ޓޫރިޒަމް ތަރައްގީކުރަން އެމްޓީޑީސީ އަށް ދޫކޮށްފައިވާ ނާގޯށިގެ އޭރިއަލް ފޮޓޯއެއް
ޓޫރިޒަމް ތަރައްގީކުރުމަށް އެސްއޯއީތަކަށް ދޫކުރާ ރަށް ސަބްލީޒް ނުކުރެވޭނެ
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ދޫކުރާ ރަށް އެހެން ކުންފުންޏަކަށް ސަބް ލީޒް ނުވަތަ ކުއްޔަށް ނުދެވޭނެ ކަމަށް އެ އިސްލާހާ ގުޅިގެން އެކުލަވާލި ގަވައިދުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީއިން މިއަދު ވަނީ މިދިޔަ ޑިސެމްބަރު މަހު އެ ގާނޫނަށް ގެނައި އިސްލާހާ އެކު، އަމަލު ކުރާނެ ގަވައިދު އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ގަވައިދުގައި އެސްއޯއީތަކަށް ރިސޯޓާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން:
-
އެސްއޯއީތަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ވެވޭ އެގްރިމެންޓް ނުވަތަ އެ އެގްރިމެންޓްގެ ދަށުން ލިބޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް، ކުއްޔަށްދީ ނުވަތަ ސަބްލީޒްކޮށްގެން ނުވާނެ
-
ގަވައިދުގެ ދަށުން ދޫކުރާ ރަށުގެ، ބިމުގެ ނުވަތަ ފަޅުގައި ތަރައްގީކޮށް ހިންގާ ރިސޯޓު ނުވަތަ އިންޓަގްރޭޓޭޑް ރިސޯޓުގެ މެނޭޖުމެންޓް، ޓޫރިސްޓް ރިޒޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ތިންވަނަ ފަރާތަކާ ހަވާލު ކުރެވިދާނެ
-
އެސްއޯއީއަކަށް ދޫކޮށްފައިވާ ރަށުގެ، ބިމުގެ ނުވަތަ ފަޅުގެ ކުލީގެ އެގްރިމެންޓުގެ މުއްދަތުގައި، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާ %45 އަށް ވުރެ ދަށް ވާނެ ގޮތަކަށް ސަރުކާރުގެ ހިއްސާއަށް ބަދަލެއް ނުގެނެވޭނެ
ޓޫރިޒަމާ ބެހޭ ގަވައިދުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ރިސޯޓު ތަރައްގީ ކުރަން ރަށް، ފަޅު ނުވަތަ ބިން ދެވޭނީ ކުންފުންޏެއްގައި މަދުވެގެން ސަރުކާރުގެ %45 ހިއްްސާ އޮންނަ ނަމަ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސޯސުގައިވާ ތަނެއް މި ގަވައިދުގެ ދަށުން ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރާ ނަމަ، އެ ތަނެއްގައި ތަރައްގީކުރެވޭނީ ގެސްޓްހައުސް ނުވަތަ ހޮޓާތައް ކަމަށް ގަވައިދުގައި ބުނެ އެވެ. އަދި އެފަދަ ހާލަތެއްގައި އެ ރަށް، ބިން ނުވަތަ ފަޅު ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނެ ޝަތުރުތައް:
-
އެސްއޯއީއަކަށް މިގޮތަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން އަދި އެފަދައިން ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއްގެ ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ
-
ދައުލަތުގެ ކުންފުންޏަކަށް އެ ތަނެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން
-
ދޫކުރާ ތަނަށް ދަކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެ
-
އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއުއަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެ
-
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމުމަށް ދޭ މުއްދަތު ޝަރުތުތަކާ އެކު އިތުރު ހަ މަސްދުވަހަށް އިތުރުކުރެވިދާނެ
-
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަން ޖެހޭ ކުއްޔާއި ބަންދުކުރުމާ ހަމައަށް ދައްކަން ޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިދީފައިވޭ
-
ހުއްދަ ހޯދައިގެން ފޯރުކޮށްދޭން ޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފި ނަމަ، އެ ފަރާތެއް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
ކޮމެންޓް (1)
ސިކުނޑި