ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

28 މާރިޗު 2023

އެޕިސޯޑް 6

"މިއީ އަހަރެންގެ މަންމަ،" އެނދުގައި އޮތް އަންހެން މީހާ އަށް އިޝާރާތް ކޮށްފައި އިގްބާލް ބުންޏެވެ.

"މަންމައަށް ކިހިނެއް ވެފައި އެ އޮތީ؟" ހައިރާންވެފައި އަހަރެން އެހެން އަހާލީ ކޮޓަރިން ނުކުންނަމުންނެވެ.

"ހަގީގަތުގައި ބުނަންޏާ ވީ ކިހިނެއް ކަމެއް ނޭނގެ. މި ބުނީ މިކަން ފެށުނީ ކޮން ސަބަބަކާ ހެދި ކަމެއް ނޭނގެއޭ. އެކަމަކު މަންމަގެ އުޅުމަށް ބަދަލުތަކެއް އައީ މީގެ ހަތް މަސް ކުރިން. މަންމައަކީ ކުރީގައި ގަވާއިދުން ނަމާދުކޮށް ގުރުއާން ކިޔަވައި ހަދާ މީހެއް. ކުއްލިއަކަށް އެކަންކަން ވެސް ހުއްޓުނީ. ކުރީގައި ވަރަށް ރަނގަޅަށް ހަށިގަނޑަށް ބަލައި ކަސްރަތު ކޮށް، ދުވެ ހަދަން ވެސް ދާނެ. އެކަމަކު ފަހުން ފަހުން އިންނަން ފެށީ ކޮޓަރީގެ އެއް ކަނެއްގައި. ފެންވެރުމާ ދުރުވެ، ގައިން ނުތާހިރު ވާން ފެށި. ހެދުން ބަދަލު ކުރުމާއި ފުނާ އަޅައި ރީތިވެ އުޅުން ވެސް މަދު ވާން ފެށީ. އެކަމަކު ވަރަށް ގިނައިން ކާން ފެށި. ކުރީގައި ނުކާ އެއްޗެހި ވެސް މިހާރު ކާނެ. މަންމަ އެލާޖިކް ވާނެ ފަރުމަހަށް. އެކަމަކު އެ ވެސް އެތަން މިތަނުން ހޯދައިގެން ގެނެސް ކާނެ. ދެން އަހަރެމެންނާ ވާހަކަ ވެސް ނުދައްކާ. ގިނަ ވަގުތު އޮންނަނީ ނިދާފައި. އެކި ޑޮކްޓަރުންނަށް ދެއްކިއްޖެ. ބައެއް މީހުން ބުނަނީ ނަފުސާނީ ކަމެކޭ،" ގޮތް ހުސްވެފައި އިން އިގްބާލް ކިޔައިދިނެވެ.

"ވަރަށް ގިނަ މީހުން ބުނެގެން ގިނަ ކަންކަން ކުރެވިއްޖެ. ދިވެހި ބޭސް ކުރެވިއްޖެ. ޑޮކްޓަރީ ފަރުވާ ވެސް ދެވިއްޖެ. އެކަމަކު އެއްވެސް ކަމެއް ބަދަލެއް ނުވި. ހައްލެއް ނުލިބުނު. ދުވަހެއް ދުވަހަކަށް ހީވަނީ ގޯސް ވާހެން. އެއް ދުވަހަކު އައި މީހަކު ބުނީ ސިހުރެއް ހަދާފައޭ. އެކަމަކު އޭނައަކަށް ވެސް ހެދީ ކާކު ކަމެއް، އަދި މި ކަމުގެ ހައްލެއް ވެސް ނޭނގުނު. ފަހުން އަހަރެންނަށް އެނގުނީ މި ކަމުގެ ބޮޑުކަމުން އޭނަ މި ކަމުގެ ތެރެއަށް ނުވަންނަން ވެގެން ދިޔައީ ކަން." އިގްބާލް ފުންނޭވައެއް ބޭރު ކޮށްލިއެވެ.

"އަހަރެން ހިތަށް އަރާ ކާކު ބާވައޭ މަންމައަށް މި ކަހަލަ ކަމެއް ކުރާނީ؟ މަންމައަކީ ދުވަހަކު ވެސް މީހަކަށް ދެރައެއް ދިން މީހެއް ނޫން. އެހާ ބަސް މަދު ވާނެ. މީހުންނަށް އެހީތެރިވެދީ އެންމެންނާ ވެސް ވަރަށް ގުޅިގެން އުޅޭ މީހެއް."

"މީހަކު ހުންނަ ގޮތަކުން މީހެއްގެ މަގުސަދެއް ނޭނގޭނެ. ތި ސިހުރެއް ހަދާފައި ހުރެދާނެ އާންމުކޮށް ގެއަށް ވަދެ އުޅޭ މީހެއް ވެސް. ނުވަތަ ގާތް ތިމާގެ މީހެއް ވެސް. ކުރިމަތީ ހުންނަ މީހާ ކިތަންމެ ހެވިފައި ހުއްޓަސް އޭނަގެ ހިތުގައި އަނދަމުން ދަނީ ނަފުރަތުގެ އަލިފާން ކަމެއް ކާކަށް ބުނެދޭން އެނގޭނީ. އެނގޭ އެއްޗަކީ ދުރު މީހަކު ތި ކަހަލަ ކަމެއް ނުކުރާނެ ކަން. އެ މީހަކަށް ތި ކަމުން ކޮން ފައިދާއެއް ވާނީ؟" އަހަރެންނަށް ވިސްނޭ ގޮތް ބުނީމެވެ. އިގްބާލު ބޯ ޖަހައިލިއެވެ.

"އެކަމަކު ފުރަތަމަ ތިއީ ސިހުރެއްތޯ ޔަގީން ކޮށްލަން އަހަރެން ބޭނުން. ހަމަ މީހަކު ބުނާ އެއްޗަކަށް އިތުބާރުކޮށްގެން ކަންކަން ކުރިއަކަށް ނުގެންދެވޭނެ. ހިނގާބަލަ ކޮޓަރިއަށް. އެކަމަކު އަދި އިތުރު ފިރިހެނަކު ބޭނުންވޭ އަހަރެން ބުނާ އާޔަތްތަކެއް ކިޔަވާލަން."

އިގްބާލްގެ މަންމައަށް ކިޔަނީ ފަޒްނާއެވެ. އަހަރެން މުހާތަބު ކުރީ ދައްތައޭ ކިޔާފައެވެ. ސަލާމް ގޮވާލާފައި އަހަރެންގެ މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ. ފަޒްނާގެ ހަށިގަނޑު ނިވާ ކުރީ ހުދު ފޮތިގަނޑަކުންނެވެ. ތަނުގައި ތިބީ ފަޒްނާގެ ހަތަރު ދަރިންނާއި އަހަރެންނެވެ. އެއީ ދެ ފިރިހެން ދަރިންނާއި ދެ އަންހެން ކުދިންނެވެ. ކިޔަވަންވީ ސޫރަތްތައް އިގްބާލް އާއި އޭނަގެ ކޮއްކޮ އަޝްފާގަށް ދެއްކީމެވެ. އަދި އަހަރެން ކިޔަވަމުން ގޮސް ވަކި އިޝާރާތެއް ކުރުމުން އެ ދެ މީހުން ކިޔަވަން ފެށުމަށް ބުނީމެވެ.

ގުރުއާންގެ އަޑު މެދު ނުކެނޑޭހެން މަޑުމަޑުން ކިޔަވަމުން ދިޔައީމެވެ. ފަޒްނާ އޮތީ ދެ ލޯ މަރައިގެންނެވެ. ބަލާ ބެލުމަށް އެ އޮތީ ގަދަކަމުން ލޯ މަރައިގެންނެވެ. އެކި ދިމަދިމާލަށް ބަލާކަން އެނގެނީ ކަޅި ހިންގާ ތަން ފެންނާތީއެވެ. ހާސްކަން އިތުރުވާ ކަމުގެ އަސަރުތައް ވެސް މޫނުމަތިން ފެނެއެވެ.

"ދައްތާ! މީހަކު ނުވަތަ ބަޔަކު ފެނޭތަ؟" ކިޔެވުން ހުއްޓާފައި އަހަރެން ސުވާލު ކުރީމެވެ. ފަޒްނާ ޖަވާބެއް ނުދިނެވެ. އަނެއްކާވެސް ސުވާލު ތަކުރާރު ކުރީމެވެ. މި ފަހަރު ނިތް އަރުވާލިތަން ފެނުނެވެ.

"އަހާބަލަ ތިއީ ކޮން ބައެއް ހޭ؟" އަނެއްކާވެސް އަހަރެން ބުނީމެވެ. އެހެނަސް އެއްވެސް އިޝާރާތެއް ނުވިއެވެ. އަނެއްކާވެސް ތަކުރާރު ކޮށް އެހީމެވެ. ނަމަވެސް މި ފަހަރު ވެސް ވީ އެހެންނެވެ.

އެކި ސުވާލު ކުރުމުން ވެސް ޖަވާބެއް ނައެވެ. އެންމެ ފަހުން އަހަރެން ކިޔަވަން ފެށީމެވެ. ގަޑިއެއްހާ އިރު ކިޔެވި ފަހުން ވެސް އެއްވެސް ކަމެއް ނުވުމުން ކިޔެވުން ހުއްޓާލީމެވެ. ފަޒްނާއަށް އަހަރެން ގޮވާލީމެވެ. ނަމަވެސް ޖަވާބެއް ނައެވެ. އިގްބާލް ބުނި ގޮތުގައި މަންމަ އެ އޮތީ ނިދާފައެވެ. އެކަމަކު އަހަރެންނަށް ފެންނަނީ އެހެން މަންޒަރެކެވެ. އެ ވާހަކަ ބުނަން އަހަރެން ބޭނުންވީ އެހެން މާހައުލަކަށް ދާށެވެ.

"ހިނގާބަލަ ކެއުމަކަށް. ވަރަށް ބަނޑުހައިވެއްޖެ،" ގެއިން ނުކުންނަމުން އަހަރެން ބުނީމެވެ.

"އެބަ އަންނަން ފާހާނާއަށް ވަދެލާފައި،" އިގްބާލް ބުންޏެވެ.

ދެ މީހުން ގޮސް ވަނީ ރެސްޓޯރެންޓްގެ މަތީ ބަޔަށެވެ. ހަމަހިމޭން އެތަނުގައި ތިބީ ވަރަށް މަދު މީހެކެވެ. އިގްބާލް އިނީ އަހަރެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އަހަރެން އިނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ،" އެންމެ ފަހުން އިގްބާލް ބުންޏެވެ.

"ބުނާނެ އެއްޗެއް ނޭނގިފައި މި އިނީ،" އަހަރެން ބުނީމެވެ.

"މިއީ ކޮން ކަހަލަ ކަމެއް ކަން އެނގިއްޖެ އެއްނު؟ ސިހުރެއްކަން ޔަގީން ވެއްޖެތަ؟" އިގްބާލް އެހިއެވެ. އަހަރެން ބޯ ޖަހައިލީމެވެ.

"މިއީ އާދައިގެ ކަމެއް ނޫން. ވަރަށް ބޮޑަށް މަންމައަށް އެކަމުން އަސަރު ކޮށްފައި ހުރީ. ބޮޑަށް ހީވަނީ އެއްޗެއް ކާން ދީފައިހެން." ލަފާކޮށްލާފައި އަހަރެން އެހެން ބުނީ ކޮންމެވެސް ވަރެއްގެ ޔަގީން ކަމެއް ހިތުގައި އޮތީމައެވެ.

"މިރޭ އެކަން ވެސް ކަށަވަރު ވެއްޖެތަ؟" އިގްބާލް އެހިއެވެ.

"ކީކޭ އަހަރެން މި ބުނީ؟ ހީވަނީއޭ. ޔަގީން ކުރަން ޖެހޭނީ އަދި ބަލާލަން. އެކަމަކު ސިހުރެއްކަން އަހަރެންނަށް ޔަގީން ވެއްޖެ. އެކަމަކު ކޮށްފައި ހުރި ކަންތައް ކުޑައެއް ނޫން. އިގްބާލްގެ ހިތްވަރެއް ހުރިއްޔާ ﷲގެ އިރާދަފުޅާ އެކު މަންމަ ރަނގަޅުކޮށްދޭނަން،" ހިނިތުންވެލަމުން ބުނީމެވެ.

"އެކަމަކު މަންމަގެ ގާތުގައި އެ މީހުން އަބަދުވެސް ތިބޭ. ކޮންމެ ވަގުތަކު ވެސް އުޅެނީ ކައިރީގައި. ނިދާފައި އޮންނަ އިރު ވެސް ހޭލާ އުޅޭ އިރު ވެސް. ބުނީމެއްނު މަންމަ ގިނަ ވަގުތު އޮންނަނީ ނިދާފައޭ؟ އަސްލު މަންމަ އެ އޮންނަނީ ގިނަ ވަގުތު ނިދާފައެއް ނޫނޭ. މަންމަ ގާތުގައި ތިބޭ މީހުންނާ ވާހަކަ ދައްކަން އެ އޮންނަނީ،" ހިތްވަރުކޮށްފައި އަހަރެން ބުނީމެވެ. އިގްބާލްގެ މޫނަށް ވެރިވި ނުތަނަވަސްކަން ފެނުނެވެ.

"އެ މީހުން ތި ބުނަނީ، ޖިންނިންތަ؟" ތުރުތުރުއަޅާ އަޑަކުން އިގްބާލް އެހިއެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް