ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

31 މާރިޗު 2023
2

އެޕިސޯޑް 9

އަޝްފާގުގެ މޫނުމަތިން ފެނުނީ ދޭހަ ކުރަން އުނދަގޫ ނުތަނަވަސްކަމެކެވެ.

"އާނ. ބައެއް ފަހަރު ވަރަށް އަވަހަށް ވެސް ބުނާނެ. އަނެއް ބައި ފަހަރު ވަރަށް ގިނަ ވާހަކަ ދައްކައިގެން ބުނާނީ." އަހަރެން ވާހަކަ ދެއްކި އިރު އަޝްފާގުގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރު ދުށީމެވެ. މީހާ ހުރީ ހާސް ވެފައެވެ.

"ކިހިނެއްވީ؟ ބުނަން ބޭނުންވާ ވާހަކައެއް އޮތީތަ؟" އަޝްފާގުގެ ކޮނޑުގައި ޖަހާލަމުން އަހަރެން ބުނީމެވެ. ދެ ފަރާތަށް ބޯ ހޫރާލާފައި އަޝްފާގު ގޭތެރެއަށް ވަނެވެ.

އަހަރެން އޮތީ ސައިކަލެއްގެ އިޝްތިހާރު ބަލާށެވެ. ހިނގާފައި އުޅެން އުނދަގޫވުމުން ސައިކަލެއް ނަގަން ހިތަށް އެރިއެވެ. ސިއްސައިގެން ދިޔައީ ވަރަށް ބާރަށް އަންހެނަކު ރޮއިގަތް އަޑު އިވުމުންނެވެ. ހީވީ ކަންފަތް ކައިރިން އިވުނު ހެންނެވެ. އަހަރެން ފަރާތްފަރާތަށް ބަލާލީމެވެ. މަޒީން ވެސް ކޮޓަރިއަކު ނެތެވެ. ދެތިން މިނެޓް ފަހުން އަނެއްކާވެސް އެ އަޑު އިވުނެވެ. އަހަރެން އެނދުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ހުޅުވާލީމެވެ. އެ އަޑު އަންނަނީ ސިޓިންރޫމް ތެރެއިންކަން ފާހަގަވިއެވެ. ވުމާއެކު އެ ދިމާލަށް ދިޔައީމެވެ.

ބިންމަތީ ވެއްޓިފައި އޮތީ ގޭގައި އުޅޭ ދައްތަގެ ފިރިހެން ދަރިފުޅު އަސްލާންއެވެ. ކައިރީގައި އިނދެގެން ދައްތަ ރޮނީއެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ.

"ހާމިޒް، މަގޭ ދަރި. ކިހިނެއް ވެފަތަ އެ އޮތީ،" އަސްލާންއަށް އިޝާރާތްކޮށްފައި ދައްތަ ރޮމުންރޮމުން ބުންޏެވެ.

އަސްލާންގެ ފައި އޮތީ އެނބުރިފައެވެ. ދެ އަތް އޮތީ ފަހަތަށް ލެނބިފައެވެ. އަނގައިން ފޮނު ނުކުމެފައި ހުރި އިރު ދެ ލޯ އޮތީ ހުޅުވައިގެންނެވެ. އަހަރެން ފެނުމުން އަހަރެންނާ ދިމާލަށް ބަލައިލިއެވެ. ފެނުނު މަންޒަރުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޯ ކުރިމައްޗަށް އެ މަންޒަރު ފެނުނު ނަމަވެސް، ހުރެވުނީ ގަބޫލް ކުރަން ދަތިވެފައެވެ. އެއީ ކޮން ކަހަލަ ކަމެއްކަން އަހަރެންނަށް ދެނެގަނެވުނެވެ.

"ހިނގާބަލަ ހޮސްޕިޓަލަށް. އަހަރެންގެ ފޯނު ވެސް އޮތީ ނިވިފައި. އެއްވެސް މީހަކަށް ވެސް ނުގުޅުނު. ހާމިޒް ގުޅާބަލަ ހޮސްޕިޓަލަށް. އަވަސް ކޮށްބަލަ." އަހަރެންގެ ގިރުވާނުގައި ހިފާފައި ދައްތަ ރޮމުން ދިޔައެވެ. ގޮނޑީގައި އިށީނުމަށް ދައްތަ ގާތުގައި އަހަރެން ބުނީމެވެ.

އާންމުކޮށް އަހަރެން ކިޔަވާ އާޔަތްތައް އަޑު ހަރުކޮށް ކިޔަވަން ފެށީމެވެ. އެ ވަގުތު އަސްލާން އަޑެއް ލައްވާލިއެވެ. އެއީ އެ އުމުރުގެ ކުއްޖަކަށް ނެރެވޭ ކަހަލަ އަޑެއް ނޫނެވެ. މުސްކުޅި ފިރިހެނެއްގެ އަޑެވެ. އެނބުރިފައިވާ ފައި އަސްލާންގެ ކަނދުރާ ދަށަށް ލައްވަމުން ދިޔައެވެ. އާންމު މީހަކަށް ބަލަން ކުޅަދާނަ ނުވާ ކަހަލަ މަންޒަރަކަށް އެކަން ވެގެން ދިޔައެވެ. އަސްލާނަކީ އެހާ ކަށިމަޑު ކުއްޖެއް ނޫނެވެ. ކުއްޖާ އޮތީ "ގުޅަ" އަކަށް ވެފައެވެ. ދައްތަ އޭރު ވެސް ރޮނީއެވެ. އަހަރެން ހުއްޓުމެއް ނެތި ކިޔަވަމުން ދިޔައީމެވެ. އަދި ފެން ތައްޓެއް ގެނައުމަށް ދައްތަ ގާތުގައި އެދުނީމެވެ.

ފެން ތައްޓަށް ކިޔަވާފައި އަސްލާނާ ދިމާލަށް އުކަން ފެށީމެވެ. އިސާހިތަކު މަޑުމަޑުން ފަޔާއި އަތާ އިހު އޮތް ގޮތަށް ބަދަލުވަމުން ދިޔައެވެ. އަސްލާން އޮތީ އުއްޑުންނެވެ. ކުއްލިއަކަށް ވަރަށް ބާރަށް ކެއްސާފައި ބައިވަރު ހޮޑުލިއެވެ. ހޮޑު ހުރީ ފެހި ކުލާގައެވެ. ނޭފަތުން ވެސް ފާޑެއްގެ ދިޔައެއް ނުކުތެވެ. އަހަރެން ކިޔެވުން ހުއްޓާލީމެވެ. އެ ވަގުތު ދައްތަގެ ފިރިމީހާ ގެއަށް އައެވެ. ވީ ގޮތް އަހަރެން ކިޔައިދިނީމެވެ. އޭނައަށް ހުރީ ގަބޫލް ކުރަން އުނދަގޫވެފައެވެ. މީހާ ހާސްވެ ބިރުގެންފައެވެ.

ކޮޓަރިއަށް ވަދެ ފޮތްތައް ހާވަން ފެށީމެވެ. އެކި ފޮތުގައި ހުރި އެފަދަ ކަންކަން ކިޔަން ފެށީމެވެ. އަހަރެންނަށް ލަފާ ކުރެވުނީ އެއްޗެއް ބޯންދީފައި ހުރި ކަމެވެ. އެ ވަގުތު ދައްތަ އާއި އޭނަގެ ފިރިމީހާ ކޮޓަރިއަށް ވަނެވެ. ކުރަން ބޭނުން ވެފައި ތިބި ސުވާލުތައް އަހަރެންނަށް އެނގޭ ކަހަލައެވެ.

"އަހަރެންނަށް އެނގޭ ދައްތަ އަހަން ބޭނުންވާ ސުވާލު ހުންނާނެކަން. އާނ. އަހަރެންނަކީ ރުގްޔާ ކުރާ މީހެއް. މިކަން ދަސްކޮށްގެން މިކަން ކުރާތާ ދުވަސްކޮޅެއް ވެއްޖެ. މިއީ އަހަރެންގެ ބައްޕަ ދަސްކޮށްދިން ކަމެއް. ފުރަތަމަ އަހަރެން ވެސް ވަރަށް ޖެހިލުންވެ ބިރުގަތް. އެކަމަކު އަމިއްލައަށް ބައެއް ކަންކަން ފެނި ދިމާވާން ފެށީމަ ހިތަށް އެރީ މި ރޮނގުން ކުރިއަށް ދާނީއޭ،" ސުވާލެއް ނުއުފެދޭހެން އަހަރެން ކިޔައިދިނީމެވެ.

ދައްތަމެންނަކީ ދީންވެރި ބައެކެވެ. ގަވާއިދުން ނަމާދުކޮށް ކުދިންނަށް ނަމާދު ކުރަން ބާރު އަޅާ ބައެކެވެ. ކޮންމެ ރެއަކު ވެސް ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔަވައެވެ. މީހުންނަށް އެހީތެރިވެދޭ ހިތްހެޔޮ ބައެކެވެ.

"އަސްލާންއަށް ކިހިނެއް އެ ވީ؟ ހާމިޒްއަށް އެނގޭތަ؟" ދައްތަގެ ފިރިމީހާ ސުވާލު ކުރިއެވެ.

"އާނ. ކުޑަކުދިންނަށް އެސްފީނާ އާއި ސިހުރު ނުވަތަ ޖިންނިންގެ އުނދަގޫ ޖެހުމަކީ ދުރު ކަމެއް ނޫން. އެއީ ވަރަށް ގިނައިން ދިމާވާ ކަމެއް. އެ ކަހަލަ ކަމެއް ކުއްޖާއަށް ލައިގަނެފި ނަމަ އާންމުކޮށް ފެންނަ އަލާމާތްތަކަކީ ރޭގަނޑު ވަގުތުތަކުގައި ނުނިދާ އުޅުމާއި ކެއުމާ ދުރުވުމާއި އާދަޔާހިލާފަށް ރުޅިއައުމާއި ނިދާފައި އޮންނަ ވަގުތުތަކުގައި ނުވަތަ ހޭލާ ހުންނަ އިރު ވެސް އެކި ޒާތްޒާތުގެ އެއްޗެހި ފެނުން. އެއީ އެއްވެސް ހަގީގަތެއް ނެތް އެއްޗަކަށް ވެސް ވެދާނެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަބަދުވެސް އެކަހެރިވެ އުޅުމަށް ލޯބި ކުރުމާއި ވިސްނުންތޫނު ކުއްޖަކު ވިސްނުން ކޮށިވުމާއި ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން. މި ހުންނަނީ ފެނިދާނެ ކަންކަން. އަސްލާން ކިބައިން މި ކަހަލަ އެއްވެސް ކަމެއް ފާހަގަ ވޭތަ؟" އަހަރެން ސުވަލު ކުރީ ދައްތައާއެވެ. ދައްތަ އިނީ ފެންކަޅި ވެފައެވެ.

"އާނ،" ވަރަށް ހިތްވަރުކޮށްފައި ދައްތަ ބުންޏެވެ. "މިހާރު ގިނަ ވަގުތު އޮންނަނީ ކޮޓަރީގައި. ކެއުމާއި ނިދުމާ ވެސް ވަރަށް ދުރު. ހަފުތާއެއް ވެއްޖެ އެހެން އުޅޭތާ. އަހަރެން ބުނީމެއްނު އޭނައަށް ކޮންމެވެސް ކަމެއް ވެއްޖެއޭ؟ އެކަމަކު ހަސަން ގަބޫލެއް ނުކުރި ވިއްޔަ،" ދައްތަގެ ފިރިމީހާއަށް ބަލާލަމުން ބުންޏެވެ. އޭނަ އިސްޖަހާލިއެވެ.

"އަހަރެން ބެލި ބެލުމުގައި ހީވަނީ ކުއްޖާއަށް އެއްޗެއް ބޯންދީފައި ހުރިހެން. ސުކޫލް ނޫން ކޮންތާކަށް އަސްލާން އެންމެ ގިނައިން ދަނީ؟" އަހަރެން އަހާލީމެވެ.

"އޭނަ ދާނީ ޓިއުޝަނަށް. އެ ގެއިން ބައެއް ފަހަރު ކައިގެން އަންނަނީ ވެސް. އެ ޓީޗަރަކީ އަހަރެންނާ އެއް ކުލާހެއްގައި އުޅުނު މީހެއް." ދައްތަ އެހެން ބުނުމުން އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އަސްލާންއާ ސުވާލު ކޮށްލަން ހިތަށް އެރިއެވެ.

"ކޮބާ އަސްލާން؟" އަހަރެން އެހީމެވެ.

"މި ވަގުތު އޮތީ ނިދިފައި،" ދައްތަ ބުންޏެވެ. "ދެން މިކަމުގެ ހައްލަކީ ކޮބާ؟"

"އަހަރެން މި ބުނާ ކަންކަން ކޮށްލާ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އަން. މީގައި ހުންނާނެ އާޔަތްތަކެއް،" ގަނޑުތަކެއް ދައްތައަށް ދިއްކޮށްލަމުން އަހަރެން ބުނީމެވެ. "މި އާޔަތްތައް 2 ލީޓަރުގެ ފެނަށް ކިޔަވާ. ދެން 17 ދުވަސް ވަންދެން ކޮންމެ ދުވަހަކު މި އާޔަތްތައް އާ ފެން އެއްޗަކަށް ކިޔަވާފައި އޭނަ ގަޔަށް އަޅާ. އަދި ފެން ފޮދެއް ބޯން ވެސް ދޭތި. އަދި ޝިފާ ލިބުމުގެ ނިޔަތުގައި ކޮންމެ ދުވަހަކުވެސް ބަގަރާ ސޫރަތް ކިޔެވުމަށް އާދަ ކުރުވާ. މި ގޮތަށް ކިޔަވާއިރު ޒައިތޫނި ތެޔޮ ފުޅިއަކަށް ކިޔަވާފައި އެ ތެޔޮ ވެސް ކޮންމެ ދުވަހަކު ގައިގާ އުނގުޅާލާ. ﷲގެ އިރާދަފުޅުން އަވަހަށް ޝިފާ ލިބޭނެ،" ވަރަށް ތަފުސީލްކޮށް އަހަރެން ކިޔައިދިނީމެވެ.

ފަހުން އެނގުނު ގޮތުގައި ޓިއުޝަން ޓީޗަރަކީ ދައްތައާ ހިތާވެގެން އުޅުނު މީހެކެވެ. ދައްތަ އުފަލުގައި އުޅުނަ ނުދިނުމަށް އޭނައަށް ކުރެވުނު ހުރިހާ ކަމެއް ކުރީއެވެ. މީހަކު ހުންނަ ގޮތަކުން އެ މީހެއްގެ ނިޔަތެއް ނޭނގޭނެއެވެ. ގިނަ ފަހަރު ތިމާއަށް ހެޔޮއެދޭނީ ތިމާގެ އަމިއްލަ ނަފުސެވެ.

"ހާމިޒް، ވަރަށް އަވަހަށް ގެއަށް އާދެބަލަ. މަންމަ..." އިގްބާލަށް ބުނެވުނީ އެ ހިސާބަށެވެ. ދެން އިވުނީ މީހަކު ހަޅޭލަވައިގަތް ކަހަލަ އަޑެކެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (2)

ސަލާމާ

31 މާރިޗު 2023
ކުރޭ ކިޔާފައި ކޮމެންޓް ކުރާ މީހުންނަށް ބުނެލަން އޮތީ ވާހަކަ ލިޔެފައި އެ ހުންނަނީ ވަކި މިންގަނޑަކަށް ފައްތައިގެންނޭ
0 0

އަބްދުﷲ

31 މާރިޗު 2023
މިހާ ކުރުކޮށް ލިޔުނީމާ އެއްޗަކަށް ވޭތަ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް