ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

1 އޭޕްރީލު 2023
1

އެޕިސޯޑް 10

ދެން އިވުނީ މީހަކު ހަޅޭއްލަވައިގަތް ކަހަލަ އަޑެކެވެ. އަހަރެންނަށް ދެވުނު އެންމެ ބާރަކަށް އެ ގެއަށް ދިޔައީމެވެ. އަހަރެން އުޅޭ ގެ ހުންނަނީ ހެންވޭރުގައެވެ. އިގްބާލްމެންގެ ހުންނަނީ މާފަންނުގައެވެ. ކިތަންމެ ބާރަށް ދިޔަޔަސް ވަގުތު ނަގާނެއެވެ. ސައިކަލަށް ފައިސާ ދެއްކި ފަހުން ދެތިން ދުވަސް ވީއެވެ. އަތަށް އެ ލިބެން ވެސް ދުވަސްކޮޅެއް ނަގާނެއެވެ.

އެ ގެއަށް ގޮސް ވަދެވުނު އިރު އަހަރެންނަށް މާނޭވާ ލެވެއެވެ. ސަލާން ގޮވާލާފައި ގޭތެރެއަށް ވަނީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރީގައި ދެތިން ފަހަރު ޓަކި ޖެހީމެވެ. ހަބަރެއް ނުވިއެވެ. އެ ގޮތުގައި ދެ މިނެޓެއްހާ އިރު ހުރުމަށް ފަހު އިގްބާލަށް ގުޅަން ފޯނު ނެގީމެވެ. އެ ވަގުތު އިވުނީ ބަޔަކު ވާހަކަ ދައްކާ އަޑެވެ. އަޑު އައީ ކޮން ދިމާލަކުން ކަން ބުނާކަށް ނޭނގެއެވެ. އެކި ފަރާތްފަރާތަށް އެނބުރިފައި އެތެރެ ގެއަށް ބަލައިލީމެވެ. ފެންނަން ހުރީ ސިޑިއެކެވެ. އަހަރެންނަށް ހީވީ ރަނގަޅަށެވެ. އަޑު އައީ އެ ދިމާ މަތިންނެވެ. އެ ވަގުތު އިގްބާލް އަހަރެންނަށް ގޮވާލިއެވެ. މައްޗަށް އައުމަށް އެދުނެވެ. އަހަރެން ހަލުވި ކަމާއެކުގައި ސިޑިން އެރީމެވެ.

އެ ތަނަކީ ޓެރަހެކެވެ. ވަރަށް ބޮޑު ޓެރަހެކެވެ. ވަށައިގެން ބޮޑެތި ގަސްތައް ހައްދާފައި ހުއްޓެވެ. އެތަނަށް އެރުމާ އެކު އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އެއްޗެއް ފެނިގެން ނުވަތަ ކަމެއް އެނގިގެނެއް ނޫނެވެ. އެކި ހިސާބުތަކުގައި ގަސްމުށިތަކުގައި އެކި ކުލަކުލައިގެ މާ ގަސްތައް ހުއްޓެވެ. ބަލާލަން ކިތަންމެހާ ވެސް ރީއްޗެވެ. މީރު ވަސް ދުވައެވެ. ނަމަވެސް ހިތަށް ބިރުވެރިކަން ވަނީ އަނދިރިވަމުން އައި އެ ދަނޑިވަޅުގައެވެ. ހީވަނީ މުޅިން އެހެން ތަނެއް ހެންނެވެ. މާލޭގެ ގެއެއް ހެން ހީވެސް ނުވެއެވެ. ގަސްތަކުގެ ތެރޭގައި ބޮޑު އުނދޯއްޔެއް ހުއްޓެވެ. މަޑުމަޑުން އެ އުނދޯލި ހެއްލޭތަން ފެނެއެވެ. ނަމަވެސް އޭގައި މީހަކު ނެތެވެ. ވައި ހިޔަންޏެއް ވެސް ނުވެއެވެ.

ގަސްތަކުގެ ތެރެއިން އިގްބާލް އައިސް އަހަރެން ގެ އަތުގައި ލުއްކެއް ޖަހާފައި ދަމަމުން ގެންދިޔައެވެ. އެތަނުން ނުކުމެވުނީ ކޮޓަރިއެއް ފާޑު ތަނަކަށެވެ. ކުރިމަތީ ހުރި ދޮރުން އަހަރެން އެތެރެއަށް ވެއްދިއެވެ. ކޮޓަރި ވަރަށް ބޮޑެވެ. ހުރީ މުސްކުޅި ފަރުނީޗަރެވެ. ބޮޑު އެނދެއް ހުއްޓެވެ. އަޅާފައި އޮތީ މަޑު ނޫކުލައިގެ މާ ޖަހާފައި ހުރި ހުދު ބެޑްޝީޓެކެވެ. ކޮޓަރި ވަށައިގެން ހުރީ ދޮރުފޮތި ދަމާފައެވެ. ކޮޓަރިއަށް ވަންނަ ދޮރު ނޫން އިތުރު ދޮރެއް ހުއްޓެވެ. ހީވަނީ އެއީ ފާހާނާ ހެންނެވެ. ފަޒްނާގެ ދެ ދަރިން އެ ދޮރުގައި ޓަކި ޖަހަނީއެވެ. މަންމާއޭ ކިޔާ ގޮވަނީއެވެ. ތަނަށް ވެރިވެފައި ވަނީ ފަނޑު އަނދިރި ކަމެކެވެ. އަލި ކުރަން ބުނުމުން އެތަނުގައި އިތުރު ބޮތްކެއް ނެތް ވާހަކަ އިގްބާލް ބުންޏެވެ.

"މަންމަ ވީ ފާހާނާގައި. ވަރަށް ގިނަ އިރު ވެއްޖެ ވަދެ އުޅޭތާ. ގޮވާގޮވާ ވެސް ދޮރެއް ނުހުޅުވި. ހާމިޒް ކޮންމެވެސް ކަމެއް ކޮށްބަލަ. މިހާރު ދެ ގަޑި އިރުވަނީ،" އިގްބާލް ހާސްވެފައި ބުންޏެވެ.

"މަންމަ ނެރެވިގެން ކަމެއް ކުރެވޭނީ. ތަޅު ހަލާކު ކޮށްލަމާ؟" އަހަރެން އެދުނީމެވެ. އިގްބާލް އެންމެ ހިނދުކޮޅެއް ވެސް ލަހެއް ނުކުރިއެވެ. މަރުތޭލައެއް ގެނެސް ތަޅު ހަލާކު ކޮށްލިއެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައެވެ. ފަޒްނާ ހުންނާނެ ހާލަތެއް ނޭނގޭތީއެވެ.

ފަޒްނާ އަތުލަފި ކޮށްގެން ފާހާނާއިން ނެރުނެވެ. އަދި އެނދުމަތީގައި ބޭންދިއެވެ. ހުރީ ބޯ ކޮށާލާފައެވެ. އެކި ދިމަދިމާއިން އެކި ވަރަށެވެ. މީހާ ހުރީ ވަރުބަލިވެގެން ވެއްޓޭ ވަރު ވެފައެވެ. މުޅި ގައިގައި ނޫފައިގެންފައި ހުރި ތަންތަން އިތުރަށް ކުލަ ގަދަ ހެން ހީވެއެވެ. ލައިގެން ހުރި ހެދުން ހުރީ ތަންތަނުން ވީދައިގެން ގޮސްފައެވެ. ހެދުން ބަދަލުކޮށް އެނދުގައި ބޭއްވުމަށް އަހަރެން ބުނީމެވެ. އަދި އަހަރެންނާއި އިގްބާލް ކޮޓަރިން ނުކުތީމެވެ.

"ކިހިނެއްތަ ކުއްލިއަކަށް އެ ވީ؟" އަހަރެން އެހީމެވެ.

"ނޭނގެ. އަހަރެންގެ ވެސް ބޭރުގައި އުޅުނު ގަޑިއަކާ ދިމާވީ. ކޮއްކޮމެން ވެސް ފަރާތަކަށް ޖެހިލި ތަނާ މިކަމެއް ދިމާވީ." އިގްބާލް އިށީނީ އުނދޯލީގައެވެ. އަހަރެންނަށް ތަން ދެއްކިއެވެ. ނަމަވެސް އަހަރެން އިހުތިޔާރު ކުރީ ކޮޅަށް ހުންނާށެވެ. އިގްބާލްގެ ފަހަތުން ފެންނަމުން ދިޔަ ހިޔަނި ހަރަކާތް ކުރާތަން ފެނުމުންނެވެ.

"މިއީ ކޮން ތަނެއް؟" ވަށައިގެން ބަލާލަމުން އަހަރެން ބުނީމެވެ.

"މިއީ މަންމަ އާއި ބައްޕަގެ ކޮޓަރި. މިތަން މަންމަމެން ތައްޔާރު ކުރީ ވަރަށް ލޯބިން. ބައްޕައަކީ ގަސް ހައްދަން ވަރަށް ފޯރި ހުންނަ މީހެއް. މި އުނދޯއްޔަކީ ބައްޕަ، މަންމައަށް ހަދިޔާ ކުރި އެއްޗެއް. ބައްޕަ ދުނިޔޭގައި އަބަދުވެސް މިތަނުގައި ދެ މީހުން އުޅޭނީ. ކާން އެކަނި ތިރިއަށް ފައިބާނީ. ބައްޕަގެ ނަން ގޮވަމުން މަންމަ ފާހާނާއަށް ވަތް ކަމަށް ވަނީ."

"މިތާ ގަސްތައް ތަންކޮޅެއް މަދު ކޮށްލަންވީނު؟ މިހާ ގަސް ގިނަ ތަންތަނުގައި ޖިންނިޝައިތާނުން ވަރަށް ގިނަ ވާނެ،" ފާރުގައި ލެނގިލަމުން އަހަރެން ބުނީމެވެ. އިގްބާލް ވަކި އެއްޗެއް ނުބުންޏެވެ.

"މަންމަމެން މިހާ ލޯބިން ތައްޔާރު ކުރިތަނެއް ހަލާކު ކޮށްލަން އަހަރެން ވަރަށް ޖެހިލުންވޭ،" އިގްބާލް ބުންޏެވެ.

"އަހަރެން އެހެން މި ބުނީ މަންމައަށް ވިސްނާފައި. މަންމައަށް އެފަދަ ކަމެއް ދިމާވެގެން އުޅޭ އިރު ޖެހޭނެ ބޭނުން ނުވާ ކަންކަން ވެސް ކުރަން. އެއީ އެންމެންގެ ރައްކަލަކަށް. ގަސްތައް އެއްކޮށް އުކާނުލި ނަމަވެސް ބޮޑެތިކޮށް ހެދިފައި ހުރި ގަސްތައް މަދުކޮށްފައި ކޮށާލަން އަހަރެންނަށް ފެންނަނީ. މީހުން ދިރިއުޅޭ ތަންތަނުގައި އެހާ ގިނައިން ގަސް ހައްދާކަށް ނުވާނެ،" ވިސްނިފައި ހުރި މިންވަރަކުން އަހަރެން ބުނެދިނީމެވެ.

"މަންމައަށް ދިން ހުވަނދުމާ ފެން ފުޅި ހުސް ވެއްޖެތަ؟" އިގްބާލް އެއްޗެއް ނުބުނުމުން އެހެން ވާހަކައެއް އަހަރެން އެހީމެވެ.

"އާނ. ރޭގައި ހުސްވީ،" އިގްބާލް ބުންޏެވެ.

"ދެން ކީއްވެ އަހަރެން ގާތުގައި ނުބުނީ؟ އެއް ރޭ ވެސް މެދުނުކަނޑާ ބޯން ޖެހޭ އެއްޗެއް އެއީ. ތި ވީ ގޮތުން މިރޭ ބޯނެ ފެނެއް ނުހުންނާނެ އެއްނު؟ ހުއްޓާނުލާ 21 ރޭ ދޭށޭ އަހަރެން ބުނީމެއްނު؟ ދެން އަނެއްކާވެސް ޖެހޭނީ ފަށަން،" ކަރު އެލުވާލަމުން އަހަރެން ބުނީމެވެ. "އެއީ ވަރަށް އަސަރު ގަދަ އެއްޗެއް. ޔަގީންކަން ބޮޑު އެއްޗެއް."

ކޮޓަރިއަށް ވަނީ އިގްބާލްގެ ކޮއްކޮ ގޮވާލުމުންނެވެ. ފަޒްނާ އޮތީ އެނދުގައި ބާއްވާފައެވެ. ގައިމަތީގައި ހުދު ފޮތިގަނޑެއް އަޅާފައި އޮތެވެ. އަހަރެން އިށީނީ އެނދުގެ ކަނާއަތް ފަރާތުގައި ހުރި ގޮނޑިއެއްގައެވެ. އަހަރެންނާ ޖެހިގެން އިގްބާލް އިނެވެ. އެނދުގެ އަނެއް ފަރާތުގައި ދެ އަންހެން ދަރިން ތިއްބެވެ. ކޮޓަރީގައި މީހަކު ޓަކި ޖެހި އަޑު އިވުމުން އެންމެން އެއްފަހަރާ އެ ދިމާލަށް ބަލާލިއެވެ. އެތެރެއަށް ވަނީ ފަޒްނާގެ ދަނބިދަރިއެވެ. އެހެން ރޭރެއެކޭ އެއްގޮތަށް މިރޭ ވެސް އޭނަ އިނީ ތަންކޮޅެއް ދުރުގައެވެ. ނުބުނި ނަމަވެސް ލޭގެ ގުޅުން ނެތް ނުވަތަ ކަމާނުބެހޭ މީހުން މިތަނަށް ވެއްދުމަކީ އަހަރެން އެހާ ގަޔާވާ ކަމެއް ނޫނެވެ. އެ ވާހަކަ އިގްބާލް ގާތުގައި ބުނަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ.

ބިސްމި ކިޔާފައި ކިޔަވަން ފެށީމެވެ. ފަޒްނާގެ މޫނަށް އަރަމުން ދިޔަ ބަދަލުތައް ވަރަށް ގާތުން އަހަރެން ބެލީމެވެ. ފަޒްނާ އޮތީ ލޯމަރައިގެންނެވެ. އެ ވަގުތު ދޮރު ފޮތިގަނޑު ވަޔާ ހެލޭ ކަހަލަ ގޮތަކަށް ހެލޭތީ ފެނުނެވެ. ކޮޓަރީގައި ހުރީ އޭސީ ޖައްސާފައެވެ. ފަންކާއެއް ނުޖަހައެވެ. ތަނުގައި އަނދިރިކަން ހުރުމުން އިތުރު ލައިޓެއް ގެނައުމަށް އިގްބާލް ގާތުގައި ބުނީމެވެ. އިގްބާލް ކޮޓަރިން ނުކުތް ވަގުތު ކޮޓަރީގައި ހުރި ފަނޑު އަލިކަން ވެސް ކެނޑުނެވެ. ކޮޓަރިތެރެ އެއްކޮށް އަނދިރިވިއެވެ. އެ ވަގުތު ފަންކާގައި އެއްޗެއް ޖެހުނުތަން ފެނުނެވެ. ވަރަށް ފަނޑުކޮށެވެ. ނަމަވެސް އެލިފައި އޮތް އެތި އެންމެންނަށް ފެންނަން އޮތެވެ. ރަތް އަނގުރު ކަހަލަ ދެ ލޯ ހުރީ ދިއްލިފައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (1)

ވާހަަކަ ކިޔާމީހާ

1 އޭޕްރީލު 2023
ވާހަކަ ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ... ޕްލީޒް ޕްލީޒް ޕްލީޒް...
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް