ރައީސް ސޯލިހް އެންބީއޭއެމްގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސަފާރީ އުޅަނދު

ދިޔަނެރު ފަޅުގައި ސަފާރީ ބަނދަރު ހަދަން ބިން ހިއްކަން ނޮވެމްބަރުގައި ފަށަނީ

ބޯޓިން އެސޯސިއޭޝަންގެ އެހެން ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި
6 ސެޕްޓެމްބަރު 2022

ރާއްޖޭގައި ދުއްވާ ސަފާރީ ބޯޓުފަހަރަށް ހާއްސަ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީކުރުމަަށް ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ސޯލިހް ވަނީ ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އެ ޖަމިއްޔާގެ ބައެއް އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައި ރާއްޖޭގައި ބޯޓިން ދާއިރާ ހިންގުމާއި އެ ދާއިރާ ކުރިއެރުވުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ތަފްސީލް - ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވެވި އެ ބައްދަލުވުމުގައި، އެންބީއޭއެމްގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަކީ، ރައީސް އޮފީހުން ބުނި ގޮތުގައި:

  • ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓު ފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް 

  • ބޯޓިން ދާއިރާ އިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން 

  • މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުސޫލެއް ނެތުމުން ދިމާވާ ދަތިތައް 

  • ބައިނަލްއަގުވާމީ ކްރޫޒް ލައިނާތައް ރާއްޖޭގައި ހިންގުމުގައި ހުރި ގޮންޖެހުންތައް 

  • ގުދުރަތީ ވަސީލަތްތައް އެންމެންނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަން

  • އެންބީއޭއެމްގެ މަސައްކަތްތައް ފުޅާވަމުން އަންނަ އިރު އެ ތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް

ރައީސް ސޯލިހް އެންބީއޭއެމްގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ:

  • ބޯޓު ފަދަ އުޅަނދުތައް އަޅާނެ ބަނދަރެެއް ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީ ކުރުމަަށް ސަރުކާރުން ވަނީ ނިންމާފައި 

  • މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ 

"މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ އެންބީއޭއެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިންމު ކަންކަން ކަމަށް ވުމުން، ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރެއްވުމަށް ފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައި،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.

ނަމަވެސް، މި މަޝްރޫއުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން ސަފާރީތައް ބަނދުކުރަމުން އައީ ހުޅުމާލޭ ފަޅުގަ އެވެ. އެކަމަކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާ އެކު، އެ ފަޅުގައި ސަފާރީތައް އެޅުން މަނާކުރި އެވެ.

ޖެހިޖެހިގެން އޮންނަ 'ދިޔަނެރު ފަޅު 1' އަދި 'ދިޔަނެރު ފަޅު 2'ގެ ތެރެއިން 'ދިޔަނެރު ފަޅު 2'ގައި ސަފާރީތަކަށް ހާއްސަ ބަނދަރެއް ގާއިމްކުރުމުގެ ވާހަކަތައް މިދިޔަ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދައްކާފައިވެ އެވެ. އެކަމަކު، މިހާތަނަށް އައި އިރު ވެސް އޭގެ އަމަލީ މަސައްކަތް އެއްވެސް ވަރަކަށް ފަށާފައެއް ނުވެ އެވެ.

ނަމަވެސް ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީން) މިދިޔަ އަހަރުގެ އޮގަސްޓް މަހު ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ވަނީ، 'ދިޔަނެރު ފަޅު 2'ގައި ހަދާ ސަފާރީ ބަނދަރުގެ ޑިޒައިން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން:

  • މި މަޝްރޫއަށް 3-5 ހެކްޓަރުގެ ބިން ހިއްކާނެ

  • އެއްފަހަރާ 500 އުޅަނދު ބަނދަރުކުރެވޭނެ

  • މެރީނާގެ ހިދުމަތްތައް ލިބޭނެ

ނަމަވެސް، އެ މަޝްރޫއުގެ ޑިޒައިން ހަދަން އެއްވެސް ބަޔަކާ ހަވާލުކުރި ކަަމެއް ނޭނގެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް