މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް (ފޮޓޯ/އެންވަޔަރަމެންޓު މިނިސްޓްރީ)

އެސްއީޒީގެ ފުރަތަމަ މަޝްރޫއުގެ އީއައިއޭ މަހެއް ތެރޭ ފަށަނީ

އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުންޏަ ވާހަކަ ދައްކައިގެން ރައްޔިތުންނަށް ފެންނާނެހެން މަޝްރޫއުގެ ފިޒިކަލް މޮޑެލްއެއް ތައްޔާރު ކުރާނެކަމަށް ސައީދު ވިދާޅުވި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ހިންގަން ހުއްދަ ދިން އިއާދަކުރަނިވި މަޝްރޫއުގެ އީއައިއޭގެ މަސައްކަތް މޫސުން ރަނގަޅުވިހާ އަވަހަކަށް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފުރަތަމަ 6 މަސް ތެރޭ އިކޮނޮމިކް މިނިސްޓްރީ އިން ކުރިއަށް ގެންދިޔަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ މަޝްރޫއުގެ ޕްލިމިނަރީ ސްޓަޑީތައް ފަށާފައިވާ ކަމަށާއި އިންޓަނޭޝަނަލް ޓެކްނިކަލް އެކްސްޕާޓުންނާ އެކު އެކަމާ ގުޅޭ ފަންނީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ބުނީ ކީކޭ؟ - "މޫސުން ރަނގަޅުވިހާ އަވަހަކަށް ކުރިއަށް އޮތް 30 ވަރަކަށް ދުވަހުގެ ތެރޭގަައި އެންވަޔަރަމެންޓު އިމްޕެކްޓު އެސެސްމެންޓެއް ހަދާނެ. ހަމައެއާ އެކު ކަނޑު އަޑިން އަޅާ ކޭބަލް އެޅުމަށް ޓެކްނިކަލް ސްޓަޑީސްތައް ވެސް ކުރާނެ،" ސައީދު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް ތައްޔާރުކުރާނެ ކަމަށާއި ވިސްނުން ހުރީ، އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުންޏަ ވާހަކަ ދައްކައިގެން ރައްޔިތުންނަށް ފެންނާނެހެން މަޝްރޫއުގެ ފިޒިކަލް މޮޑެލް އެއް ތައްޔާރު ކުރުމަށް ކަމަށެވެ.

"އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ނިންމޭނެ ކަމަށް އެ ބޭފުޅުން މައުލޫމާތު ދޭ،" އޭނާ ވިދާޅުވި އެވެ.

އެސްއީޒެޑު މަޝްރޫއުގެ ފުރަތަމަ މަޝްރޫއަށް ހުށަހަޅަން ޖެހޭ ބޭންކު ގެރެންޓީ އާއި އެހެނިހެން ގެރެންޓީތައް ކުރިއަށް އޮތް ހަފްތާއެއް ހައި ދުވަސް ތެރޭ ކުރިއަށް ދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެސްއީޒެޑްގެ ދަށުން ދޫކުރި ފުރަތަމަ އިންވެސްޓްމަންޓް ހުއްދަ މިދިޔަ އޭޕްރީލް 24 ވަނަ ދުވަހު ދޫކޮށްފައިވަނީ މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ސޯލާ ޕަވާ ޕްލާންޓަކާއި އެ ޕްލާންޓަށް ބޭނުންވާ އެހެނިހެން ވެސް ވަސީލަތްތައް ގާއިމްކުރުމަށެވެ.

  • އެ ހުއްދަ ދިނީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަޒާސް ޕަވަ ކޯޕް އާއި ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށް 

  • އެ ހުއްދައިގެ ދަށުން އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފީސިބިލިޓީ ތަހުލީލުތައް ހެދުމާއި އެއަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހަޅައި އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މީގެ ކުރިން ބުނެފައިވޭ

މި މަޝްރޫއަކީ މިދިޔަ ނޮވެމްވަރު މަހު ދުބާއީގައި ބޭއްވި ކޮޕް-28ގައި ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒަށް ވާސިލްވުމަށް ފަށާ މަޝްރޫއެކެވެ. އެ މަޝްރޫއަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ބޭރުގެ ފަރާތްތަކުގެ ކިބައިން ރައީސް މުއިއްޒު އެދިވަޑައިގެންފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް