މާލޭ ނޯޓް ހާބަރު ސަރަހައްދުގައި ޕިކަޕަކަށް މުދާތަކެއް ބަރުކޮށްގެން ބަޔަކު ދަނީ: ރާއްޖޭގެ މާލީ ހާލަތު ދަށްވެ އިގްތިސާދީ ހާލަތު ދަށަށް ދިޔުމުގެ ބިރުވަނީ ބޮޑުވެފައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
މޫޑީސްއިން ވެސް ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ބޭރުން ފައިސާ ނުލިބިއްޖެ ނަމަ ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ލަފާކޮށް ދުނިޔޭގެ ކްރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ވެސް ރާއްޖޭގެ ރޭޓިން ދަށްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖެއަށް ދީފައިވާ ސީއޭއޭ-1 ރޭޓިން މުރާޖައާކުރިކަން މޫޑީސްއިން އިއުލާންކުރަމުން އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރޭޓިން ސީއޭއޭ-2އަށް ދަށްކޮށް ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން ދިޔުމަށް ނިންމާފައިވާ ކަމަށެވެ.
ސީއޭއޭ-2 ރޭޓިންއަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
ތަފްސީލް - ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭ ރާއްޖެއިން ދައްކަން ޖެހޭ ބޭރު ދަރަނި ދެއްކޭނެ ވަރުގެ މާލީ ގާބިލްކަން ރާއްޖޭގައި ހުރި ކަމަށް އެ އެޖެންސީއަށް ގަބޫލުނުކުރެވުމެވެ. އެގޮތުން މޫޑީސްއިން ފާހަގަކޮށްފައި ވަނީ:
-
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދާކަމާއި ރިޒާވް މުސްތަގުބަލުގައި ރަނގަޅުވާނެ ކަމަށް ނުފެންނާތީ
-
ސޮވަރިން ފަންޑުގައި ވެސް ދަރަނި އަދާކުރެވޭނެ މިންވަރަށް ފައިސާ ނެތުން އަދި މުސްތަގުބަލުގައި އެވަރަށް އެ ފަންޑު ބޮޑުކުރެވިދާނެ ކަމަށް ލަފާނުކުރެވުން
-
މި އަހަރުގެ ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނި ވަރަށް ބޮޑުއިރު އެ ޑެފިސިޓް ފޫބައްދަން ކުރު މުއްދަތުގައި ދައްކާ ދަރަނިތައް ނަގަން ޖެހިފައިވުމުން ރިޒާވަށް ނޭދެވޭ އަސަރުކުރުން އަދި ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުން ލަސްވަމުން ދިޔުން
-
ދައުރުވާ ރުފިޔާގެ އަދަދު ޑޮލަރާ އަޅާބަލާއިރު އިތުރުވެ އެކަމުުގެ ސަބަބުން ރުފިޔާގެ އަގު ހިފަހައްޓަން އުނދަގޫވެފައިވުން؛ އަދި ހަރުދަނާ މާލީ ސިޔާސަތެއް ތަންފީޒުކުރުމަށް އިދާރާތައް ނުކުޅެދިފައިވުން
"ބޭރުން ފަރާތްތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ނުލިބިއްޖެ ނަމަ ކުރު މުއްދަތުގައި ރާއްޖޭގެ މާލީ ހާލަތު އިތުރަށް ނާޒުކު ފައްތަރަކަށް ދާނެ ކަމަށް ލަފާކުރެވޭ،" މޫޑީސްއިން ބުންޏެވެ.
ގުޅުން ހުރި - ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ވެސް މިފަހުން ވަނީ ރާއްޖޭގެ ރޭޓިން 'ސީސީސީ ޕްލަސް' އިން 'ސީސީ'އަށް ދަށްކޮށްފަ އެވެ. އެއީ މާލީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމުތަކަށް ދޭ ރޭޓިންއެކެވެ.
ކޮމެންޓް (2)
ތެފައާސާ.
ޙަސަނ