ސޯލާ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވަނީ ކުޑަބަނޑޮސް ކައިރީ އޮންނަ ފަޅުގައި

ސޯލާ މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދަކީ އެސްއީޒެޑެއް ކަމަށް ކަނޑައަޅައިފި

އެސްއީޒެޑްގެ ގާނޫނު ބުނާ ގޮތުން، އިންވެސްޓުމެންޓު އެއްބަސްވުމުގައި ސޮއިކުރުމާ އެކު، އެ ސަރަހައްދު އެސްއީޒެޑެއްގެ ގޮތުގައި ރައީސްގެ ގަރާރަކުން ހަމަ އެ ދުވަހު ކަނޑައަޅަން ޖެހޭނެ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ކުރިއަށް ގެންދަން ހުއްދަ ދިން ފުރަތަމަ މަޝްރޫއު ކަމަށްވާ ފްލޯޓިން ސޯލާ ޕްރޮޖެކްޓު ހިންގާ ސަރަހައްދަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި އިއްޔެ ކަނޑައަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - ކުޑަބަނޑޮސް ކައިރީ އޮންނަ ފަޅެއްގައި ތަރައްގީ ކުރާ ސޯލާ ސިޓީ އަކީ އެސްއީޒެޑެއްގެ ގޮތުގައި ކަނޑައެޅުއްވީ އިއްޔެ ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ.

ތަފްސީލް - ރައީސްގެ ގަރާރަކުން އެ ސަރަހައްދަކީ އެސްއީޒެޑެއްގެ ގޮތުގައި ކަނޑައެޅި އިރު، އިއްޔެ ސިންގަޕޫރުގައި ބޭއްވި އިންވެސްޓުމެންޓު ފޯރަމްގައި ވަނީ އެ މަޝްރޫއުގެ އިންވެސްޓުމެންޓު އެއްބަސްވުމުގައި އޭޕީއެމް އެސްޕިވީއާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފަ އެވެ.

އެސްއީޒެޑްގެ ގާނޫނު ބުނާ ގޮތުން، އިންވެސްޓުމެންޓު އެއްބަސްވުމުގައި ސޮއިކުރުމާ އެކު، އެ ސަރަހައްދު އެސްއީޒެޑެއްގެ ގޮތުގައި ރައީސްގެ ގަރާރަކުން ހަމަ އެ ދުވަހު ކަނޑައަޅަން ޖެހޭނެ އެވެ.

ގަރާރުގައިވާ ގޮތުން އެ ސަރަހައްދުގައި ކުރިއަށް ގެންދަން ހުއްދަ ދިން ކަންތަކަކީ:

  • އެ ސަރަހައްދަކީ ހައި ޓެކްނޮލަޖީ ޕާކެއް

  • އެ ސަރަހައްދުގައި ގާއިމް ކުރާނީ 100 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް

  • މައިސް ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓު ކުރުމަށް

  • ލޮޖިސްޓިކްސް، ސްޓޯރޭޖު އަދި އިންޑަސްޓްރިއަލް ހަބެއް ގާއިމްކޮށް އޮޕަރޭޓު ކުރުމަށް

  • ރިއަލް އެސްޓޭޓު ތަރައްގީ ކުރުމަށް

އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، އަސާސީ އެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓެކްސް ލުއިތައް ވެސް ވަނީ ދީފަ އެވެ. އެގޮތުން:

  • އެ ސަރަހައްދު ހިންގުމަށް ނުވަތަ ތަރައްގީ ކުރުމަށް ނުވަތަ އޮޕަރޭޓު ކުރުމަށް އަދި ކުރިއެރުވުމަށް ވެސް އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓު ޑިއުޓީ ނުނަގާނެ

  • ވިޔަފާރި ފައިދާ އިން ނަގާ ޓެކުހުން އިސްތިސްނާ ވާނެ

  • ފުރަތަމަ 10 އަހަރު ޖީއެސްޓީ ދައްކާކަށް ނުޖެހޭނެ

  • ފުރަތަމަ 10 އަހަރު ވިތުހޯލްޑިން ޓެކްސް ވެސް ދައްކާކަށް ނުޖެހޭނެ

މީގެ އިތުރުން، އެ ސަރަހައްދުގައި ހިންގާ އެހެން ވިޔަފާރީގެ މަޝްރޫއުތަކަށާއި އެފަދަ މަސައްކަތް ކުރާ އިންވެސްޓަރުންނަށް ވެސް ލުއިތަކެއް ދޭން ގަރާރުގައި ހިމަނާފައިވެ އެވެ. އެގޮތުން:

  • މަޝްރޫއުތައް ތަރައްގީ ކުރުމަށް އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓު ޑިއުޓީ ދައްކާކަށް ނުޖެހޭނެ

  • ފުރަތަމަ 5 އަހަަރު ޖީއެސްޓީ ދައްކާކަށް ނުޖެހޭނެ

  • ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް ދެއްކުމަށް ވެސް ފުރަތަމަ 5 އަހަރު އިސްތިސްނާ ލިބޭނެ

  • ކޮންމެ ހިއްސާދާރަކަށް ލިބޭ ހިއްސާގެ ފައިދާއިން ނަގާ ޓެކްސް ނެގުމުން ފުރަތަމަ 5 އަހަރު އިސްތިސްނާ ލިބޭނެ

އެ ސަރަހައްދުގައި މައިސް ޓޫރިޒަމް ތަރައްގީކޮށް އޮޕަރޭޓުކުރުމާއި ރިއަލް އެސްޓޭޓު ތަރައްގީ ކުރުމަށް އެތެރެކުރާ ކެޕިޓަލް ގުޑްސް އިން ވެސް އިމްޕޯޓު ޑިއުޓީ އިސްތިސްނާ ލިބޭނެ ކަމަށާއި އެ މަސައްކަތްތަކުން ލިބޭ ފައިދާ އިން ދައްކަން ޖެހޭ އެހެން ޓެކްސްތަކުން 2 އަހަރުގެ އިސްތިސްނާ ލިބޭނެ ކަމަށް ވެސް ގަރާރުގައި ހިމަނާފައިވެ އެވެ.

ގުޅުން ހުރި -  ސޯލާ ސިޓީގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެ މަޝްރޫއުގެ ދަށުން:

  • އެ މަޝްރޫއުގެ ދަށުން ބެޓަރި ސްޓޯރޭޖާއި ހުޅުމާލޭގެ ގުރިޑާ ގުޅުވައިދޭން 6.8 ކިލޯމީޓަރުގެ އިންޓަކަނެކްޝަން ސަބްމެރިން ކޭބަލެއް އަޅާނެ

  • މާލެ ސަރަހައްދުގައި އުފައްދާ ހަކަތައިގެ %50 އަކީ %100 ސާފު ހަކަތައަށް ހަދާނެ

  • ތެލަށް ކުރާ ހޭދަ 20 އަހަރު ތެރޭ 1.2 ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ

މުޅި މަޝްރޫއަށް ޖުމްލަކޮށް 187 މިލިއަން ޑޮލަރު  އިންވެސްޓުކުރާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިޔާދަކުރަނިވި ހަކަތައިގެ ބަޔަށް ކުރާ އިންވެސްޓްމަންޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް