'ޕްރޮޖެކްޓު އައިލާ'ގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޕެޓާ ކާސްޓިކް ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ތަނެއް: ޕްރޮޖެކްޓު އައިލާގެ ސީއީއޯ
ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމެއް ކަމަށާއި އިންވެސްޓަރުންނަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި އެބަ އޮތް ކަމަށް، ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓު، 'ޕްރޮޖެކްޓު އައިލާ'ގެ ސީއީއޯ ޕެޓާ ކާސްޓިކް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫ ހިއްކައިގެން ތަރައްގީކުރާ ޓައުންޝިޕް ޕްރޮޖެކްޓުގެ ބިންގާއަޅާ، އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ތަފްސީލް - އެ މަޝްރޫއު ފަށަން މިއަދު އެ ތަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކާސްޓިކް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު ޕްރައިވެޓް އިންވެސްޓުމެންޓް ޕްރޮޖެކްޓް ކަމަށެވެ.
ޖުމްލަ 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
"އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ، ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް، ވިޔަފާރިތަކާ ރައްޓެހި ގައުމެއް،" އޭނާ ވިދާޅުވި އެވެ.
"އިންވެސްޓަރުންނަށް ވެސް ރާއްޖޭގައި އޮތީ ފަހި މާހައުލެއް."
ކާސްޓިކް ވިދާޅުވީ ރާއްޖޭގެ އިދާރާތަކާ އެކު ކުރެއްވި މަަސައްކަތުން ޕްރޮފެޝަނަލިޒަމް އާއި ހިޔާލާއި މަޝްވަރާއަށް އަބަދުވެސް ޖާގަ އޮތްކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ގެނައުމަށް ސަރުކާރުގެ އަމާޒެއް އެބަ އޮތްކަން ފާހަގަވި. އަޅުގަނޑުމެން ގަބޫލުކުރަނީ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓާ އެކު ރާއްޖެއަށް އިތުރު އިންވެސްޓުމެންޓުތައް އަންނާނެ ކަމަށް،" ޕްރޮޖެކްޓުގެ ސީއީއޯ ވިދާޅުވި އެވެ.
ޕްރޮޖެކްޓު އައިލާގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ އަދި ރެޒިޑެންޝަލް ބައިތައް ހިމެނޭނެ އެވެ.
މީގެ އިތުރުން:
-
އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުން ހުރި ވަސީލަތްތައް
-
އެންމެ ފަހުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެއް؛ މިއީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ ދަށުން ތަރައްގީ ކުރާ ހޮސްޕިޓަލެއް
-
ފަތުރުވެރިކަމުގެ ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކިޔަވައިދޭން ސްކޫލެއް
-
އެކުއަކަލްޗާ އާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ހާއްސަ ރަށެއް
މި ޓައުންޝިޕް ތަރައްގީކުރާނީ %60 އިއާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ހުއްދަ ދީގެން ތަރައްގީކުރާ ޓައުންޝިޕްގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭ ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކޮމެންޓް (1)
ކޮސް