މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް (ފޮޓޯ/އެންވަޔަރަމެންޓު މިނިސްޓްރީ)
ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓަށް ހުއްދަދީފި؛ ބޮޑު ސޯލާ މަޝްރޫއެއް
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ފުރަތަމަ ފަހަރަށް މަޝްރޫއެއް ހިންގަން މިއަދު އެސްއީޒެޑް ބޯޑުން ހުއްދަ ދޫކޮށްފި އެވެ.
ތަފްސީލް - އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމަންޓް ބޯޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި:
-
އެސްއީޒެޑްގެ ދަށުން ދޫކުރި ފުރަތަމަ އިންވެސްޓްމަންޓް ހުއްދަ މިއަދު ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓަކާއި އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވެސް ވަސީލަތްތައް ގާއިމްކުރުމަށް
-
އެ ހުއްދަ ދިނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަޒާސް ޕަވަ ކޯޕް އާއި ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށް
-
އެ ހުއްދައިގެ ދަށުން އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފީސިބިލިޓީ ތަހުލީލުތައް ހެދުމާއި އެއަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހަޅާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ބުނެފައިވޭ
މިނިސްޓްރީގެ ބަސް - އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ހަކަތަ އުފެއްދުމަށް ޓަކައި ތެލަށް ކުރަން ޖެހޭ ބޮޑު ހަރަދު ކުޑަކުރެވިގެންދާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާ ކުރާނެ ބެޓަރި ސިސްޓަމެއް އަދި އެ ކަރަންޓް ރާއްޖޭގެ މައި ކަރަންޓް ވިއުގަޔާ ގުޅާލުމަށް ގާއިމްކުރަން ޖެހޭ ވަސީލަތްތައް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފާހަގަކޮށްލެވޭ - މި މަޝްރޫއަކީ މިދިޔަ ނޮވެމްވަރު މަހު ދުބާއީގައި ބޭއްވި ކޮޕް-28ގައި ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒަށް ވާސިލްވުމަށް ފަށާ މަޝްރޫއެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެ މަޝްރޫއަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ބޭރުގެ ފަރާތްތަކުގެ ކިބައިން ރައީސް މުއިއްޒު އެދިވަޑައިގެންފައިވެ އެވެ.