މާލިއްޔަތު ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް (ފޮޓޯ/މަޖިލިސް)

ހަރަދު ކުޑަކުރަން ސަބްސިޑީ ކަނޑާލުމަކީ ދަތިކަމެއް: ގާސިމް

ސަބްސިޑީ ދެނީ ރައްޔިތުންގެ ފުދުންތެރިކަން ދަށްވުމުން ކަމަށާއި ސަބްސިޑީ ދިނަސް ސަރުކާރުގެ ފިޔަވަޅުތަކާ އެކު ހަރަދުތައް ކުޑަކޮށް، އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާސިމް ވިދާޅުވި

ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދާއި ދަރަނި ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ހަރަދު ކުޑަކުރަން ކަމަށް ބުނެ، ރައްޔިތުންނަށް ދޭ ސަބްސިޑީތައް ކަނޑާލުމަކީ ދަތިކަމެއް ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު، މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީން މިިއަދު ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ ވަފުދުގެ އިސްކޮށް ހުންނެވި މިޝަން ޗީފް ޕިޔަޕޯން ނިކީ ވަނީ ސަބްސިޑީން އިސްރާފު ކުޑަކޮށް، މާލީ އިސްލާހީ ފިޔަަވަޅުތައް އެޅުން ލަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - ނިކީ ދެއްކެވި ވާހަކަތަކަށް ފަހު، ގާސިމް ވަނީ ދައުލަތުން ގެންގުޅޭ މާލީ އިސްލާހީ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ޕްލޭންތަކަށް އިތުބާރު އެބައޮތް ކަމަށާއި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރުގެ އަމާޒު ހާސިލުވާނެ ކަމަށް. މިހާރު ވެސް އިގްތިސޯދު ހަމައަކަށް އެޅުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފައި،" ގާސިމް ވިދާޅުވި އެވެ.

"އިގްތިސޯދީ މި ގޮންޖެހުންތަކުން ސަރުކާރުން އަރައިގަންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. މި ގޮންޖެހުންތަކަކީ ހަމައެކަނި މި ސަރުކާރުގެ ހަރަދުތައް ހުރި ގޮތުން އައި ކަންތަކެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ސަބްސިޑީ ދެނީ ގިނަ ރައްޔިތުންގެ މާލީީ ފުދުންތެރިކަން ނެތުމުންނެވެ. އެއީ "އެހީ"އެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އާންމު ދިރިއުޅުމުގެ ކަންތައް ހަމަޖައްސަން ގިނަ އާންމުންނަށް ދަތި. އެހެންވެ ސަރުކާރުން، ކޮންމެ ސަރުކާރަކުން ވެސް އެކަން ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ރުހުން ހޯދަން ކަމަށާއި އެއް ސަރުކާރަކަށް ވުރެ އަނެއް ސަރުކާރަކުން ރައްޔިތުންނަށް ދޭ އެހީތައް އިތުރުކޮށް، މަގުބޫލުކަން ހޯދަން މަސައްކަތް ކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ "ޑިމޮކްރަސީގެ މައްސަލައެއް"ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މިއީ މައްސަލައެއް. ކޮންމެ އިންތިހާބަކާ ދިމާކޮށް ވައުދުތަކެއް ވެގެން ސަރުކާރު އައިސް ހަރަދުތައް މި އިތުރުވަނީ. އިންތިހާއަށް ދަނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ހަމައެކަނި ރާއްޖޭން ފެންނަ މަންޒަރެއް ނޫން ކަމަށާއި އަވައްޓެރި އިންޑިއާ އަދި ސްރީ ލަންކާ އިން ވެސް މިކަންތައް ފެންނަ ކަމަށެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންތައްތައް ހުންނަ ގޮތުން ސަބްސިޑީގެ ގޮތުގައި ދޭ އެއްޗެހި ވެސް އިތުރުވަނީ ކަމަށެވެ. އެކަމަކު ސަރުކާރުން އެކަންތައް ހަމައަކަށް އަޅުވައި ރައްޔިތުންނަށް ވެސް އަދި މާލިއްޔާއަށް ވެސް ބުރަ ނުވާނެ ގޮތަށް ހަމަޖައްސާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ރައީސް އެބައޮތް ނިންމަވާފައި މުސާރަ ކުޑަކުރުމުގެ ސިޔާސަތެއް. އެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ. ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމު ކުރުމުގެ މަސައްކަތް ވެސް އެބަ ކުރައްވާ. މިއީ ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތައް. އާމްދަނީ އިތުުރު ކުރުމަށް ވެސް ފިޔަވަޅުތައް އެބަ އަޅާ. އުނދަގޫ ހާލަތެއްގައި ނަމަވެސް އެ ކަމަށްޓަކާ ޓެކްސްތައް ބޮޑުކޮށްފި. އެބަ ބޭނުންވޭ މިހާރަށް ވުރެ ހަރުދަނާކޮށް ފިޔަވަޅުތައް ތަންފީޒު ކުރަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މި އަހަރުގެ ބަޖެޓު 20 ބިލިއަން ރުފިޔާ އިން ޑެފިސިޓުވާނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް އިގްތިސޯދީ ފިޔަވަޅުތަކާ އެކު އެ އަދަދު 9 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

"އޭގެ މާނައަކީ އިންވެސްޓުމެންޓުތައް ކުޑަކުރައްވައިގެން ނޫނީ އާމްދަނީ އިތުރުކޮށްގެން ވެސް އެކަންތައް ކުރައްވާނެޔޭ. އެކަން ކުރެވޭނެ. އަޅުގަނޑަށް އެބައޮތް އެ ޔަގީންކަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް