ރައީސް މުހައްމަދު މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި: (ފޮޓޯ/ރައީސް އޮފިސް)

ޓޫރިޒަމް

ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީ ކުރުމަށް ރަށާއި ބިން ދެވޭ ގޮތް ހަދައިފި

ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފި ނަމަ، އެ ފަރާތެއް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައިވޭ

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ)ތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ކުރެވޭ ގޮތް މަގުފަހިކުރުމަށްޓަކައި، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތް ހަދައިފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން މިދިޔަ މަހު އެވެ. މިދިޔަ ބުދަ ދުވަހު މަޖިލީހުން އެ ބިލު ވަނީ ފާސްކޮށްފަ އެވެ.

މި ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމާ އެކު ވަނީ އަމަލުކުރަން ފަށާފަ އެވެ.

ތަފްސީލު - ޓޫރިޒަމް ގާނޫނު މީގެ ކުރިން އޮންނަ ގޮތުން، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ، އާންމުކޮށް އިއުލާންކޮށްގެންނާއި ހިންގުމަށް ބޭނުންވާ މަޝްރޫއޫއެއްގެ ތަފްސީލާ އެކު، އެ ތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި މިފަދަ ތަންތަން ކުއްޔަށް ދެވެނީ، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ މީހަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ބަޔަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގަ އެވެ.

މި މާއްދާއަށް އަކުރެއް އިތުރުކޮށް މިއަދު އަމަލުކުރަން ފެށި އާ އިސްލާހުގައިވާ ގޮތުން ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކަނޑައެޅޭ ވަކި ޝަރުތުތަކާ އެކު ދޫކުރެވިދާނެ އެވެ. އެގޮތުން:

  • އެސްއޯއީއަކަށް މިގޮތަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން އަދި އެފަދައިން ދޫކުރާނެ ރަށް، ބިން ނުވަތަ ފަޅު އަދި އެތަނެއްގެ ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ވަޒީރުންގެ މަޖިލީހުން ފާސް ކުރަން ޖެހޭނެ

  • ދައުލަތުގެ ކުންފުންޏަކަށް އެ ތަނެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން

  • ދޫކުރާ ތަނަށް ދަކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެ

  • އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި، މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއޫއަކަށް ހަރަދުކުރުމަށް ޝަރުރު ކުރެވިދާނެ

  • ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީށް ނިންމުމަށް ދެވިފައިވާ މުއްދަތު ޝަރުތުތަކާއެކު އިތުރު 6 މަސްދުވަހަށް އިތުރުކުރެވިދާނެ ކަމަށް ހިމަނާފައިވޭ

  • ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިދީފައިވޭ

  • ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފި ނަމަ، އެ ފަރާތެއް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

މި އިސްލާހާ އެކު، ޔޮޓް ބަނދަރު ހިންގުމަށް ވެސް ރަށްރަށާއި ފަޅު ބިން ދައުލަތުގެ ކުންފުނިތަކަށް ދެވޭނެ އެވެ.

ދައުލަތުގެ ކުންފުނި ކަމަށް މާނަ ކުރަނީ އެ ކުންފުންޏެއްގައި މަދުވެގެން ސަރުކާރުގެ %45 ހިއްްސާ އޮންނަ ކުންފުނިތަކަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް