ޓޫރިޒަމް

މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމާ އެކު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ސޮއިކޮށްފި

ރާއްޖެއަށް އިންޑިއާ ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވެފައިވާއިރު މިއީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން ސޮއިކުރި މިފަދަ ފުރަތަމަ ބޮޑު އެއްބަސްވުން
20 މާރިޗު 2025

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިންޑިއާގެ މަގުބޫލު ކްރިކެޓް ޓީމެއް ކަމަށްވާ މުމްބާއީ އިންޑިއަންސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އެއްބަސްވުމާ އެކު ރާއްޖޭގެ ރަސްމީ ޓޫރިޒަމް ބްރޭންޑް، ވިޒިޓް މޯލްޑިވްސްއަކީ މުމްބާއީ އިންޑިއަންސް ޓީމުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު ނުވަތަ އެ ޓީމްގެ ރަސްމީ ޓޫރިޒަމް މަންޒިލްގެ ގޮތުގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން: 

  • ރާއްޖެއަށް އިންޑިއާ ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވެފައިވާއިރު މިއީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރަން ސޮއިކުރި މިފަދަ ފުރަތަމަ ބޮޑު އެއްބަސްވުން 

  • އިންޑިއާގެ ކްރިކެޑް ލީގް، އައިޕީއެލްގައި ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ އަގު ބޮޑު އެއް ކްރިކެޓް ޓީމް

  • އެ ޓީމުގައި އިންޑިއާގެ ގައުމީ ކުރިކެޓް ޓީމްގެ ކެޕްޓަން ރޯހިތު ޝަރުމާ އަދި ހާޑިކް ޕަންޑިޔާ ފަދަ މަގުބޫލް ކުޅުންތެރިން ހިމެނޭ 

މިއަހަރު އިންޑިއާއިން 200،000 ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބަސްވުން މުހިންމު ދައުރެއް އަދާކުރާނެ

އިބްރާހިމް ޝިއުރީ، އެމްއެމްޕީއާރުސީގެ އެމްޑީ އަދި ސީއީއޯ

ތަފްސީލް - އެމްއެމްޕީއާރުސީން ބުނީ މި ޕާޓްނަޝިޕްގެ ދަށުން މުމްބާއީ އިންޑިއަންސްއާއެކު ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ހާއްސަ ކެމްޕޭންތައް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން:

  • އެ ޓީމްގެ ކުޅުންތެރިން ބައިވެރިވާ ގޮތަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރަން ހަރަކާތްތައް ބާއްވާނޭ

  • ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަން ހާއްސަ ޕްރޮމޯޝަންތަކާއި އޮފާތައް އެ ޓީމް މެދުވެރިކޮށް އިޝްތިހާރު ކުރާނެ

  • އިންޑިއާގެ ރަސްމީ ކްރިކެޓް ލީގް، އައިޕީއެލްގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުވާނެ 

އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ކުރިކެޓަކީ އިންޑިއާގައި އެންމެ މަގުބޫލު އަދި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން މީހުން ބަލާ ކުޅިވަރަށް ވާއިރު، މި އެއްބަސްވުމާ އެކު އިންޑިއާ އަދި ބައިނަލްއަގްވާމީ މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން ރާއްޖޭގެ ޓޫރިޒަމަށް ލިބެން މަގުފަހިވާނޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

"މުމްބާއީ އިންޑިއަންސްއާ އެކު ހެދި މި ޕާޓްނަޝިޕަކީ ރާއްޖެ އިޝްތިހާރުކުރުމުގައި އަނެއްކާ ވެސް އަޅާ ވަރަށް މުހިންމު ފިޔަވަޅެއް. އިންޑިއާ، ރާއްޖެ އަދި މުޅި ދުނިޔޭގެ އެތައް ގައުމެއްގެ އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ކްރިކެޓަކީ ހާއްސަ ޖާގައެއް އޮތް ކުޅިވަރެއް،" ޝިއުރީ ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ މިއަހަރު އިންޑިއާއިން 200،000 ޓޫރިސްޓުން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބަސްވުން މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ. 

އެނގުން މުހިންމު - މިދިޔަ އަހަރު ތެރޭގައި ސަރުކާރުގެ ސިޔާސީ ބަޔަކު އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް އިހާނެތި ބަސްތަކެއް ރައްދުކުރި މައްސަލައިގައި ރާއްޖެއާ ދެކޮޅަށް ފެށި ބޮއިކޮޓް ކެމްޕޭނަކާ ވިދިގެން ރާއްޖެއަށް އެ ގައުމުން ޓޫރިސްޓުން އަންނަވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އަދިވެސް އެ ހީނަރުކަމުން ރާއްޖެއަށް އަރައެއް ނުގަނެވެ އެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު: 

  • އިންޑިއާ އަކީ މީގެ ކުރިން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި ގައުމަށް ވީ ނަމަވެސް މިހާރު އެ ގައުމު އޮތީ 6 ވަނައިގައި 

  • މި މަހުގެ 12އާ ހަމައަށް އިންޑިއާއިން ރާއްޖެ އައީ 24،167 ޓޫރިސްޓުން؛ އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %4.8 

އެ ހީނަރުކަމާ ހުރެ ޓޫރިޒަމަށް ލިބޭ އާމްދަނީ އާއި މަހުން މަހަށް ޓޫރިސްޓުން އަންނަ ވަރަށް ވަނީ މިދިޔަ ފެބުރުއަރީ މަހު ކޮންމެވެސް ވަރެއްގެ ދަށްވުމެއް އައިސްފަ އެވެ. 

ބީޓުސީ ކެމްޕޭންތަކުން ރާއްޖެއަށް އަންނަން އެޕަޓައިޓް ރަނގަޅު ކުރެވޭނީ އިންޑިއާ މީހުންގެ މެދުގައި. މީގެ ކުރިން ނުކުރާ ވަރަށް މި އަހަރު އެކަހަލަ ކެމްޕޭންތައް އިންޑިއާ މާކެޓުގައި ކުރާނަން

އަބްދުﷲ ގިޔާސް، އެމްއެމްޕީއާރުސީގެ ޗެއާމަން

ފާހަގަކޮށްލެވޭ - އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް މިފަހުން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރަން އިންޑިއާގެ އާންމުންނަށް އަމާޒުކޮށް ނުވަތަ ބީޓުސީ ކެމްޕޭންތަކެއް އެ ގައުމުގެ ފަށާނޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އައިޕީއެލްގައި ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރަށް: 

  • އިންޑިއާގެ ސްޓާރުންނާ އެކު ރާއްޖެ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުން 

  • ބްރޭންޑް އެމްބެސެޑަރުން ފަދަ ފަރާތްތައް ހަމަޖައްސައިގެން ރާއްޖެ އިޝްތިހާރުކުރުން 

"ބީޓުސީ ކެމްޕޭންތަކުން ރާއްޖެއަށް އަންނަން އެޕަޓައިޓް ރަނގަޅު ކުރެވޭނީ އިންޑިއާ މީހުންގެ މެދުގައި. މީގެ ކުރިން ނުކުރާ ވަރަށް މި އަހަރު އެކަހަލަ ކެމްޕޭންތައް އިންޑިއާ މާކެޓުގައި ކުރާނަން،" ގިޔާސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރަށް، އިންޑިއާގެ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އެއާ އިންޑިއާއިން އިތުރުކުރަން ވަނީ ރާވައިފަ އެވެ. އަދި މި އަހަރުގެ ތިން ވަނަ ކުއާޓާގެ ތެރޭގައި އިންޑިއާގެ އަކާސާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. 

ގުޅުންހުރި - އިނގިރޭސިވިލާތާއި ޔޫރަޕްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ނަން ހިނގާ ކްލަބް ލިވަޕޫލް އެފްސީއާ އެކު ރާއްޖެއިން ވަނީ މިފަހުން ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އެ ކުލަބުގެ ރަސްމީ ޓޫރިޒަމް މަންޒިލެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް