Majlis 2024

ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

25 މާރިޗު 2023

އެޕިސޯޑް 3

އަހަރެން ވިސްނީމެވެ. ވަރަށް ވިސްނީމެވެ. އަދި ގޮތެއް ނިންމީމެވެ. އަހަރެން ނިންމީ ރުގްޔާ ކުރަން ދަސްކުރާށެވެ. އަހަރެންގެ މަގުސަދު ސާފެވެ. ސިހުރާއި ޖިންނި ޝައިތޯނުންގެ މަޅީގައި ބެދިފައިވާ މީހުން ސަލާމަތް ކުރުމާއި އަމިއްލަ ނަފުސު ސަލާމަތް ކުރުމެވެ.

ބައްޕަ ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. މިފަދަ ކަމަކާ ކުރިމަތިލާ އިރު ދިމާވެދާނެ ގޮންޖެހުންތަކެވެ. މީހުންގެ ފަރާތުން ކުރިމަތި ކުރުވާނެ ބަސްތަކެވެ. ޖިންނި ޝައިތޯނުން ތިމާގެ ސިކުނޑިއާ ކުޅޭނެ މިންވަރެވެ. އެބައި މީހުން ލައިދޭ ވަސްވާސްތަކެވެ. މަދު ފަހަރަކު އަޑެއްގެ ގޮތުގައި އިވުނަސް ގިނަ ފަހަރު ވިސްނައި ދޭނީ ހިތުންނެވެ. ނުވަތަ ތިމާގެ ވިސްނުމުގެ މައްޗަށް ބާރު ފޯރުވުމަށް އެ އެއްޗެހި މަސައްކަތް ކުރެއެވެ.

ބައްޕަގެ ވާހަކަތައް އަހަރެން ކަނުލައި އަޑުއެހީމެވެ. އަދި ގަބޫލް ކުރީމެވެ. ޖިންނީން ކުރިމަތި ކުރުވާ ކޮންމެ ނުރައްކަލަކަށް ﷲ ވަނީ ރައްކާތެރިކަން ދެއްވާފައެވެ. ބައެއް ފަހަރު އަހަރެމެން އެކަން ހަނދާން ނެތެނީ ފަރުވާކުޑަ ކުރެވޭތީއެވެ. އެ ސޮރުމެންނަށް އަހަރެމެން ބިރުގެންނުވިދާނެއެވެ. ރައްކާތެރިވެ ތިބޭ ނަމަ ގެއްލުމެއް ނުދެވޭނެއެވެ.

ކުރިމަތިލާން ޖެހިދާނެ ގޮންޖެހުންތަކަށް އަހަރެން ތައްޔާރު ވާން ފެށީމެވެ. ބައްޕަގެ ފޮތްތައް ގެނެސް ވަރަށް ގިނަ އެއްޗެހި ދަސް ކުރީމެވެ. ގިނަ ވަގުތު މިސްކިތުގައި ހޭދަ ކުރީ ހަމަހިމޭން އެ މާހައުލުގައި ހިތުދަސް ކުރުމަށް ފަސޭހަ ކަމުންނެވެ. ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ގާތު ރުގްޔާއާ ބެހޭ މައުލޫމާތު އަހަން ފެށީމެވެ. ދީނުގައި އެކަން އޮންނަ މިންގަނޑާއި، ގަވާއިދުތައް އޮޅުންފިލުވީމެވެ. ނޭނގޭ އެތައް ކަމެއް ދަސްވިއެވެ. ދީނީ އިލްމުވެރިން ގާތުން ސިހުރާއި ޖިންނީންނާ ބެހޭ އިތުރު ކަންކަން އޮޅުންފިލުވީމެވެ.

އެއް ރެއަކު ދަންވަރު ހޭލެވުނީ ޖެހި ބާރު ގުގުރިއެއްގެ އަޑަށެވެ. ސިއްސައިގެން ގޮސް ލޯ ހުޅުވާލެވުނު އިރު ގަޑިން 1 ޖެހީއެވެ. އަހަރެންނަށް ބަލާލެވުނީ މަޒީންއާ ދިމާލަށެވެ. މަޒީން އޮތީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފަނޑު އަލިކަމުގެ ތެރެއިން އެހެން ކަމެއް ފާހަގަވިއެވެ. ހީވަނީ މަޒީން ވަރަށް ފަލަ ހެންނެވެ. ވަރަށް ދިގުހެން ވެސް ހީވިއެވެ. ކޮޓަރިތެރެ ވަރަށް އަނދިރިއެވެ. އެ އަނދިރިކަމުގެ ތެރެއިން މަޒީން އެނދުން ތެދުވިއެވެ. މަޒީން ވަރަށް ދިގުހެން ހީވިއެވެ. ނޫނެކެވެ. ހީވީއެއް ނޫނެވެ. އެއީ ހަގީގަތެކެވެ. ދިއްލާފައިވާ ބޮކި ހުރީ ވަރަށް އަލި މަޑު ކޮށްފައެވެ. މަޒީންއާ ދިމާލަށް ހިނިތުންވެވުނީ ބޭއިހުތިޔާރުގައެވެ. ގެންފައިވާ ބިރުގެ ބޮޑުކަމުން ކަންނޭނގެއެވެ. މީހާ މަޑުމަޑުން ތުރުތުރު އަޅަން ފެށިއެވެ. އެ ގަޑީގައި ކިޔުނު ހުރިހާ ހެޔޮ އެއްޗެއް ކީމެވެ. މަޒީން ލަސް ފިޔަވަޅުތަކަކާ އެކު އަހަރެންނާ ދިމާލަށް އަންނަން ފެށިއެވެ. އަހަރެން ދެ ލޯ މަރާ ފިއްތާ ބާރު ކޮށްލީމެވެ. ޒިކުރުތައް ކިޔަން ފެށީ އަޑުގަދަ ކޮށެވެ.

"އޭތް! ކާކަށް ތި ގޮވަނީ؟" ލޯ ހުޅުވާލީ މަޒީންގެ އަޑު އިވުމުންނެވެ.

"އޭނ؟ މަ؟" މަޒީންއާ ދިމާލަށް ކޮޅުން ކޮޅަށް ބަލާލެވުނެވެ. އޭނައަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނަ ހުރީ ކުރިން ވެސް ހުންނަ ހެންނެވެ.

"އާނ. މަށަށް ދެންމެ ހޭލެވުނީ. ހާމިޒް މާ ބާރަކަށް ހަޅޭލަވާ އަޑު އިވިގެން. ކާކަށްތަ ތި ގޮވަނީ މާ ބާރަކަށް؟" މަޒީން އަނެއްކާވެސް ސުވާލު ކުރިއެވެ.

"މަށެއް ނުގޮވަން މީހަކަށް. ތިއީ ހީވި ގޮތް ކަމަށް ވާނީ." އަހަރެން ދާހިއްލަން ފެށިއެވެ. މީހާ ބިރުގެންފައިވާ ކަން އެނގުނީ ތުރުތުރުއަޅާތީއެވެ. އިތުރު އެއްޗެއް ނުބުނެ އަހަރެން ނިދޭތޯ އޮށޯތީމެވެ.

އަހަރެންނަށް ކޮންމެވެސް ކަމެއް ވެއްޖެއޭ ހިތް ބުނަމުން ދިޔައެވެ. ބައްޕަގެ ފަރާތުން އިވިފައި ހުރި ވާހަކަތަކަށް ވިސްނާލުމުން، އަހަރެންނަށް ވެސް ސިހުރެއް ނުވަތަ ޖިންނިއެއްގެ އުނދަގޫ ކުރަނީ ކަމުގައި އިހުސާސް ވާން ފެށިއެވެ.

މަޒީން އޮފީހަށް ދިޔުމުން އަހަރެން އެނދުގައި ހަމަޖެހިލީމެވެ. ބައެއް ފޮތްތައް ނަގާ ބަލަން ފެށީމެވެ. ފަހަރަކު ގަނޑެއް އުކަމުން ދަނިކޮށް ބޭނުންވާ ސަފްހާ ފެނުނެވެ. ސުރުހީގައި އޮތީ "ޖިންނި އަވަލާފައި ހުރިތޯ ބެލުމަށް ކުރެވިދާނެ ކަންކަން" މިހެންނެވެ.

ޖިންނިން އަވަލުމުގައި ތަފާތު ހާލަތްތަކާއި ގޮތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ޖިންނިއެއް އިންސާނާ މޮޔަކޮށްލުމާއި ހަށިގަނޑަށް ވަދެ ހަށިގަނޑުގެ ކޮންޓްރޯލު ޖިންނިންގެ ބާރުގެ ދަށަށް ގެންދިޔުމާއި ހޭނައްތައި އެހެން ވެސް ދުއްތުރާތައް ކުރަމުންދެއެވެ. ޖިންނި އަވަލާފައި ހުންނަ މީހާ ވެސް އަބަދު ހޭބުއްދި ފިލާފައެއް ނުހުރެއެވެ. ހަމަ ހޭގައި ހުންނަ ވަގުތުތައް ވެސް އާދެއެވެ.

ފޮތުގައި ވާ ގޮތަށް އަހަރެން ކަންކަން ކުރަން ފެށީމެވެ. ފަސް ލީޓަރުގެ ފެން ފުޅިއަކަށް ރުގްޔާގެ އާޔަތްތައް ކިޔެވީމެވެ. އަދި ފެންވަރައިގެން ފެންފުޅީގެ އެއް ބައި ގަޔަށް އަޅާލީމެވެ. ކުޑަ ފެންފޮދެއް ވެސް ބޯލީމެވެ. މިގޮތަށް އެ ބުނެފައި އޮތް މުއްދަތަށް ހަތް ދުވަހު ކުރިއަށް ގެންދިޔައީމެވެ. ވަރަށް ބޮޑު ބަދަލެއް އައިކަން ފާހަގަ ކުރެވުނެވެ. މީހާއަށް ހިތްވަރު ލިބުނެވެ. ބިރުގަތުމާއި ޖެހިލުންވުން ކުޑަވާން ފެށިއެވެ. ކަންކަމާ ކުރިމަތިލުމާއި ފަސްނުޖެހުމުގެ ބައި އެއްކޮށް ކެނޑުނެވެ. ހީވެސް ނުކޮށް ހުއްޓައި އެފަދަ ބަދަލެއް މީހާއަށް އައުމުން އަމިއްލަ ނަފުސާ މެދު ހިތްހަމަޖެހުނެވެ.

ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކަށް ކަމެއް ދިމާވިއެވެ. ބައްޕަ ބުނި ގޮތުގައި އެއީ ޖިންނިންގެ ކަމެކެވެ. އެއީ 6 އަހަރުގެ ފިރިހެން ކުއްޖެކެވެ. ނަމަކީ އިލްހާމެވެ. ބައްޕަ އެދުނީ އެ ގެއަށް ގޮސް އެ ވާނުވާއެއް ބަލާލުމަށެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ފުރަތަމަ ފަހަރަށް އެހެން މީހަކަށް އެފަދަ ކަމެއް ކުރަން ދާން ޖެހުމުން ހިތަށް އަރަމުން ދިޔައީ ބުނެދޭން ނޭނގޭ ކަހަލަ ކަންތައްގަނޑެކެވެ. އެފަދަ ކުޑަކުއްޖަކަށް މީހަކު ކަމެއް ކޮށްފާނެ ބާވައެވެ؟ ނުވަތަ އެ ސޮރަށް މީހަކަށް ގެއްލުމެއް ދެވިދާނެ ބާވައެވެ؟ ނުވަތަ އެ ސޮރަށް ޖިންނިއަކަށް ގެއްލުމެއް ދެވުނީ ބާވައެވެ؟

ތެޅިތެޅި އޮތް ހިތަކައިގެން އަހަރެން އެގެއަށް ވަނީ ސަލާން ގޮވާލުމަށް ފަހުގައެވެ. ކުޑަކުޑަ ސިޓިން ރޫމެކެވެ. ފާރުތަކުގައި ވަނީ ރެނދުލާފައެވެ. ފާރުގެ އެތަންމިތަނުން ކުލަ ކެހިފައި ހުއްޓެވެ. ހީވަނީ ފެނުގެ އަސަރުކޮށް ފޫޖަހާފައި ހުރިހެންނެވެ. މަތީގައި އެނބުރެމުން ދިޔަ ފަންކާއިން ގޮވާ އަޑުން ބޮލަށް ނުކުޅަދާނައެވެ. އެއިން ވައެއް ވެސް ނުޖެހެއެވެ. ދުވަސް ވެފައިވާ ސޯފާއެއް ހުއްޓެވެ. ދުވަހަކުވެސް އޭގެ އުރަތައް ދޮވެފައި ހުރިހެނެއް ހިއެއްނުވެއެވެ. އަހަރެން އިށީނުމަށް ދެއްކީ އެ ސޯފާއެވެ. ފަކުރުން އިށީންނަން ވެސް ޖެހިލުންވިއެވެ. ގޭތެރޭގައި ދުވަނީ ނުބައި ވަހެކެވެ. އަހަރެން އިން ދިމާލުގެ ކުރިމަތީގައި ވަރަށް ހިމަ ގޯޅިއެއް އޮތެވެ. އަނދިރިކަމުން އެތަނުގައި މީހަކު ހުރި ކަމެއް ނޭނގެއެވެ. ނަމަވެސް ހިޔަންޏެއް ދިޔަހެން ހީވިއެވެ.

"މިއީތަ މިގޭގައި އުޅޭ މީހުންނަކީ؟" އަހަރެން ސުވާލު ކޮށްލީ ބަޝީރުއާއެވެ. ބަޝީރަކީ އިލްހާމްގެ ބައްޕައެވެ.

"އާނ. މިއީ އަހަރެންގެ އަންހެނުން، ފައިހާ. ދެން މިތިބީ ދެ ދަރިން. އިލްހާމާއި އަހުލާ." ބަޝީރު އެހެން ބުނުމުން އަނެއްކާވެސް އަހަރެން ބަލާލީ ކުރިމަތިން ފެންނަން އޮތް ގޯޅިއަށެވެ. އަނެއްކާވެސް ހިޔަނި ފެނުނެވެ. އެތާ ހުރީ މީހެކެވެ. އޭނާ އަހަރެންނަށް ހަނާ އަޅާލިއެވެ. އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

އިށީނުމަށް އަހަރެން އިލްހާމް ގާތުގައި ބުނީމެވެ. ދެ ލޯ ވަޅުވަދެފައިވާ އެ ކުޑަކުޑަ މޫނުގައި ހުރީ މާޔޫސްކަމެވެ. ހީވަނީ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވެފައި ވާހެންނެވެ. ބަޝީރުއާ ދިމާލަށް ބަލާލުމަށް ފަހު އިލްހާމް އިށީނީ އަހަރެންނާ ދާދި ގާތުގައެވެ. އަހަރެން އިލްހާމްއާ ދިމާލަށް ހިނިތުންވެލީމެވެ. އަދި ބިސްމި ކިޔައި އާޔަތުލް ކުރުސި ކިޔަވާލީމެވެ. އިލްހާމް ވަގުތުން އިސް އުފުލާލިއެވެ. އަދި ކުރިމައްޗަށް ބަލާލިއެވެ. އަހަރެން ވެސް ބަލާލީމެވެ. ކުރިމަތިން ފެނުނު ހިޔަނި އޭރު ހުރީ މުއްކަވައިގެންނެވެ. ހިނދުކޮޅަކަށް ނަމަވެސް އަހަރެން ބިރުގަތެވެ. އިލްހާމް ގޮވައިގެން ކޮޓަރިއަށް ވަނުމަށް ބަޝީރު ގާތު ބުނީމެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް