މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް (ފޮޓޯ/އެންވަޔަރަމެންޓު މިނިސްޓްރީ)
އެސްއީޒެޑްގެ ސޯލާ މަޝްރޫއު ނޮވެމްބަރުގައި ފަށަނީ
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ހިންގަން ހުއްދަ ދިން، އަވިން ކަރަންޓު އުފައްދާ ނިޒާމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނޮވެމްބަރު މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިއްމު - އެސްއީޒެޑްގެ ދަށުން ދޫކުރި ފުރަތަމަ އިންވެސްޓްމަންޓް ހުއްދަ މިދިޔަ 24 އޭޕްރީލްގައި ދޫކޮށްފައިވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓަކާއި އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވެސް ވަސީލަތްތައް ގާއިމްކުރުމަށެވެ.
-
އެ ހުއްދަ ދިނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަޒާސް ޕަވަ ކޯޕް އާއި ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށް
ވީ ކިހިނެއް؟ - ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ 'ސޯލާ ސިޓީ' މަޝްރޫއު ފެށުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.
ތަފްސީލް - މި ޕްރޮޖެކްޓާ އެކު ތެޔޮ އެތެރެކުރަން ރާއްޖެއިން ކުރާ ހަރަދުން ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ފޮރިން ކަރަންސީ އެންމެ ބާރު ބޮޑު ކުރާ އެއް ކަމަކީ ރާއްޖެއިން ތެލަށް ކުރާ ހަރަދު. ބޭރުން ތެޔޮ އެތެރެކުރަން ކުރާ ހަރަދު. އަހަރަކު 500-700 އެމެރިކާ ޑޮލަރު ސަރުކާރުން ހަރަދު ކުރޭ ކަރަންޓު އުފައްދަން ތެޔޮ ގަތުމަށް،" ސައީދު ވިދާޅުވި އެވެ.
ސޯލާ ސިޓީ ޕްރޮޖެކްޓާ އެކު ތެލަށް ކުރާ ހޭދައިގެ ބޮޑު ބަޔެއް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެހެރީ މިހާރު [ނިމިފައި]. އެއީ ކޮމާޝަލް ކޮންޓްރެކްޓު ވިޔަސް ޓެކްނިކަލް ކޮންޓްރެކްޓު ވިޔަސް. އެކަމާ ގުޅިގެން ހަދަން ޖެހޭ ހުރިހާ ތިމާވެށީގެ ކަންތައް ވެސް [ނިމިފައި ހުރީ]،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޮކްޓޯބަރު މަހު އެ މަސައްކަތަށް ލައިސަންސް ދީ، ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ތިން އަހަރު ތެރޭ މަސައްކަތް ނިންމައި 100 މެގަވޯޓުގެ ކަރަންޓު ސޯލާ އިން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ސިކުނޑި