ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އިގްތިސޯދީ ހިތި ބޭހެއް ބޯން އޮތަސް ސަރުކާރުން ބުނެދީ: ނާޒިމް

އިންތިހާބުގެ މޫސުން ނިމިއްޖެ ކަމަށާއި އިގްތިސޯދުގެ ހާލަތު އޮތް ގޮތުގެ ހަގީގަތާ ކުރިމަތިލާން ރައްޔިތުންނަށް ވެސް ބުނެދޭން ވެއްޖެ ކަމަށް އޭނާ ވިދާޅުވި

މިއަދު ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުގެ ތަސައްވަރެއް ބޭނުންވާ ކަމަށާއި އިގްތިސޯދީ ގޮތުން ހާލަތު ގޯސްވެ، ހިތި ބޭސް ސިޓީއެއް އޮތް ނަމަ އެ މައުލޫމާތު ވެސް އެނގެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ނާޒިމް އިއްޔެ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް ހުރި ގޮންޖެހުންތަކާއި ކުރިމަގަށް ރާވާފައި ހުރި ޕްލޭންތައް ފިނޭންސް މިނިސްޓްރީން އެ ކޮމެޓީއާ ހިއްސާ ކުރަން ޖެހޭ ކަމަށެވެ. އަދި އިގްތިސޯދު އޮތް ހާލަތުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ވެސް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އިއްޔެގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ރާއްޖޭގެ އިގްތިސޯދާ ގުޅޭ މައުލޫމާތު އެ ކޮމެޓީއާ ހިއްސާ ކުރަން ބައްދަލުވުން ބާއްވަންވާނީ މީޑިއާއަށް ހުޅުވާލައިގެން ރައްޔިތުންނަށް ވެސް ފެންނަ ގޮތަށް ކަމަށެވެ.

"... ސިއްރު ކުރާނެ ކަމެއް ނެތް. ސިއްރުން ބުނަން އޮތް އެއްޗެއް ބުނަން ފުރުސަތު ދިން ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ތެދު ބަހުން ވަރަށް ތިލަކޮށް އެބަޖެހޭ މި ވާހަކަ ދެކެވެން،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ އެކްސްޕެކްޓޭޝަން އާ ހުރިހާކަމެއް ބިނާވަނީ އެ ވާހަކަތަކަށް."

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެއް މެންބަރުން (ފޮޓޯ/މަޖިލިސް)

ނާޒިމް ވިދާޅުވީ ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތައް ކުރިއަށްދާނެތޯ ނޫނީ ނޫންތޯ ވެސް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

އިންތިހާބުގެ މޫސުން ނިމިއްޖެ ކަމަށާއި އިގްތިސޯދުގެ ހާލަތު އޮތް ގޮތުގެ ހަގީގަތާ ކުރިމަތިލާން ރައްޔިތުންނަށް ވެސް ބުނެދެން ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިއަލިޓީއާ ކޮންފްރަންޓު ކުރަން ދަސްކުރަންވިއްޔޭ މިހާރު. އެހެެން ނޫނީ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ،" ނާޒިމް ވިދާޅުވި އެވެ.

"އެ މަންޒަރުތައް އަޅުގަނޑުމެންނަށް ސިފަވާނީ އެ މަންޒަރު ރަނގަޅަށް ތަސައްވަރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ވެސް ރަނގަޅު މަންޒަރު ދެއްވީމާ."

އޭނާ ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި އިސްކުރަން ޖެހޭނީ ޕާޓީގެ އަދި އަމިއްލަ މަސްލަހަތު ނޫން ކަމަށާއި އިސްކުރަން ޖެހޭނީ ގައުމުގެ މާލިއްޔަތުގެ މަސްލަހަތު ކަމަށެވެ.

އެއީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުރިމަތީ ލަންކާ ވެސް ފެއިލް ވެގެން ދިޔައީ ދެއްތޯ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން. ހަމަ އޭރު ތިބި އެ ބުނާ އެންމެ ގާތް ގައުމުތައް ތިބި. ޗައިނާ އޮތް. އިންޑިއާ ވެސް އޮތް. އެކަމަކު އެ ހުރިހާ ގައުމުތަކަކުން ވެސް ހަމަ ވާނެ އެއްޗެއް ވާން ދޫކޮށްލީ،" އޭނާ ވިދާޅުވި އެވެ.

ސަބަބަކީ، ނާޒިމް ވިދާޅުވި ގޮތުގައި، އިގްތިސޯދެއްގައި ހުންނަންޖެހޭ އަސާސީ ކަންތައް ނެތުމެވެ.

"އެ އަސާސީ ކަންތައްތައް، އިގްތިސޯދެއްގައި ހުންނަ އަސާސީ ކަންތައް ރަނގަޅު ނުކުރަންޏާ އެ މީހުން ވެސް ބުނަނީ އެއީ ހަމަ ރާ ބޯ މީހަކަށް ލާރި ދިނުން ކަހަހަލަ ކަމެކޭ. ހަމަ ލާރިކޮޅު ދޭއިރަށް ގޮސް ބޯލާނެޔޭ އަނެއް ދުވަހު ވެސް ލާރި ބަލާ [އަންނާނެ] އެހެން ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސައުދީ ފަދަ މުއްސަނދި ގައުމުތަކުން ވެސް މިހާރު ފައިސާ ނުދޭ ކަމަށެވެ.

"... ޕާކިސްތާނަކަށް ވެސް ނުދިން. މިހާރު މިސްރަކަށް ވެސް ނުދޭ. އެ މީހުން ވެސް މި ބުނަނީ އައިއެމްއެފް އާއި ވޯލްޑް ބޭންކު ގަބޫލު ކުރާ މިންގަނޑުތަކަށް އިގްތިސޯދުގެ އަސާސްތައް ހަމަޖެއްސީމާ ތިމަންނަމެން ކަލޭމެންނަށް ދޭންވާ ތާއީދެެއް ދޭނަމޭ. އެގޮތަށް މިހާރު ވެސް ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގައި ސައުދީ އަރަބިއާ އިން ބަހައްޓައިދީފައި އެބަހުރި 3 ބިލިއަން ޑޮލަރުގެ ޑިޕޮސިޓެއް ހަމައެކަނި ފޮރިން ކަރަންސީ ސްޓެބިލައިޒް ކުރަން،" ނާޒިމް ވިދާޅުވި އެވެ.

"އެއީ އެކަމަކު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ބޯން ބުނި ހިތި ބޭސް ބޯން އެއްބަސްވީމާ. އެހެންވީމާ އަޅުގަނޑުމެން ވެސް ހިތި ބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެން ވިއްޔޭ އަޅުގަނޑުމެންނަށް... އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯ، އަޅުގަނޑުމެން ކޮށްދޭން ޖެހެނީ ކޮން ކަމެއްތޯ... އޭގެ ބަދަލުގައި ގޮސް ބަނގުރޫޓު ވީމާ ކަމަކު ނުދާނެ."

ނާޒިމް ވިދާޅުވީ އިގްތިސޯދު އޮތް ގޮތް ހޯދަން ވެއްޖެ ކަމަށާއި އެގޮތަށް ބަލާއިރު ރަނގަޅަށް އިގްތިސޯދު އޮތް ނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ.

"އެކަން އޮތީ އެހާ ގޯސްކޮށް ކަމަށް ވަންޏާ އެކަން އެނގެން ވެސް އެބަޖެހޭ. އެކަމަށް ކުރަން ޖެހެނީ ކޮންކަމެއްކަން ވެސް އެބަ އެނގެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޓެކްސް ބޮޑު ކުރަންވިޔަސް ނުވަތަ އެހެން ކަމަކަށް ވިޔަސް މަޖިލީހަށް ހުށަހެޅޭނީ ވެސް އަދި އެކަމަށް ވޯޓު ދެވޭނީ ވެސް އެކަން ހާމަކޮށް، އެ މައުލޫމާތު ލިބުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ފިނޭންސް މިނިސްޓްރީއާ އެކު ފުންކޮށް ވާހަކަ ދައްކަން ވެއްޖެ ކަމަށެވެ.

"މިހާރުން މިހާރަށް ވެސް ކޮށްދޭންވީ ކަމަކީ ކޮބައިތޯ ބަލަންވީ. ބަލާފައި އިނގިރޭސި ބަހުން ބުނަންޏާ ހާޑް ޓޯކު ކުރަންވިއްޔޭ ފިނޭންސް މިނިސްޓްރީއާ އެކު. ބުލްޝިޓް ނުކުރާށޭ، ތެދަށް ބުނާށޭ، ވާންވީ ގޮތަށް ބުނާށޭ،" ނާޒިމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ވީހާ ވެސް އަވަހަކަށް ފިނޭންސް މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް ނާޒިމް އެދިވަޑައިގަތެވެ. ކޮމެޓީން ވަނީ ޖޫން 10ގައި މިނިސްޓްރީއާ ބައްދަލު ކުރުމަށް ފާސްކޮށްފަ އެވެ.

ކޮމެންޓް (1)

ބިޓަރ ޓުރޫތް

6 ޖޫން 2024
ވާހަކަ ތާހިރެއްނުން! އިންތިހާބު މޫސުން ނިމިއްޖެޔޯ! ހަޤީގަތް ގަބޫލުކުރަންޖެހެޔޯ. އިގްތިސާދުގައި ނެތްވަރުން އިންތިހާށް ނުފޫޒުފޯރުވާން ޕްރޮޖެކްތައް އިއުލާންކޮށް، އެކްޓިވިސްޓުންނަށް ވަޒީފާދީ، މުސާރަބޮޑުކޮށް، މުސާރަ ބޮޑުކުރަން ވައުދުވެ،ރައްޔިތުންނަށް ރަސްމާލެ ސިޓީ ދައްކާފަ މިބުނަނީ އެއީ ހިތިބޭސް ސިޓީއޭ އެބޯން އެބަޖެހެޔޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް