ކްރޫޒްލައިނާއަކުން އައި އިންޑިއާގެ ޓޫރިސްޓުންތަކެއް މާލޭގައި: އިންޑިއާ މާކެޓަށް އައި ހީނަރުކަމުން އަދިވެސް އަރައެއްނުގަނެވޭ (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ޓޫރިޒަމް

އިންޑިއާ ޓޫރިސްޓުން ގިނައެއް ނުވޭ؛ މިވަނީ ކިހިނެއް؟

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ވަނީ %7ގެ ދަށްވުމެއް އައިސްފައި

އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. ނަމަވެސް މިދިޔަ އަހަރު ތެރޭގައި ސަރުކާރުގެ ސިޔާސީ ބަޔަކު އިންޑިއާގެ ބޮޑުވަޒީރަށް އިހާނެތި  ބަސްތަކެއް ރައްދުކުރި މައްސަލައިގައި އިންޑިއާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަވަރު  ވަރަށް ބޮޑަށް ދަށަށް ދިޔަ އެެވެ. 

އެކަމުން އަރައިގަންނަން ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް އަދިވެސް އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދަށް ކުރިއެރުމެއް ނުލިބެ އެވެ. މިދިޔަ އަހަރު އިންޑިއާ މާކެޓަށް އައި ހީނަރުކަމުން އަދިވެސް ރާއްޖެއަކަށް އަރައެއް ނުގަނެވެ އެވެ. 

 އާ އަހަރުގެ ޗުއްޓީއަށް ރާއްޖެ އައި ފަތުރުވެރިންތަކެއް އެއާޕޯޓްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 19އާ ހަމައަށް އިންޑިއާއިން ރާއްޖެއަށް އައީ: 

  • 17،802 މީހުން، އެއީ ރާއްޖެ އައި ޓޫރިސްޓުންގެ %4.7

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 21،312 ޓޫރިސްޓުން

އެހެންކަމުން މި އަހަރު އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުން މި ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %7ގެ ދަށްވުމެއް އައިސްފަ އެވެ. އެ ދަށްވުމާ އެކު އިންޑިއާއަކީ މިހާރު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިއަ އަހަރުގެ ކުރިން އެ ގައުމު އެއް ވަނާގައި ވެސް އޮތެވެ. 

މިވަނީ ކިހިނެއް؟ 

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރާ އެޖެންސީ، އެމްއެމްޕީއާރުސީގެ ޗެއާމަން އަބްދުﷲ ގިޔާސް ރިޔާޒު ވިދާޅުވީ އިންޑިއާ މާކެޓުން ޓޫރިސްޓުން އަންނަވަރު ދަށަށް ދާ ނިސްބަތް މިހާރު ވަނީ ކުޑަކުރެވިފައި ކަމަށެވެ. މިހާރު ކުރަން ޖެހޭ މަސައްކަތަކީ އިންޑިއާ ޓޫރިސްޓުން އަންނަ އަދަދު ނެގެޓިވުން ޕޮޒިޓިވްއަށް ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.  

މިދިޔަ އަހަރު ރާއްޖެ އައި އިންޑިއާ ޓޫރިސްޓުންގެ އަދަދަށް ވަނީ %38ގެ ދަށްވުމެއް އައިސްފަ އެވެ. 

އެމްއެމްޕީއާރުސީގެ ޗެއާމަން އަދި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް (ދައުރު ފޮޓޯ/ހުސެން ސުނޭން)

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އައި ވެއްޓުމުން އަރައިގަންނަން ވަގުތު ނަގާނެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ މިދިޔަ އަހަރުގެ ދެތިން މަހެއްހާ ދުވަހު އިންޑިއާގެ ވަރަށް ގިނަ ޓްރެވަލް އެޖެންޓުން ރާއްޖެއަށް ޓޫރިސްޓުން ނުފޮނުވާ ދިޔުން ކަމަށެވެ. އެ ދަނޑިވަޅާ ދިމާކޮށް ވިއެޓްނާމް އަދި ތައިލެންޑް ފަދަ ރާއްޖެއާ ވާދަވެރި މަންޒިލްތައް އިންޑިއާގެ ޓޫރިސްޓުންނަށް ތައާރަފްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެވަރުގެ އެޕަޓައިޓެއް ނެތީ އަދިވެސް އިންޑިއާ ޓޫރިސްޓުންގެ ރާއްޖެ އަންނަން. އެ މީހުންނަށް މީގެ ކުރިން ނެތް، ރާއްޖެ ކަހަލަ އެތައް މަންޒިލްތަކެއް ކުޑަ އަގުގައި އެ މީހުންނަށް ތައާރަފްވީ. އިންޑިއާގެ ސާޗުތަކުގައި ވެސް ރާއްޖެ އަދި ދަށްކޮށް މި އުޅެނީ،" ގިޔާސް ވިދާޅުވި އެވެ. 

މީގެ އިތުރަށް ޖެނުއަރީ، ފެބުރުއަރީއަކީ އިންޑިއާ ފަތުރުވެރިން ގައުމުން ބޭރަށް އާންމުކޮށް ދަތުކުރާ މަސްތަކެއް ނޫންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

"އާންމުކޮށް ސްކޫލް ބަންދު ދުވަސްވަރު އިންޑިއާ ޓޫރިސްޓުން ބޮޑަށް ދަތުރުކުރާނީ. މާޗް ހިސާބުގައި ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ގިޔާސް ވިދާޅުވި އެވެ. 

ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ބާރުއެޅުމަށް އުފައްދާފައިވާ ޑެސްޓިނޭޝަން ފިއުޗާ ޖަމިއްޔާގެ ނައިބު ރައީސް އަމުޖަދު ތައުފީގް ވެސް ގަބޫލުކުރައްވާ ގޮތުގައި އިންޑިއާގެ ޓޫރިސްޓުން އައުން މަދުވި ކަންތައްގަނޑުގައި ލިބުނު ގެއްލުމުން އަދިވެސް ރާއްޖެއަށް އަރައެއް ނުގަނެވެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ފެބުރުއަރީ ހިސާބުގައި ހުރި އިންޑިއާގެ ނަމްބަރުތަކަކީ ރާއްޖެ-އިންޑިއާއާ ދެމެދު މައްސަލަ ނުޖެހި ރަނގަޅަށް ހުރިއިރުގެ ނަމްބަރުތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

ޑެސްޓިނޭޝަން ފިއުޗާ ސަމިޓުގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަމުޖަދު ވާހަކަ ދައްކަވަނީ (ފޮޓޯ/ޑެސްޓިނޭޝަން ފިއުޗާ ޖަމްއިއްޔާ)

މީގެ އިތުރަށް އިންޑިއާ މާކެޓުން އަންނަ ޓޫރިސްޓުން ކުރީގެ ނަމްބަރުތަކާ ހަމައަށް ނުގޮސްގެން އުޅޭ އެހެން ސަބަބުތަކެއް ވެސް އޭނާ ވިދާޅުވި އެވެ. އެއީ: 

  • އިންޑިއާ ޓޫރިސްޓުންނަކީ އަބަދުވެސް އާ މަންޒިލެއް ބަލައިލަން ޝައުގުވެރިވާ ބައެއް؛ އެގޮތުން އެ މީހުން ކަޒަކިސްތާން އަދި ޖަޕާން ކަހަލަ އާ މަންޒިލްތަކަށް ދިޔުން ވަނީ ގިނަވެފައި 

  • އިންޑިއާގައި މިހާރު ކުރިއަށް ދާ މަހަ ކުމްބް މެލާ، ދީނީ ފެސްޓިވަލްއާ ހެދި ވެސް އެ ގައުމުގެ މީހުން ގައުމުތަކަށް ދަތުރުކުރުން ވަނީ މަދުވެފައި 

"އިންޑިއާ ޓޫރިސްޓުންގެ ތެރޭ ރިޕީޓާޒް ވަރަށް މަދުވާނެ. ނިއު ބިޒްނަސް މި ހުންނަނީ. އެ މީހުން އެެހެންވީމާ ބަލާނީ އަބަދުވެސް ނުދާ އާ ޑެސްޓިނޭޝަނަކަށް ދާން. އެހެންވީމާ އާންމުކޮށް މީހުން ނުދާ ތަންތަނަށް ދާން އެ މީހުން ބަލާނީ،" އަމްޖަދު ވިދާޅުވި އެވެ. 

ރާއްޖޭގެ ބޮޑު ކެމްޕޭނެއް އިންޑިއާއަށް 

ގިޔާސް ވިދާޅުވީ އިންޑިއާ ޓޫރިސްޓުން އަންނަވަރު އިތުކުރަން އެމްއެމްޕީއާރުސީން މިހާރު ސަމާލުކަން ދެނީ އިންޑިއާގެ އާންމުންނަށް އަމާޒުކޮށް، ބީޓުސީ ކެމްޕޭންތަކެއް ރާއްޖޭގެ ޓޫރިޒަމްގެ ރީތިކަން ކިޔައިދީ ހިންގުމަށް ކަމަށެވެ. 

މި އަހަރު އެފަދަ ގިނަ ކެމްޕޭންތަކެއް އެ ގައުމުގައި އަދި ނުހިންގޭކަން ފާހަގަކުރައްވައި ގިޔާސް ވިދާޅުވީ އިންޑިއާގެ ކުރިކެޓް ލީގް އައިޕީއެލްގައި ރާއްޖެ އިޝްތިހާރުކުރަން ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ. 

މީގެ އިތުރަށް އިންޑިއާގެ ސްޓާރުންނާ އެކު ރާއްޖެ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރުމާއި ބްރޭންޑް އެމްބެސެޑަރުން ފަދަ ފަރާތްތައް ހަމަޖައްސައިގެން ރާއްޖެ ޕްރޮމޯޓް ކުރަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ގިޔާސް ވިދާޅުވި އެވެ. 

"ބީޓުސީ ކެމްޕޭންތަކުން ރާއްޖެއަށް އަންނަން އެޕަޓައިޓް ރަނގަޅު ކުރެވޭނީ އިންޑިއާ މީހުންގެ މެދުގައި. މީގެ ކުރިން ނުކުރާ ވަރަށް މި އަހަރު އެކަހަލަ ކެމްޕޭންތައް އިންޑިއާ މާކެޓުގައި ވަރަށް އަވަހަށް ފަށާނެ،" ގިޔާސް ވިދާޅުވި އެވެ. 

އޭޓީއެމް ފެއާ 2023ގައި ރާއްޖޭގެ ސްޓޭންޑު (ދައުރު ފޮޓޯ)

އޭނާ ވިދާޅުވީ އިންޑިއާގެ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އެއާ އިންޑިއާއިން އިތުރުކުރާނެ ކަމުގެ ސިގްނަލެއް ވެސް ދީފައިވާ ކަމަށެވެ. މި އަހަރުގެ ތިން ވަނަ ކުއާޓާގެ ތެރޭގައި އިންޑިއާގެ އަކާސާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ވާހަކަ ދައްކަމުން އަންނަކަމަށް ވެސް ގިޔާސް ވިދާޅުވި އެވެ. 

"އެއާލައިންތައް އިތުރުވެ ދަތުރުތައް އިތުރުވީމާ ކަނެކްޓިވިޓީ ރަނގަޅު ވީމާ ޓޫރިސްޓުން އަންނަވަރު އިތުރުކުރަން އެޅޭ ބާރަކަށް ވާނެ. މިހާރު ވެސް ކަނެކްޓިވިޓީ އަދިވެސް މަދު ރާއްޖެއަށް،" ގިޔާސް ވިދާޅުވި އެވެ. 

އިންޑިއާ މާކެޓަށް އުންމީދު ބޮޑު 

އިންޑިއާ ޓޫރިސްޓުން އަންނަވަރު އަދި މަދު ނަމަވެސް އަމުޖަދު ލަފާކުރައްވަނީ އިތުރު ކަންތައްތަކެއް މެދުވެރި ނުވާހާ ހިނދަކު މި އަހަރު ކުރިއަށް އޮތް ތަނުގައި އިންޑިއާއިން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ. 

"މިހާރު ވެސް ހަމަ ވަރަށް ރަނގަޅަށް އެބަ އާދޭ ބުކިންތައް. އެހެންވީމާ މި ބަލަނީ ތިން ވަނަ ކުއާޓާއަށް އަންނައިރު ކުރިން ހުރި ހިސާބުތަކަށް އިންޑިއާ މާކެޓުގައި ދެވޭނޭ،" އަމުޖަދު ވިދާޅުވި އެވެ.

ގިޔާސް ވެސް ގަބޫލުކުރައްވަނީ އަހަރު ނިމޭއިރު އިންޑިއާއިން އަންނަ ޓޫރިސްޓުން ކުރިން ހުރި ހިސާބަށް ދާނެ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީން ފަށާ ކެމްޕޭންތަކާ އެކު މި އަހަރު ނިމޭއިރު 200،000-300،000 ދެމެދުގެ އަދަދެއްގެ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް  ދަތުރުކުރާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"ޖުމްލަ ނަމްބަރު އަޅުގަނޑު ދަންނަވާނީ އަހަރު ނިމޭއިރު ރަނގަޅަށޭ ހުންނާނީ. އުނދަގޫ ވާނެ އޯވަނައިޓުން ކުރިން ހުރި ވަރަށް ދާން. އެކަމަކު އެ ހިސާބަށް މި އަހަރު ތެރޭ ދެވޭނެ،" ގިޔާސް ވިދާޅުވި އެވެ. 

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފޮޓޯ/އަޒްމީ)

ޓޫރިޒަމްގެ އެއްވަނަ މާކެޓަކަށް ޗައިނާ

މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގޮތުން މިދިޔަ މަހު ވެސް އެ ގައުމުން ވަނީ ބައި ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. 

އިންޑިއާއިން އަންނަ ޓޫރިސްޓުން ދަށްވިޔަސް ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ހިއްސާއެއް އޮންނަ އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ގިނަވެފަ އެވެ. އެގޮތުން: 

  • ޗައިނާއިން އައި ޓޫރިސްޓުންނަށް %27ގެ އިތުރުވުމެއް

  • ރަޝިޔާއިން %24ގެ އިތުރުވުމެއް

  • ޔޫކޭއިން އައި ޓޫރިސްޓުންގެ އަދަދަށް %33 ކުރިއެރުން

  • އިޓަލީ މާކެޓަށް %15ގެ ކުރިއެރުމެއް 

  • ޖަރުމަނުން އައި އަދަދަށް %20ގެ ކުރިއެރުމެއް 

  • ފްރާންސުން %37ގެ ކުރިއެރުމެއް 

ފެބުރުއަރީ 19އާ ހަމައަށް މި އަހަރު ރާއްޖެއަށް ވަނީ ޖުމްލަ 365،829 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %6.7ގެ ކުރިއެރުމެކެވެ. 

ކޮމެންޓް (6)

ޖާދިސާ

3 މާރިޗު 2025
ގެއްލިއްޖެ އަބުރެއް ދެނެއް ނުލިބޭނެ. މީ ތަސައްރަފު ނުފުދޭ މޮޔައިން ނަށް ބޮޑެތި ލާއިގު ނޫން ބޮޑެތި މަގާމް ދިނުމުގެ ނަތީޖާ
3 0

ކޮސް

3 މާރިޗު 2025
އުތުރުކަރައިގެ މީހުންނަކީ މޮޔަބައެއްކަމަށް މުއިއްޒު ޤަބޫލުކުރަނީ. ޗައިނާއަށް ކަނޑު ވިއްކާލުމާއެކު ގުޅުން ކެނޑި ނިމިއްޖެ.
3 0

ދެބެން

3 މާރިޗު 2025
މިއުޅޭ ދެ ދައިތަގަނޑުކުރެން އަހާބަލަ މިވާގޮތެއް.
2 0

ސަމަދު

3 މާރިޗު 2025
އިންޑިއާ މީހުނަކީ ވަތަނީ ބައެއް. އެމީހުން އެމީހުންގެ ރައްދެކެ ކޯބިވޭ. އެމީހުނައް އެއްޗެހިކިޔާފަ ކިހެނެއް ޖެހިގެން އަންނަ ދުވަހު ހިތް ރަގަޅުވާނީ. ތަނެއްދޮރެއް ނޭގޭމީހުން އަގަހުޅުވީމަ މުޅިގައުމައް މިލިޔަނުން ގެއްލުން. މަހިތައް އަރާ އެޓުވީޓުތައް ކުރިމީހިން ވަކިކުރަން ނުކެރިގެން މިއުޅެނީ އެމީހުންގެ ދަށުވެފާ ހިރީމަބާޔޭ.
6 0

މުވައްރިޚް

3 މާރިޗު 2025
އެއްބައެއްގެ ފަރާތުން ދިވެހި ދަވްލަތަށް، އަދި މުޅި ދިވެހި ރައްޔިތުންނަށް މިހާބޮޑު ގެއްލުމެއް ލިބުނީ މުހައްމަދުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަނގަ ހަޑިކަމުން، މުހައްމަދުގެ މައްސަލައަކީ އެކްޓިވިސްޓުންނަށް މިނިސްޓަރެއްގެ ލަގަބު ދިނުން، ދިވެހި ތާރީޚުގައި އެބައެއްގެ ނަން ފަވާލެވެނީ މުޅި ޤަވްމަށް މިހާބޮޑު ގެއްލުން ދިންފަރާތްތަކެއްގެ ގޮތުގައި، އެހްނެ ޤަވްމެއް ނަމަ، އެބަޔަކަށް ޖިނާއީ އަދަބު ލިބޭފަދަ ބޮޑުކުށެއް ކޮށްގެން އެތިބީ އަދިވެސް މިނިްވަންކަމާއެކު، މުހައްމަދު އިންޑިއާ ފޫބުޑަށް ވެއްޓުމަށް މެދުވެރިކުރުވި ފަރާތްތަކީވެސް އެފަރާތްތައް، ޤަވްމިއްޔަތޭ ދީނޭ ކިޔާފައި ދީނުގައި އޮންނަނީ އެހެން ދީނުގެ ކަލާންގެތަކަށްވެސް ބަދުބަސް ނުބުނުމަށް
5 0

ލޮނުމެދު

3 މާރިޗު 2025
ޝިއުނާއާ މަލްޝާއާ މުއިއްޒު ގާތު ތި ސުވާލު ކޮށްބަލަ
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް