ވާހަކަ: ރާގީ
އެޕިސޯޑް 13
"ފަޒްނާއަށް ކާން ދިނީ މީރު ޕިރިނީ ތަށްޓެއް."
އަހަރެންނަށް ބަލައިލެވުނީ އިގްބާލަށެވެ. އޭރު އޭނަ އިނީ މުށްކަވާލައިގެންނެވެ. މަންމައަށް އެފަދަ ގެއްލުމެއް ދިނީ ދުރު މީހެއް ނޫނެވެ. ކޮންމެ މީހަކު އެކަން ކުރަން ބުނި ނަމަވެސް ދަރިއެއްގެ މަގާމުގައި ހުރި މީހަކު ފައިސާގެ ދަހިވެތިކަމުގައި އެފަދަ ކަމެއް ކުރާނެ ކަމަކަށް ހިއެއް ނުކުރެވެއެވެ. މަންމަ ފަދަ، ދަރިން ދެކެ ލޯބިވާ މީހަކަށް އެފަދަ ނިކަމެތި ކަމެއް ދޭން ޖެހިލުންނުވީ ހިތުގައި ނުބައި ނިޔަތެއް އޮތުމުންނެވެ. މި ޒަމާނުގައި އިތުބާރު ކުރުމަކީ އުނދަގޫކަމެކެވެ.
"ޝަރީފަށް އެނގޭ ރުގްޔާ ކުރަން ފެށިކަން ވެސް. އެހެންވެ އޭނަ ބަލަނީ ސިހުރު ވަރުގަދަ ކުރެވޭތޯ. އޭނަ ސިހުރު ހެދީ އިރަށް ހުރެ، ހަނދު ބޮޑުވި މޫސުމެއްގައި ކަނޑުމަތީ ހުރެ. އަދި އޭތި ލާފައި ހެދި ޕިރިނީ ތަށި ދިނީ މި ބުނާ ސޮރު އަތަށް. ފަޒްނާ އެ ނުކާން ވެގެން ވެސް އުޅުނު. އެކަމަކު އޭނަ ކާން ދިނީ އެކި ވާހަކަތައް ދައްކައިގެން،" ޖިންނި ބުންޏެވެ. "ދެން އަހަރެންގެ މީހުން ދޫކޮށްލާ."
"ތިހެން އަދި ދޫކޮށެއް ނުލެވޭނެ. އިތުރު ކަމެއް އޭނަ ކުރިތަ؟ ހުރިހާ އެއްޗެއް ކިޔައިދީ،" އަމުރުވެރި ގޮތަކަށް އަހަރެން ބުނީމެވެ.
"ނޫން. ނޫން. އިތުރު ކަމެއް އޭނަ ނުކުރޭ. ފުރަތަމަ ކުރި ކަންތައް ކާމިޔާބު ވާނެ ކަމަށް އޭނައަށް ވަރަށް ޔަގީންކަން އޮތް. އެއީ މުޖައްރިބު އެއްޗެއް. އޭނައަކީ ވަރަށް ބޮޑު ސިހުރުވެރިއެއް. އޭނަ ނުކުރާ ކަމެއް ނުހުރޭ. ޖިންނިންނަށް އަޅުދާސް ވެގެން އުޅޭ މީހެއް އެއީ." ޖިންނިގެ ވާހަކަތަކުގައި ގަބޫލު ކުރެވޭ ކަންކަން ހުއްޓެވެ.
"ކަލޭމެންނަށް އޮތީ އިސްލާމް ދީން ގަބޫލް ކުރުން. އެހެން ނޫނީ ދެން ދާނީ އެހެން މީހެއްގެ ސިހުރާ ހަވާލުވާން. އިސްލާމްދީން ގަބޫލްކޮށް އިސްލާހުވޭ. އެހެން ނޫނީ އަންދާލާނަން،" އަހަރެން ބުނީމެވެ.
ވަރަށް ގިނަ ވާހަކަ ދައްކައިގެން އެއްގަލަކަށް އެރުނެވެ. ޖިންނިން އިސްލާމްދީން ގަބޫލް ކުރިއެވެ. އަދި އިސްލާހުވާން ބޭނުންވާ ކަމަށް ބުނެ ޝަހާދަތް ކިޔެވެ. އެ ވަގުތު ބުނަން ނޭނގޭ ކަހަލަ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. އިގްބާލަށް ވެސް ވަރަށް ގިނަ ވާހަކަ ކިޔައިދެވުނެވެ.
ފަޒްނާ ހަމައަކަށް އަޅުވަން ކުރަންވީ ކަންކަން ކިޔައިދިނީމެވެ. އަހަރެން ދިނީ ފަތު ދިޔަ ތަށްޓެކެވެ. އެއީ ފަތްޕިލާވެލިން ތައްޔާރު ކޮށްފައިވާ ލޮނދިކަމެއް ހުންނަ ދިޔައެކެވެ. އެ ބުއިމުން ފަޒްނާއަށް ހޮޑުލެވުނެވެ. އެއާއެކު މީހާ ހޭނެތުނެވެ. އަދި އިރުކޮޅެއް ފަހުން ހޭ އެރިއެވެ. އަހަރެންނަށް ފެނުނީ އެހެން މީހެކެވެ. ވަޅުވަދެފައިވާ ދެ ލޯ ތާޒާވިއެވެ. ކަޅުވެފައިވި ލޯ ކައިރި އަލިވިއެވެ. ނޫފައިގެންފައި ހުރި ތަންތަން މަޑުމަޑުން ހަމުގެ އަސްލު ކުލައަށް ބަދަލުވިއެވެ. މީހާގެ މޫނުމަތިން މާޔޫސްކަމުގެ އަސަރު ފިލައި ތާޒާކަމެއް ފެނުނެވެ. ހިނިތުންވުން ގެނުވައިދިނީ ލޮލުން ފާއްދާލި ކަރުނައިންނެވެ. ވެދިޔަ ކަންތައް ތަފުސީލްކޮށް މަންމައަށް ކިޔައިނުދިނުމަށް އިގްބާލް ގާތުގައި އަހަރެން ބުނީމެވެ. އެކަންކަން ތަޖުރިބާ ކުރީ މަންމަ ކަމަށް ވިޔަސް އެއީ މަންމަގެ ހަމަހޭގައި ތަޖުރިބާ ކުރި ކަންކަމެއް ނޫނެވެ.
ސިހުރު ހެދުމުގައި ބައިވެރިވި މީހާގެ ކިބައިން ފަޒްނާގެ ދަރިފުޅު ވަރިވިއެވެ. މަންމައަށް އެފަދަ އަނިޔާވެރިކަމެއް ދިން މީހަކާ އެ އާއިލާއިން އެއްވެސް ގުޅުމެއް ނުބާއްވަން ނިންމީއެވެ. އިގްބާލް ޝުކުރު އަދާ ކުރީ ހެޔޮހިތުންނެވެ. ނަމަވެސް އަގެއް ދިނެވެ. ދިން އަދަދު ބޮޑުކަމުން އެއަށް ނޫނެކޭ ބުނަން ޖެހިލުންވިއެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ހިތުގައި ނުބައި ވަސްވާހެއް ހިނގާލިއެވެ. އެއީ ރަނގަޅު ފާލެއް ކަމުގައި ނުވިއެވެ. އެކަން ވިސްނުނީ މާ ފަހުންނެވެ.
"ހާދަ ވަރަކަށް ގުޅައިފީމޭ. ކޮންތާކު ތި އުޅެނީ؟" އެއީ އަސްމާގެ އަޑެވެ. އަހަރެން އޮތީ ރަސްފަނުގައި ހުރި ޖޯއްޔެއްގައެވެ. އޭރު އިރު އޮއްސެނީއެވެ. ފަހަތަށް އެނބުރުނު އިރު އަސްމާ ހުރީ ދާދި ގާތުގައެވެ.
"ކީއްވެތަ ފޯނު ނުނަގަނީ؟ މިއަދު އޮފީހަށް ވެސް ނާދޭ،" ޖޯލީގައި އިށީންނަމުން ބުންޏެވެ. އެކި ހިސާބުތަކުގައި މީހުން ތިއްބެވެ. އެކި އުމުރުފުރައިގެ މީހުންނެވެ. އަހަރެމެން ތިބި ޖޯލިފަތީގައި ތިބީ އަހަރެންނާ އަސްމާގެ އިތުރުން އެހެން މީހެކެވެ. އޭނަ އޮތީ ތިން ޖޯލި ދުރުގައެވެ. އަސްމާ ވާހަކަ ދެއްކީ ބާރަށެވެ.
"ތަންކޮޅެއް މަޑުން ބުންޏަސް މަށަށް އަޑު އިވޭނެ،" ފަރާތް ފަރާތަށް ބަލާލަމުން އަހަރެން ބުނީމެވެ.
"ހޫމް. އޯކޭ އޭ. ކީއްވެފަ މިތާ ތި އޮންނަނީ؟ މަ ކުރި އެންމެ ސުވާލަކަށް ވެސް އަދި ޖަވާބެއް ނުދޭ،" އަސްމާ ބުނެލިއެވެ.
"ކިހިނެކޭ ވާންވީ؟ ކޮން އިރަކު އެ ރަށަށް ފުރަންވީ؟" އޮށޯވެ އޮވެފައި ތެދުވެ އިށީންނަމުން އަހަރެން އަހާލީމެވެ. "މަ މިއަދު އޮފް ނަގައިގެން މި އުޅެނީ ތި ރަށަށް ދާން. ޓޫ ވީކްސް ލިބުނު."
"އަސްލުވެސްތަ؟ އެހެން ވިއްޔާ މިރޭ ފަތިހު ފުރަން ވީނު. އޮންނާނެ ލޯންޗު،" އަސްމާ އުފާވެފައި ބުންޏެވެ. "އަނެއްކާ ޓިކެޓް ލިބޭނެ ބާ؟"
"ހާމިޒް ނުޖެހޭނެ އެއްވެސް ހަރަދެއް ކުރާކަށް. ޓްރެވަލިންއާއި އެކޮމަޑޭޝަން ވެސް ހަމަޖެހޭނެ،" ފޯނުގެ ފިތްތަކަށް އޮބަމުން އަސްމާ ވާހަކަ ދެއްކިއެވެ. އަދި މީހަކަށް ގުޅާފައި ޓިކެޓެއް ނެގިއެވެ.
"އަސްމާ ނުދާނަންތަ؟" އަހަރެން އަހާލީމެވެ.
"މަ ކިހިނެއް ދާނީ؟ ދެ މީހުންނަށް އެއްފަހަރާ ޗުއްޓީއެއް ނުދޭނެއްނު. ހާމިޒް ދޭ. ލަފާ އިރު ހުންނާނެ އަހަރެންގެ ދޮންބެ. މި އޮތީ ނަންބަރު. ސޭވް ކޮށްލަބަލަ،" ފޯނުން ނަންބަރެއް ދައްކާލަމުން އަސްމާ ބުންޏެވެ.
ފަތިސް ނަމާދު ކޮށްލައިގެން ލޯންޗު އޮތް ދިމާލަށް އަހަރެން ދިޔައީމެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ރަނގަޅު ކޮށްލާފައި ކޮޅުކޮޅަށް ބަލާލީ ދަންނަ މީހަކު ފެނޭތޯއެވެ. ފަތިހުގެ އެ ގަޑީގައި އުޅެނީ ކަސްރަތަށް ނުކުމެ އުޅޭ މީހުންނެވެ. ލޯންޗާ ހިސާބަށް ދެވުނީ ކިރިޔާއެވެ. ވާގަނޑު މޮހާލާފައި ނައްޓާލަން އުޅެނީއެވެ. ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ގޮސް ލޯންޗަށް އަރާ ހަމަޖެހިލީމެވެ. ގާތްގަނޑަކަށް ވިއްސަކަށް މީހުން އޭގައި ތިއްބެވެ.
ދަތުރު ދުއާ ކިޔާލީމެވެ. ހިތްގައިމު ދުވަހެކެވެ. ކަނޑުމަޑު، ވައި މަޑެވެ. އިރު އަރަމުން އައި އެ ގަޑީގައި ކަނޑުގެ ލޮނުގަނޑަށް ހުރީ ރަން ކުލަ އަރާފައެވެ. އަހަރެން އިނީ ލޯންޗުގެ އެންމެ ފަހަތުން ދެވަނަ ގޮނޑިބަރީގައެވެ. އަންހެނުންނާއި ކުޑަކުދިން ބައިވެރިވާ މި ދަތުރުގައި އާ ކަމެއް ވާހެންނެއް އަހަރެންނަކަށް ހިއެއް ނުވެއެވެ. ކުޑަދޮރާ ކައިރީގައި އަހަރެން އިނީ ކަނޑުމައްޗަށް ނާރާތާ އެތައް ދުވަހެއް ފަހުންނެވެ. އަހަރެންނަކީ ކަނޑު މައްޗަށް އެރުމުން ބޯ އަނބުރާ ހޮޑުލެވޭ މީހެކެވެ. ވުމާއެކު ބޭސް ކެއީމެވެ. ލޯންޗަށް އެރުމުގެ ކުރިން ބޭސް ކާން ހަނދާން ނެތުނީއެވެ. ތިން ގަޑި އިރުގެ މި ދަތުރަކީ އަހަރެންނަށް ދިގު ދަތުރެކެވެ.
ވައަތް ފަރާތުން މޫނާ ދިމާލަށް ފެންނަން ހުރީ ހެނދުނުގެ އަލި ގަދަ އިރެވެ. އުޑުމަތި ސާފު ނަމަވެސް މަދުމަދުން ވިލާކޮޅުކޮޅު އެކި ހިސާބުގައި އޮތެވެ. ރީނދޫ ކުލަ އާއި އޮރެންޖް ކުލައިން މުޅި ޖައްވު އޮތީ ޒީނަތްތެރިވެފައެވެ. ހިތްގައިމު އެ މަންޒަރަކީ ބަލައި ފޫހިނުވާނެ ގުދުރަތީ ރީތި ކަމެކެވެ.
އެއްލި ކަޅިއަކުން އަހަރެން ސިހުނެވެ. އަހަރެން އިން ދިމާލާ ދާދި ގާތުން ލޯންޗާ އެއްވަރަށް ދަތުރު ކުރަމުން ދިޔަ ކަޅު ހިޔަންޏެއް ފެނުނެވެ. ފެނުގެ އަޑީގައި އޭތި އޮތް އިރު އޭގެ ބައްޓަމެއް ވަތްކެއް ނުވެއެވެ. އަހަރެން ހަނދާންވީ މަސް ބާނަން ދިޔަ ދުވަހު ހިނގައި ދިޔަ ކަންތައްގަނޑެވެ. އަހަރެން ބޯ ތިރި ކޮށްލީމެވެ. ރަނގަޅަށް އެއާ ދިމާލަށް ބަލައިލީމެވެ. ކުއްލިއަކަށް އެ އެތި ބޯ ހިއްލާލިއެވެ.
- ނުނިމޭ -