ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްއަށް ފިޗުގެ ރޭޓިން؛ ދައްކައިދެނީ ރާއްޖެ އާއި ބޭންކުގެ ވަރުގަދަކަން
ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން މަތިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފިޗުން ކްރެޑިޓް ރޭޓިންއެއް ދީފި އެވެ.
ވީ ކިހިނެއް؟ - ފިޗުން ވަނީ:
-
ބީއެމްއެލްގެ ލޯންގް-ޓާމް އިޝުއަ ޑިފޯލްޓް ރޭޓިންއަށް 'ސީސީސީ-' ދީފައި
-
ބޭންކުގެ ކުރިމަގު 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ކަނޑައަޅާފައިވޭ
-
ބޭންކުގެ މާލީ ވަރުގަދަކަމަށް ރިއާޔަތްކޮށް، ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރްގެ ގޮތުގައި 'ސީސީސީ+' ފިޗުން ވަނީ ދީފައި؛ މިއީ ރާއްޖޭގެ ސޮވްރިން ރޭޓިންއަށް ވުރެ ދެ ދަރަޖަ މަތީ ރޭޓިންއެއް
ތަފްސީލް - ބީއެމްއެލްއަށް މި ރޭޓިން ދީފައިވަނީ ރާއްޖޭގެ ސޮވްރިން ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ. ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމާއި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.
ދައުލަތުގެ ރޭޓިން މަތިވުމާއި ބީއެމްއެލްއަށް މި ރޭޓިން ލިބުމަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ރާއްޖޭގެ އިގުތިސާދީ މިސްރާބާ މެދު ބައިނަލްއަގުވާމީ ފަރާތްތަކުން ދެކޭ ގޮތް ރަނގަޅުވަމުން އަންނަކަމުގެ ހެއްކެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން ގައުމީ ތަރައްގީގައި ބީއެމްއެލް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެވޭ ކަމެކެވެ.
ފިޗުގެ އެސެސްމަންޓްގައި ބީއެމްއެލްއަކީ ރާއްޖޭގެ ބޭންކިން ދާއިރާގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްދޭ، މާކެޓްގައި ވަރުގަދަ މަގާމެއް އޮތް ބޭންކެއްކަން ފާހަގަކޮށްފައިވެ އެވެ. އަދި މާކެޓްގައި އޮތް އިސް މަގާމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށް މަގުފަހިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ބީއެމްއެލްގެ ވަރުގަދަ ކެޕިޓަލް ބޭސްއަކީ ބޭންކުގެ އެތެރެއިން އުފައްދާ އާމްދަނީ އާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް އަދި ޑިވިޑެންޑް ޕޮލިސީގެ ނަތީޖާކަން ފިޗުން ފާހަގަކުރި އެވެ. މި ސަބަބުތަކާ ހުރެ، ކަސްޓަމަރުންގެ މާލީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ވެސް، ބޭންކުގެ ކެޕިޓަލް ރަނގަޅު މިންވަރެއްގައި ހިފަހައްޓާފައިވެ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗުން ދިން ރޭޓިން އިން ހާމަވަނީ އެ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި މާކެޓުގައި އެ ބޭންކުގެ ލީޑަޝިޕް އަދި ހަރުދަނާ މާލީ ނަތީޖާއެއް ނެރެމުން އަންނަ ކަމެވެ.
"މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް. ހާއްސަކޮށް، ކުޑަ ޖަޒީރާ ގައުމެއްގައި އިގްތިސާދީ ގޮންޖެހުންތަކާ އެކު ވެސް އަޅުގަނޑުމެން ދަމަހައްޓަމުން އަންނަ ސާބިތުކަން މިއިން ދޭހަކޮށްދޭ،" އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، އަޅުގަނޑުމެން ދެމިތިބޭނީ ކަސްޓަމަރުންނަށް އެހީތެރިވެ، ގައުމީ އިގްތިސާދީ ތަރައްގީއަށް އެއްބާރުލުންދީ، މާލީ ގޮތުން އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމުގައި."
ކޮމެންޓް