ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގައި އައިއެމްއެފްގެ ބޭފުޅުން ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އިގްތިސާދު

އައިއެމްއެފުން އަނެއްކާވެސް ގޮވާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން

އުމުރާނީ ބައެއް މަޝްރޫއުތައް މަޑުޖައްސާލައި، އެންމެ ބޭނުން ޖެހިފައިވާ މުހިއްމު މަޝްރޫއުތައް އެކަނި މިވަގުތު ކުރިއަށް ގެންދެވިދާނެ ކަމަށް އައިއެމްއެފުން ބުނި

ދައުލަތުގެ ހަރަދުތައް ކުޑަކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖެއަށް އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީގެ ބޭފުޅުން މިއަދު ވަނީ އައިއެމްއެފްގެ ވަފުދާ ބައްދަލުކޮށްފަ އެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިއެމްއެފްގެ މިޝަން ޗީފް ޕިޔަޕޯން ނިކީ ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިއެރުން އައިސްފައިވާ ކަމަށާއި މި އަހަރު ވެސް އެ ދާއިރާ ކުރިއަރާ، އޭގެ ސަބަބުން އިގްތިސޯދަށް ވެސް ކުރިއެރުން އަންނާނެ ކަމަށް ލަފާކުރާ ކަމަށެވެ.

އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ލިބޭ އެންމެ މުހިއްމު ބާރު ކަމަށް ވެސް ނިކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މި އަހަރު ހުޅުވުމުން ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ އެވެ. އެހެންކަމުން އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގަން އެ ދާއިރާގައި ހުރި ހުރަސްތަކަށް ލުއިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އިގްތިސޯދަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވަމުން ނިކީ ވިދާޅުވީ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމާއި ތަންފީޒު ކުރުން މާ ލަސްވެއްޖެ ކަމަށެވެ.

"ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭ ފިސްކަލް އަދި އެކްސްޓާނަލް ވަލްނަރަބިލިޓީސް އިތުރުވެއްޖެ. އެއާ އެކު ޕޮލިސީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން މާ ބޮޑަށް ވެސް ލަސްވެއްޖެ،" ނިކީ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއި ހައްދެއް ނެތް ގޮތެއްގައި ފޯރުކޮށްދޭ އިޖުތިމާއީ އެހީތެރިކަމަކީ ރާއްޖޭގެ ފިސްކަލް ޑެފިސިޓް އާއި ދަރަނި ކުޑަކުރަން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

"މިދިޔަ 2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ %120 އަށް ވުރެ އިތުރު،" ނިކީ ފާހަގަކުރެއްވި އެވެ.

"ޕޮލިސީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން އަވަސް ނުކޮށް މިކަން ހައްލު ކުރެވޭކަށް ނެތް. މިހާރު ވެސް މާ ބޮޑަށް ލަސްވެއްޖެ. އިތުރު ގޮންޖެހުންތައް ވެސް ކުރިމަތިވާނެކަން ދަންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް އެކްސްޓާނަލް ޕްރެޝާ އިތުުރުވާކަން ދަނެގެން ކަރަންޓު އެކައުންޓް ޑެފިސިޓް ކުޑަކުރަން އެބަ ޖެހޭ. މަޝްރޫއުތަކަށާއި ބަޖެޓަށް ވެސް ފައިނޭންސް ހޯދަން ދަތިތައް އެބަހުރިކަން ދަނެގެން މަސައްކަތް ކުރަން ޖެހޭ." 

އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޕަބްލިކް ފައިނޭންސް އާއި ދަރަނީގެ ހާލަތު އޮތީ ނާޒުކު ފައްތަރެއްގަ އެވެ. މާލީ ހާލަތު ރަނގަޅުކުރަން ލަސްކުރުމެއް ނެތި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭކަން ތަކުރާރުކޮށް ވިދާޅުވި އެވެ.

"ފިސްކަލް ރިފޯމް އެޖެންޑާގެ ތެރެއިން ރާއްޖޭން އަމިއްލައަށް ގިނަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރަން. އެކަންތައް ބަލައިގަންނަން. މިސާލަކަށް 2023 ވަނަ އަހަރު ޖީއެސްޓީއަށް ގެނައި ބަދަލު. މީގެ އިތުރުން ވެސް އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް. މި ފިޔަވަޅުތަކާ އެކު ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނި އަދާކުރަން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ،" ނިކީ ވިދާޅުވި އެވެ.

މީގެ އިތުރުން:

  • ފައިސާ ޗާޕުކުރުން ހުއްޓާލަން ސަރުކާރުން ނިންމި ނިންމުން ވެސް ފާހަގަކުރި

  • ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށާއި މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތަކަކީ ވެސް މުހިއްމު އިސްލާހުތަކެއް

ނިކީ ވިދާޅުވީ ދައުލަތުގެ ދަރަނި ކުޑަކޮށް މާލީ އިސްލާހީ ފިޔަވަޅުތަކުގެ ގޮތުގައި އަޅަން މި އަހަރުގެ ބަޖެޓުގައި ހިމެނޮި ކަންތައް ތަންފީޒުކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

"އެ ފިޔަވަޅުތައް ތަންފީޒު ކުރުން އަވަސްވެގެން ނޫނީ އިގްތިސޯދީ އިމްބެލެންސްއަށް ކުޑަ ވެސް ލުޔެއް ލިބޭކަށް ނެތް. ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް އެ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ހާއްސަކޮށް ސަބްސިޑީ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް އަވަސްކުރަން ނިކީ ގޮވާލެއްވި އެވެ. އޭނާ ވަނީ އާސަންދަ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލަށް ތައުރީފު ކުރައްވާ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި އެ ނިޒާމުގެ ފައިދާ ލިބޭނެހެން ބައްޓަން ކުރަން އިލްތިމާސް ކުރައްވައިފަ އެވެ.

އިގްތިސޯދީ ހަލަތު އޮތް ގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން ދަތިވެފައިވާކަން ފާހަގަކުރައްވާ އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ވިދާޅުވީ ބައެއް މަޝްރޫއުތައް މަޑުޖައްސާލައި، އެންމެ ބޭނުން ޖެހިފައިވާ މުހިއްމު މަޝްރޫއުތައް އެކަނި މިވަގުތު ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ފިސްކަލް އާއި މަނިޓަރީ ޕޮލިސީ ހަރުދަނާކޮށް އިގްތިސޯދީ ދުވެލި އަވަސް ކުރުމަށް އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހިނގައިގަތުމަށް ފަހިކޮށްދެން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ ހަރަދުން ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ފާހަގަަކުރެވޭ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުގެ ހަރަދުތައް ބޮޑުކޮށް އޮތުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ބޭނުންފުޅުވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު އަމާޒަކީ މި އަހަރުގެ ޑެފިސިޓް ބޮޑު ތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނި މަދުކުރުމެވެ.

"މިގޮތުން އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާ އެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ކުޑަކުރުން. މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި،" ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް (1)

ތެފައާސާ.

12 ފެބްރުއަރީ 2025
[....."ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭ ފިސްކަލް އަދި އެކްސްޓާނަލް ވަލްނަރަބިލިޓީސް އިތުރުވެއްޖެ. އެއާ އެކު ޕޮލިސީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން މާ ބޮޑަށް ވެސް ލަސްވެއްޖެ،" ނިކީ ވިދާޅުވި އެވެ.......] މިއޮތީ ހަމަ ސީދާ ކަނޑައެޅިގެން އައިއެމްއެފާ އިދިކޮޅު ޕާޓީތައް އެކުވެގެން އަނެއްކާވެސް މާލީ ބަގާވާތެއް ގެންނަން އުޅެފައި. ވީ އެންމެ އަވަހަކަށް އައިއެމްއެފް ހައްޔަރުކޮށް، މި ބަގާވާތުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް ފުލުސް އޮފީހަށް އިލްތިމާސް ދަންނަވަން.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް