ބީއެމްއެލް އިން ދޫކުރާ މާސްޓަކާޑުތަކެއް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ދެތިން ދުވަސް ތެރޭ ދުބާއީ ފިހާރައަކުން ބީއެމްއެލްގެ 500 ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރި

ޑޮލަރު ލިމިޓުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު އަޅާ ކަމަށް ޝަރީފް ވިދާޅުވި

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 500އެއްހާ ކާޑު ބޭނުންކޮށްގެން ދެތިން ދުވަސް ތެރޭ ދުބާއީގެ ފިހާރައަކުން ވިޔަފާރިކޮށްފައިވާ ކަމަށާއި މިއީ އެހެން މީހުންގެ ކާޑު ބޭނުންކޮށްގެން ބޭންކުން ދީފައި އޮންނަ ޑޮލަރު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ އެ ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ޑޮލަރު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަން ފާހަގަވާ ނަމަ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.

ތަފްސީލް - ޝަރީފް ވިދާޅުވީ މިހާރު ބޭންކުން ދޫކުރާ ކާޑުތަކުގެ ޑޮލަރު ލިމިޓު ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.

"މިހާރު ވަރަށް ރަނގަޅަށް މި ހުންނަނީ ކާޑުގަ 1،000 ޑޮލަރުގެ ލިމިޓް. 3،000 ޑޮލަރު ހޮޓަލަށް ވެސް ޕޭ ކުރެވޭ. އެހެންވީމަ އެހެން މީހުންގެ ޕްލާސްޓިކް [ކާޑު] ހިފައިގެން ގޮސްފައި، އެ ބޭނުން ކުރާ ތަން އެބައާދޭ،" ޝަރީފް ވިދާޅުވި އެވެ.

މިގޮތަށް ޑޮލަރު ލިމިޓުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއިން ގެއްލުން ލިބެނީ މުޅި ސިސްޓަމަށް. ޑޮލަރު އެންމެންނަށް ހަމަހަމަކޮށް ލިބޭ ގޮތްތަކެއް މި ގާއިމް ކުރަނީ،" ޝަރީފް ވިދާޅުވި އެވެ.

"ގަބޫލުފުޅު ކުރެވިދާނެތޯ ދުބާއީގެ ފިހާރައަކަށް ދެތިން ދުވަހެއްެގެ ތެރޭގައި ގާތްގަނޑަކަށް 500 ވަރަކަށް ދިވެހިން ގޮސްދާނެ ކަމަށް ވިޔަފާރި ކުރަން. ނުވާނެ ދެއްތޯ، އެހެން ނޫންތޯ؟ އެއީ ވާނެ ކަމެއް ނޫން ދެއްތޯ."

ބޭންކެއްގެ ހައިސިއްޔަތުން މިފަދަ ކަންތައް ހުއްޓުވުމަކީ ބީއެމްއެލްގެ ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ގަވައިދާ ހިލާފުވެގެން ދެން ކޮންމެވެސް ބަޔެއްގެ ކާޑު ބްލޮކް ކުރީމާ ހިތްހަމަނުޖެހޭ ބަޔަކު ތިބޭނެ. ބޭންކަކުން ބަލަންޖެހޭ ޒިންމާތަކެއް ވީމަ އެކަހަލަ ކަންތަކުގައި [ފިޔަވަޅު އަޅާނެ]،" އޭނާ ވިދާޅުވި އެވެ.

ބޭންކުން އަބަދު ވެސް ބަލަނީ އާންމުންގެ މުހިއްމު ބޭނުންތަކަށް ޑޮލަރު ފައިސާ ފޯރުކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި - ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭރަށް ގެންގޮސްގެން ނަހަމަ ގޮތުގައި ބޭނުންކޮށް، އެކަކު 100އަށް ވުރެ ކާޑު ބޭރަށް ގެންގޮސްގެން މުއާމަލާތްތައް ހިންގި މައްސަލައެއް މިދިޔަ އަހަރުގެ ޑސެމްބަރު މަހު ބޭންކަށް ފާހަގަވެގެބް ފިޔަވަޅު އެޅި އެވެ.


ކޮމެންޓް (6)

ދިރާސާ

24 އޭޕްރީލު 2026
500 ކާޑު އެކަކު ދެމީހަކަށް ނުގެންދެވޭނެ. ބޭންކުންވެސް ކޮންމެވެސް ހަމަޖެހޭ ވާހަކަ ދައްކާ.. ބޭންކަށް ކިހާ ޔަގީން ކަމެއް އޮވެގެން ދައްކާ ވާހަކައެއްތޯ.. 2-3 ދުވަސްތެރޭ 500 ކާޑު ދުބާއީން ވިޔަފާރި ކުރިކަމަށް ވަންޏާ ހެއްކާއި އެކު ހާމަ ކުރޭ..ބޭންކުން ވަރަށް ދޮގު ހަދައި އޮޅުވާލާ .. ސޯޝަލް މީޑީޔާގައި ބޭންކު ފަޟީހަތް ކޮށްލަނީ ހެއްކާއި އެކު.. ބެންކުން ޑިފެންސަށް ކުޅުއްވަން ނޫޅުއްވާ..ރައްޔިތުންގެ ފައިސާއިން އޮޅުވާލައިގެން އެއްމަހުގެ މެދެއްހާ ހިސާބު ހަދާ ޓްރާންސެކްޝަންސް ޕެންޑިން ޕޭމަންޓް ގޮތުގައި ބަހައްޓައިގެން އެކައުންޓް ހުސްވެފައި ދެވަނަ ފަހަރަށް ސެލަރީ ކުރެޑިޓް ވީމައި އޭގެންވެސް ޕެންޑިން އަދަދު އުނި ކޮށްލަނީ.. ކުރިން ޕެންޑިން ގައި ހުރި އަދަދަކީ ސެލަރީ ޖަމާވުމުގެ ކުރިން ހުރި ފައިސާއިން އެއްފަހަރު ޑެބިޓް ވެފައި ވާ ފައިސާ .. މީގެން ސްޓޭޓްމެންޓުން ފެންނަނީ އެއްފަހަރު އުނިވި ކަމަށް ، ގޮތް ނޭނގޭ ގޮތަށް ބޭންކުން ކަސްޓަމަރުންގެ ފައިސާ ދަމައިގަނޭ.. ޓެކްނޮލޮޖީގެ ފުރިހަމަ ފައިދާ ބޭންކުންދަނީ މިކަމުގައި ބޭނުން ކުރަމުން.. ބޭންކުގެ ސިސްޓަމަށް އެކްސެސް ވޭ ބޭންކުގެ ކުރީގެ ސްޓާފުންނާއި ސިސްޓަމް ދަންނަ ބަޔަކު.
1 0

ޢަހްމަދު

22 އޭޕްރީލު 2026
ތީ ރަނގަޅުވާހަކައެއް މިމީހުން ދުބާއީ އަށްގޮސް އައި ފޯނާ ، އައި ފެޑާ ، އިލެކްޓްރޯނިކް ސާމާން ކާޑުން ގަނެގެން ލަގެޖައް ލައިގެން ގެނެސް ޖީއެސްޓީ ނުދައްކާ އޮންލައިކޮށް ވިއްކަނީ ފިހާރަތަކަށް ވުރެ އަގުހެޔޮކޮށް، ނުވީތާކަށް އޭޓިއެމް އިން ދިރުހަމް ނަގައިގެން އެވެސް މާލެގެނެސް މާރުކުރޭ. ބައެއްމީހުން މިހާރު ފިހާރަވެސް ހުޅުވައިފި އެކަމަކު ބިލްނުދޭ، ބިލަހަދާނަމަ 8% އިތުރަށް ލާރިނަގާ
4 0

ޒަމީރު

22 އޭޕްރީލު 2026
@ޢަހްމަދު މީރާ ކޮބާހޭ ކަންމަތީ ފިހާރަތަކާ އަޅައިގަނެގެން އަބަދު އުޅެނީ
1 1

ސިކުނޑި

22 އޭޕްރީލު 2026
ބޭންކުގެ ފިއްތުންތައް ހުރި ގޮތުން، 500 ކާޑު ހިފައިގެން ގޮސް ވިޔާފާރި ކުރުންވެސް މައްސަލައެއް ނޫން! ކޮންމެ މީހަކު ކުރިޔަސް ކާޑަކުން ކުރެވޭނީ 250 ޑޮލަރަށް ވާވަރަށް! ދެން އޮތީ އެމީހުން ޑޮލަރު ރާއްޖެގެނެސް ވިއްކުން؟!؟ ޑިކްލެއަރ ކޮށްގެން ގެންނަކަމަށް ވަންޏާ އޭގައި މައްސަލައެއް ނެތް! ހުރިހާ ކަމެއްގެ އަސްލަކީ ޑޮލަރުގެ އަގު!! ރައީސަށް ދަންނަވައިގެން އެ ހިފެހެއްޓިފައިވާ ހިފެހެއްޓުން ދޫކޮށްލަންވީ! މިހާރު ތަންކޮޅެއް މަތީގައި ހިފެހެއްޓިފައި އޮތީ!!!!
3 7

ފަރެ

22 އޭޕްރީލު 2026
ދިވެހިންވެސް ގަމާރީ. ދެން އެކާޑުތަކުގެ ނަންބަރުތައެް ބޭނުންކޮށްގެ ވަގު ވިޔަފާރިއެއް ކުރީމަ ހުންނާނެ ރޯން.
8 2

ނޫނޭ

22 އޭޕްރީލު 2026
@ފަރެ ދިވެހިން އެއަށް ވުރެ މޮޅުވާނެ، އޭރުންވެސް ގޯސްވާނީ ބޭންކު. ބުނާނީ ބޭންކުންނޭ ކާޑުގެ މައުލޫމާތު ލީކްވީ.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް