ވާހަކަ: ރާގީ
އެޕިސޯޑް 12
"ބުނެބަލަ. ދެވޭނެތަ؟ ތުއްތަ ވަރަށް ސަކަރާތޭ މިހާރު،" އަސްމާ އަނެއްކާވެސް ބުންޏެވެ.
"އަހަރެން ވިސްނާލާނަން،" އަހަރެން ބުނީމެވެ.
"ޕްލީޒް އަވަހަށް ބުނައްޗޭ. ވަރަށް ގިނަ މީހުން ބުނި ހާމިޒް ވަރަށް ރަނގަޅޭ އެކަހަލަ ކަންކަމަށް،" އަސްމާ ދަމުން ބުންޏެވެ. ވަރަށް ގިނަ މީހުންނޭ ބުނުމުން އަހަރެން ހައިރާންވިއެވެ. އަދި އެހާ ގިނަ މީހުންނަކަށް އަހަރެން މިކަން ކުރާ ކަމެއް ނޭނގޭނެއެވެ. ވީމާ އެ ގޮތަށް ބުނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
އިގްބާލްމެންގެ ގެއަށް ދެވުނު އިރު ހަތަރެއް ޖަހައިފިއެވެ. ގޭތޭރޭގައި މީހަކު ފެންނަން ނެތުމުން ސަލާން ގޮވާލީމެވެ. ޖަވާބު އައީ ކޮޓަރި ތެރެއިންނެވެ. އަހަރެން އެތެރެއަށް ވަނީމެވެ. އިގްބާލެއް ނެތެވެ. ތިބީ ދެ އަންހެން ކުދިންނެވެ. އެނދުގައި އޮތީ ފަޒްނާއެވެ.
"ކޮބާ އިގްބާލް؟"
"މަ މިހިރީ،" ކޮޓަރި ތެރެއަށް ވަންނަމުން އިގްބާލް ބުންޏެވެ.
އަހަރެން ކިޔަވަން ފެށިތާ މާ ގިނަ އިރެއް ނުވެއެވެ. ފަޒްނާގެ ހަށިގަނޑު ތެޅިގަތެވެ. ލޯ މަރައިގެން އޮވެފައި ލޯ ހުޅުވާލިއެވެ. އެހެންޏާ ވެސް ހުންނަ ފެހިކަން ފާހަގަވިއެވެ.
"މިހާރު ކަލެއަށް ގަޑިއެއް ގަޑިއެއް ވެސް ނޯވޭ ދޯ އަހަރެމެން ހާޒިރު ކުރާކަށް؟ ކިހާ ބޮޑު އުނދަގުލަކަށް ވެއްޖެ މިކަން. މިކަލޭގެއެއް އަންނަން ފެށި ފަހުން ހަމަޖެހިލައިގެން ނޫޅެވޭ،" ޖިންނި އައިސް ޝަކުވާ ކުރަން ފެށިއެވެ.
"އުނދަގުލަކަށް ވެގެން އުޅެނީ ކަލޭމެންނަކަށް ނޫނޭ. ތި ގެއްލުން ދެމުން ގެންދާ އިންސާނުންނަށް. މިއަދު ޖެހޭނެ ކޮންމެވެސް އެއް ގޮތަކަށް ނިންމަން. ކަލެއަށް ވަރަށް ގިނަ ފުރުސަތުތައް ދެވިއްޖެ. ސިހުރު ހެދި މީހާއެއް ނުބުނެވުނު. މީނާ ދޫކޮށް ދާކަށް އެއްބަހެއް ނުވި. އިސްލާމްވާކަށް ބޭނުމެއް ނުވޭ. ދެން އޮތް ގޮތަކީ ހަނގުރާމައަކަށް ގޮސްގެން ކަލޭމެން ބަލިވުން." އަހަރެން ވާހަކަ ދެއްކީ ހަރުކަށި ރާގެއްގައެވެ.
"އެންމެ ރަނގަޅު، އެކަން ކިޔައިދީފިއްޔާ މަށަށް އޮތް މޮޅަކީ ކޮބާ؟" އެ ސޮރުގެ ވާހަކަ ދެއްކުމުގައި މި ފަހަރު ހުރީ އެހެންޏާ ނުހުންނަ މަޑުމައިތިރިކަމެކެވެ.
"ކިޔައިދީފައި އިސްލާމްވެބަލަ. އޭރަށް ދެ ދުނިޔޭގައި ވެސް މޮޅު ލިބޭނެ. ކަލޭމެން ގަބޫލު ކުރަމެއްނު އާހިރަތް ވެސް ވާކަން. ހިސާބު ބެއްލެވޭނެކަން. އެކަމަކު ކަލޭމެންގެ ހުންނަ ޖާހިލުކަމާއި ނުލަފާކަމުން އެކަންކަން ނޭނގޭ ކަމަށް ހަދަނީއެއްނު. އިސްލާމްވެ މާތް ﷲ އަށް ސަޖިދަ ޖަހާބަލަ. އިސްލާމްދީނުގެ ރިވެތި އުސޫލްތައް ދަސްކޮށް އެކަންކަމަށް އަމަލު ކުރަން ފަށާބަލަ. ހީވެސް ނުކުރާހާ ގޮތްތަށް ތިމާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެ،" އަހަރެން ވާހަކަ ދެއްކި އިރު 'ފަޒްނާ' އޮތީ ބަލަހައްޓައިގެންނެވެ.
"ކަލޭމެން ގަބޫލް ކުރަންތަ ސުވަރުގެ އާއި ނަރަކަ ވާ ކަމަށް؟" އަހަރެން އަހާލީމެވެ.
"ހޫމް. ދީނީ ނަސޭހަތްދޭން އައިސްތަ ކަލޭ ތީނީ؟ މަށަށް އެނގޭ ތި ހުރިހާ އެއްޗެއް ވެސް. ނޭނގޭ އެއްޗެއް އަހާބަލަ. ނުހުންނާނެ ނޭނގޭ އެއްވެސް އެއްޗެއް،" ޖިންނި ޖަވާބު ދިނެވެ. "ކަލެއަށް އެނގޭތަ މަށަށް ކިޔާ ނަން؟"
"ނޭނގެ. ބުނެބަލަ،" އަހަރެން ބުނީމެވެ.
"މަށަށް ކިޔަނީ ބަރްގާން. މަ އާންމުކޮށް އޮންނަނީ ވަރަށް ހަނަފަސް ތަންތަނަށް ވަދެ. މަށަށް ފަސޭހައީ ހޮހަޅަތަކުގައި އުޅެން. އެކަމަކު އިންސާނުންގެ ހަށިގަނޑުގެ ތެރެއިން އެންމެ ގިނައިން މަ އުޅެނީ ބުރަކަށީގައި. މައިބަދައަށް ގެއްލުން ދެވޭ ހިސާބުގައި. ކަލެއަށް ވެސް އެނގޭނެ މަށަކީ ވަރަށް ބާރުގަދަ މާރިދެއްކަން. ކަލޭ ކިޔާ ފޮތްތަކުގައި ވެސް ހުންނާނެ މަގޭ ވާހަކަ. އެންމެ ބޮޑެތި ވާނީ ވެސް މަގޭ ދަރިފަސްކޮޅު. އެންމެ ގިނަވާނީ ވެސް މަގޭ ނަސްލުގެ އާއިލާ. ދުނިޔޭގައި ގިނަ ދުވަހު ތިބޭނީ ވެސް މަގޭ ނަސްލު. މަގޭ ދަރިފަސްކޮޅާ ހަނގުރާމަ ކުރަން އަންނަ ބަޔަކު ޖެހޭނީ ބަލިވެ، ނިކަމެތި ވެގެން ދާން." އަމިއްލަ މޮޅުކަމާއި ބާރުވެރިކަމުގެ ވާހަކަ ދެއްކުމަކީ ޖިންނިން ވަރަށް ޝައުގުވެރިކަން ދީގެން ކުރާ ކަމެކެވެ.
"އާނ. އެކަމަކު މާތް ކީރިތި ގުރުއާނުގެ ކުރިމަތީގައި ކަލޭމެން ތިއީ އެއްވެސް ބާރެއް ހުރި ބައެއް ނޫނެއްނު. އެހެންވީމަ ތިހާ ބޮޑާވާކަށް ނުވާނެ. ކަލޭމެންނަށް ތި ބާރާއި މޮޅުކަން ދެއްވެވީ ވެސް ﷲ. އެހެންވީމައި އެ ފަރާތަށް ޝުކުރު ކޮށްބަލަ. ވަގުތު ފާއިތު ނުވަނީސް އިސްލާމްވޭ،" އަހަރެން ބުނީމެވެ.
ހިނދުކޮޅަކަށް ވާހަކަ ދެއްކުން ހުއްޓުނެވެ. ފަޒްނާ މަތި ބަލައިލިއެވެ. އަހަރެން އެ ވަގުތު އާޔަތްތަކެއް ކިޔާފައި އަތުން މައްޗަށް ޝަހާދަތް އިނގިލި އަނބުރައިލީމެވެ.
"އޭތް. ކަލޭ ކީއް ތިކުރީ؟ ހަމަ މިހާރު އެ މީހުން ދޫކޮށްލާ. އަދި ތި ހިސާބަށް ދާކަށް ނުވެއެއްނު،" ޖިންނި ބުންޏެވެ.
"މި ހިސާބަށް އަންނަން މާ ލަސް ވެސް ވެއްޖެ. ކިހާ ވަގުތެއް ބޭކާރު ވެއްޖެ. ކިހާ ދުވަހެއް ދެވިއްޖެ. ކަލޭމެންނާ އެއްބަސްވުމަކަށް ނާދެވުނެއްނު. މިހާރު ތިތިބީ ހައްޔަރު ކޮށްފައި. ދެން ޖެހޭނީ މަރުވަންދެން ތި ގޮތުގައި ތިބެން،" އަހަރެން ވާހަކަ ދެއްކީމެވެ.
"މި ބުނީއެއްނު ދޫކޮށްލާށޭ،" ޖިންނި ރުޅިގަދަވެފައި ބުންޏެވެ. އަހަރެން ގުރުއާން ކިޔަވަން ފެށީމެވެ. އިގްބާލް ވެސް ފެށިއެވެ. އަޑު ހަރުކޮށް ކިޔަވަމުން ދިޔަ އާޔަތްތަކުގެ ސަބަބުން ފަޒްނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މަޑުމަޑުން ކުކުރާ ކަހަލަ އަޑެއް ނުކުތެވެ.
"ދެން ހުއްޓާލާ! އަހަރެން ހުރިހާ އެއްޗެއް ކިޔައިދޭނަން. އެކަމަކު މަ މަރާނުލާ. މަ އަންދާ އަޅިއަށް ނުހަދާ،" ޖިންނި އާދޭސް ކުރަން ފެށިއެވެ. އަހަރެން ކިޔެވުން ހުއްޓައެއް ނުލަމެވެ. ކުރިއަށް ގެންދިޔައީ އެސޮރުގެ ބަހަށް އިތުބާރު ނުކުރެވޭތީއެވެ.
"ހަމަ ހުވާ މަ ކިޔައިދޭނަން. މަ ދޫކޮށްލާ،" ޖިންނި ބުންޏެވެ. އަހަރެން ކިޔެވުން ހުއްޓާލީމެވެ. އިގްބާލް ވެސް ހުއްޓާލިއެވެ. އަދި އެނދާ ކައިރިއަށް ޖެހިލިއެވެ.
"ފަޒްނާއަށް ސިހުރު ހެދީ ދެކުނު މީހެއް،" ޖިންނި ބުންޏެވެ.
"ތިއީ އަބަދު ބުނާ އެއްޗެއް. އާ ވާހަކައެއް ނެތިއްޔާ..."
"އަޑުއަހާބަލަ. މިއުޅެނީ ކިޔައިދޭން. އެއީ ފަޒްނާ ވަރަށް ޒުވާން އިރު އޭނައާ ހިތާވި މީހެއް. ފަޒްނާ ވަރަށް ޅަ އުމުރުގައި މީހަކާ އިނީ. އޭރު އެ މީހާއަކީ ބޯޓު ދަތުރު ކުރާ މީހެއް. ނަމަކީ ޝަރީފް. އިސްމާއިލް ޝަރީފް. އޭނަގެ ރަށަކީ ގދ. ތިނަދޫ. އޭނަ އުޅޭ ގެއަށް ކިޔަނީ ލޮނުފާރޮށިގެ." ޖިންނި ވާހަކަ ދައްކަން ފެށުމުން އިގްބާލް އަހަރެންނާ ދިމާލަށް ބަލައިލިއެވެ.
"އާނ. ތި ހީވީ ރަނގަޅަށް. ފަޒްނާގެ ދޮށީ އަންހެން ދަރި އިނދެގެން އުޅެނީ އެ ރަށު މީހަކާ. ކަލޭމެން ރުގްޔާ ކުރާ އިރު އެ ސޮރު މިތަނަށް ވަދެއެއްނު. އެއީ މިކަމުގެ ވާނުވާ ބަލާފައި އޭނައަށް އަންގަން. އޭނަ މި ވަގުތު ހުރީ މާލޭގައި. އިއްޔެ އައީ. އެ ޝަރީފް އަދިވެސް ހުރީ މީހަކާ ނީނދެ. މި ފަޒްނާ ނުލިބުނީމަ އެކަމުގެ ހިތާމައިގައި."
"ތި ދައްކާ ވާހަކަތައް ގަބޫލް ކުރަން ވަރަށް އުނދަގޫ. އޭނަ ކީއްވެ މި ހުރިހާ ދުވަހު ސިހުރު ނުހަދާ ހުރެފައި ކުއްލިއަކަށް އެ ހެދީ؟ ގައިމު މިހާރު އޭގެ ފަހުން ކިތައް އަހަރު ފާއިތުވެގެން މި ދިޔައީ؟" އަހަރެން ބުނީމެވެ.
"ރަނގަޅު. އޭނައަކަށް ކުރިއަކުން ނޭނގެ ފަޒްނާ އުޅެނީ ކޮން ތާކު ކަމެއް. އޭނާ ކިތަންމެ ދުވަހެއް ފަޒްނާ ނުފެނިގެން ހޯދާތާ. އެތައް އަހަރެން ފަހުން އޭނައަށް ފަޒްނާ ފެނުނީ ފަޒްނާ ދަރި ކައިވެންޏަށް އައި އިރު. ފަޒްނާއަށް ވެސް އޭނަ ފެނުނު. ކުރީގައި އެއީ ވަރަށް އެކީގައި އުޅުނު ދެ މީހުން. މި ބުނީ ފަޒްނާ އާއި ޝަރީފް. އެކަމަކު ޝަރީފް ތިނަދުއަށް ބަދަލުވީ ފަޒްނާ މީހަކާ އިންނަން މާލެ ބަދަލުވުމުން. އޭގެ ފަހުން ފަޒްނާ އުޅުނީ ލަންކާގައި. ކުދިން ލިބުނު ފަހުން މާލެ އައީ. އެކަމެއް ޝަރީފަކަށް ނޭނގެ." ޖިންނި ވާހަކަ ދައްކަމުން ދިޔަ އިރު އަޑުގައި ހުރީ ވަރުބަލިކަމެވެ.
"ޝަރީފަކީ ސިހުރު ހަދަން މޮޅު މީހެއް. ޝަރީފް ފަޒްނާގެ ދަނބިދަރިއަށް ފައިސާގެ މޮޅުކަން ދައްކައިގެން މިކަމުގެ ތެރެއަށް ވެއްދީ،" ޖިންނި ބުންޏެވެ. "ފަޒްނާއަށް ކާން ދިނީ މީރު ޕިރިނީ ތަށްޓެއް."
- ނުނިމޭ -