ވާހަކަ: ރާގީ
އެޕިސޯޑް 8
"މިތަނުގައި އެ މީހަކު އެބަ އިނޭ ބުނެފިއްޔާ ޔޯ؟" ކުޑަކޮށް ހިނިއަންނަމުން ޖިންނި ބުންޏެވެ.
އެ ވަގުތު އެކަކު އަނެކަކަށް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. އަހަރެން އިގްބާލަށް ބަލާލާފައި އަޅާނުލުމަށް ބުނީމެވެ.
"ކަލޭމެން ތިހެން ދައްކާހާ ވާހަކައެއް އަހަރެމެން ގަބޫލެއް ނުކުރަން. ކަލޭމެންނަކީ ދޭތެރެޖެއްސުމުގައި އަރާ ތިބޭ ބައެއް. މީހުންނަށް އޮޅުވާލުމާއި މީހުން މަގުފުރެއްދުމަކީ ކަލޭމެން އެންމެ ގިނައިން ކޮށް އުޅޭ ކަންކަން. އެހެންވީމާ އަދި ތިހެން އައިސް ބުނާހާ އެއްޗެއް ގަބޫލެއް ނުކުރެވޭނެ. ހެއްކާ ނުލައި ބޭކާރު ވާހަކަ ދައްކައި، މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން ނޫޅޭ." އަހަރެން އެ ވާހަކަތައް ކިއީ ތަނުގައި ތިބި މީހުން ހިތްހަމަޖައްސާލުމަށެވެ. ހަގީގަތުގައި އެފަދަ ކަމެއް ދަރިއަކު ވެސް ކޮށްފާނެއެވެ. ސިހުރަކީ އެކަހަލަ އެއްޗެކެވެ.
"ތިއީ ކަލޭމެން އަނގައިން ދައްކާ ވާހަކަ. ހިތުން ގަބޫލް ކުރާ އެއްޗެއް ނޫން. އިންސާނުންނަކީ ވަރަށް ބަލިކަށި ނިކަމެތި ބައެއް،" އަމިއްލަ ބާރާ މެދު ފަހުރުވެރިވަމުން އެ މަހުލޫގު ވާހަކަ ދެއްކިއެވެ.
"އަހަރެން ނެތިން ކަލެއާ ޖަދަލު ކުރާކަށް. އެކަމަކު ތިބުނާހާ ނިކަމެތި އިންސާނެއްގެ ނިވަލުގައި އޮވެ ވާހަކަ ދައްކާނީ އަދި އެއަށް ވުރެ ބަލިކަށި ބައެއްހެން ހީވަނީ،" އަހަރެން ބުނީމެވެ.
"އަހަރެމެންގެ ބާރުގަދަކަން އެނގޭ ނަމަ ތި ގޮތަކަށް ނުބުނާނެ އިނގޭ. ކަލޭމެން އިންސާނުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ދީ، ހަލާކު ކުރަން އުޅޭ ބައެއް. އެއްވެސް ހިތެއް، ރަހުމެއް އެކަކު އަނެކަކުގެ މައްޗަށް އޮންނަ ބައެއް ނޫން. ފިރިން އުޅެނީ ހިލޭ އަންހެނުން ގޮވައިގެން. ފަޅާއެރީމަ އޭނައަށް ވެސް ސިހުރު ހަދަންވީ. މަ ވެސް އުޅުނީމޭ އެކަހަލަ ސިހުރަކާ ހަވާލު ވެގެން. އެ މަންޖެ ރަނގަޅު ވީ ބަރާބަރު 10 އަހަރު ވީ ފަހުން. ދެން ތި ތިބެނީ އެއްބަނޑުއެއްބަފާ މީހުން. އެ މީހުން ވެސް މުދަލާއި ގެއާ ހެދި އެކަކު އަނެކަކަށް ސިހުރު ހަދަނީ. ދަރިން މައިންނަށް ވެސް އެކަން ކުރަނީ. ތިމާގެ މީހުން އަވައްޓެރިންނަށް ވެސް ހަދަނީ. ރައްޓެހިން އެކުވެރިންނަށް ވެސް ހަދަނީ. އަނެކާ އުފަލުގައި އުޅުމަށް ނޭދޭ ބައެއް ކަލޭމެންނަކީ." ޖިންނި ވާހަކަ ދައްކާ ނިމުނު އިރު އެންމެން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ކަލޭ ތި ކަންކަން ވަރަށް ދިރާސާ ކޮށްފިން ދޯ! ތި ހުރިހާ ވާހަކަތަކެއް ދެއްކި އިރު ނުބުނެވުނު ސިހުރު ހެދީ ކާކު ކަމެއް،" އަހަރެން ބުނީމެވެ.
"ސިހުރު ހެދީ ކާކު ކަން ކަލޭ ހޯދަބަލަ. ސިހުރާ ހަވާލު ވާން ވީ ވެސް އަހަރެމެން. އެ ހެދި މީހާ ކަލޭމެން ގާތު ބުނަން ވީ ވެސް އަހަރެމެން. ކަލޭ ވެސް ކޮންމެވެސް ކަމެއް ކޮށްބަލަ. ގައިމު މި މީހުން ކަލޭގެ ޖީބު ވަރަށް ފުރައިދޭނެ. ޔަގީން. ކޮބާތަ ކަލޭގެ އަގަކީ؟" ޖިންނި ބެލީ ބޭކާރު ވާހަކަތައް ދައްކައިގެން ވަގުތު ދެންމޭތޯއެވެ.
"ބަލަ އަހަރެމެންނަކީ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރާ ބައެކޭ. ކަލޭމެންހެން ވައުދާއި ހުވާ އުވާލާ ބައެއް ނޫނޭ. އަހަރެމެން ގާތު އޭނަ ބުނީ އަންދާ އަޅިއަށް ހެދިޔަސް ނަމަނަމަ އޭނަގެ ނަން ނުބުނައްޗޭ. އަދި މި ފަޒްނާގެ ދުވަސް ދުއްވާލާފައި ނޫނީ ހަމަނޭވާ ނުލައްޗޭ. އެހެންވީމާ އަހަރެމެން ތިބޭނީ އެ ގޮތުގައި،" ޖިންނި ފަހުރުވެރިކަމާ އެކު ވާހަކަ ދައްކަމުން ދިޔައެވެ.
"ކަލޭމެން ތިއީ ޖެހުނު ހާ ތަނަކަށް އިސްތަށްޓާއި ނިޔަފަތި އުކަމުން އުޅޭ ބައެއް. ބަލަ އެ އެއްޗެހި ބޭނުން ކޮށްގެން ސިހުރު ހެދޭނެއެއްނު؟ އެކަންކަން ކުރެވޭނީ ވެސް މި ގެއަށް ވަދެ އުޅޭ ނުވަތަ މި ގޭގައި ދިރިއުޅޭ މީހަކަށް ދޯ؟"
ޖިންނި ފަހުން އެ ބުނި ވާހަކަތައް އަހަރެންނަށް ވެސް ގަބޫލް ކުރެވުނެވެ. އެކަމަކު އެ ވަގުތު ކޮޓަރީގައި ތިބީ ދަރިންނެވެ. ޝައްކު ކުރާނީ ވަކި ކާކަށް ހެއްޔެވެ؟ އެކި މީހުންނަށް ވަކިވަކީން އަހަރެން ބަލައިލީމެވެ. ކޮންމެ މީހަކު ވެސް އިސްޖަހާލަނީއެވެ. ނުވަތަ މޫނު އަނެއް ފަރާތަށް އަނބުރާލަނީއެވެ. ހީވަނީ ބިރުން ތިބި ހެންނެވެ. ކަމެއް ފަޅާއަރާފާނެތީ އުޅޭ ހެންނެވެ. އިގްބާލްއަށް ވެސް ވީ ހަމަ އެ ވަރެވެ.
"ކަލޭ އެ މީހުންނަށް ބަލާނެ ކަމެއް ނެތް. މަ މި ދެއްކި ވާހަކަތައް ގަބޫލު ކޮށްބަލަ،" ޖިންނި ބުންޏެވެ.
"ކަލޭ ދައްކާ ވާހަކައެއް ނުޖެހޭނެ ގަބޫލު ކުރާކަށް. ތިއީ ދޮގުވެރިއެއް،" އަހަރެން ބުނީމެވެ.
"ދޮގު ހެދިޔަސް ތެދު ހެދިޔަސް ކަލޭ ނުކުރާނެ ގަބޫލެއް. ދެން އެހެންވީމަ ކީއްކުރަން ވާހަކަ ދައްކަން މަ މި ތަނަށް ގެނައީ؟" ޖިންނި ވާހަކަ ދެއްކީ ހަމަޖެހިލަމުންނެވެ.
"އެންމެ ދެ ސުވާލު ކޮށްލަން. ފުރަތަމަ ކަމަކީ ސިހުރު ހެދީ ކާކުތޯ ބެލުން. ދެވަނަ ކަމަކީ ކަލޭމެން މީނަ ދޫކޮށްލާފައި ދާނީތޯ ނުވަތަ ނޫންތޯ އެހުން،" އަހަރެން އާންމުކޮށް ކުރާ ދެ ސުވާލު ކުރީމެވެ. ޖިންނި އިރުކޮޅަކު އެއްޗެއް ނުބުނެ އޮތެވެ. ހީވަނީ އެ މީހުންގެ ދަރިފަސްކޮޅާ މަޝްވަރާ ކުރަނީ ހެންނެވެ. ބައެއް ފަހަރު ޖިންނިން ދައްކާ އުކުޅުތައް އިންސާނާއަށް ހީވަނީ އަސްލު ހެންނެވެ. ޖިންނި ޝައިތާނުންގެ ބަހަށް އިންސާނާ ހެއްލެނީ އެހެންވެގެންނެވެ. ނަމަވެސް އެއީ ބެދޭ މަޅިއެކެވެ.
"ކަލޭމެންނަކަށް ނޭނގޭ އެއްވެސް އެއްޗެއް،" މަލާމާތުގެ ރާގެއްގައި ޖިންނި ބުންޏެވެ. "އަހަރެމެން އޮންނާނީ ކަލޭމެންނަށް ހުރިހާ ކަމެއްގެ އަސްލު އޮޅުވާލާފައި."
ކުރި ސުވާލަށް ޖަވަބު ދޭކަށް ނޫޅެއެވެ. އެ ގޮތުގައި ބޭކާރު ވާހަކަ ދެއްކުމުގައި 40 މިނެޓް ހޭދަވިއެވެ. އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ޝައިތާނާ ދެއްކީ އޭނަ ދައްކަން ބޭނުންވި ވާހަކަތަކެވެ. ޖިންނިން ތެދަށް އެއްޗެއް ބުނެފާނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. އެ މީހުންގެ ގޮތަކީ، ދޭތެރެޖެއްސުމާއި ޝައްކު އުފެއްދުމެވެ. ދަނޑިވަޅުގެ ބޭނުން ހިފައިގެން އިންސާނާގެ ހިތުގައި ވަހުމާއި ނަފުރަތު އުފެއްދުމެވެ. ތެދެއް ކަމަށް ދައްކައިގެން ދޮގު ވާހަކަތައް ފެތުރުމަކީ ޖިންނި ޝައިތާނުންގެ ހުނަރެކެވެ.
"ދެން ތި ދައްކާ ބޭކާރު ވާހަކަތައް ހުއްޓާލަންވީނު؟ ތިއީ ޝައިތާނެއް. އަހަރެމެން މިއީ މުސްލިމުން. ކަލޭ ދައްކާ ތި ކަހަލަ ވާހަކަތައް އަޑުއަހާކަށް އަދި ގަބޫލު ކުރާކަށް ވެސް ބޭނުމެއް ނޫން،" އެއްވެސް ޖެހިލުމެއްނެތި އަހަރެން ބުނީމެވެ.
"ފަޒްނާއަށް ސިހުރު ހެދީ ކާކު؟ ކުރާ ސުވާލަށް ޖަވާބު އެކަނި ދީބަލަ،" އަހަރެން ބުނީމެވެ.
"ސިހުރު ހެދީ ދެކުނު މީހެއް،" ޖިންނި އެހެން ބުނުމުން އެންމެން ހައިރާންވިއެވެ.
"އޭނަގެ ނަމާއި ރަށުގެ ނަން ބުނެބަލަ،" ޝައުގުވެރިކަން އިތުރު ކުރަމުން އަހަރެން ބުނީމެވެ.
"ކަލޭ ދެންމެ ބުނީ މަ މީ ޝައިތާނެކޭ، ދޮގުވެރިއެކޭ. މަ ދައްކާ ވާހަކަ ނުވާނޭ ގަބޫލު ކުރާކަށް. މިހާރު އެހާ އަވަހަށް ގަބޫލު ވެސް ކުރީ؟" ހެމުންހެމުން ޖިންނި ބުންޏެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. މިއީ އާދައިގެ ކަމެއް ނޫންކަން އޭރު ވެސް އަހަރެންނަށް ވިސްނުނެވެ.
"އަސްލު ބުނަން. މި ބުނީ ހަމަ ތެދަށް. ސިހުރު ހެދީ ދެކުނުގެ މީހެއް. ދެން އެ މީހާގެ ނަމާއި ރަށާ ކަލޭ އަމިއްލައަށް ހޯދާ. އަދި ސިހުރު ހެދުވި މީހާ އާއި ހެދުވި ސަބަބު ވެސް ހޯދާ. މަށެއް ނުބުނާނަން." އެއަށް ފަހު އަޑުތަކެއް ލައްވަން ފެށިއެވެ. ފަޒްނާގެ ބަނޑުތެރެއަށް ޖިންނި ދެމިގަންނަން އުޅޭ ކަހަލަ ގޮތްތަކެއް ވާން ފެށިއެވެ. އަހަރެން ކިޔަވަން ފެށީމެވެ. ނަމަވެސް މި ފަހަރު ކާމިޔާބުވާ ގޮތެއް ނުވިއެވެ. ވުމާއެކު އެ ރެއަށް ރުގްޔާ ކުރުން ނިންމާލީމެވެ.
"ހާމިޒް، ހަމަ އަސްލަށް ވެސް ސިހުރު ހެދުވި މީހާ އެނގޭނެތަ؟" ގެއިން ނުކުމެ ނުކުމެ ހުއްޓާ އެ ސުވާލު ކުރީ އިގްބާލްގެ ކޮއްކޮ އަޝްފާގެވެ. މޫނުމަތިން ފެނުނީ ދޭހަ ކުރަން އުނދަގޫ ނުތަނަވަސްކަމެކެވެ.
- ނުނިމޭ -