ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

2 އޭޕްރީލު 2023

އެޕިސޯޑް 11

ނަމަވެސް އެލިފައި އޮތް އެތި އެންމެންނަށް ފެންނަން އޮތެވެ. ރަތް އަނގުރު ކަހަލަ ދެ ލޯ ހުރީ ދިއްލިފައެވެ. ހަށިގަނޑު ހިކިވެފައި ކަޅެވެ. އަދި ހަށިގަނޑުގައި ކެހެރި ހުރިކަން އެނގެއެވެ. ބޯ ހުރީ ދިގުކޮށެވެ. ބޮލުގެ މެދުގައި ދަޅެއް ހުއްޓެވެ. ދިގު ނިގުލެއް ވެސް އޮތެވެ. އެ ސޮރު ފެނުނު މީހެއް ނަމަ އެ ވަގުތު މީހާ ހިތް ހުއްޓޭ ވަރު ވާނެއެވެ.

ދޮރު ހުޅުވާފައި ނުކުންނަން އުޅުނީ އަޝްފާގެވެ. މަޑު ކުރަން ބުނުމުން އޭނާ އައިސް އިށީނެވެ. އެންމެން ވެސް ތިބީ ބިރުންނެވެ. އެންމެން ބިރުން ހަޅޭއްލަވަނީއެވެ. އެ ގޮތަށް ކަންތައް ނުކުރުމަށް އަހަރެން އިޝަރާތް ކުރީމެވެ. އަދި ހުއްޓާނުލާ ގުރުއާން ކިޔަވަމުން ދިޔައީމެވެ. އެ ސޮރަކަށް މާ ގިނަ އިރަކު އެހެންނެއް ނޯވެވުނެވެ. ދުންގަނޑަކަށް ބަދަލުވެ މައްޗަށް އަރައިގެން ދިޔައެވެ. ފުން ނޭވާއެއް ބޭރު ކޮށްލެވުނެވެ.

"ކަލޭ ކިތަންމެ ހިތްވަރެއް ކުރިޔަސް މީނަ ސަލާމަތެއް ނުކުރެވޭނެ. ދެންމެ ތި ފެނުނީ އަދި ކުޑަ މަންޒަރެއް،" އެ އަޑު އިވުނު އިރަށް އެންމެން ބަލައިލީ އެނދާ ދިމާލަށެވެ. އޭރު 'ފަޒްނާ' ވާހަކަ ދައްކަނީއެވެ.

"ކަލޭ ތީ ކާކު؟" އިށީންނަމުން އަހަރެން ސުވާލު ކުރީމެވެ.

"މަށަކީ މާރިދެއް. ކަލެއަށް އެނގެއެއްނު މާރިދުން، ދޯ؟ ކަލޭ ބައްޕަ ކިޔައި ނުދޭތަ؟"

"ކަލެއަށް ވަރަށް ގިނަ އެއްޗެހި އެނގޭ ދޯ! ދެން ސިހުރު ހެދުވި މީހާ ބުނެބަލަ ތިހާ މޮޅިއްޔާ،" އަހަރެން ބުނީމެވެ.

"އަނެއްކާ އެއްކަލަ ވާހަކަ. މަ ވަރަށް ފޫހިވާ ވާހަކައެއް ތިއީ. ކަލޭ ކިތަންމެ ވަރަކަށް ތި ސުވާލު ކުރިޔަސް މަށެއް ޖަވާބެއް ނުދޭނަން. މަށަށް ހެޔޮ އަންދާލިޔަސް،" ޖިންނި ފަހުރުވެރިވަމުން ބުންޏެވެ.

"ކަލެއަށް އެނގޭ ދޯ މަށަށް އަންދާ ވެސް ލެވިދާނެކަން؟ އެއަށް ވުރެ މާ ރަނގަޅު ވާނެއެއްނު ގޮތް ދޫކޮށްފަ އެއްގަލަކަށް އެރިއްޔާ؟" އަހަރެން ބެލީ ވާހަކަ ދައްކައިގެން ނަތީޖާއެއް ނުކުމޭތޯއެވެ.

"ސިހުރު ހެދި މީހާ އެނގިގެން ކަލެއަށް ކުރެވޭނީ ކޮން ކަމެއް؟" ޖިންނިންނަކީ މަގުފުރެދިފައިވާ ބައެކެވެ. އަބަދުވެސް ބަލާނީ ވާހަކަ އޮޅުވާލައިގެން އިންސާނުންނަށް ވަސްވާސް ދެވޭތޯއެވެ. ކުރާ ސުވާލަށް ޖަވާބުދޭނީ އެވެރިން ބޭނުންވާ ނަމައެވެ.

"ބުންޏަސް ކަލެއަށް ލިބޭނެ ދެރައެއް ނެތެއްނު؟" އަހަރެން ބުނީމެވެ.

"މަ ބުނެފިން ކޮން ހިސާބެއްގެ މީހެއް ކަން. ކަލޭ ގާތު މަ ބުނީ އެ މީހާ ހޯދާށޭ. އެ އަތޮޅުގައި އުޅޭނެ ނަން މަޝްހޫރު ތިން ސިހުރުވެރިން. އެ ތަނުން އެކަކު ސިހުރު ހެދީ." ޖިންނި ދައްކާ ވާހަކަ ގަބޫލު ކުރަން އުނދަގޫވިޔަސް ބައެއް ފަހަރު ޖެހެނީ ގަބޫލު ކުރާށެވެ. ނުވަތަ ގަބޫލު ކުރާ ކަމަށް ހެދޭށެވެ.

"ކަލޭ ނުބުނޭ އަތޮޅެއް. ބުނީ ދެކުނު މީހެކޭ. ދެކުނު ކިތައް އަތޮޅު އޮވޭތަ؟ ސީދަލަށް ބުނެބަލަ ކާކު ކަން ހެދީ." އަހަރެން އެހެން ބުނީ އެއަށް ޖަވާބެއް ނުދޭނެކަން އެނގި ހުރެއެވެ. ބިރުގަންނަވައިގެން އަގީދާ ބަލިކަށި ކުރުމަކީ ޖިންނިން ގެންގުޅޭ ވަރަށް ނުބައި ހަތިޔާރެކެވެ. އެ ވަރު އަހަރެން ދަންނަމެވެ.

އެ ގޮތުގައި ގަޑިއިރެއް ފާއިތުވިއެވެ. ސިހުރު ހެދި މީހެއް ނޭނގުނެވެ. އެންމެ ފަހުން އެ ރެއަށް ރުގްޔާ ކުރުން ނިންމާލީމެވެ. ބޭކާރު ވާހަކަ ދައްކައިގެން ވަގުތުތައް ދިގުދެންމުމަކީ ޖިންނިން ކުރާ ކަމެކެވެ. އަހަރެންނާއި އިގްބާލް އާދައިގެ މަތިން ދިޔައީ ކޮފީއަކަށެވެ.

"ޖިންނިންނާ ވާހަކަ ދައްކައިގެން، ސިހުރު ހެދުވި މީހާ ކީއްކުރަންތަ ތި ހޯދަނީ؟ އަހަރެން ބޭނުންވަނީ އެ ކަމަށް ފަރުވާ. ތި ބުނާ މީހަކު ހޯދައިގެން ކޮން ކަމެއްތަ ވާނީ؟" ރުންކުރުވެފައި އިގްބާލް ބުންޏެވެ.

"އިގްބާލް. އަހަރެން ފުރަތަމަ ވެސް ބުނީމެއްނު މިއީ ކުޑަ ކަމެއް ނޫނޭ، ކެތްތެރިވާށޭ ޖެހޭނީ؟ ސިހުރު ހެދުވި މީހާ އެނގެން ޖެހޭ އެއް ސަބަބަކީ އެކަހަލަ މީހުންގެ ކިބައިން ރައްކާތެރިވުން. އެކަހަލަ މީހަކަށް ދެވަނަ ފަހަރަށް ކަށި ޖެހުމަށް ފުރުސަތު ނުދިނުން،" ފެން ފުޅީގެ މަތި ނަގަމުން އަހަރެން ބުނީމެވެ. "ސިހުރު ބާތިލް ކުރެވޭނީ ވެސް އެ ހަދާފަ ހުރި ގޮތެއް ނުވަތަ ތަނެއް އެނގިގެން."

"ދެން އެ އެއް އެނގޭނީ ކިހިނެއް؟ ތި ޖިންނިންނެއް އެ އަކަށް ޖަވާބެއް ނުދޭނެ. އަހަރެން ބޭނުންވަނީ މަންމަ އަވަހަށް ރަނގަޅުވާން. އެ ބުނާ މަޝްހޫރު މީހަކު މަންމައަށް ކީއްވެތަ ސިހުރު ހަދަންވީ؟ މަންމަ ކޮން ކަމެއް ކުރީތަ؟" އިގްބާލް އިނީ މާޔޫސްވެފައެވެ.

"ތިޔަ ސުވާލުތަކަށް ޖަވާބު ދޭކަށް އަހަރެންނަކަށް ވެސް ނޭނގެ. އެނގޭހާ ވެސް އެއްޗަކީ ޖިންނިން ބަލާނީ އޮޅުވާލެވޭތޯ. ހަގީގަތް ހާމަ ކުރާނީ މަދު ފަހަރަކު. އެ ސޮރުމެންނަކީ ގޮތް ދޫނުކުރާ، ބޯހަރު ބައެއް." އަހަރެން ވާހަކަ ދެއްކީ އިގްބާލަށް ވިސްނައިދިނުމުގެ ނިޔަތުގައެވެ.

އަހަރެން އިނީ އޮފީހުގައެވެ. އޮފީސް މާހައުލަކީ އަހަރެން ވަރަށް ގަޔާވާ މާހައުލެކެވެ. އެކުގައި މަސައްކަތް ކުރަން އުޅެނީ ވަރަށް ހިތްހެޔޮ އެކުވެރިންނެވެ. ނަމަވެސް މީހަކު ހުންނަ ގޮތަކުން އެ މީހެއްގެ މަގުސަދެއް ނޭނގޭނެއެވެ. އެއްޗެއް ހަނދާން ވެގެން ފޯނު ނަގާފައި އިގްބާލަށް ގުޅާލީމެވެ.

"މަންމަ މިއަދު ކިހިނެއް؟" އަހަރެން ސުވާލު ކޮށްލީމެވެ.

"ހަމަ އެހެން ދުވަސް ދުވަހެކޭ އެއްގޮތް،" އިގްބާލްގެ ޖަވާބު ކުރެވެ.

"އަހަރެން ދާނަން އަސުރު ކޮށްލައިގެން. އެކަމަކު މިއަދު ތިބެން ވާނީ މަށާއި އިގްބާލްއާ އެކަނި އިނގޭ،" އަހަރެން ބުނީމެވެ.

"އެންމެ ރަނގަޅު. އެކަމަކު މިހާރު ކޮއްކޮމެން އެހާ ބޭނުމެއް ނޫން ހާމިޒް ގެންނާކަށް. ބުނީ ހާމިޒަކަށް ވެސް ވީ ކަމެއް ނެތެއް ނޫންހޯ،" އިގްބާލް ވަރަށް އުނދަގުލުން ބުންޏެވެ.

"އަދި ނުވެފައެއް ނެތެއްނު؟ ތިކަހަލަ ކަންކަމަށް ވަގުތު ނަގާނެ. ކަތުރަކުން ބުރި ކޮށްލާހެން ތިކަހަލަ ކަންކަމެއް ނުހުއްޓުވޭނެ. ރަނގަޅެއް ވެސް ނުކުރެވޭނެ. އެކަމަކު އިގްބާލް ބޭނުމިއްޔާ މިއަދުން ފެށިގެން ވެސް އަހަރެން ތިގެއަށް ދިޔުން ހުއްޓާލާފާނަން." އަހަރެން އެހެން ބުނީ އިގްބާލްގެ ގޮތް އެނގޭތީއެވެ.

"ނޫން. ހާމިޒް އާދޭ އަސްރު ފަހުން."

"އޭތް! ތެދެއްތަ ހާމިޒް ފަންޑިތަ ހަދަންތަ؟" ފޯނު ބޭއްވި ތަނާ އަސްމާ އައިސް ސުވާލު ކުރިއެވެ. އަސްމާއަކީ އަހަރެން މަސައްކަތްކުރާ ސެކްޝަނުގައި މަސައްކަތް ކުރާ ކުއްޖެކެވެ.

"ފަންޑިތައޭ؟" އަހަރެން ހިނިތުންވެލަމުން އަހާލީމެވެ.

"އާނ. މަ އަޑުއެހިން ހާމިޒް ފަންޑިތަ ހަދަން ވަރަށް މޮޅުވާނެޔޯ. މީހަކަށް މީހަކު ލިބޭނެ ގޮތް ހެދޭނެތަ؟ މި ބުނީ ކާމިޔާބު ކުރެވޭނެ ހޭ؟" އަސްމާ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ.

"އެއީ ސިހުރު ހެދުން. އަހަރެން ކުރާ ކަމަކީ ރުގްޔާ ކުރުން. ސިހުރު ހެދުމަކީ ހަރާން ކަމެއްނު؟ އަސްމާއަށް އެ ވަރު ނޭނގޭ؟" ފައިލްތައް ހާވަމުން އަހަރެން ބުނީމެވެ. އަހަރެން އިނީ އަސްމާ ދައްކާ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ.

"އެއީ އެކައްޗެއް ނޫންތަ؟" އަސްމާ އަނެއްކާވެސް އެހިއެވެ.

"ކިހިނެއްތަ ވީ؟" އިސްއުފުލާލަމުން އަހަރެން އަހާލީމެވެ. "ސިހުރަކީ މީހުންނަށް ގެއްލުން ދޭން ކުރާ ކަމެއް، ރުގްޔާއަކީ އޭގެ ފަރުވާ."

"މި އުޅެނީ އަހަރެން ތުއްތަ ވަރަށް ސަކަރާތް ވެގެން. އެއްވެސް މީހެއް ގާތު މި ވާހަކަ ނުދައްކައްޗޭ، ޕްލީޒް. ގޭ މީހުން ބުނަނީ ތުއްތަ އިނީ ޖިންނި މޮޔަވެފަޔޯ. ހާމިޒްއަށް ހެލްޕެއް ވެވޭނެތަ؟" އަސްމާގެ އަޑުގައި މިފަހަރު ހުރީ ހިތާމައެވެ.

"އާނ. ކީއްވެ ނުވާންވީ؟ ކޮން އިރަކުން އެ ގެއަށް ދެވޭނީ؟ އެ މީހުންނާ ބައްދަލުވެވޭނީ؟" އަހަރެން އަހާލީމެވެ.

"ތުއްތަ އުޅެނީ އެހެން ރަށެއްގައި. އެ ރަށަށް ހާމިޒް ދާން ޖެހޭނީ. ވާނެތަ؟" އަސްމާ އަހާލިއެވެ.

އެއީ ބޮޑު ކަމެކެވެ. އެ ކަހަލަ ކަމަކަށް އަހަރެން އަދި އެއްވެސް ރަށަކަށް ނުދަމެވެ. ކަނޑު ބޭރުވާ ނަމަ ކުރަން ޖެހޭ ކަންތައްތަކެއް ވެސް ބައްޕަ ބުނެދިނެވެ. އިގްބާލް މަންމަ އެފަދަ ހާލަތެއްގައި ވަނިކޮށް ދާން ޖެހިލުންވިއެވެ.

"ބުނެބަލަ. ދެވޭނެތަ؟ ތުއްތަ ވަރަށް ސަކަރާތޭ މިހާރު،" އަސްމާ އަނެއްކާވެސް ބުންޏެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް