Majlis 2024

ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

23 މާރިޗު 2023
1

އެޕިސޯޑް 1

ދިރިއުޅުމުގެ މައިދާނަކީ ބައެއް ފަހަރު ހަނގުރާމައިގެ މައިދާނަކަށް ވެސް ވެދެއެވެ. ތިމާ ބޭނުންވާ ކިތަންމެ ކަމެއް ހާސިލް ކުރަން ތިމާ ބޭނުން ނުވާ ފިޔަވަޅުތައް އަޅަން ޖެހެއެވެ. ދިރިއުޅުމުގެ ފޮނިމީރުކަން ބޭނުން ނަމަ ގިރާ ކުރަން ބޭނުން ނުވާ ހުރަސްތައް ގިރާ ކުރަން ވެސް ޖެހެއެވެ. ނަމަވެސް އެކަމުން އަނެކުންނަށް ގެއްލުމެއް ނުވާ ނަމަ އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. ތިމާގެކަމުގެ ގުޅުންތަކާއި އެކުވެރިކަމުގެ ގުޅުމަކީ ވެސް ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެކެވެ. ނަމަވެސް މި ޒަމާނަކީ މިއިން އެއްވެސް ކަމަކަށް އިސްކަމެއް ދޭ ޒަމާނެއް ނޫނެވެ. ކޮންމެ މީހަކު ވެސް ބަލަނީ އަމިއްލަ އެދުން އިސްކުރާށެވެ. ބައެއް މީހުން މިކަމުގައި އިން ފަހަނައަޅައި ދާއިރު ދީނުން ބޭރުވާ މީހުން ވެސް މަދެއް ނޫނެވެ.

އަހަރެން މާލެއަށް ބަދަލުވީ ކިޔަވާށެވެ. އެންމެ ފުރަތަމަ މަގުސަދަކީ އެއީއެވެ. އެ މަގުސަދު ހާސިލްވުމުން، މަގުން ފައި ކައްސާލާނެ ކަމަކަށް ކުޑަކޮށް ވެސް އުންމީދެއް ނުކުރަމެވެ. ބައްޕަގެ އެދުމުގެ މަތިން މާލެ އައިސް ބޭނުންވީ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ވާށެވެ. ޒިންމާދާރު ދަރިއަކަށް ވެ، މުޖުތަމައުގައި ބޭނުން ހިފޭ ފަރުދަކަށް ވާށެވެ. އުންމީދުތައް ކިތަންމެހާ ވެސް ފޮންޏެވެ. ޖީ.ސީ.އީ އިމްތިހާނުގެ ނަތީޖާ ރަނގަޅެވެ. ބައްޕަ އެދޭ ފަދަ މޮޅު ނަތީޖާއެއް ނުނެރެވުނަސް ބައްޕަ ހިތްބުރައެއް ނުކުރިއެވެ. އިތުރަށް ހަރުދަނާ ވުމަށް ދިނީ ހިތްވަރެވެ.

ޔުނިވާސިޓީއަށް ކޯހަކަށް ވަނީ އިތުރަށް ކިޔެވުމަށެވެ. އަހަރެން ބޭނުން ވީ އިސްލާމީ ދާއިރާއިން ކުރިއަށް ދާށެވެ. އުންމީދު ވެސް ނުކޮށް ހުއްޓައި ވަޒީފާއެއް ލިބުނެވެ. އިސްލާމިކް ޔުނިވާސިޓީއިންނެވެ. އުފާ ދެގުނަވިއެވެ. އޭރު ވެސް ޒުވާންކަމުގެ ހޫނު ލޭ އަހަރެންގެ ހަށިގަނޑުގައި ދައުރުވަމުން ދިޔައެވެ. ނަމަވެސް ފެންނަ މަންޒަރު ނުފެންނަ ކަމަށް ހަދައިގެން އަހަރެން ކުރިއަށް ދިޔައީމެވެ. ޒުވާން އަންހެންކުދިން ފެނުމުން ވާހަކަ ދައްކާލަން ބޭނުންވެއެވެ. އެހެނަސް އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވީމެވެ. ބައްޕަ ބޭނުން ވާ ފަދަ ދަރިއަކަށް ވުމަށް ބޭނުން ވާތީއެވެ.

އަހަރެންގެ އާއިލާގައި ތިބެނީ ހަތަރު މެންބަރުންނެވެ. މަންމަ އާއި ބައްޕަގެ އިތުރުން އަހަރެންނާއި ކޮއްކޮ އަތޫފާއެވެ. އަހަރެންގެ އުމުރުން މިހާރު 19 އަހަރެވެ. އަތޫފާއަށް 15 އަހަރެވެ. ބައްޕަ ކުރާ މަސައްކަތަކީ ދިވެހި ބޭސް ހެދުމެވެ. އެއީ އަހަރެން ވެސް ވަރަށް ކުރާ ހިތްވާ ކަމަކެވެ. ނަމަވެސް މީގެ އިތުރުން ބައްޕަ އެހެން ކަމެއް ވެސް ކުރެއެވެ. އެއީ މީހުންނަށް ރުގުޔާ ކުރުމެވެ. ކަމަކީ އަހަރެން ވަރަށް ބިރުގަންނަ ކަމެކެވެ. ނަމަވެސް ބައްޕަ އަހަރެންނަށް ނަސޭހަތް ދެއެވެ. އެކަމަކީ ހެޔޮ ނިޔަތުގައި ކުރާ ނަމަ ފައިދާ ހުރި ކަމެކެވެ. ސިހުރުގެ ކަސްތޮޅުގައި ބަންދުވެފައި ތިބޭ މީހުން މިނިވަންކޮށް އެ މީހުންނަށް އެހީތެރިވެދިނުމަކީ ހެޔޮ ކަމެއް ކަމުގައި ބައްޕަ ބުނެއެވެ. އަހަރެން ވަރަށް ކުޑައިރުއްސުރެ ބައްޕަ މިކަން ކުރެއެވެ. ވުމާއެކު ވަރަށް ގިނަ ކަންކަން ފެނި އެކިއެކި އަޑުތައް ވެސް އަހަރެންނަށް އިވިފައި ވެއެވެ. ކިތަންމެ ކަމަކާ އަހަރެން ސުވާލު ކުރަމެވެ. އެއްވެސް ޖެހިލުމެއް ނެތި ބައްޕަ ޖަވާބު ވެސް ދެއެވެ. ނޭނގޭ ކިތަންމެ އެއްޗެއް ބުނެދެއެވެ.

ސިހުރަކީ ކޮބައި ކަމާއި، އޭގެ ނުބައި ކަމާއި، އެއީ ހަރާން ކަމެއް ކަން ވެސް ބުނެދިނެވެ. ސިހުރު ހަދަނީ ކީއްވެ ކަމާއި، އޭގެން ސަލާމަތް ވާން ކުރެވިދާނެ ކިތަންމެ ކަމެއް ކިޔާ ދިނެވެ. އަދި މީގެ އިތުރުން ޖިންނި ޝައިތާނުންގެ މައުލޫމާތު ވެސް އަހަރެންނަށް ބުނެދިނެވެ. އެކަހަލަ ވާހަކަތައް ދައްކާ ގިނަ ރޭރޭ އަހަރެންނަށް ނިދަން އުނދަގޫވެއެވެ. ހީވަނީ ގާތުގައި މީހަކު ހުންނަ ހެންނެވެ. ފަރާތަކަށް އެނބުރިލިޔަސް އެ ފަރާތެއްގައި އެ މީހަކު ހުންނަ ކަމުގެ އިހުސާސް ކުރެވެއެވެ. މި ވާހަކަ ބައްޕަ ގާތުގައި ބުނަން ކިތަންމެ ފަހަރަކު ބޭނުންވިއެވެ. ނަމަވެސް ޖެހިލުންވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.

ބައްޕަ ބުނާ ގޮތުން ނަމަ ޖިންނި ޝައިތާނުން އިންސާނުންނާ އަވަލަނީ ވަކި ސަބަބުތަކަކާ ލައިގެންނެވެ. މިސާލަކަށް ސިހުރެއްގެ ހަވާލުގައި ނުވަތަ އެއިން އެއްޗަކަށް އިންސާނާގެ ފަރާތުން ގޯނާއެއް ކޮށްގެންނެވެ. މީގެ އިތުރުން ވެސް ތިމާ ފޭރާން ކަޝްފު ވާ ހިނދު ހަށި ރަށްކަލަށް ކިޔަން ޖެހޭ ޒިކުރުތައް ނުކިޔާ ނަމަ އެތަކެއްޗަށް ތިމާގެ ހަށިގަނޑު ފެނި ހިތް ކިޔައިގެންނެވެ. އަހަރެންނަކީ ދީނަށް ލޯބި ކުރާ މީހެކެވެ. ވުމާއެކު ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔަވަމެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަން ހަނދާން ބަހައްޓަމެވެ.

މާލޭގައި އަހަރެން ހުންނަނީ ކުދިން ބަހައްޓާ ގެއެއްގައެވެ. ގޭގައި އުޅެނީ ދެމަފިރިންނާއި އެ މީހުންގެ ދެ ދަރިންގެ އިތުރުން އަހަރެންނާއި މަޒީންއެވެ. މަޒީންއަކީ އަހަރެންނާ އެކު އެއް ކޮޓަރިއެއްގައި އުޅޭ ޒުވާނެކެވެ. އުމުރުގެ ގޮތުން ދާދި އެއްވަރެވެ. މަޒީންއަކީ ސަކަ މިޒާޖެއްގެ، މީހުންނާ ގުޅޭ މީހެކެވެ. ބައެއް ރޭރޭ ނިދާފައި އޮވެފައި އަހަރެންނަށް ހޭލެވެއެވެ. ހީވަނީ ފައިލާކޮޅުގައި މީހަކު އިންނަ ހެންނެވެ. ސިއްސައިގެން ގޮސް އަހަރެންނަށް ބަލާލެވެއެވެ. މީހަކު ނޫޅެއެވެ. މަޒީން އޮންނަނީ އަނެއް ފަރާތަށް އެނބުރިއެވެ. ރޭގަނޑު ވުމުން މަޒީންގެ މިޒާޖަށް ވެސް ބަދަލު އާދެއެވެ. ބަސް މަދުވެއެވެ. ދުވާލުގަޑީގައި ހުންނަ މަޖާ ގޮތެއް ނުހުރެއެވެ. އެކަމާ އަހަރެން ސުވާލު ކުރަމެވެ. ނަމަވެސް ހިނިތުންވުން ފިޔަވައި އިތުރު ޖަވާބެއް ނުލިބެއެވެ.

އަހަރެންނަކީ މޫދަށް އެރޭ ހިތްވާ މީހެކެވެ. މާލެ އައި ފަހުން މޫދަކަށް ނުދެވެއެވެ. ކިޔަވަން ނުދާ ރޭރޭ މޫދަށް ދިޔުމަށް ހިތަށް އެރިއެވެ. އެ ގޮތުން އެއް ރެއަކު ދެ ނަމާދު ދޭތެރޭގައި އަހަރެން ނުކުތީމެވެ. އެއީ އާންމުކޮށް އަހަރެން ނުކުމެ އުޅޭ ގަޑިއެއް ނޫނެވެ. ނަމަވެސް މޫދަށް ދާން ހިތަށް އެރުމާއެކު އެގޮތަށް ކަންތައް ކުރެވުނެވެ. މަޑު ހިނގުމެއްގައި އަހަރެން ދިޔައީމެވެ. އިސްދަށަށް ޖަހައިގެން އަހަރެން ދިޔައީ މާލޭގައި މޫދަށް އެރެން މަގުބޫލު ސަރަހައްދެއް ކަމަށްވާ ޓްރެކާ ދިމާލަށެވެ. މަގުމަތި ހަލަބޮލި ވެފައި މީހުން ގިނައެވެ. ދުއްވާ އެއްޗެހިން މަގުތައް ވަނީ ތޮއްޖެހިފައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފަހަތުން މީހަކު ގޮވާލިހެން ހީވިއެވެ. އަހަރެން ނުބަލަމެވެ. ހިނގުމެއް ވެސް ނުހުއްޓަމެވެ. އަނެއްކާވެސް ގޮވާލިއެވެ. އަންހެން އަޑެކެވެ. ދުވަސް ވީ މީހެއްގެ އަޑުހެން ހީވެއެވެ. ދެން ވެސް ހިނގުމަކަށް ބަދަލެއް ނުގެންނަމެވެ. ރޭގަނޑު އަނދިރި ތަންތަނުން މީހުން ގޮވާ އަޑު އިވުނަސް އެ ކަމަށް އިޖާބަ ނުދިނުމަށް ބައްޕަ ވަނީ ބުނެފައެވެ. އަދި ހިޔަންޏެއް ފެނުނަސް މީހަކު ފެނުނަސް އެއާ ކައިރި ނުވުމަށް ވެސް ނަސޭހަތް ދިނެވެ. އަހަރެންގެ ހިނގުން ބާރު ކޮށްލީމެވެ. ޖެހިގެން އޮތް ގޯޅިއަށް އަޅައި ބޮޑުތަކުރުފާނު މަގަށް ނުކުތީމެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ލާފައި ހުރި ޓީޝާޓް ބާލާފައި ގާތަކުގެ މަތީގައި ބޭއްވީމެވެ. މޫދުގެ ލޮނުގަނޑުގައި ލޮޑުވެފައިވާ ހަށިގަނޑު ޖެހުމުން މީހާ ތާޒާވިއެވެ. މޫނު މައްޗަށް ހިނިތުންވުން ގެނުވައިދިނީ އަހަރެންގެ ބޮލާ ދާދި ސީދަލަށް ފެންނަން ހުރި ސާދަ ވިލޭރޭގެ ހަނދު ފެނުމުންނެވެ. ހަނދުވަރުދޭ މަންޒަރު ބެލުމަކީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ލޮނުގަނޑު މަތީ އުއްޑުން އޮވެލީމެވެ. ގައިގެ ހަކަތަ ދޫކޮށްލީމެވެ. ބަރުވެފައިވާ ދެ ލޯ މަރާލީ ހަނދާ ދިމާލަށް ހިނިތުން ވެލަމުންނެވެ. އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ސިއްސައިގެން ދިޔައީ މީހަކު ފައިގައި ހިފުމުންނެވެ. އެއީ އަހަރެންނަށް ހީވި ގޮތެއް ނޫނެވެ. ހިފީ ތަދު ވާ ވަރަށެވެ. ލޮނުގަނޑުތެރޭގައި ބަކަ ތަޅައިގެންފައި އަހަރެން ތެދުވީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން މޫދަށް އެރުނު އިރު ވެސް ވިއްސަކަށް މީހުން އުޅެއެވެ. ކުއްލިއަކަށް އެންމެން ދިޔައީ ކީއްވެ ހެއްޔެވެ؟

އެކި ދިމަ ދިމާލަށް އެނބުރި ބެލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޑުމަޑުން ފަތަމުން އެއްގަމާ ދިމާލަށް މިސްރާބު ޖެހީމެވެ. ކުއްލިއަކަށް ލޮނުގަނޑުގެ ތެރެއަށް އަހަރެން ދަމައިގަތެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

ހިދާ

23 މާރިޗު 2023
ވަރަށް ފުރިހަމަ. އަވަހަށް ނެކްސްޓް ޕާޓް ޕްލީޒް
5 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް