާ ހީގެންފައި ކޮނޑުގައި ޖަހަން މަޅައިލި އަތުގައި ވެސް ސައިފް ހިފާލައި ހައްޔަރުކޮށްލި އެވެ.
"ކަމް ހިއާ!" ސައިފް އަނެއް އަތުން ޖުމާނާގެ ކަނދުރާމަތީ ހިފާލައިފައި އެ މޫނު ކައިރިއަށް ގެނަ އެވެ.
(ނުނިމޭ)
ކޮމެންޓް (2)
ފާތު
ޒާނާ