ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

27 މާރިޗު 2023
1

އެޕިސޯޑް 5

އެ ވަގުތު އަހަރެން ސިއްސައިގެން ގޮސް މޫދަށް ވެއްޓުނެވެ. ތެޅިފޮޅިގަނެވުނެވެ. ފަހަތުގައި އެއްޗެއް ތަތްކޮށްލާފައި އޮތްހެން ހީވިއެވެ. ކަނދުރާ އާއި ބޯމަތީ ވެސް އެ އެއްޗެއް އޮތްކަމުގެ އިހުސާސްވިއެވެ. އެއީ ބޯވައެކެވެ. ވަރަށް ބިޔަ އެއްޗެކެވެ. އަހަރެން މަސައްކަތްކޮށް ވެސް ނެއްޓޭ ގޮތެއް ނުވިއެވެ. އެތައް އިރަކު އެއާ ހަނގުރާމަ ކޮށްކޮށް ވަރުބަލިވިއެވެ. މީހާ އަޑިއަށް ދާ ކަމުގެ އިހުސާސްވިއެވެ. އެ ވަގުތު ކޮނޑަށް އަރާ އޮތް އެތި ނެއްޓި މޫދު ތެރެއަށް ދިޔައެވެ. ހިތްވަރުކޮށްފައި އަހަރެން ފަތައިގަތީމެވެ. ވަރަށް ބާރަށް ފަތަމުން އައިސް އެއްގަމަށް އެރި އިރު ހުރީ މާނޭވާ ލެވިފައެވެ. ލޮނު ވެސް ބޮވިފައެވެ. ކެއްސާ ކެއްސާ މީހާ ވަރުބަލިވިއެވެ.

އެ ދުވަހު އަހަރެން ވަރަށް ގަދައަށް ހުން އައެވެ. ތެދުވެ އުޅެން ވެސް ނުކެރެއެވެ. ބޯ އަނބުރައި ވަރަށް ބައިވަރު ހޮޑުލެވެއެވެ. ޑޮކްޓަރަށް ދައްކަން ދާން އެތައް ފަހަރަކު މަޒީން ބުންޏެވެ. ނަމަވެސް ތެދުވެ އުޅެން ނުކެރޭތީ އޮތީއެވެ. މަޒީން ކުރުނބައެއް ގެނެސްދިނުމުން އެ ބޯލީމެވެ. ގޭގައި އުޅޭ ދައްތަ ގެނެސް ދިން ނޫޑްލްސް ތަށި ވެސް މަދުމަދުން ކާލީމެވެ. އޮރެންޖް ވެސް ކޭމެވެ. އިސާހިތަކު މަޑުމަޑުން ރަނގަޅު ވާން ފެށިއެވެ. ރޭގަނޑު ވީ އިރު ތެދުވެ އުޅެވެއެވެ. ޑޮކްޓަރަށް ދައްކަން ދިޔުމުން ބޭސް ދީފައި ގެއަށް ފޮނުވާލިއެވެ.

ބަޝީރުމެން ގޭގައި އަހަރެން އިނީމެވެ. އެހެން ރޭ ރެއެކޭ އެއްގޮތަށް މިރޭ ވެސް ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އަހަރެން ފޫހިވިއެވެ. ކޮންމެ ރެއަކު އެއް ވާހަކަތަކެއް ދައްކަން ވީމައެވެ. ޖިންނިންނަކީ ބޭކާރު ވާހަކަ ދައްކާ ވަގުތު ގެއްލުވާލާ ބައެކެވެ. ކަމާ ނުބެހޭ ވާހަކަތަކާއި ގުޅުން ނެތް ވާހަކަތައް ދައްކަނީ އެކަމުގައި އުޅޭ ބަޔަކު މާޔޫސްކޮށް ވަރުބަލި ކުރުމަށެވެ. ކަންކަން ކާމިޔާބު ނުވާނެ ކަމުގެ އަލާމާތްތައް ދައްކައި ދޮގު ވާހަކަތައް ދެއްކުމަކީ ޖިންނިންގެ އާދައެކެވެ. ހަގީގަތާ ހިލާފު ކަންކަމުން ހެކި ދައްކާނެއެވެ. ތިމާމެންނަކީ ކިހާ ވަރުގަދަ ބައެއް ކަމާއި އަނެކުންނަކީ ނިކަމެތިން ކަމުގައި ބުނާނެއެވެ. ކިތަންމެ ފޫހިވި ނަމަވެސް އަހަރެންގެ އަޒުމު ވަރުގަދައެވެ. އިލްހާމް އެކަމުން ސަލާމަތްކޮށްދިނުމަށް އަހަރެން ބޭނުންވިއެވެ.

އެތައް އިރަކު ވާހަކަ ދައްކައިގެން އަސްލު ސަބަބު ހޯދުނެވެ. ބަޝީރުމެންގެ ގެއަކީ މުސްކުޅި ގެ ބަހާފައި ބަޝީރަށް ލިބުނު ތަނެކެވެ. ބަހާފައި ލިބުނު ހިސާބަކީ ގޭގައި ވަޅު ހުންނަ ހިސާބެކެވެ. ވަޅު ކައިރީގައި ތަފާތު ވައްތަރުގެ ގަސްތައް ހައްދާފައި އޮތެވެ. މާލޭގައި މަދުން ނަމަވެސް މިފަދަ ގޭގެ ހުރެއެވެ.

ވަޅު ކައިރީގައި ވެލި ފުންޏެއް ހުރެއެވެ. އެއީ ދޮންވެލި ފުންޏެކެވެ. އިލްހާމް ވަރަށް ގިނައިން އެތަނަށް ކުޅެން ވަދެއެވެ. ވަޅަކީ އުސް ވަޅެއް ކަމުން ވަޅަށް ވެއްޓިދާނެ ކަމުގެ ބިރެއް ބަޝީރަކަށް ނޯވެއެވެ. އިލްހާމް އާންމުކޮށް ކުޅެން ވަންނަ ގަޑިއަކީ ދެ ނަމާދު ދޭތެރެއެވެ. އެ ވަގުތު ބަޝީރުގެ އަންހެނުން ފައިހާ އިންނަނީ އަވައްޓެރިއެއްގެ ގޭގައެވެ. އިލްހާމަކީ ކުރިން ވަރަށް ހަލަނިކޮށް އުޅުނު ކުއްޖެކެވެ. ވަޅަށް ވެލި އެޅުމާއި ގަސްތަކުން ފަތް ނައްޓުވާފައި ވަޅަށް އެޅުމަކީ ވެސް އިލްހާމް ވަރަށް ގިނައިން ކުރި ކަންކަމެވެ. އެ ގޮތުން އެއް ދުވަހަކު ކުޅެން އުޅެފައި ގާކޮޅެއް އެއްލީ ގަސްތަކުގެ ތެރެއަށެވެ. ތަޅުންގަނޑުން ބޮޑު ބައެއް ތަޅައިގެން ގޮސްފައި އޮތުމުން އެތަނުގައި ކުދި ގާތައް އޮވެއެވެ. އެއްލި ގާކޮޅު ޖެހުނީ އެތަނުގައި އިން އެހެން މަހުލޫގެއްގެ ބޮލުގައި ކަމަށް ވެއެވެ. ޖެހިފައި ބޯ ފަޅައިގެން ދިޔައީއެވެ. އެހެންވެ އޭގެ ބަދަލު ހިފަން އައިސް އުޅެނީ ކަމަށް ޖިންނި އެއްބަސްވިއެއެވެ. އަދި އެއީ އޭނަގެ ކާފަ ދަރިއެއް ކަމުގައި ވެސް ބުންޏެވެ.

ވަރަށް ގިނަ ވާހަކަ ދައްކައިގެން ވެސް އިލްހާމް ދޫކޮށް ދާކަށް އެއްބަހެއް ނުވިއެވެ. ދެވެން ހުރި ހުރިހާ ގެއްލުމެއް ދޭނެ ކަމުގައި ބުނަމުންނެވެ. އަހަރެން ވަރަށް ގިނަ ގޮތްގޮތަށް ނަސޭހަތް ދިނީމެވެ. ދީނުގައި ކަންކަން ވާ ގޮތްތަކާއި އެކަމަށް އޮތް އަޒާބުގެ ވާހަކަތައް ވެސް ތަކުރާރުކޮށް ބުނެދިނީމެވެ. އެއްގޮތަކަށްވެސް އެއްބަސް ނުވުމުން އަންދާލާނެ ކަމުގެ އިންޒާރުދިނީމެވެ. އެ ގޮތުން ވެސް އެއްބަހެއް ނުވިއެވެ. ޖިންނި ޝައިތޯނުންނަކީ ގޮތް ދޫނުކުރާ ބޯހަރު ބައެކެވެ. ﷲގެ އިރާދަފުޅާ އެކު އިލްހާމް އެކަމުން ސަލާމަތް ކުރީމެވެ. އޭގެ ފަހުން މަހެއް ވީ އިރުވެސް އިލްހާމަކަށް އޭގެ ގޯނާއެއް ނުކުރެއެވެ. އަހަރެން އެކަމާ އުފާ ކުރީމެވެ. ކޮށްދިން ކަންތަކުގެ ބަދަލެއްގެ ގޮތުން ބަޝީރު އަގެއް ދިނެވެ. އަހަރެން ނުހިފަމެވެ. ބަދަލުގައި ހެޔޮ ދުއާ ކޮށްދިނުމަށް ބުނީމެވެ. ނަމަވެސް ބަޝީރު އެއްބަހެއް ނުވިއެވެ. އަހަރެންގެ ޖީބަށް ފައިސާގެ އަދަދެއް ލައިދިނީ އަހަރެންގެ ނުގަބޫލުގައެވެ.

ރައްޓެއްސަކާ އެކުގައި ކޮފީއެއްގައި އިން ދުވަހެކެވެ. ހަވީރުގެ މަޑު ހޫނުން އިރު އޮބާލަމުން ދިޔައެވެ. އިރު އޮއްސެމުން ދިޔަ އެ ވަގުތަކީ އުޑުމަތީގައި ރީތި ކުލަތަކެއް ފެތުރިފައިވާ ވަގުތެކެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅީގެ ތާޒާކަން ލިބެމުންދިޔައެވެ. ނަމަވެސް ތަނަށް ވެރިވެފައިވި ހަލަބޮލި އެ މާހައުލުގައި އެކުވެރި އިގްބާލްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ވީ ކިހިނެއްތޯ އަހާލަން އުޅުނީމެވެ. ނަމަވެސް އެ ވަގުތު ވެއިޓަރު އައުމުން އެއްޗެއް ނުބުނެ މަޑުކޮށްލީމެވެ. ދެތިން ފަހަރު ސުވާލު ކޮށްލުމުން އިސްޖައިގެން އިން އިގްބާލް ޖަވާބު ދިނެވެ. ދެ މީހުން ވެސް އޯޑަރު ދިނީ ކޮފީ އާއި ހެދިކާއަށެވެ.

"މާ ބޮޑު ކަމެއް ލައިގަތީތަ؟" އަހަރެން އަހާލީމެވެ.

"އާނ. އުހުނ. ކަމެއް ނުވޭ،" އިގްބާލް ނޫން ކަމަށް ހެދުނެވެ.

"އެންމެ ރަނގަޅު ނުބުންޏަސް. އެކަމަކު މަށަށް ވެސް ތިކަމުގައި ކަމެއް ކޮށްދެވިދާނެތާ،" އަހަރެން އެހެން ބުނީ ކޮން ކަމެއްކަން ނޭނގި އިނދެއެވެ.

"ވެގެން އުޅޭ އޮތް އެނގިއްޖެއްޔާ ހާމިޒް ވެސް ބިރު ގަންނާނެ،" އިގްބާލް އިސް އުފުލާލަމުން ބުންޏެވެ. މޫނުމަތިން ފެނުނީ ހާސްކަމެވެ.

"އަހަރެން ބިރުގަންނަ ވަރުގެ ކަންކަން ވެސް ހުންނާނެ. އެކަމަކު ވެގެން އުޅެނީ ކީއްކަން ބުނީމައެއްނު އެނގޭނީ؟" އަނެއްކާވެސް އަހަރެން ބުނީމެވެ.

"ހިނގާބަލަ މަށާއެކު ގެއަށް،" އިގްބާލް ތެދުވަމުން ބުންޏެވެ.

"މަޑު ކުރޭ! ހަމަޖެހިބަލަ. ކޮފީ ނިންމާލާފައި ދާނީ. ވެގެން ތި އުޅޭ ގޮތް ބުނެބަލަ." އެ ވަގުތު ގެނައި ކޮފީ ތަށިން ފޮދުވަރެއް ބޯލީމެވެ. އިގްބާލް ތައްޓަށް ހަކުރު އަޅަމުން ދިޔައެވެ. އިތުރު އެއްޗެއް ނުބުންޏެވެ.

"އެއްޗެއް ބުނާކަށް ނޫން. އެކަމަކު ކަމެއް ދައްކަން ވެގެންނޭ ގެއަށް ހިނގާށޭ މި ބުނީ،" އިގްބާލް ރުންކުރުވިއެވެ.

"އެންމެ ރަނގަޅު. މިހާރު އެ އުޅެނީ މަޣްރިބަށް ގޮވަން. މިސްކިތަށް ވަދެލާފައި ދާނީ ދޯ؟" އަހަރެން އެހެން ބުނުމުން އިގްބާލް ބޯ ޖަހާލިއެވެ.

މިސްކިތުން ނުކުމެގެން އިގްބާލްއާ އެކު ސައިކަލަށް އަރައިގެން އެ ގެއަށް ދިޔައީމެވެ. ބިސްމި ކިޔާފައި އެ ގެއަށް ވަނީމެވެ. ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ތޫނު އަޑެކެވެ. އެއީ އަންހެނަކު ހަޅޭލަވާ އަޑު ކަހަލަ އަޑެކެވެ. އިގްބާލްއާ ދިމާލަށް އަހަރެން ބަލާލީ އޭނައަށް އެ އަޑު އިވުނުތޯ އަހާލާ ކަހަލަ ގޮތަކަށެވެ. އިގްބާލް އިސްޖަހާލިއެވެ. އަދި އެތެރެއަށް ވަނުމަށް ބުންޏެވެ.

"އަހަރެންނަށް އެނގޭ ހާމިޒް ތީ ރުގްޔާ ކުރާ މީހެއްކަން. ވަރަށް ދުވަސް ވެއްޖެ މި ވާހަކަ ބުނަން އުޅޭތާ. އެކަމަކު ނުކެރެނީ. ވަރަށް ގިނަ މީހުން ވެސް ގެނެވިއްޖެ. ނަފުސާނީ ޑޮކްޓަރުންނަށް ވެސް ދެއްކިއްޖެ. ބޭރަށް ވެސް ދެވިއްޖެ. އެކަމަކު ވީ އެއްވެސް ކަމެއް ނެތް،" އިގްބާލް ކަރު އެލުވާލަމުން ވާހަކަ ދެއްކިއެވެ. އިގްބާލްގެ ކޮނޑުގައި ޖަހާލަމުން އަހަރެން ހިތްވަރު ދިނީމެވެ.

ކޮޓަރިތެރެއަށް ވަތް އިރު އޮތީ 50ގެ އަހަރުތައް ގުނަމުން ދާ މީހެކެވެ. މުޅި މީހާ އޮތީ ދުޅަވެފައެވެ. ނޫފައިގެންފައެވެ. ލޯ މަރާލައިގެން އޮތް އިރު ދެ ލޮލުން ކަރުނަ ފައިބާކަން ފެންނަމުން ދިޔައެވެ. ގުރުއާންގެ އަޑު މެދު ނުކެނޑި ޖެހެމުން ދިޔައެވެ. ކައިރީގައި ޒުވާން އުމުރުގެ ދެ އަންހެން ކުދިން ތިއްބެވެ. އެ މީހުންނަށް ވެސް ތިބީ ރޮވިފައެވެ.

"މިއީ އަހަރެންގެ މަންމަ،" އެނދުގައި އޮތް އަންހެން މީހާ އަށް އިޝާރާތް ކޮށްފައި އިގްބާލް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

މަގޭ

27 މާރިޗު 2023
ވ.ރީތި މާޝާﷲ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް