ވާހަކަ: ރާގީ
އެޕިސޯޑް 7
"އެ މީހުން ތި ބުނަނީ، ޖިންނިންތަ؟" ތުރުތުރުއަޅާ އަޑަކުން އިގްބާލް އެހިއެވެ.
"އާނ. އެ މީހުން އަބަދުވެސް ފާރަލާނެ. ހުރިހާ ކަމެއް ބަލާނެ. ރުގްޔާ ކުރަން މީހުން ގެންނާތީ ވެސް ރުޅި އަންނާނެ. ކުރެވުނު ހުރިހާ ޖެއްސުމެއް ކުރާނެ. އެ މީހުން ބޭނުންވަނީ މަންމަ އަބަދު އެ މީހުންގެ އަޅުވެތިކަމުގައި ގެންގުޅެން،" ފެންފޮދެއް ބޯލަމުން އަހަރެން ބުނީމެވެ.
"އިންސާނުންނަށް ކެހި ދީ ދެރަ ދޭން އެ ސޮރުމެން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ. އެއީ އަހަރެމެންގެ ހަށިގަނޑުގައި ލޭ ދައުރު ވާހެން ހަރަކާތްތެރިވެ އުޅޭ މަހުލޫގެއް. ކުދި ބޮޑު އެތައް ސައިޒެއްގެ އެއްޗެހި އުޅޭނެ. މަންމަގެ ހަށިގަނޑުގެ ތެރެއަށް ޖިންނި އެތެރެވެފައިވާކަން އަހަރެންނަށް މިރޭ އެނގިއްޖެ. ނޭނގެނީ އަދަދު." މައެއްގެ އެ ހާލަތު ދަރިއަކަށް ކިޔައިދޭން އަހަރެންނަށް އުނދަގޫވިއެވެ. ނަމަވެސް މުހިންމު ކަމަކަށް ވާތީ އަހަރެން ކިޔައިދިނީމެވެ. އިގްބާލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
"އިގްބާލް. ހިތްވަރު ކުރަން ވާނެ. އަހަރެން ތި ކަމުގައި އެހީތެރި ވެދޭނަން. އުނދަގޫ ކަމަކަށް ވިޔަސް މިއީ ނާދިރު ކަމެއް ނޫން. ހަމައެކަނި ބޭނުން ވަނީ ކެތްތެރިކަމާއި ހިތްވަރު. ހެއްދެވި ފަރާތަށް އޮތް އިތުބާރު ގެއްލުވައި ނުލާ. އެ ފަރާތުން ހިތާމަ ދެއްވަނީ ވެސް. އުފާ ދެއްވާނީ ވެސް. ހިތާމަތަކާއި ތަކުލީފްތައް ޖައްސަވަނީ އަހަރެމެންގެ ކެތްތެރިކަން އިމްތިހާން ކުރައްވަން. އިރާދަ ކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ،" އިގްބާލްގެ އަތުގައި ހިފަހައްޓައިގެން އިނދެ އަހަރެން ވާހަކަ ދެއްކީމެވެ.
ކުޑައިރުއްސުރެ އަހަރެންނަށް ވަރަށް ގިނައިން ފެންނަ ހުވަފެނެއް އޮވެއެވެ. އެ ހުވަފެނުގައި ފެންނަނީ ކުޑަ އަންހެންކުއްޖެކެވެ. އޭނަގެ އެއް އަތެއް ނުހުރެއެވެ. ބޯ ހުންނަނީ ހާވާލާފައެވެ. ހަމަ އެ ދުވަސްވަރު ރައްޓެހިންނާ އެކު ފުޓްބޯޅަ ކުޅެން އުޅުނު އިރު އަހަރެންގެ ފައިގެ ހުޅުން ނައްޓާލިއެވެ. ފައި އެޅުނު ގޮތަކުންނެވެ. ވަރަށް ދުވަހުން ފައި ރަނގަޅު ކުރެވުނެވެ. ރުގްޔާ ކުރަން ފެށި ފަހުން މި ހަނދާންތައް އާވާން ފެށީ އެއް ރޭ ނިދަން އޮއްވައެވެ. ފާހަގަވީ އަނެއް ކަމަކީ ކިތަންމެ ރެއަކު އަހަރެންނަށް ހިޔަންޏެއް ފެންނަން ފެށި ކަމެވެ. ކޮޓަރީގައި ހުންނަ ކުޑަދޮރުގައި ދޮރުފޮތިގަނޑެއް ނުހުރެއެވެ. ފައިލާ ކޮޅުގައި ހުންނަ އެ ކުޑަދޮރުގައި ވަރަށް ގިނަ ރޭރޭ ހިޔަންޏެއް ހުންނަ ކަން ފާހަގަ ވެއެވެ. ދުވާލު ގަޑީގައި އެތަން ހުޅުވާފައި ބަލައިހެދީމެވެ. އެއީ މީހަކަށް ހުރެވޭ ވަރަށް ވުރެ މާ ހަނި ދޭތެރެއެކެވެ. އަހަރެންނަށް ޔަގީންވީ އެއީ އިންސާނެއް ނޫންކަމެވެ.
ދެން އިވެން ފެށީ މީހަކު ހިނގާ އަޑެވެ. ތަށިމުށި ޖަހާފައިވާ އެ ގެއިން ހިނގާ އިރު އިވެނީ ތަޅުންގަނޑުގައި ފައިވާން ކާއްތަމުން މީހަކު ހިނގާ ކަހަލަ އަޑެކެވެ. ދޮރު ދަށުން ދުންގަނޑެއް ވެސް ފެނިދާނެއެވެ. މި ކަހަލަ ކަމެއް ނުހިނގާ ރެއެއް މަދު ވާން ފެށިއެވެ. ބައްޕައަށް އެކަންކަން ކިޔައިދިނުމުން ބައްޕަ ވަރަށް ނަސޭހަތް ދިނެވެ. އެއީ އަހަރެން ބިރުގެންނެވުމަށް ޖިންނި ޝައިތޯނުން ކުރާ ޖެއްސުމެއް ކަމުގައި ބުންޏެވެ. އަދި ބިރުގަންނުވައިގެން ރުގްޔާ ކުރުން ހުއްޓާލާތޯ ކުރާ ކަމެއް ކަމުގައި ވެސް ބުންޏެވެ.
"މީހުންނަށް ބައްޕަ މިކަން ކޮށްދޭ އިރު މިކަހަލަ ހާދިސާތައް ހިނގާތަ؟" އަހަރެން ސުވާލު ކުރީ އެ ކަހަލަ ހަނދާނެއް ނުވާތީއެވެ. ދުވަހަކު ވެސް އެކަހަލަ ކަމެއްގެ ވާހަކަ ބައްޕަ ކިޔައިދީފައި ނުވާތީއެވެ.
"ތިކަހަލަ ކަންކަމެއް ނޫން. އެކަމަކު ބައްޕައަށް ވެސް އެކި ސިފަސިފައިގައި އިންޒާރު އާދޭ. ބިރުވެރި ހުވަފެން ދައްކާ، މަގުމަތީ ހިނގާފައި ދާއިރު މަގު އޮޅުވާލާ. މި ކަހަލަ ޖެއްސުންތައް ކުރޭ. ބައްޕަ ހިތުގައި ޔަގީންކަން އޮވޭ އެއަށް ވުރެ ބޮޑު ވަރެއް އެ ސޮރުމެންނަކަށް ނުކުރެވޭނެކަން،" ބައްޕަ ބުންޏެވެ.
"ދެން ކީއްވެ އަހަރެންނަށް އެހެން އެ ހަދަނީ؟" އަހަރެން ސުވާލު ކުރީމެވެ.
"އެކި ފަހަރު ލައިގަންނާނީ އެކި ކަންކަމާ. އެކި ފަހަރު ދިމާވާނީ ވެސް އެކި ކަހަލަ ޖިންނިން. ދަރިފުޅަށް ތިކަމުގެ ތެރެއަށް ވަދެވުނީ ހަމައެކަނި ބައްޕަ ދިން ނަސޭހަތަކުން ނޫން. ބައްޕައަށް ހީވަނީ ދަރިފުޅު ވެސް އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންހެން. އެހެންވީމާ ތި ކަމުގެ ތެރޭގައި އުޅޭ އިރު ދިމާވެދާނެ ކަންކަމާއި ކުރިމަތިލާން ޖެހިދާނެ ކަންކަން ވެސް ދަރިފުޅަށް ބައްޕަ ވާނީ ކިޔައިދީފައި،" ބައްޕަ ހަނދާން ކޮށްދިނެވެ.
އިގްބާލްގެ މަންމައަށް ދިމާވެގެން އުޅޭ ކަންތައް އަހަރެންގެ އެދުމުގެ މަތިން އިގްބާލްގެ އެއްބަނޑު އެއްބަފާ ކުދިންނަށް ކިޔައިދިނެވެ. އެއީ ކިހާ ވަރެއްގެ ކަންތަކެއްކަން ވެސް ބުނެދިނެވެ.
ރެއަކީ އަންގާރަ ވިލޭރެއެވެ. އިގްބާލްގެ މަންމަ އޮތީ އެނދުގައެވެ. އެހެން ރޭރެއާ އެއްގޮތަށް މިރޭ ވެސް އެތަނުގައި ތިބީ ދަރިންނެވެ.
"މިރޭ ކުރަން މިއުޅެނީ ތަންކޮޅެއް ބޮޑު ކަމެއް،" ކަމުގެ މުހިންމުކަން ވިސްނައިދޭ ކަހަލަ ރާގެއްގައި އަހަރެން ބުނީމެވެ. އެ ވަގުތު މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާފައި ދޮރު ހުޅުވާލިއެވެ. އަދި ޒުވާން އުމުރުގެ ފިރިހެނަކު އެތެރެއަށް ވަނެވެ. ސުވާލުގެ ނަޒަރަކުން އަހަރެން ބަލައިލީ އިގްބާލަށެވެ. އެއީ އިގްބާލްގެ ދައްތަގެ ފިރިމީހާ ކަމުގައި ބުންޏެވެ.
"މިތަނުގައި ޖިންނި ޝައިތާނުން އެކި މިންވަރަށް އުޅޭކަން އެނގޭ ދޯ!" އެތަނުގައި ތިބި އެންމެންނަށް ވަކިވަކީން ބަލައިލަމުން އަހަރެން ބުނީމެވެ. އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. ނުތަނަވަސްވެ ކަންބޮޑުވެފައި ތިބީއެވެ.
"މިރޭ ތަފާތު ރެއަކަށް ވެދާނެ." އަހަރެން އެހެން ބުނީ އެ މީހުން ބިރުގަންނުވާކަށް ނޫނެވެ. ނަމަވެސް ހިނގައިފާނެ ނުވަތަ އިވިދާނެ އަޑަކަށް ވިސްނާފައެވެ. ތަނަށް ވެރިވެފައި އޮތީ ބުނެދޭން ނޭނގޭ ކަހަލަ ހަމަހިމޭންކަމެކެވެ.
އަހަރެން ކިޔަވަން ފެށިތަނާ ފަޒްނާގެ ވާއަތް ތުރުތުރު އަޅަން ފެށިއެވެ. ފަޒްނާ އޮތީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"ކޮން ކަހަލަ އުނދަގުލެއް ވަނީ؟ ގާތުގައި ތިބި މީހުން ކައިރީ އަހާބަލަ ކީއްކުރަން އައިސް އުޅޭ ބައެއް ހޭ ތިއީ؟" ފަޒްނާއާ ހަތަރު ކަޅި ހަމަ ކުރަމުން އަހަރެން ސުވާލު ކުރީމެވެ. އެ ވަގުތު ފާހަގަވީ ފަޒްނާގެ ލޮލުގެ ހުދު ބައި ހުރީ ފެހި ކުލަ އަރާފައި ކަމެވެ. ގަބޫލް ނުކުރެވިގެން ރަނގަޅަށް ބަލައިލީމެވެ. އެއީ ހީވި ގޮތެއް ނޫނެވެ.
ކަރަށް އުނދަގޫވެގެން އުޅޭ ކަހަލަ ގޮތެއް ފަޒްނާއަށް ވާން ފެށިއެވެ. ކަރުކެހެން ފެށިއެވެ. އަދި މަޑުމަޑުން ދެ ފަރާތަށް ބޯ ހޫރުވަން ފެށިއެވެ. ހީވަނީ ކަރާއި ނޭވާހޮޅިއާ ދޭތެރޭ އެއްޗެއް ތާށިވެގެން އުޅޭ ހެންނެވެ. އަހަރެންގެ ނިތްކުރިއަށް ޖަމާވެފައިވާ ރޫތައް ފިލިއެވެ. ފަޒްނާގެ ބަނޑުގައި ދިރިއުޅެމުން ދިޔަ މަހުލޫގު މައްޗަށް އަރާ ކަމުގެ އަލާމާތްކަން ފާހަގަ ކުރެވުމުންނެވެ. މައްޗަށް އަރަން އުޅޭ އިރު ވަކި ހިސާބަކަށް އެރުމުން އެ ސޮރުމެންނަށް އުނދަގޫވަނީއެވެ. ފިތެނީއެވެ. އެއީ ވަރަށް ގިނައިން ވާ ކަމެކެވެ.
"ކަލޭ ކީއްކުރަން މަ މިތަނަށް ތި ގެނައީ؟" ފަޒްނާގެ އަރުން ނުކުތީ އަންހެން އަޑެކެވެ. ނަމަވެސް ޒުވާން އަޑެކެވެ. އެންމެން ސިއްސައިގެން ދިޔައެވެ. އަހަރެން ފިޔަވައެވެ.
ޖިންނިން އާންމުކޮށް ވާހަކަދައްކައި އުޅެނީ އެ ސޮރުމެންގެ އަމިއްލަ އަޑުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އޮޅުވާލައި މަކަރު ހަދަން ވެސް އަޑު ބަދަލުކޮށް އުޅެއެވެ. ފަޒްނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ކޮޓަރީގައި ތިބި އެންމެންނަށް ވެސް އެ މަންޒަރު ފެނި އަޑު އިވެއެވެ. ހައިރާންވާ ކަމަކީ އެއީ އެ ކުދިންގެ މަންމަގެ އަޑު ނޫން ކަމެވެ.
"ބުނެބަލަ، ކީއް ކުރަންހޭ މަ މިތަނަށް ތި ގެނައީ؟" އަނެއްކާވެސް ސުވާލު ކުރިއެވެ.
"ކަލޭ އައިސް ތި އުޅެނީ ކާކު ދިން ސިހުރަކާ ހަވާލު ވެގެން؟" އަހަރެން ސުވާލު ކުރީމެވެ.
"އެއެއް ކަލޭ ބަލަން ޖެހޭތަ؟" ޖިންނި ވާހަކަ ދެއްކިއެވެ.
"ބަލަ މި އިންސާނާއަށް ކަލޭ ހާދަ ގެއްލުމެކޭ ތި ދެނީ. ކަލެއަށް އެ ވަރު ނުވިސްނެނީތަ؟" އަހަރެން ބުނީމެވެ.
"ކަލޭ ރުގްޔާ ކުރާ މީހަކަށް ވެ ހުރެ ތި ސުވާލު ތި ކުރަނީ ހަމަ ނޭނގިގެންތަ؟ ކަލޭމެން އިންސާނުންނޭ އަހަރެމެންނާ މި ކަހަލަ ކަންކަން ހަވާލު ކުރަނީ،" ޖިންނި ބުންޏެވެ.
"ކާކުހޭ ހަވާލު ކުރީ؟" އަހަރެން ހިތްހަމަނުޖެހިފައި އިންކަން ދައްކާލަމުން ބުނީމެވެ.
"މިތަނުގައި އެ މީހަކު އެބަ އިނޭ ބުނެފިއްޔާ ޔޯ؟" ކުޑަކޮށް ހިނިއަންނަމުން ބުންޏެވެ.
- ނުނިމޭ -