މޯލްޑިވިއަންގެ ސީދާ ދަތުރުތައް ޗައިނާ އަށް ފެށުން. ފުރަތަމަ ދަތުރުގައި 190 ފަސިންޖަރުން އައިސްފައިވޭ (ފޮޓޯ/މޯލްޑިވިއަން)

މޯލްޑިވިއަން

ދެކެން ބޭނުންވަނީ މޯލްޑިވިއަނުން ޔޫރަޕަށް ވެސް އުދުހޭ ތަން: އަމީން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިނުގެ ސީދާ ދަތުރުތައް ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓަށް ފެށުމަކީ ފަހުރެއް ކަމަށް

ދެކެން ބޭނުންވާ ދުވަހަކީ ޔޫރަޕުގެ މަންޒިލުތަކަށް ވެސް ގައުމީ އެއާލައިން، މޯލްޑިވިއަނުން އުދުހޭ ތަން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޯލްޑިވިއަނަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓުގައި ޗައިނާގެ ޗެންގްޑޫން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި އައި 190 ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް، ޔޫރަޕަށް ދަތުުރު ފަށާނެ ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ހަމަ ގައިމު ވެސް ޔޫރަޕުގެ މަންޒިލުތަކަށް ވެސް އުދުހޭ ތަން. އެއީ ރާއްޖެ އަކީ ޔޫރަޕުގައި މަޝްހޫރު ޓޫރިސްޓު ޑެސްޓިނޭޝަނަކަށް ވެފައި، ރާއްޖެއަށް އަންނަ ޓޫރިސްޓުގެ ގިނަ ބަޔަކީ ޔޫރަޕުން އަންނަ ޓޫރިސްޓުންނަށް ވުން،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މޯލްޑިވިއަނަށް ވައިޑް ބޮޑީ ބޯޓެއް ގެނެސް، އޮޕަރޭޝަންތައް ފެށުމަށް ބޮޑު ހަރަދެއް ހޭދަވި ނަމަވެސް މި އޮޕަރޭޝަންތަކާ އެކު ރާއްޖޭގެ ޓޫރިޒަމަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށެވެ.

"މިއަދު މި ފެށުނު ކޮމާޝަލް އޮޕަރޭޝަންތަކާ އެކު އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ގައުމީ އެއާލައިން ދެން ދާނީ ކުރިއަށް،" އަމީން ވިދާޅުވި އެވެ.

މޯލްޑިވިއަނުން ޗައިނާގެ ޗެންގްޑޫން މާލެއަށް ބޭއްވި ފުރަތަމަ ފްލައިޓުން އައި ފަސިންޖަރުންނަށް އެ އެއާލައިނުން ހާއްސަ ހަދިޔާއެއް ދީފައިވޭ (ފޮޓޯ/މޯލްޑިވިއަން)

މޯލްޑިވިއަންގެ އޭ330ގެ ބޯޓުގެ ދަތުރުތައް ފެށީ ޗައިނާއިންނެވެ. އަންނަ އޮކްޓޯބަރުގައި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް، ޔޫރަޕަށް ދަތުރު ފަށާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ފަށާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ގައުމީ އެއާލައިނުން ޗައިނާއަށް ސީދާ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ އިތުރު ކުރިއެރުމެއް ކަމަށެވެ.

"މިއީ އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ފައިސަލް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ސިނާއަތަށް ރައީސް މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަން މިއީ އިންޑަސްޓްރީ ކުރިއެރުވުމަށް... ހާއްސަކޮށް ޗައިނާ އިން އައި މި ފްލައިޓު %75 ޕަސެންޓު ފުލްކޮށް މި އޮތީ. އެހެންވީމާ ވަރަށް ރަނގަޅު ކާމިޔާބެއް މިއީ. ބެއިޖިން އިން އަންނަ ފްލައިޓު ގާތްގަނޑަކަށް ފުލްކޮށް ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެނީ."

މިނިސްޓަރު ވިދާޅުވީ ޗައިނާއަށް މޯލްޑިވިއަނުން ފެށި ދަތުުރުތަކާ އެކު، އެ އެއާލައިނުގައި އެކަނި ޗައިނާ މާކެޓުން 40،000 ފަތުރުވެރިން އުފުލާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވާ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓަށް އޭ330 ބޯޓެއް ގެނައުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު (ފޮޓޯ/މޯލްޑިވިއަން)

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިނުގެ ސީދާ ދަތުރުތައް ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓަށް ފެށުމަކީ ފަހުރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ފްލައިޓެއްގައި، އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީއަށް ފަސިންޖަރުން އުފުލުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް، ކުރިއެރުމެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖެއަށް ބޭރު ފައިސާ ލިބޭނެ އިތުރު ދޮރެއް ހުޅުުވޭނެ ކަމެއް ކަމަށެވެ.

"ރާއްޖެ އަކީ ފަތުރުވެރިކަމުގެ އިކޮނޮމީއެއް އޮންނަ ގައުމެއް. ވަރަށް މުހިއްމު މިފަދަ އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިއަށް ގެންދިއުން. އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެ ސެކްޓާތައް އެބަހުރި. އުދުހެވިދާނެ ބައެއް ޑެސްޓިނޭޝަންތައް އެބަހުރި މެދުކެނޑުމެއް ނެތި،" ސައީދު ވިދާޅުވި އެވެ.

މޯލްޑިވިއަނުން ޗައިނާގެ ޗެންގްޑޫ އިން މާލެއަށް ކުރި ފުރަތަމަ ދަތުރުގައި އައި ފަތުރުވެރިިންނަށް މަރުހަބާ ކިޔަނީ (ފޮޓޯ/މޯލްޑިވިއަން)

ފާހަގަ ކުރެވޭ - ޗައިނާ އަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 263،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް 15،891 ފަތުރުވެރިން ޗައިނާ އިން އައިސްފައިވާއިރު، މޯލްޑިވިއަނުން ޗައިނާއަށް ސީދާ ދަތުރުތައް ފެށުމާ އެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް