ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. (ފޮޓޯ/ރައީސް އޮފީސް)

ބަޖެޓް 2025

މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު: ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރަކީ މިދިޔަ 5 އަހަރުގެ ތެރޭގައި، އިތުރު ބަޖެޓަކާ ނުލައި ފާސްކުރި ބަޖެޓުގެ ތެރެއިން ހަރަދުތައް ބެލެހެއްޓި ހަމައެކަނި އަހަރު؛ އަދި އެއީ މިދިޔަ 6 އަހަރުގެ ތެރޭގައި ބަޖެޓުގެ ޑެފިސިޓް އެންމެ ކުޑަވި އަހަރު
2 ޖޫން 2026
2

މިދިޔަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ ބަޔާން މިއަދު ނެރެފަ އެވެ.

ތަފްސީލް - އެ ބަޔާނުގައިވާ ގޮތުން:

  • 2024ގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިދިޔަ އަހަރު 4.8 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވޭ

  • މިއީ %13.6ގެ ކުރިއެރުމެއް

މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އަންދާޒާކުރި މިންވަރަށް ވުރެ ވެސް އިތުރުވެފަ އެވެ. އެގޮތުން:

  • 31 އޮކްޓޯބަރު 2024ގައި އެ މިނިސްޓްރީން ހުށަހެޅި ބަޖެޓު އަންދާޒާތަކުގައިވާ ގޮތުން، މިދިޔަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 39.8 ބިލިއަން ރުފިޔާ 

  • ނަމަވެސް އަހަރު ނިމުނުއިރު ލިބުނު އާމްދަނީ ވަނީ އަންދާޒާކުރި މިންވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރުވެފައި

ބަޔާނުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުމާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ. ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ މަދުވި ނަމަވެސް، އެހެން ދާއިރާތަކުން ލިބުނު އިތުރު އާމްދަނީއާ އެކު ޖުމްލަ އާމްދަނީ ވަނީ ބަޖެޓުގެ އަމާޒަށް ވާސިލުވެފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން ހުރީ ބަޖެޓުގައި ލަފާކުރި މިންގަނޑުތަކާ ދާދި އެއްވަރެއްގަ އެވެ. ބަޖެޓުގައި އަންދާޒާކުރީ:

  • 2.248 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް؛ އަހަރު ނިމުނުއިރު ޒިޔާރަތްކުރީ 2.246 ފަތުރުވެރިން

  • މިއީ އަންދާޒާއަށް ވުރެ 1,604 ފަތުރުވެރިން މަދު އަދަދެއް ނަމަވެސް، 2024 ވަނަ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެއް 

  • މިއާ އެކު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ނުވަތަ ބެޑް ނައިޓްސް ވަނީ އަންދާޒާކުރި 14.15 މިލިއަނަށް ވުރެ އިތުރުވެ، 14.21 މިލިއަނަށް އަރާފައި

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމާ ގުޅިގެން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. އަދި އާންމު ޖީއެސްޓީ އާމްދަނީ ވެސް ހުރީ ބަޖެޓުގެ އަމާޒުތަކާ އެއްވަރެއްގަ އެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، ރިސޯޓު ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން، ވޯކް ޕާމިޓް ފީގެ ގޮތުގައި 793.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ބަޖެޓުގެ ޑެފިސިޓް ވަނީ އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފަ އެވެ. އެގޮތުން:

  • ބަޖެޓުގައި ލަފާކުރީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް؛ އަހަރު ނިމުނުއިރު ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގައި 

  • މިއީ އަންދާޒާކުރި ވަރަށްވުރެ 5 ބިލިއަން ރުފިޔާ މަދު އަދަދެއް 

  • މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި ބަޖެޓުގެ ޑެފިސިޓް އެންމެ ކުޑަވި އަހަރު 

  • ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ން ބަލާއިރު، 2023ގައި %10.5 އަދި 2024ގައި %9.9ގައި ހުރި ޑެފިސިޓް، މިދިޔަ އަހަރު ވަނީ %3.6އަށް ދަށްވެފައި

މީގެ އިތުރުން، މިދިޔަ އަހަރު ސަޕްލިމެންޓަރީ ބަޖެޓަކާ ނުލާ އަހަރު ނިންމާލާފައިވެ އެވެ. މިދިޔަ އަހަރަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، އިތުރު ބަޖެޓަކާ ނުލައި ފާސްކުރި ބަޖެޓުގެ ތެރެއިން ހަރަދުތައް ބެލެހެއްޓި ހަމައެކަނި އަހަރެވެ.

މިދިޔަ އަހަރުގެ ޖުމްލަ ހަރަދު ހުރީ 44.2 ބިލިއަން ރުފިޔާގަ އެވެ. މިއީ ބަޖެޓުގައި ލަފާކުރި 49.2 ބިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެކެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން %129.8 އެވެ. ދަރަނި އަދާކުރުމަށް މިދިޔަ އަހަރު 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި:

  • އަނބުރާ ދެއްކި ޕްރިންސިޕަލް ފައިސާގެ 5.3 ބިލިއަން ރުފިޔާ 

  • އިންޓްރެސްޓުގެ ގޮތުގައި ދެއްކި 4.8 ބިލިއަން ރުފިޔާ

އެނގުން މުހިންމު - މި އަހަރު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ދައްކާފަ އެވެ.

ކޮމެންޓް (2)

ކޮސް

2 ޖޫން 2026
ކަމަކަށްވާކަހަލަ ކަމެއްނުކޮށް ހުސްކުރިބައި ގެ ތަފުޞީލު ދޭކަށް ނުކެރޭނެ. މިކަންވެސް މިއޮޅުވާލީ...
2 0

ކޮމޮޑަސް

2 ޖޫން 2026
އިގްތިސޯދުކުރުމުގެ ތެރެއިން ހަރަދުކުޑަކުރުމުގެ މާނައަކީ އިސްރާފު މަދުކުރުމެވެ. މިދިޔަ އަހަރު ހަރަދު ކުޑަކުރީ ކެޕިޓަލް ބަޖެޓު ތަންފީޒުނުކޮށް ހުރިހާ ޕްރޮޖެކްޓްތަކެއް ބޮލާލައި ޖައްސަވާފައެވެ. ކޮންޓްރެކްޓަރުންނަށް ފައިސާނުދީ މުޅި އަހަރު އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ، ޕްރައިވެޓް ސެކްޓަރ އިންދަޖައްސާލާފައެވެ. އަހަރު ނިމެން މަހަކަށް ވީމާ ބޭއިންސާފުން ޕްރޮޖެކްޓްތައް ސިންގަލް ސޯސްކޮށްލެއްވީއެވެ. ސަބްސިޑީ ބަޖެޓާއި ލޯން ރީޕެމަންޓް ބަޖެޓު އޮތީ ފަހަނައަޅައި ގޮސްފައިއެވެ. އައު އާމުދަނީގެ ސިޔާސަތުގައި ޖެހި އެންމެ ބޮޑު އަދަދު ހާސިލެއްނުވިއެވެ. މުސާރަ ހަރަދު އިންތިހާއަށް މައްޗަށް ދިޔައީ ސިޔާސީ މަގާމުތަކަށް މުސާރަ ދޭން ހަދައިގެންނެވެ. އެހެނީ، އައު މުސާރައިގެ ފްރެމްވޯކް ތަންފީޒުކުރީވެސް އަހަރު ނިމެން މަހަކަށްވީމައެވެ. ތިޔަ ވިދާޅުވާ ރެކޯޑު އާމުދަނީގެ ބޮޑު ބަޔަކީ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ގެ ރޭޓުތަކަށް ގެނައި ބަދަލާއި އެކު އިތުރުވި އެއްޗެއް ނޫންތޯއެވެ؟ ވެރިކަމަށް އަންނަންވެގެން ވިދާޅުވީ އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނަމޭ ނޫންތޯއެވެ؟ ހަމައެކަނި ބޮޑުކުރާނީ ޓެކްސް ބޭސް ކަމަށް ވިދާޅުވީމު ނޫންތޯއެވެ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް