Majlis 2024

ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

24 މާރިޗު 2023

އެޕިސޯޑް 2

ކުއްލިއަކަށް ލޮނުގަނޑުގެ ތެރެއަށް އަހަރެން ދަމައިގަތެވެ. އަހަރެން ތެޅިފޮޅުނީމެވެ. ފައިގައި މީހަކު ހިފާފައި އޮތް ކަމުގެ އިހުސާސް ކުރެވެއެވެ. ނޭވާލާން އުޅެއުޅެ ނޭވާލެވޭ ގޮތެއް ނުވިއެވެ. ލޮނުގަނޑު ތެރެއަށް ދަމާލެއް ބާރު ކަމުން ލޯ ހުޅުވަން ވެސް އުނދަގޫވިއެވެ. ފައިގައި ހިފާފައި އޮތް އަތް ދޫކޮށްލިހެން ހީވިއެވެ. އަހަރެން ފުންމައިގެން ލޮނުގަނޑު މައްޗަށް އެރީމެވެ. މީހާ އޭރު މާ ނޭވާ ލެވެއެވެ. ގަޔަށް ކުޑަކަމު ވެސް ދެވުނެވެ. ބިރުން ރޮވެން ފެށިއެވެ. ކައިރީގައި މީހުން ތިބި ކަމުގެ އިހުސާސްވީ އެ މީހުން ވާހަކަ ދައްކަން ފެށުމުންނެވެ. ވީ ކިހިނެއްތޯ އެންމެން ސުވާލު ކުރިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އެއްގަމާ ދިމާލަށް ދާން ފެށީމެވެ.

އެރޭ ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. މެންދަމުން އަލިވެ 2:30 ވި އިރު ވެސް އަހަރެން އޮތީ ހޭލައެވެ. ފައި ހުރީ ނޫފައިގެންފައެވެ. އަތް ލާއިރު ތަދުވެއެވެ. ދިލަ ވެސް ނަގައެވެ. ވިސްނަން އޮތުމަށް ފަހު އެންމެ ފަހުން ބައްޕައަށް ގުޅާލަން ހިތަށް އެރިއެވެ. އެތައް އިރަކު ރިންގު ވުމުން ވެސް ފޯނެއް ނުނެގިއެވެ. އަނެއްކާވެސް ގުޅީމެވެ. ބައްޕަ ފޯނު ނެގިއެވެ.

"ދަރިފުޅާ! ކިހިނެއް ވީ މި ދަންވަރު ތި ގުޅީ؟" ބައްޕަ ފުރަތަމަ ވެސް ކުރީ ސުވާލެކެވެ. އަހަރެންނަށް އިނީ ފަށާނެ ގޮތެއް ނޭނގިފައެވެ. މިރޭ ހިނގައިދިޔަ ހާދިސާ ކިޔައިދޭން ބޭނުން ވެއެވެ. އެކަމަށް ހައްލެއް ވެސް ލިބޭނީ އޭރުންނެވެ.

"ބައްޕާ، ވަރަށް އެހެން ކަހަލަ ކަމެއް ވެއްޖެ،" ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. އަދި ވެދިޔަ ކަންތައް އެއްވެސް ފޮރުވުމެއް ނެތި ބައްޕައަށް ކިޔައިދިނީމެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމުން ބައްޕަ އެއްޗެއް ނުބުންޏެވެ. އެ ވަގުތުކޮޅު އަހަރެންގެ ހިތުގެ ވިންދު ދެގުނައަށް އަވަސްވިއެވެ. ބައްޕަ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އެނގޭހާ ވެސް އެއްޗަކީ ވީ ކަންތައްތަކަކީ އިންސާނެއްގެ ފަރާތުން ވީ ކަންކަމެއް ނޫން ކަމެވެ. ބައްޕަގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރީ ކޮޓަރީގައި ހުރި ގަޑިއާ ދިމާލަށް ބަލަހައްޓައިގެން އިނދެއެވެ.

"ބައްޕަ މާދަމާ މާލެ ދާނަން. ގޮސްފައި ކުރަން ވީ ކަންކަން ދަރިފުޅަށް ކިޔައިދޭނަން. ދެން ނިދޭ ތޯ ބަލާ." އަހަރެން އެއްޗެއް ބުނަން ވާ އިރަށް ބައްޕަ ފޯނު ކަނޑާލިއެވެ. އަހަރެން ހައިރާނެއް ނުވެއެވެ.

ބައްޕައަކީ ބަސް މަދު އަމަލު ގިނަ މީހެކެވެ. އުތުރުގެ އަތޮޅުތަކަށް ބައްޕަ މަޝްހޫރު ވެފައި އޮންނަނީ ފަންޑިތަވެރިއެއްގެ ގޮތުގައެވެ. ނަމަވެސް ބައްޕަ ބުނާ ގޮތުން ނަމަ ރުގުޔާ ކުރާ މީހުންނަށް ކިޔައި އުޅެނީ ރާގީއެވެ. ބައްޕަ އެކަން ދަސް ކުރީ ކާފަ ފަރާތުންނެވެ. އަހަރެންގެ ރަށަކީ ކުރީ ޒަމާނުއްސުރެ ފަންޑިތަ އާއި ސިހުރުހާހޫރައަށް މަޝްހޫރު ވެފައިވާ ރަށެކެވެ. އެކި އަތޮޅުތަކުން ބައްޕަ ގާތަށް މީހުން އާދެއެވެ. އެކި މީހުން އެކި ބޭނުމުގައެވެ. ދިވެހި ބޭސްވެރިކަމަށާއި ރުގްޔާ ކުރުމަށެވެ.

އެއް ދުވަހަކު ރަށަކަށް ދިޔަ ގޮތަށް ބައްޕަ އައީ އެއް މަސް ކޮށްފައެވެ. އެ ނޫނިއްޔާ ދުވަހަކު ވެސް އެހާ ގިނަ ދުވަހަކަށް ބައްޕަ ރަށުން ބޭރަކަށް ނުދެއެވެ. އެއީ މީގެ ފަސް އަހަރު ކުރިންނެވެ. އެހާ ގިނަ ދުވަސް ވީ ކީއްވެތޯ އަހަރެން ސުވާލު ކުރީމެވެ. ބައްޕަ ބުނީ ގިނަ ދުވަސް ވަނީ ކަމުގެ ބޮޑު ކަމުން ކަމަށެވެ. ރުގްޔާ ކުރި މީހާގެ ނަމަކީ ގާސިމްއެވެ. އުމުރުން ދުވަސް ވެފައިވާ ގާސިމްގެ މައްސަލައަކަށް ވީ އަބަދު ބޮލުގައި ރިއްސުމާއި ހޮޑު ލުމެވެ. ޑޮކްޓަރަށް ދައްކައިން ވީ އެއްވެސް ކަމެއް ނެތެވެ. ބައްޕަ ގޮސް ކިޔަވަން ފެށި އިރަށް އޭނަގެ އުޅުމަށް ބަދަލު އަންނަން ފެށި ކަމުގައި ބައްޕަ ކިޔައިދިނެވެ. ގާސިމަށް ޖިންނީންނެއް ނުފެނެއެވެ. ރުގްޔާ ކުރާ އިރު ގާތުގައި ތިބޭ ޖިންނީން ވެސް އޭނައަށް ފެންނަ ކަމަކަށް ނުވެއެވެ. އެކަމަކު ރުގްޔާ ކުރުމުން، ބޮލުގައި ރިހުމާއި ހޮޑުލުމުގެ އުނދަގޫ ކުޑަ ވާން ފެށިއެވެ. ރުގްޔާ ކުރަން ފެށިތާ ދެ ހަފްތާ ވުމުން، ގާސިމް އަމިއްލައަށް ކުރާނެ ބައެއް ކަންކަން ބައްޕަ ބުނެދިނެވެ. އަދި ކިޔަވަން ވީ ދުއާތަކާއި ޒިކުރުތައް ވެސް ކިޔައިދިނެވެ. ބައްޕަ ރަށަށް އަންނަން ފުރަން އުޅެނިކޮށް އަނެއްކާވެސް ގާސިމްގެ ހާލަތު ގޯސްވިއެވެ.

މި ފަހަރު ލެވޭ ހޮޑުގައި ހުރީ ގަދަ ނޫ ކުލައެވެ. ބައްޕަ ބުނީ އެއީ ރަނގަޅު ފާލެއް ނޫން ކަމުގައެވެ. އެ ދުވަހުގެ އެ ވަގުތުގައި ގާސިމަށް ޖިންނީން ފެނުނެވެ. ފެނުނު ޖިންނީންގެ ސިފަތައް ކިޔައިދިނުމުން ބައްޕަ ބުނީ އެއީ އިފުރީތުންނާއި މާރިދުން ކަމުގައެވެ. ގާސިމަށް ގެއްލުން ނުދީ ދޫކޮށްލަން އެތައް ފަހަރަކު ނަސޭހަތް ދިނުމުން ވެސް އެކަމަށް އެބައި މީހުން އިޖާބައެއް ނުދިނެވެ. ރުހުމުގައި މައްސަލަ ހައްލު ކުރަން ވަރަށް ގިނަ ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ނުގެނެވުނެވެ. ވުމާއެކު އެތަކެތި އަންދާލިއެވެ. ތިނެތި ފިލި ކަމުގައި ގާސިމް ބުންޏެވެ. އަދި ބައްޕައަށް އިންޒާރު ދިން ކަމުގައި ވެސް ގާސިމް ބުނި ކަމަށްވެއެވެ. ބައްޕަ ހިތުން ފިލައިގެން ނުދާ ވަރުގެ ދެރައެއް ދޭނެ ކަމުގައި ބުންޏެވެ. ބައްޕަ ބުނީ އެކަހަލަ ކިތަންމެ އިންޒާރެއް ބައްޕައަށް މިކަމުގެ ތެރޭގައި ލިބޭ ކަމަށެވެ. ނަމަވެސް އެ ވާހަކަ އަހަރެންގެ ހިތުގައި އަބަދުވެސް އޮވެއެވެ. ކޮންމެހެން އެ އިންޒާރު ގަބޫލު ކުރެވޭތީއެއް ނޫނެވެ.

އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ބައްޕަ މާލެ އަންނާނެ ވަގުތަކަށެވެ. އޮފީހުން ޗުއްޓީއެއް ނެގީމެވެ. މެންދުރުގެ ކެއުމުގައި އިންދައި ސަލާމް ގޮވާލި އަޑު އިވުނެވެ. އެއީ ބައްޕައެވެ. އަހަރެން އަވަސް އަވަހަށް ސިޓިންރޫމަށް ނުކުތީމެވެ. ސަލާމް ބަލައިގަތީ އެ ގޭގައި އުޅޭ ދައްތައެވެ.

"ދަރިފުޅު ފުރަތަމަ ބުނެބަލަ. ބައްޕަ ބުނި ޒިކުރުތައް ގަވާއިދުން ކިޔަވަންތަ؟" ބައްޕަ އާއި އަހަރެން ތިބީ ކޮޓަރީގައެވެ. މަޒީން ވީ އޮފީހުގައެވެ.

ބައްޕަ އެހެން ބުނުމުން އަހަރެން ވިސްނާލީމެވެ. ކިޔޭލެއް މަދެވެ. ހެނދުނު ކީ ނަމަ ހަވީރަކަށް ނުކިޔެއެވެ. އެކަންކަން އަހަރެންގެ ސަމާލުކަމަށް ނައީ ކީއްވެ ހެއްޔެވެ؟ އެކަމަށް ފަރުވާ ކުޑަ ކުރެވުނީ ކޮން އިރަކު ކަމެއް ވެސް ނޭނގެއެވެ.

"ގަވާއިދުން ނުކިޔޭ،" އިސްޖަހާލަމުން އަހަރެން ބުނީމެވެ. ބައްޕަގެ ދެ ލޯ ބޮޑުވިތަން އަހަރެންނަށް ފެނުނެވެ.

"ބައްޕަ ބުނީމެއްނު... އެންމެ ރަނގަޅު. ބައްޕަ ބުނާ ކަމެއް ދެން ޖެހޭނެ ދަރިފުޅު ކުރަން. މިއީ ދަރިފުޅަށް ވެސް ރަނގަޅަކަށް ބުނާ ވާހަކައެއް،" އަހަރެންގެ އަތުގައި ހިފާލަމުން ބައްޕަ ބުންޏެވެ.

"ރުގްޔާ ކުރަން ދަސް ކުރަން ވީނު؟"

"އޭނ؟ އަހަރެންނަކަށް ނުކެރޭނެ. އެއީ އަހަރެން ވަރަށް ބިރުގަންނަ ކަމެއް،" ކޮޅަށް ތެދުވަމުން އަހަރެން ބުނީމެވެ.

"އެހެންވީމައޭ ދަރިފުޅާ. ބިރުގަންނާތީ ބިރު ފިލުވަން. އަދި އެހެން މީހުންގެ ބިރު ވެސް ފިލުވައިދޭން. ދަރިފުޅު ވިސްނާލަބަލަ. ބައްޕަ އަތުގައި އެކަމާ ބެހޭ އިލްމާއި ފޮތްތަކާއި ސާމާނު އެބަ ހުރި. ބައްޕަ އަބަދަކު މި ގަދަފަދަކަމާއި ބާރުގަދަކޮށެއް ނުހުންނާނެ. މި އިލްމުގެ ބޭނުން ބައްޕަގެ ދަރިއަކު ވެސް ޖެހޭނެ ހިފަން. އެހެން ނޫނަސް ބޭނުން ޖެހިފައި ތިބި މީހުންނަށް ދަރިފުޅު ފަރާތުން ކިހާ ބޮޑު އެހީތެރިކަމެއް އެ ދެވެނީ؟ އެ މީހުންގެ ހެޔޮ ބަސްތަކާއި ހެޔޮ ދުއާތަކުގައި ދަރިފުޅު ވެސް ޝާމިލް ކުރާނ،" އަހަރެންގެ އަތުގައި ހިފާފައި ބައްޕަ ގާތުގައި އިށީނުމަށް ބުންޏެވެ.

"ދަރިފުޅާ! މިހާރު ތިއީ ބޮޑުވެފައި ހުރި ކުއްޖެއް. ހެޔޮ ނުބައި ވަކި ކުރަން އެނގޭނެ. މިއީ ބައްޕަ ދަރިފުޅަށް މަޖުބޫރު ކުރާ ކަމެއް ނޫން. ދަރިފުޅު ބޭނުން ނަމަ މި ކަމުގައި ބައްޕަގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ. ވިސްނާލާފައި ގޮތެއް ނިންމާ."

އަހަރެން ވިސްނީމެވެ. ވަރަށް ވިސްނީމެވެ. އަދި ގޮތެއް ނިންމީމެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް