މޯލްޑިވިއަން އިން ޗައިނާގެ ޗެންގްޑޫ އިން މާލެ އަށް ކުރި ފުރަތަމަ ދަތުރުގައި އައި ފަތުރުވެރިިންނަށް މަރުހަބާ ކިޔަނީ (ފޮޓޯ/މޯލްޑިވިއަން)
މޯލްޑިވިއަންގެ ޗައިނާ ދަތުރުތައް 192 ފަތުރުވެރިންނާ އެކު ފަށައިފި
މޯލްޑިވިއަންގެ އޭ-330 ގައި ޗައިނާ އިން ރާއްޖެ އަށް ފުރަތަމަ ދަތުރު ބާއްވައިފި އެވެ. ފުރަތަމަ ދަތުރަށް ވެސް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ ޗެންގްޑޫ އިން މާލެ އަށް ބޭއްވި މި ދަތުރުގައި 192 ފަސިންޖަރުން އައިސްފައިވެ އެވެ.
ތަފްސީލް - ޗަައިނާ އިން މާލެ އަށް މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށާފައިވަނީ އެ އެއާލައިނުގެ ފްލީޓަށް އަލަށް ގެނައި އެއާބަސް މަރުކާގެ ވައިޑް ބޮޑީ މަތިންދާބޯޓުގަ އެވެ.
އޭ330ގެ ދަތުރުތައް ޗައިނާގެ ތިން މަންޒިލަކަށް ބާއްވަން ނިންމާ، ހާއްސަ އަގުތަކެއްގައި ޓިކެޓު ވިއްކަން ފަށައިފަ އެވެ.
އެ ބޯޓުގައި ދެވަނަ ދަތުރު ކުރާނީ މާދަމާ ދުވަހު ޗައިނާގެ ބެއިޖިންއިންނެވެ. އޭގެ ފަހުން މި މަހުގެ 27 ވާ ހޯމަ ދުވަހު ޗައިނާގެ ޝެންހާއީ އިން މާލެއަށް ދަތުރެއް އޮންނާނެ އެވެ.
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު
-
ޗެންގްޑޫ - މާލެ - ޗެންގްޑޫ: 688 ޑޮލަރު
-
ބެއިޖިން - މާލެ - ބެއިޖިން: 788 ޑޮލަރު
-
ޝެންހާއީ - މާލެ - ޝެންހާއީ: 777 ޑޮލަރު
Marking a new chapter! ✈️ Check-in is open for our inaugural flight from Chengdu to the Maldives, establishing direct connectivity between these two stunning destinations. A warm thank you to all our passengers for being part of this historic journey. #MaldivianAero #Chengdu… pic.twitter.com/3L9AWC0NZU
— MaldivianAero (@MaldivianAero) January 22, 2025
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުގައި 264 މީހުންގެ ޖާގަ ހުރެ އެވެެ. އެއީ:
-
ބިޒްނަސް ކްލާހުގައި 18 ގޮނޑި
-
ޕްރިމިއަމް އިކޮނޮމީގައި 36 ގޮނޑި
-
އިކޮނޮމީގައި 210 ގޮނޑި
މީގެ އިތުރުން މި ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.
ޗައިނާ އިން މާލެ އަށް ކުރި ދަތުރުގައި 10 ޓަނުގެ ކާގޯ ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ޗައިނާ އަށް ކުރި ފުރަތަމަ ދަތުރު ކާމިޔާބު ކަމަށާއި ބެއިޖިން އަދި ޝެންހާއީ ދަތުރުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
"ފެށުން މި ފެށިގެން ދިޔައީ ވަރަށް ކާމިޔާބުކޮށް. ކުރިއަށް އޮތް ދެ ސިޓީ އެއީ ޝަންހާއީ އާއި ބެއިޖިން. އެ ފްލައިޓުތަކުގައި ވެސް މިހާރު ގާތްގަނޑަކަށް އެ ހުރީ ފުލްވެފައި ހުރިހާ ފްލައިޓެއް،" އޭނާ ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - ޗައިނާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 263،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް 15،891 ފަތުރުވެރިން ޗައިނާ އިން އައިސްފައިވާއިރު މޯލްޑިވިއަން އިން ޗައިނާ އަށް ސީދާ ދަތުރުތައް ފެށުމާއެކު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ އެވެ.
ޗައިނާ އަށް ފަހު މޯލްޑިވިއަންގެ މަންޒިލަކަށް ވާނީ ޔޫރަޕެވެ. އަންނަ އޮކްޓޯބަރުގައި އެ ދަތުރުތައް ފެށުމުގެ ކުރިން އެ އެއާލައިނުގެ ފްލީޓަށް އިތުރު ވައިޑްބޮޑީ މަތިންދާބޯޓެެއް ގެންނާނެ އެވެ.