ހުޅުމާލޭގެ ފަޅުގައި އަޅާފައިވާ ސަފާރީތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ގަދަ ކަނޑުތަކަށް ސަފާރީތައް 'ކަނޑުމަތި'ކޮށްލާތީ ކަންބޮޑުވުން
ސަފާރީތަކާއި ކަނޑު އުޅަނދުފަހަރު ބަނދަރުކުރާނެ އެހެން ތަނެއް ނުދައްކައި، ހުޅުމާލޭގެ ޖެޓީ ސަރަހައްދު ހުސްކުރަން އެޗުޑީސީއިން ދޭތެރެދޭތެރެއިން އަންގަމުންދާތީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެޗުޑީސީއިން މިދިޔަ މަހު ހުޅުމާލޭ މުދާ ޖެޓީ ސަރަހައްދު ހުސްކުރަން މިފަހުން ކުރި އިއުލާނެއް ފެންނަން ނެތެވެ. ނަމަވެސް މިދިޔަ އަހަރު ހުޅުމާލޭގެ ފޭސް ތިނެއް ހިއްކުމަށްޓަކައި އެކި ފަހަރުމަތިން އެ ސަރަހައްދު ހުސްކުރަން އެ ކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެންބީއޭއެމްގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީީ އިއުލާން ކުރުމުގެ އިތުރުން، އިއުލާން ކުރުމާ ނުލައި ވެސް ހުޅުމާލޭ ފަޅުގައި އަޅާފައި ހުންނަ ސަފާރީ އުޅަނދުތައް އެތަނުން ނަގަން ދޭތެރެދޭތެރެއިން އެޗުޑީސީގެ ފަރާތުން ޕްރެޝަރު ކުރަމުން ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން އެގޮތަށް އަންގަމުންދާއިރު އެ ތަނުން ނަގައިގެން ގޮސް، ސަފާރީ އުޅަނދުތައް އަޅާނެ އެހެން ތަނެއް ނުދެއްކޭ ކަމަށެވެ.
"މި ތަނުން [ހުޅުމާލެ ފަޅުން] ނުކުންނަން ޖެހޭނޭ. އެ ބިރުވެރިކަން އެޗުޑީސީއިން މި އުފައްދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ އެންމެ ފުރަތަމަ ހިއްކިއިރު ވެސް އެ ފަޅުގައި ސަފާރީތައް އަޅާފައި ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ކްލެއިމް ކުރަނީއެއް ނޫން އެއީ އަޅުގަނޑުމެންގެ ފަޅެއް ކަމަކަށް. އެކަމަކު އެ ތަނުން ހުސްކުރާ ނަމަ ދެކޮޅުޖެހޭ އެންކަރޭޖްމަންޓެއް ދެވެން ވާނެ،" އޭނާ ވިދާޅުވި އެވެ.
ބަދަލުގެ ގޮތުގައި ދައްކާ ތަންތަނަކީ، އޭނާ ވިދާޅުވި ގޮތުގައި، ސަފާރީ އުޅަނދުތަކަށް އެއްގޮތަކަށް ވެސް ރައްކާތެރި ތަންތަނެއް ނޫނެވެ.
"މިސާލަކަށް، ކުރުނބާ މޯލްޑިވްސްގެ ބޭރުގައި ވެސް އަޅާފައި އެބަ ތިބޭ ސަފާރީތައް. އެންމެ ކަނޑުގަދަ ވާއިރު ވެސް އެ ތަނުގައި. އެއްވެސް ސްޕީޑެއް، ކޮންޓްރޯލެއް ނެތި އެހެން ލާފައި ދެކޮޅަށް އެއްޗެހި ދުއްވާނެ. އެ ރިސްކުގައި ތިބޭއިރު ބޮޑެތި ގެއްލުންތައް އެބަހުރި ވެފައި،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - އެޗުޑީސީއިން ފަޅު ހުސްކުރަން އަންގާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެންބީއޭއެމްއިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
ހުޅަނގު މޫސުން ފެށި، ކަނޑުތަކާއި ވައި ގަދަވާ މި ދުވަސްވަރު ރައްކާތެރި އެހެން ބަނދަރެއް ނެތި ސަފާރީތައް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމަކީ، އެ ޖަމިއްޔާއިން ބުނި ގޮތުގައި އުޅަނދުގެ އިތުރުން ފަޅުވެރިންނަށް ވެސް އޮތް ބޮޑު ނުރައްކަލެކެވެ.
ސަފާރީތަކާއި ލިވަބޯޑްތަކަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ބަޔަކަށް ވާއިރު، މިގޮތަށް 'ކަނޑުމަތި' ކޮށްލުމަކީ އެ އުޅަނދުފަހަރުން ތާވަލެއް ކަނޑައަޅައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރާނެ ކަމެކެވެ. އަދި މިއީ މި އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންގެ ދިރިއުޅުމަށް ވެސް ނޭދެވޭ އަސަރު ފޯރާނެކަމެއް ކަމަށް އެންބީއޭއެމްއިން ވަނީ ފާހަގަކޮށްފަ އެވެ.
އެންބީއޭއެމްއިން ބުނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކަށް އެ ޖަމިއްޔާއިން ވެސް ފުރިހަމައަށް އެއްބާރުލުންދޭ ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ދުރާލާ ރާވައި، ކަމާ ގުުޅުންހުރި ފަަރާތްތަކާ މަޝްވަރާކޮށް އެއްވެސް ބަޔަކަށް ދަތިތަކެއް ކުރިމަތިނުވާ ގޮތަށް ކަމަށެވެ.
"އެންބީއޭއެމްއިން އަދަބުވެރިކަމާ އެކު އެޗުޑީސީ އަދި މިކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން އެދެނީ ރައްކާތެރި ބަނދަރެއް ހަމަޖެހި، ބޭނުންކުރެވެންދެން ސަފާރީތައް ރީލޮކޭޓުކުރުން ފަސްކޮށްދިނުމަށް،" އެ ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - ސަފާރީ އުޅަނދުފަހަރު އަޅާނެ ރަނގަޅު ތަނެއް ނެތުމަކީ އެންބީއޭއެމްގެ ދުވަސްވީ ޝަކުވާއެކެވެ. އެކަމަށް ހައްލެއް ލިބޭތޯ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް އެންބީއޭއެމްއިން ވަނީ ބައްދަލުކޮށްފަ އެވެ.
އޭރު ރައީސް ސޯލިހު ވިދާޅުވީ ކ. ދިޔަނެރާ ޖެހިގެން އޮތް ފަޅުގައި ސަފާރީތަކަށް ހާއްސަ ބަނދަރެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.
އޭގެ ފަހުން މާލޭ މީހުންނަށް ގޯޯތި ދިނުމަށް ހުޅުމާލޭ ފޭސް ތިނެއް ހިއްކަން އެ ތަން ހުސްކުރަން އަންގައި ސަފާރީތަކަށް ދިޔަނެރާއި ކުޑަގިރިން ޖާގަ ދިނުމަށް ސަރުކާރުން ނިންމި އެވެ.
ކޮމެންޓް (3)
ސަލީމް
ޟަުއ
ހުސެން ސައިދު