ފަތުރުވެރިންތަކެއް ވީއައިއޭގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްއެމްއޭ

ރިސޯޓުތަކަށް ލިބޭ އާމްދަނީ ރާއްޖޭގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭ ގޮތަށް ހަދައިފި

ކޮންމެ އިރަކު ދޭ ހިދުމަތަކުން ލިބުނު ފައިސާއެއް ނަމަވެސް އެ ފައިސާ ލިބޭތާ ތިން ވަނައަށް ވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެކައުންޓަށް ޖަމާކުރަން ޖެހޭ

ޓޫރިޒަމުން ލިބޭ ޖުމްލަ އާމްދަނީ ރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވައިދު އިއްޔެ އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟ - މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ގެޒެޓުކުރި ގަވައިދުގައި ބުނާ ގޮތުން، ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ރާއްޖޭގައި އޮންނަ ބޭންކް އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ.

ތަފްސީލް - އެ ގަވައިދު ބުނާ ގޮތުން، ފައިސާ ޖަމާކުރަން ޖެހެނީ އެ ފައިސާ ލިބޭތާ ތިން މަސް ތެރޭގަ އެވެ. އެއީ ކޮންމެ އިރަކު ދޭ ހިދުމަތަކުން ލިބުނު ފައިސާއެއް ނަމަވެސް އެ ފައިސާ ލިބޭތާ ތިން ވަނައަށްވާ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާކުރުން ގަވައިދުން ވަނީ ލާޒިމްކޮށްފަ އެވެ. އެގޮތުން:

  • މިސާލަކަށް މި މަހު ލިބޭ ފައިސާ، އަންނަ 28 ޖެނުއަރީގެ ކުރިން ޖަމާކުރަން ޖެހޭނެ

  • ފައިސާ ޖަމާކުރަން ޖެހެނީ އެމެރިކާ ޑޮލަރުން ނުވަތަ އެމްއެމްއޭއިން ހުއްދަ ކުރާ ބޭރު ފައިސާ އިން

އިއްޔެ އާންމުކުރި ގަވައިދުގެ ދަށުން ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން:

  • ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ

  • ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ދައްކަން ޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރެއިން ރިސޯޓު، އިންޓަގްރޭޓަޑް ރިސޯޓު، ރިސޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް އުޅަނދު އަދި އެ ނޫނަސް އެފަދަ ތަންތަނެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓުހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

ކޮމެންޓް (1)

profile-image-placeholder

ޢަލިބެ....

5 އޮކްޓޯބަރު 2024
ކަމެއްކުރަން ހަދަ ޤަވާއިދެއްހެނެއް ހިއެއްނުވޭ. ވިސާއާއި އެކު ޕޭމަންޓް ރސިޕްޓް އޮތުމުން ނޫނީ ތިކަމެއްނުވާނެ. އޭރުން ޓްރެވަލް އެޖެންޓުތަކުގއެކައުންޓުތައް ރާއްޖެއަށް ބަދަލުކުރަން މަޖްބޫރުވާނެ. 03 މަސްފަހުން ވީމަ ހީވަނީ ނޫހުގަ ޖަހާލަން ކުރިކަމެއްހެެން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް