މިނިވަން ދުވަސް ފާހަގަ ކުރުމަށް މީގެ ކުރީގެ އަހަރެއްގައި ބޭއްވި ކުޅިވަރުތަކެއްގައި ކުޑަކުދިންތަކެއް ހުށަހެޅުމެއް ދައްކާލަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)

އިގްތިސާދު

އިގްތިސޯދީ ހާލަތުގެ ސީރިއަސްކަން ޖުލައި 26ގެ ކުލަގަދަ ހަރަކާތްތައް ކެންސަލް ކުރުމުން ވަޒަންކޮށްލެވޭ

ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް ދުވަހުގެ ކުލަގަދަ ހަރަކާތްތައް ވެސް ނުބާއްވައި ހަރަދު ކުޑަކުުރުމަށް ފިޔަވަޅުތައް އެޅުމަކީ އާންމު ރައްޔިތުން ވެސް މި ހާލަތާ މެދު ސީރިއަސްކޮށް ވިސްނަން ޖެހިފައިވާކަން އަންގައިދޭ ކަމެއް

ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައާ އެކު ގައުމުގެ އިގްތިސޯދަށް ދެން ވާނެ ގޮތަކާ މެދު އޮތީ ކަންބޮޑުވުމެވެ.

އިގްތިސޯދީ ހާލަތު އޮތް ގޮތް ތެދު ބަހުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފަ އެވެ. އެ ދުވަހު ނާޒިމް ވިދާޅުވީ ހަގީގަތާ ކުރިމަތިލާން ދަސްކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އޮތީ ބަނަ ދުވަސްތަކެއް ކަމަށެވެ. 

އޭގެ ފަހުން، މިދިޔަ މަހުގެ 27ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އިއުލާނު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރަން ނުވަތަ ނުބާއްވަން ރައީސް ނިންމެވި ނިންމެވުން އެންމެ އަވަހަށް އާއްމުންނަށް އިހުސާސްކުރެވޭނީ މި މަހު ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރޭ މުނާސަބަތުގަ އެވެ. މިނިވަން ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކުލަގަދަ ހަރަކާތްތަކެއް މިފަހަރު ނޯންނާނެ އެވެ. 

ރާއްޖޭގައި ގައުމިއްޔަތާ ގުޅުން ހުރިި ދުވަސްތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަ ކުރާ މިނިވަންދުވަހުގެ ހަފްލާތައް އިގްތިސޯދީ ހާލަތު އޮތްގޮތުން ކެންސަލް ކުރުމަކީ ރާއްޖޭގެ އިގްތިސޯދު އޮތް ސީރިއަސް ހާލަތު ވަޒަންކޮށްލެވޭނެ ކަމެކެވެ.

ގައުމިއްޔަތާ ބެހޭ މިނިސްޓްރީ އިން ކުރިން އޮތީ، 24 ޖުލައި އިން 31 ޖުލައިއަށް، އެއް ހަފްތާގެ މުއްދަތަށް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ބޮޑު ހަރަދެއް ކޮށްގެން ކުރިއަށް ގެންދާ ފުޅަނދުބުރާއި ހަވާ އެރުވުމާއި މިނިވަން ކާނިވާ އަދި ޑްރޯން ޝޯއެއްގެ އިތުރުން ޒަމާނުއްސުރެ ކުރިއަށް ގެންދާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ހިމެނެ އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން ޑްރޯން ޝޯ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނަމަވެސް ރައީސް މުއިއްޒު މިހާރު ނިންމަވާފައިވަނީ ފުޅަނދުބުރާއި ކުޅިވަރުތައް ނުބޭއްވުމަށެވެ. ރައީސްގެ ދެކަނބަލުން ދެއްވާ ހާއްސަ ޖާފަތް ވެސް ކުރިއަށް ނުގެންދަވައި މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާނީ ދުވަހާ ގުޅޭ ޖަލްސާ އެކަންޏެވެ.

"ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި،" ރައީސް މުއިއްޒު އެކްސްގައި އިއުލާންކުރައްވާފައިވެ އެވެ.

ދިވެހިންގެ އެންމެ މުހިއްމު އެއް ދުވަހުގެ ހަރަކާތްތައް ކެންސަލްކޮށް، ހަރަދު ކުޑަކުުރުމަށް ފިޔަވަޅުތައް އެޅުމަކީ އާންމު ރައްޔިތުން ވެސް އެކަމާ ސީރިއަސްކޮށް ވިސްނަން ޖެހިފައިވާކަން އަންގައިދޭ ކަމެކެވެ. ބޭކާރު ހަރަދުތައް ކުޑަކޮށް ފައިސާ ރައްކާކުރަން އިސްކަންދޭން ޖެހިފައިވާކަމުގެ ސިގުނަލެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު، 'ބީ މައިނަސް' އިން 'ސީސީސީ ޕްލަސް'އަށް ދަށް ކޮށްފަ އެވެ. މިއީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކަކީ:

  • ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުން

  • ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތު ނާޒުކުވަމުން ދިއުން

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ދަރަނީގެ ހާލަތު ނާޒުކުވަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.

އެގޮތުން މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީ އާއި އިމްޕޯޓް ޑިއުޓީ މިހާރު ނަގާ އަދަދުތައް މުރާޖައާކޮށް ބޮޑުކުރަން ނިންމާފައިވާއިރު ކުރިއަށް އޮތްތަނުގައި މިހާރު އަގު ނުނަގާ އަންމު ބައެއް ހިދުމަތްތަކުން ފީ ނަގަން ވެސް ނިންމާފައިވެ އެވެ.

ކޮމެންޓް (4)

ސިކުނޑި

3 ޖުލައި 2024
ސަރުކާރުގެ ޚަރަދު ކުޑަކުރަނީ އަނގައިން! ހެޔޮނިޔަތެއްގައި ތިޔަކަން ކުރާނަމަ އަހަރުންނަށްވެސް އެނގޭނެ!
1 0

ދީބު

3 ޖުލައި 2024
ދިވެހީންގެ އަތުން ނުނަގައި، ބިދޭސީންގެ އަތުން ނަގާ އެއްޗެއް ބޮޑުކޮށް ބަލާ. ރާއްޖޭގައި އުޅޭ ބިދޭސީންނަށް ލިބޭ ފައިސާ ފުރަތަމަ ރާއްޖޭގެ ބޭންކަށް ވަންނަ ގޮތަށް ހެދުން މުހިންމު. މި ކަންކަން މި ގޮތަށް ކުރެވޭނީ މަޖިލީސް ވިޔަފާާރި މަހުޖަނުންގެ ކިބައިން ސަލާމަތް ކުރެވިގެންް
0 0

މިސްބާހު އަލީ

3 ޖުލައި 2024
ނޫސްތަކުން ވިޔަވާރިވެރިން ހާސްކޮށްލަން އުޅޭހެން ހީވަނީ. އިކޮނިމީ ރޯލް ކުރަން ހިއްވަރު ދޭވަރަކަށް ކަންކަން ރަނގަޅުވާނީވެސް.
0 0

ކަލޯ ގަޔާ

3 ޖުލައި 2024
މީހުންގެ ވިސްނުމާއި ކުޅެލުން މިމިހާރު ހާދަ ސަޅިކަމެކޭ! އަސްލު ހަރަދު ކުޑަ ނުކުރޭ، ދެއްކުންތެރިކަން ބޮޑީ، ރަސްމާލެ ހިއްކަން ނޫންނަމަ ނުފަށާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް