ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނާއި އާންމުން: ރާއްޖޭގެ އިގްތިސާދާ މެދު އޮތް ކަންބޮޑުވުންތަކަށް އަދިވެސް ނިމުމެއް ނާދޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޫޑީސްގެ ރިވިއު: ބުރަވީ ރާއްޖޭގެ މިހާރުގެ ރޭޓިން ދަމަހައްޓަން

މޫޑީސްއިން ރާއްޖެއަށް ދީފައިވާ ސީއޭއޭ-2 ރޭޓިން އިތުރަށް ދަށްނުކޮށް ދަމަހައްޓަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޑޮލަރު މާރުކުރުން ހަރުކަށިކުރުމުން ބޭރު ފައިސާގެ ރިޒާވަށް ކުރިއެރުން ލިބެމުން އައުން

ބައިނަލްއަގުވާމީ ކުރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ގުޅޭ ގޮތުން މި މަހުގެ ތެރޭ ހެދި ރިވިއުއަކަށް ފަހު އޭގެ ހޯދުންތައް އެ އިދާރާގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ. 

މިއީ އަދި ކްރިޑިޓް ރޭޓިންއެއް ނޫނެވެ. ހަމައެކަނި ރާއްޖޭގެ ހާލަތުގެ ރިވިއު އެކެވެ. ރޭޓިންގެ މުރާޖައާއެއް ހަދާނީ މިއަހަރުގެ ފަހުކޮޅުގަ އެވެ. އަދި މި ރިވިއުގެ ހޯދުންތަކުގެ މައްޗަށް ރޭޓިން ކަނޑައަޅާއިރު ބަލާނެ އެވެ.

މޫޑީސްއިން މިފަހަރު މި ހެދި ރިވިއުގެ ހޯދުންތަކަކީ ކޮބައި ހެއްޔެވެ؟ 

ރޭޓިން ދެމެހެއްޓުމަށް ބުރަވެފައި

މި މުރާޖައާގައި ރާއްޖޭގެ ދިގު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލުކަން ދައްކުވައިދޭ ރޭޓިން، ސީއޭއޭ-2 އެގޮތުގައި ދެމެހެއްޓުމަށް ބުރަވެވޭ ކަމަށް މޫޑީސްއިން ފާހަގަކުރެ އެވެ. އޭގެ، މައިގަނޑު ސަބަބަކީ ބޭރު ފައިސާއާ ގުޅޭ ގަވައިދުތައް މިދިޔަ އަހަރު ތެރޭ ހަރުކަށިކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމުގެ އިތުބާރު ކޮންމެވެސް ވަރަކަށް ހޯދިފައިވާތީ އެވެ. 

  • ސީއޭއޭ-2: ޑިފޯލްޓް ނުވަތަ ދަރަނި ނުދެއްކޭ ހާލަތަށް ގޮސްފައި ނުވި ނަމަވެސް އެ ހާލަތާ ކައިރި ދަރަޖައެއްގައި އޮތް ގައުމުތަކަށް ދޭ ރޭޓިން. އެ ރޭޓިންއަށް ރާއްޖެ ދަށްކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

ކުރިއެކޭ ވެސް އެއްގޮތަށް މި ރޭޓިންގެ އައުޓްލުކް ނުވަތަ އެ ރޭޓިންއަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލު ނެގެޓިވްގައި ވަނީ ދަމަހައްޓާފަ އެވެ.

ހެޔޮ ފާލެއް: ބޭރު ފައިސާގެ ރިޒާވް ރަނގަޅުވުން

މޫޑީސްއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށް މިންވަރެއްގައި ހުރި ނަމަވެސް، މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މީގެ މައިގަނޑު ސަބަބަކީ ވެސް ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް މިދިޔަ އަހަރު ތެރޭ ސަރުކާރުން ގެނެސްފައިވާ ބަދަލެވެ.

އެހެން ނަމަވެސް ކަންބޮޑުވުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރުމަށް ފައިނޭންސިން ނުވަތަ ފައިސާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއަށް ހަނިވެފައިވުމެވެ. 

އިގްތިސާދީ ދުވެލި ހިފެހެއްޓިފައި

ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުން ބޮޑުކަން ފާހަގަކޮށް މޫޑީސްއިން  ބުނެފައި ވަނީ ފަތުރުވެރިކަން މިހާރު އަލުން ކުރިއަރަން ފަށާފައިވާތީ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. 

ކަންބޮޑުވުމަކީ ބޮޑު ދަރަނި

ރިވިއުގައި ފާހަގަކުރި ގޮތުގަިއ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ބޭރު ފައިސާގެ ރިޒާވް މަޑުމަޑުން އިތުރުވަމުން އައި ނަމަވެސް، ކުރިއަށް އޮތް މުއްދަތުގައި ބޮޑެތި ދަރަނިތައް އަދާކުރަން ޖެހުމަކީ ރާއްޖެއާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

ބަޔަކު ބާޒާރުގައި ފައިސާތަކެއް ގުނަނީ: ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައްކަން ޖެހޭ ދަރަނި ބޮޑުވުން (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެމެރިކާގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅިގެން ބާޒާރުތަކުގެ ހާލަތު ބަދަލުވަމުން ދިއުމަކީ ރާއްޖެއަށް ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުން ފައިނޭންސް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަށް ނުވަތަ އަލުން ފައިނޭންސްކުރުމަށް ނުވަތަ ރީފައިނޭންސް ކުރެވޭކަން މިހާރުއްސުރެ ކަށަވަރުކުރުން ކޮންމެހެން މުހިންމެވެ. 

ރޭޓިން ރަނގަޅުކުރަން އިރުޝާދުތަކެއް

ރާއްޖެއަށް މިހާރު ލިބިފައިވާ ދަށް ރޭޓިން ރޭޓިން ރަނގަޅުކުރުމަށް މަގުފަހިވާނޭ އިރުޝާދުތަކެއް ވެސް މޫޑީސްގެ ރިވިއުގައި ރާއްޖެއަށް ވަނީ ދީފަ އެވެ. އެގޮތުން ދީފައިވާ ލަފާތަކަކީ:

  • މާލީ ކަންކަން މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް އިސްލާހުތައް ގެނައުން 

  • ބޭރު ފައިސާގެ ރިޒާވް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް ކުރިއެރުން ލިބޭކަން ކަށަވަރުކުރުން

  • ސަރުކާރުގެ ހަރަދުތައް ކުރުމަށާއި ދަރަނި ދެއްކުމަށް ފުދޭ ވަރަށް ފައިނޭންސް ފައިސާ ހޯދޭނޭ ޔަގީންގޮތްތަކެއް ކަށަވަރުކުރުން 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ރާއްޖެ އައި ޓޫރިސްޓުންތަކެއް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ދަށްވުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަކޮށްފަ އެވެ. އެގޮތުން ރޭޓިން ދަށްވުމަށް ކުރިމަތިވެދާނޭ ކަންތައްތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ:

  • ބޭރުން ފައިނޭންސިން ނުވަތަ ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވުން 

  • އިތުރަށް ބޭރު ފައިސާ ހޯދުމަށް އަޅާ ފިޔަވަޅުތައް ނާކާމިޔާބުވުން 

  • ހަރަދުކުޑަކުރުމާއި މާލީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް މަޑުޖެހުން

މޫޑީސްގެ މި މުރާޖައާއިން ބުނެދެނީ ރާއްޖޭގެ އެތެރޭގެ އިގްތިސާދީ ދުވެލި ރަނގަޅު ނަމަވެސް ބޭރު ފައިސާގެ ރިޒާވް އާއި ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވުމެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރަން ކުރަން ޖެހޭ ކަމަކީ ހަރަދުކުޑަކުރުން ހިމެނޭ ގޮތުން މާލީ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް ތަންފީޒުކުރުމެވެ. އަދި ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމާއި އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނި ހިމެނޭ ގޮތުން ބޭރުގެ ދަރަނިތައް އަދާކުރެވޭނޭ ކަމުގެ ޔަގީންކަން ދުރާލާ ހޯދުމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް