Majlis 2024

ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

26 މާރިޗު 2023

އެޕިސޯޑް 4

އިލްހާމް ގޮވައިގެން ކޮޓަރިއަށް ވަނުމަށް ބަޝީރު ގާތު ބުނީމެވެ. ކޮޓަރި ވަރަށް ކުޑައެވެ. ދޮރު ހުޅުވޭ އިރު ޖެހެނީ އެނދުގައެވެ. ދެ މީހަކަށް އެއްފަހަރާ ނުވަދެވެއެވެ. އަހަރެން ގޮސް އެނދުގައި އިށީނުމުން ބަޝީރު ވަނެވެ. އިލްހާމް އޮތީ އެނދުގައި ބާއްވާފައެވެ.

"އަސްލު ކިހިނެއް ވަނީ ކޮއްކޮއަށް؟" އަހަރެން ސުވާލު ކުރީ އިލްހާމްއާއެވެ.

"ދުވާލު ގަޑީގައި އަބަދު އިންނަނީ ނެގި މަޑުވެފަ. ނުވެސް ކައި، ނުނިދާ، އެންމެން ނިދީމަ ގޭތެރެއަށް ނުކުމެ އިންނަނީ ވާހަކަ ދައްކަން. އޭނަގެ ކުރިމަތީ ގޮނޑިއެއް ވެސް ހުރޭ. ބުނަނީ އޭގައި މީހަކު އިންނަ ކަމަށް،" ބަޝީރު ކަންބޮޑުވެ ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

އަހަރެންގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ބަދަލު ކުރަން މަސައްކަތް ކުރީމެވެ. ކުރަން މިއުޅޭ ކަންތަކާ މެދު ވިސްނާލަން ވަގުތެއް ނެތެވެ. ކުރިން ނުވިސްނާފައި ވަގުތު ޖެހުމުން ކޮން ވިސްނުމެއް ވިސްނާކަށް ހެއްޔެވެ؟ ފުން ނޭވާއެއް ބޭރު ކޮށްލެވުނެވެ.

އޮށޯވެލުމަށް އިލްހާމް ގާތުގައި ބުނީމެވެ. އިލްހާމަށް އެ އަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. ޖަހާފައި އިން ބުދެއްހެން އިނީއެވެ. ބަލަހައްޓައިގެން އިނީ ދޮރާ ދިމާލަށެވެ. އަހަރެން އެ ދިމާލަށް ބަލާލީމެވެ. ދޮރު ދަށުން އެ ވަގުތު ހިޔަންޏެއް ފެނުނެވެ. އެއީ އަހަރެން ބިރުގަންނުވަން ކުރާ ކަމެއްކަން ވިސްނުނެވެ.

"މިތަނުން ދާށޯ!" ކުއްލިއަކަށް އިލްހާމް ބުންޏެވެ. "މިގެއަށް ނާންނާށޯ."

އެ ވަގުތު ބަޝީރު އަހަރެންނަށް ބަލާލިއެވެ. ކަންބޮޑުނުވުމަށް އަހަރެން ބުނީމެވެ.

"ކާކު ތިހެން ބުނާށޭ ބުނީ؟" އަހަރެން އެހީމެވެ. އިލްހާމް އިނގިލި ދިއްކޮށްލީ ދޮރާ ދިމާލަށެވެ. ބަޝީރާއި އަހަރެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނެވެ. އެއްވެސް އެއްޗެއް އެތަނުން ނުފެނުނެވެ. ދެން ފެނުނީ ގަބޫލް ކުރަން އުނދަގޫ މަންޒަރެކެވެ. އިލްހާމެއް އެނދަކު ނެތެވެ. އަހަރެންނަށް މަތި ބަލާލެވުނީ ބޭއިހުތިޔާރުގައެވެ. ހަތަރު މޮށްގަނޑު ޖަހައިގެން އިލްހާމް އޮތީ ފަންކާއާ ދާދި ގާތުގައެވެ. މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެފަދަ މަންޒަރެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އަޑު ހަރުކޮށް ގުރުއާން ކިޔަވަން ފެށީމެވެ. ކިޔަވަން ފެށިތާ މާ ގިނަ އިރެއް ނުވެ އިލްހާމް މަޑުމަޑުން ފޭބިއެވެ. އަދި އެނދުގައި ހަމަޖެހިލިއެވެ.

"ކީއްކުރަން ކަލޭ ތި އައީ؟" އިލްހާމް ވާހަކަ ދެއްކިއެވެ. ނަމަވެސް އެއީ ބޮޑު ފިރިހެނެއްގެ އަޑެވެ. އެ އުމުރުގެ ކުޑަކުއްޖަކަށް ގަދަކަމުން ވެސް އެފަދަ އަޑެއް ނުނެރެވޭނެއެވެ.

"މި ކުއްޖާ ފަހަތުން އަޅައިގަނެގެން ތި އުޅެނީ ކީއްވެ؟" އަހަރެން ވެސް ކުރީ ސުވާލެކެވެ.

"މަ ކުރި ސުވާލަށް ޖަވާބު ދީބަލަ،" އަނެއްކާވެސް އެ މަހުލޫގު ވާހަކަ ދެއްކިއެވެ.

"އަހަރެން މި އައީ މި ކުއްޖާ ތި ނުބައިކަމުން ސަލާމަތް ކުރަން،" އަހަރެން ބުނީމެވެ.

"ކަލޭމެން ތިއީ ވަރަށް ހެއްވާ ބައެއް ދޯ! ފުރަތަމަ ކުރާނީ ގޯސް ކަންތައް، ދެން އުޅޭނީ ތައުބާވާން. ހަމަ އެ ގޮތަށް ފުރަތަމަ ކުރާނީ އަހަރެމެން އަޅައިގަންނަ ކަހަލަ ކަންތައް، ދެން އުޅޭނީ އަހަރެމެން ކިބައިން މިންޖު ނުވެވިގެން،" ނޭނގި ނަމަވެސް އޭނައަށް އެބުނެވުނު އެތި އަހަރެންނަށް ވިސްނައިގަނެވުނެވެ. އެއީ ސިހުރެއް ނޫން ކަމެވެ. އިލްހާމްއާ އަޅައިގަނެގެން އުޅެނީ ކޮންމެވެސް އެހެން ކަމެއް ވެގެންނެވެ.

"މި ވަރު ކުޑަކުއްޖަކަށް ކަލޭމެން ކަހަލަ ބަޔަކަށް ކޮން ކަމެއް ކުރެވޭނީ؟" ވިސްނާލުމަށް ފަހު އަހަރެން އެހީމެވެ. އެހެން އެހުމުން 'އިލްހާމް' ހޭން ފެށިއެވެ. ބަޝީރު ހުރީ ކަންތައް ބޮޑުވެފައިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ.

"ކިތަންމެ ކުޑަޔަސް ގެއްލުމެއް ދީފާނެ. ކަލޭމެން ގާތު ބުނެފައެއްނު އޮންނަނީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ކިޔަވަންވީ ދުއާތައް؟ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން. އެކަމަކު ކަލޭމެންގެ ހުންނަ ފަރުވާކުޑަކަމާއި ގޮތްދޫނުކުރުމުގެ އާދަތަކުގެ ސަބަބުން އެކަންކަން ނުކުރަނީ. އޭގެ ސަބަބުން އަހަރެމެންނަށް ވަރަށް ފަސޭހަވޭ. އަހަރެމެންގެ ބަހަށް ކަލޭމެން ހައްލާލެވޭ. އަހަރެމެންގެ ނަސޭހަތް ގަބޫލް ކުރޭ. އެކަމަކު ބައެއް ފަހަރު އުނދަގޫ ވެސް ވޭ. އެގޮތަށް ކަލޭމެންގެ ސަބަބުން އަހަރެމެންނަށް އުނދަގޫ ވާ ފަހަރު ވެސް މަދެއް ނޫން. ކޮންމެ ފަދަ ގެއްލުމެއް ވެސް ކަލޭމެން ދީފާނެ." ވާހަކަ ދެއްކުމުގައި ފިރިހެން އަޑެއް ހުއްޓަސް އެ އަޑުގައި ލަސް ކަމެއް ހުއްޓެވެ.

އެ ރޭ ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ނަމަވެސް އިލްހާމަށް ގޯނާ ކުރާ ސަބަބު ދެނެއެއް ނުގަނެވުނެވެ. ބައްޕަ ބުނެދީފައި ވަނީ މިކަހަލަ ކަންކަމަކީ ކެތްތެރިކަމާ އެކު ކުރަން ޖެހޭ ކަންކަންކަމެވެ. ގިނަ ދުވަހު ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމެވެ. އަހަރެން އިސްކުރީ ވެސް ކެތްތެރިކަމެވެ. ބަޝީރަށް ވެސް ނަސޭހަތް ދިނީ އެ ގޮތަށެވެ. ކޮންމެ ރެއަކު ރުގްޔާ ކުރަން އަހަރެން އެ ގެއަށް ދަމެވެ. ކޮންމެ ރެއަކު ވެސް ކަމެއް ދިމާވެއެވެ. މަގުމަތީ ހިނގާފައި ދާއިރު ނުދެވޭނެހާ ކަންކަން ދިމާވެއެވެ.

އެއް ރެއަކު ރުގްޔާ ކޮށް ނިންމާފައި އަހަރެން ގެއަށް އަންނަން ހިނގައިގަތީމެވެ. ކަޅުފޮއި އަނދިރި ރެއެކެވެ. ކުރިމަތީ މީހަކު ހުއްޓަސް ނޭނގޭހާ އަނދިރި ގޯޅިތައް ހުރެއެވެ. ފަނޑު އަނދިރިކަން ބައެއް މަގުތަކުގައި ހުއްޓެވެ. އޭރު ގަޑިން 11:45 ވެއްޖެއެވެ. ވައަތް ފަރާތުން ޖެހުނު ހަނި ގޯޅިއަކަށް އެޅީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިނގުން ހުއްޓުނީ ފަހަތުން މީހަކު ތުނބުން ފުމޭ އަޑު އިވުމުންނެވެ. ދެ ލޯ ބޮޑު ކޮށްލެވުނެވެ. އެއީ ރަނގަޅު ފާލެއް ކަމުގައެއް ނުދެކެވުނެވެ. ފަހަތް ބަލާލަން ހިތް އެދުނަސް ސިކުނޑި އެކަމަށް އިޖާބައެއް ނުދިނެވެ. އަނެއްކާވެސް ހިނގައިގަތީމެވެ. ދެން އިވުނީ އަޑުފަށްގަނޑެކެވެ. ހީވަނީ ރުކުން ހިކި ކާށިތަކެއް ވެރިގަތް ހެންނެވެ. ދެން ވެސް އަހަރެން ހިނގުމަކަށް ބަދަލެއް ނުގެންނަމެވެ. ވަކި ހިސާބަކަށް ހިނގި ފަހުން ކަމެއް ފާހަގަވިއެވެ. ކުރިއަށް ދެވޭ ކަމުގެ އިހުސާސެއް ނުވެއެވެ. ހީވަނީ ހުރިތާ ހުއްޓި ހުރެފައި ހަރަކާތް ކުރާ ހެންނެވެ. ޓްރެޑްމިލް ކަހަލަ އެއްޗެއްގައި ހުރެ ހިނގާހެންނެވެ. ފަރާތް ފަރާތަށް ބަލާކަށް ނުކެރުނެވެ. ކިތަންމެ ވަރަކަށް ބިރު ކެނޑުވިޔަސް ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އޮންނަނީ މިކަހަލަ ކަންކަމާ ކުރިމަތިލާން ޖެހޭތީއެވެ.

ދުލުން ކިޔުނު ހެޔޮ އެއްޗެއް ކިޔަން ފެށީމެވެ. ހިތަށް އެރިއެވެ. ފަހަތަށް އެނބުރި ހަޅޭލަވައިގެންފާނަމެވެ. ނަމަވެސް ކެތްތެރިވީމެވެ. ގުރުއާނުގެ އާޔަތްތައް ކިޔަވަމުން ގޮސް ވަކި ހިސާބަކަށް ކިޔެވުނު ތަނާ މަންޒަރު ބަދަލުވިކަން ފާހަގަވިއެވެ. އޭރު ހުރެވުނީ ގެއާ ދާދި ކައިރީގައެވެ. އަހަރެން އަވަހަށް ގޮސް ގެއަށް ވަނީމެވެ.

އެ ރޭ އަހަރެން ނުނިދަމެވެ. އެކަހަލަ ކަންކަން ދިމާވުމުން ނުނިދުމަށް ބުނެފައި ވާތީއެވެ. ފަތިސް ނަމާދުކޮށްލައިގެން އަހަރެން ދިޔައީ މަސް ބާނާށެވެ. ފަތިހުގެ ހިތްގައިމު ވަގުތުގައި މަގުމަތީ މީހުން އުޅެއެވެ. ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ކުޑަކުދިންނާއި މެދު އުމުރުގެ މީހުންގެ އިތުރުން ދުވަސްވީ މީހުން ވެސް ގިނައެވެ. އެއް ބަޔަކު ދިޔައީ ކަސްރަތަށް ހިނގަމުންނެވެ. އަނެއް ބަޔަކު ދިޔައީ މޫދަށް އެރޭށެވެ.

އަހަރެން ހުރީ ތޮށިގަނޑުމަތީއެވެ. ދޮށީގެ ކަންވާރާއި ބުޅި ރަނގަޅުތޯ ބަލާލުމަށް ފަހު ދޮށި އެއްލީމެވެ. އަވި ދޭ އެ ދުވަހު ކަނޑު އޮތީ ވަރަށް މަޑުވެފައެވެ. އުޑުމަތި ސާފު ވެފައި ވިލާތައް މަދެވެ. ދޫނިތައް އުދުހި އުޅެނީ އެސޮރުމެންގެ މިނިވަންކަމުގައެވެ. ބުޅީގައި ކޮއްޓާލިހެން ހީވިއެވެ. ވާންވިހެން ވެސް ހީވިއެވެ. އަހަރެން ރީލަށް އަނބުރަން ފެށީމެވެ. ބުޅި އަންނަ ދިމާލުން ވަރަށް ބާރަށް އެއްޗެއް އަންނަ ތަން ފެނުނެވެ. ކަޅުކުލަކަން އެނގެއެވެ. ވަރަށް ބޮޑު އެއްޗެއްހެން ވެސް ހީވިއެވެ. އެ ހިސާބުގަނޑު ކިލަނބު ވެގެން ދިޔަ މަންޒަރު ވެސް ފެނުނެވެ. އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. ކުއްލިއަކަށް ފުންމައިގެން އެއްޗެއް އެ ދިމާލުން މައްޗަށް އެރިއެވެ. އެ ވަގުތު އަހަރެން ސިއްސައިގެން ގޮސް މޫދަށް ވެއްޓުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް