ރައީސް އޮފީހުގައި ބޭއްވި ޕްރެސްއެއްގައި މިނިސްޓަރު ސައީދު (ފޮޓޯ/ރައީސް އޮފީސް)

އިގްތިސާދު

ޑޮލަރު ވިއްކުން އިތުރުވުމުން ދޭހަވަނީ ވިޔަފާރި ރަނގަޅުކަން: ސައީދު

ސައީދު ވިދާޅުވީ ބީއެމްއެލް އިން ވިޔަފާރިތަކަށް ޑޮލަރު ވިއްކި މުއާމަލާތްތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެ އިތުރުވުން އަންނާނީ ވިޔަފާރި ވެސް އިތުރުވާތީ ކަމަށް

ބޭންކުން ވިޔަފާރިތަކަށް ވިއްކި ޑޮލަރުގެ އަދަދު އިތުވެފައިވާ ކަމަށާއި އެއިން ދޭހަވަނީ ވިޔަފާރި ރަނގަޅުކަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާތީ، އެކަމާ ގުލިގެން ކުދި ވިޔަފާރިތަކަށް ސަރުކާރުން ހޯދައިދޭ ލުއިތަކަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވަނީ ބީއެމްއެލް އިން އާންމުކޮށްފައިވާ ޑޮލަރާއި ޓީޓީ ވިއްކި އަދަދުގެ ތަފާސްހިސާބުތައް ހިއްސާ ކުރައްވައިފަ އެވެ.

ތަފްސީލް - ސައީދު ވިދާޅުވީ ބޭންކުން ވިޔަފާރިތަކަށް ޑޮލަރު ވިއްކި މުއާމަލާތްތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި އެ އިތުރުވުން އަންނާނީ ވިޔަފާރި ވެސް އިތުރުވާތީ ކަމަށެވެ.

"ސޭމް ޖާނަލިސްޓު ބައެއް ފަހަރު އެބަ އައްސަވާ ވިޔަފާރި ދަށަށް ދާ ވާހަކަ ވެސް،" އޭނާ ވިދާޅުވި އެވެ.

"އޭގެ މާނައަކީ ވިޔަފާރިތައް ކުރިއަރަނީ. ޑޮލަރު ބޭނުންވާ ނިސްބަތް އިތުރުވަނީ. ޑޮލަރުގެ މުއާމަލާތްތައް އިތުރުވަނީ. ދެން ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވަންޏާ، އިތުރު ޑޮލަރު ބޭނުން ވަންޏާ އެއީ ނެޗުރަލް ކަމެއް. އެ ބޭފުޅުންނަށް އިތުރު ޑޮލަރު ހޯދައިދޭން ޖެހޭނީ."

ގުޅުން ހުރި - ބީއެމްއެލް އިން މިދިޔަ ހަފްތާގައި އާންމުކުރި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް މި އަހަރު ތެރޭ 296 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ. މިދިޔަ އަހަރު ތެރޭ ޖުމްލަ ވިއްކީ 566 މިލިއަން ޑޮލަރެވެ. އެގޮތުން:

  • މި އަހަރުގެ ތެރޭ އޭޕްރީލްގެ ނިޔަލަށް މަހަކު އެވްރެޖުކޮށް 74 މިލިއަން ޑޮލަރު ވިއްކި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 47 މިލިއަން ޑޮލަރުގައި

މީގެ އިތުރުން ޑެބިޓް/ކްރެޑިޓް ކާޑުތަކަށް މިދިޔަ މަހުގެ ނިޔަލަށް 160 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މިދިޔަ އަހަރު ވިއްކީ 390 މިލިއަން ޑޮލަރު ކަމަށް ބީއެމްއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • މި އަހަރު ތެރޭ އެވްރެޖުކޮށް މަހަކު 40 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށް ވިއްކި؛ މިދިޔަ އަހަރު އެ އަދަދު ހުރީ 33 މިލިއަން ޑޮލަރުގައި

މިދިޔަ މަހުގެ ނިޔަލަށް ޓީޓީއަށް 136 މިލިއަން ޑޮލަރު ވިއްކި ކަމަށާއި މަހެއްގެ މައްޗަށް އެވްރެޖުކޮށް 34 މިލިއަން ޑޮލަރު ޓީޓީއަށް ވިއްކި ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މިދިޔަ އަހަރު ޓީޓީއަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކިއިރު، އެއީ އެވްރެޖުކޮށް މަހަކު 15 މިލިއަން ޑޮލަރު ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ފާހަގަ ކުރެވޭ - ބޭންކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއަށް ވުރެ ބޭންކުން ވިއްކާ ބޭރު ފައިސާ އިތުރުވުމުގެ ސަބަބުން ބީއެމްއެލް އިން ވަނީ ދިވެހި ރުފިޔާގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތައް ދުވާލަކު ވަކި ބަޖެޓަކަށް ލިމިޓުކޮށްފަ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށް މަހަކު އީ-ކޮމާސް މުއާމަލާތްތަކަށް ކުރެވޭނެ އަދަދު ވެސް 30އަށް ވަނީ ލިމިޓުކޮށްފަ އެވެ.

ކޮމެންޓް (7)

ކޮރިލެޝަންް

8 މޭ 2026
މިއީ އެޑަމް ސްމިތް ކަހަލަ މީހުނަށްވެސް ދޫނުކުރާނެވަރުގެ މީހެކެވެ. ވިސްނުމުގައި ކިތަންމެ ކޮށްޓަސް، އިގްތިސޯދީ ބޮޑެތި ނަޒަރިއްޔާތުތައް އެ އުފައްދާލަނީ އަމިއްލަ ހިޔާލާތާއި ވިސްނުމުގެ ތެރެއިންނެވެ. އަދާހަމައަށް މުޅި ދުނިޔެއިން ބަލައިގެންގެންފައިވާ ހަމަތަކަށް އެއްވެސްވަރަކަށް ރިއާޔަތްކުރުމެއްނެތެވެ. މިއީ މުއިއްޒުކަހަލަ ރޯނުއެދުރެކެވެ. ކޮންމެ ގުޅުމަކީ ސަބަބެއް ނޫންކަން ނުދަންނަ މުރައްކަބުޖާހިލެކެވެ. ތަފާތަކީ ނަމުގެ ކުރިއަށް “ޑރ.” ނާންނަކަމެވެ.
0 0

ފިނިފެންމާ ސުކޫލް އޮފް އިކޮނޮމިކްސް

7 މޭ 2026
އޭގެން އެގެނީ ސިސްޓްމަ އެބިއުސް ކުރަން ވަކި ބަޔަކަށް އެނގޭކަން
1 0

ކޮމޮޑަސް

7 މޭ 2026
މިނާއަކީ ރިޒޯޓް ބޯއިއެއްކަން އަހަރުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ރިޒޯޓްގައިވެސް މީނާ އަކީ އެފްއެންބީ (ކެއިމާއިބުއިމުގެ) ކަންކަމާއި ގުޅުންހުރި މީހެކެވެ. އެހެންވީމާ، އިގްތިސޯދާ އަދި މާލީކަންކަމާއި ގުޅޭގޮތުން މާ ބޮޑު އިލްމެއްހިލްމެއް ނުހުންނާނެއެވެ. އަހަރުން އަހަރަށް ވިޔަފާރި ކުރިއަރާ ބައިވަރު ގޮތްތައް ހުރެއެވެ. އެކަމަކު، ކުރުރާސްތާގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެގޮތެކެވެ. އެއީ އާމުދަނީ ބޮޑުވެގެން ނުވަތަ ހަރަދުކުޑަވެގެން ލިބޭ ފައިދާއަށް އިތުރުވާ އިތުރުވުމާއި އަދި ހިއްސާގެ އަގަށް އަންނަ ބަދަލެވެ. އަގުބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމަކީ އިންތިހާއަށް ހަރަދުބޮޑު ކަމެކެވެ. އެ ހަރަދުތައް އެހިސާބުން ވިއްކާ ތަކެތީގެ އަގަށްވެސް އަރާނެއެވެ. އެހެންވީމާ، ވިޔާފާރި ކުރިއަރާ މިންވަރާ އަދި ޑޮލަރަ ގަންނަ މިންވަރު އެއްހަމަޔަކުން އަޅާކިޔާނަމަ ވަރަށް ވިސްނަންވާނެއެވެ. ދެން މުސާރަޝީޓަށް އާމުދަނީ އަދި ހަރަދުލާ މީހަކަށް މިކަންކަން ނޭނގިދާނެއެވެ.
2 0

ތެފައާސާ.

7 މޭ 2026
ޑޮލަރު ތިޔާގި ވީވަރުންކަންވެސް ނޭގެ މިއަދު ނޮޓިފިކޭޝަން އެބަ އާދޭ ނެޓްފްލިކްސް، ޗެޓްޖީޕީޓީ، ގުރުއާންލީ ކަހަލަ މަންތްލީ ސަބްސްކްރިޕްޝަން ނަގާފައި ހުންނަ އެއްޗެހީގެ ޓްރާންސެކްޝަން ޑިކްލައިން ވެގެން. ސަބަބަކަށް އޮންނަނީ ޑެއިލީ ބަޖެޓް އެލޮކޭޓެޑް ފޯރ އެމްވީއާރު ކާރޑު ޓްރާންސެކްޝަން މިއަދަށް ހަމަ ވެފަޔޯ!!
4 0

ގަފެޓު

7 މޭ 2026
"ސޭމް ޖާނަލިސްޓު ބައެއް ފަހަރު އެބަ އައްސަވާ ވިޔަފާރި ދަށަށް ދާ ވާހަކަ ވެސް،" އޭނާ ވިދާޅުވި އެވެ. "އޭގެ މާނައަކީ ވިޔަފާރިތައް ކުރިއަރަނީ. ޑޮލަރު ބޭނުންވާ ނިސްބަތް އިތުރުވަނީ. ޑޮލަރުގެ މުއާމަލާތްތައް އިތުރުވަނީ. ދެން ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވަންޏާ، އިތުރު ޑޮލަރު ބޭނުން ވަންޏާ އެއީ ނެޗުރަލް ކަމެއް. އެ ބޭފުޅުންނަށް އިތުރު ޑޮލަރު ހޯދައިދޭން ޖެހޭނީ." ބުރޯ ޑޫ ޔޫ ހިޔާޔުއަރް ސެލްފު!!!
4 0

ފެކްޓް

7 މޭ 2026
މިހިރަ މޮޔަ މީހެއްދޯ! ރާއްޖޭގައި ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ބޮޑެތި ޓެކްސްތައް އާންމު ރައްޔިތުން ދައްކަން ބޭނުންނުވާކަން އެކަމުން ހާމަވަނީ. ރަޖިސްޓަރ ވިޔަފާރިއަކުން ތަނުގެ ކުއްޔާ ޖީއެސްޓީއާ އިންކަމްޓެކްސްއާ ކަރަންޓާ މުސާރަދީފާ އެއަށް އަގު ހެދުމުން އޮންލައިނުކޮށް ގަންނަ އަގުގެ 300 ގުނަ އަގުބޮޑު. މިކަހަލަ މީހުން އާންމުންގެ މައްޗަށް ބަސްކިޔަން މިތިބެނީ.
5 0

ހެހެހެ

7 މޭ 2026
@ފެކްޓް އެއީ އެފްއެންބީ މީހެކޯ. މާ ބޮޑު އިގްތިސޯދީ މީހެއްނޫނޯ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް