ބީއެމްއެލްއިން ދޫކުރާ އެމެކްސް ޑެބިޓް ކާޑް

ބީއެމްއެލް

އެކަކު 100 ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް؛ 'ފިޔަވަޅު އަޅާނަން'

މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖޭން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލާނެކަމުގެ އިންޒާރު ވެސް ބީއެމްއެލް އިން ދިން
7 ޑިސެމްބަރު 2025
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭރަށް ގެންގޮސްގެން ނަހަމަ ގޮތުގައި ބޭނުންކޮށް، އެކަކު 100އަށް ވުރެ ކާޑު ބޭރަށް ގެންގޮސްގެން މުއާމަލާތްތައް ހިންގާފައިވާ ކަމަށާއި މިފަދަ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލް އިން ވަނީ ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ އަދަދު މިދިޔަ މަހުގެ 11 އިން ފެށިގެން އިތުރުކޮށްދީފަ އެވެ. އެގޮތުން:

  • ރާއްޖޭން ބޭރުގެ ކާޑު މެޝިންތަކުގައި ބޭނުން ކުރެވޭ އަދަދު މަހަކަށް 1،000 ޑޮލަރަށް ހެދި 

  • ޓިކެޓާއި ހޮޓާ ބުކިން އަދި ސިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3،000 ޑޮލަރާ ހަމައަށް ލިމިޓް ކަނޑައެޅި

ބުނީ ކީކޭ؟ - ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުންކުރާކަން އެ ބޭންކަށް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، ބީއެމްއެލް އިން ފާހަގަކުރި ކަންކަމަކީ:

  • ބައެއް މީހުން އެ މީހެއްގެ އަމިއްލަ ބޭނުމަށް އަދި އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖޭން ބޭރުގައި ބޭނުންކުރުމަށް ދީފައިވޭ

  • އެގޭ ތެރެއިން އެކަކު 100އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށް ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގި 

  • ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކުން ޓިކެޓް އަދި ހޮޓާ ބުކިންއަށް ކަނޑައަޅާފައިވޭ

ބީއެމްއެލް އިން ބުނި ގޮތުގައި، ތިން ވަނަ ފާރަތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެކެވެ. އެ ލިމިޓަކީ، އެ ބޭންކުން ބުނި ގޮތުގައި، އެ ކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެކެވެ.

"މިފަދަ މުއާމަލާތްތަކަކީ އާންމުކޮށް ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކަށް ވާތީވެ، ކުރިއަށް އޮތް ތަނުގައި މިފަދަ މުއާމަލާތްތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި ކަމާ ބޭހޭ ފަރާތްތަކަށް ހުށަހަޅަމުންގެންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

"މިގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖޭން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި އެފަދަ މާޗެންޓްތަކުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް ބޭންކުން އަޅަންޖެހިދާނެ ވާހަކަ ވެސް ދަންނަވަމެވެ."

ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރުމަށް ބޭރު ފައިސާ ވިއްކާ އަދަދު ބޮޑުކޮށްފައިވަނީ، ބީއެމްއެލް އިން ބުނި ގޮތުގައި، ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީ އެންމެ ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމުގެ ބޭނުމުގަ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދެވޭނީ، ބީއެމްއެލް އިން ބުނި ގޮތުގައި، ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެންނެވެ.

"ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކޮށް ދިނުމަށްޓަކައި އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެންގެވުމަށް ނުދެއްވުމަށް މި ބޭންކުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ކޮމެންޓް (1)

ބޭންކު

7 ޑިސެމްބަރު 2025
ބޭންކު އަކީ މީހުންގެ ފައިސާ ލާން ހުންނަ ތަނެއް. ޢެ ފައިސާ ހަރަދު ކުރާނެ ގޮތެއް އެންގޭނީ އެމީހަކަށް. ބޭންކަށް ގެއްލުންވަންޔާ އެ އެކައުންޓު ތަޢް ބަންދުކުރަންވީ. ދެން އެހެން ބޭންކަކަށް މީހުން ދާނެތާ. ބީއެމްއެލް މޮޅޮކުރާކަން އަހަރެމެން ނޫޅެން ، ސަބަބަކީ އެއީ ހަމަ އެހެން ބެންކުތަކާ އެއްފަދަ ނުވަތަ ދަށްބޭންކަ ކަށްވާތީ. ބޭންކެއް ބޭންކެއްގެ ގޮތުގައި މަސައްކަތްކުރީމަ ތި އުނދަގޫ ތަކެއް ނާންނާނެ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް