ބީއެމްއެލްގެ މާސްޓާ ޕްރިޕެއިޑް ކާޑް: މިއީ ވިޔަފާރިތަކަށް ހާއްސަކޮށް ދޫކުރާ ކާޑެއް (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ރުފިޔާ ކާޑުން ބައެއް ވެބްސައިޓުތަކުން ވިޔަފާރި ކުރެވޭ ވަރު ލިމިޓު ކުރަނީ

އީކޮމާސްއަށް ކަނޑައަޅޭ ބަޖެޓް ވީހާ ވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30އަށް ކަނޑައަޅަން ވަނީ ނިންމާފައި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރެވޭ މިންވަރު ލިމިޓު ކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއަށް ޑޮލަރު ލިބޭ އަދަދަށް ވުރެ ވިއްކާ އަދަދު ނިސްބަތުން ގިނަ ވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ބައެއް ފިޔަވަޅުތައް އަޅަން ވަނީ ނިންމައިފަ އެވެ.

ތަފްސީލް - ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ކާޑު ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ވެބްސައިޓުތަކުން ބޭނުންކުރާ ކަމަށެވެ.

މީގެ ސަބަބުން، ބޭންކުން ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކަން ޖެހޭ ކަމަށާއި އާންމުންގެ ޒަރޫރީ ބޭނުންތަަކަށް ބޭރު ފައިސާ ފޯރުކޮށްދޭން މިއީ ވެސް ދައްޗެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިފަދަ ހާލަތްތަކުގައި ވަރަށް މަދު ބޭފުޅުންނަށް ވަރަށް ގިނައިން ޑޮލަރު ބޭނުންކުރެވޭ ކަމަށް ވަންޏާ އެހެން ބޭފުޅުންނަށް އެ ދޭންޖެހޭ ހިދުމަތް ދިނުމުގައި ދަތިތަކެއް ދިމާވޭ. ބޭނުނަކީ ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅައިގެން ހުރިހާ ބޭފުޅުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތްތައްް، އެއްވެސް އެހެން ހިދުމަތަކަށް ބުރުލެއް ނާރާނެ ގޮތަކަށް ދިނުން،" އޭނާ ވިދާޅުވި އެވެ.

"... ކުރިން މިދެންނެވި ފަދަ މަދު ސައިޓުތަކުން ވިޔަފާރިތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުން. އޯޕަންކޮށް އެއްވެސް ލިމިޓެއް ނެތި އޮންނާނިއްޔެއް ނޫނޭ."

އީކޮމާސްއަށް ކޮންމެ ދުވަހަކު ހޭދަކުރާ އަދަދު އެއްކޮށް އުވާނުލާ، ބައެއް ސައިޓުތަކަށް ދުވާލަކަށް ބަޖެޓެއް ކަނޑައެޅީ ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެ ގޮތަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ މިހާރު މި އިތުރުވެގެންދާ ވަރު ކޮންޓްރޯލު ކުރަން،" އޭނާ ވިދާޅުވި އެވެ.

ކޮންޓްރޯލު ކުރާ ވެބްސައިޓުތަކުގެ ތެރޭ ހިމެނެނީ ޝީއިން އަދި ޓީމޫ ފަދަ ވެބްްސައިޓުތައް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ:

  • އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަނަށް ވުރެ އިތުރަށް ބޭނުންކުރަނީ ކަސްޓަމަރުންގެ %3އަށް ވުރެ ވެސް މަދުން

  • އީކޮމާސްއަށް ކަނޑައަޅޭ ބަޖެޓް ވީހާ ވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30އަށް ކަނޑައަޅާނެ

  • ޑޮލަރު ކާޑަށް މީގެ އެއްވެސް އަސަރެއް ނުކުރާނެ

ޝަރީފް ވިދާޅުވީ މިހާރު ގިނަ ކްރެޑިޓް ކާޑު ގެންގުޅުނު ނަމަވެސް އެ ކަސްޓަމަރަށް ލިބެނީ ބޭރު ފައިސާގެ ޓްރާންސެކްޝަންތައް ހެދުމަށް ހުރިހާ ކާޑަކަށް ޖުމްލަ އަދަދެއް ކަމަށާއި އެހެންވެ ގިނަ ކްރެޑިޓް ކާޑު ގެންގުޅުނު ނަމަވެސް އަހަރީ ފީ، އެންމެ ކާޑަކުން ނަގާ ގޮތަށް ވެސް ނިންމާފައިވާ ކަމަށެވެ.

އެނގުން މުހިއްމު - ޝަރީފް މިއަދު ހިއްސާކުރެއްވި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު:

  • ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުން ކުރާ ކާޑު މުއާމަލާތްތަކަށް މި އަހަރު ތެރޭ މަހަކަށް އެވްރެޖުކޮށް 74 މިލިއަން ޑޮލަރު ވިއްކި؛ މިދިޔަ މަހު މި އަދަދު ހުރީ 47 މިލިއަން ރުފިޔާގައި

  • މި އަހަރުގެ ފުރަތަމަ 4 މަސް ތެރޭ ރުފިޔާއަށް ޑޮލަރު ވިއްކި އަދަދަކީ 206 މިލިއަން ޑޮލަރު

  • ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް އޭޕްރީލް މަހުގެ ނިޔަލަށް 160 މިލިއަން ޑޮލަރު މި އަހަރު ވިއްކި؛ މިދިޔަ އަހަރު ވިއްކީ 390 މިލިއަން ޑޮލަރު

  • ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް އަހަރުގެ ފުރަތަމަ 4 މަހު އެވްރެޖުކޮށް 40 މިލިއަން ޑޮލަރު ވިއްކި؛ މިދިޔަ އަހަރު އެވްރެޖުކޮށް މަހެއްގެ މައްޗަށް ވިއްކީ 33 މިލިއަން ޑޮލަރު

  • ޑޮލަރުގެ ނެޓް އިންފްލޯ، އައުޓްފްލޯއާ އަޅާބަލާއިރު މި އަހަރުގެ ފާއިތުވި 4 މަސް ތެރޭ 100 މިލިއަން ޑޮލަރު މަދު

  • އޭޕްރީލް މަހު އެކަނި ވެސް ރާއްޖެއިން ބޭރަށް 414 މިލިއަން ޑޮލަރު ފޮނުވި؛ އެ މަހު ލިބުނީ 36 މިލިއަން ޑޮލަރު

ފާހަގަކުރެވޭ - ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިމިގްރޭޝަންއާ އެކު ޑިޖިޓަލް އިންޓަގްރޭޝަނެއް ގާއިމްކޮށް، އެ މީހެއްގެ ނަންމަތީ އޮންނަ ކާޑު ބޭރުގެ ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރެގެން އެކަނި ކަމަށް ވެސް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (1)

މިސާލު

3 މޭ 2026
ޝާއިއު ކުރުމުގެ ކުރިން ރަނގަޅަށް ކިޔާލަން ފެނޭ. މިސާލު: ބޭނުނަކީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް