ބިދޭސީ މަސައްކަތްތެރިން ކާޑު އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެސްޓީއޯ

ރަތްކަނޑުގެ ހާލަތާ ހުރެ ތުރުކީން ރާއްޖެ ގެންނަ ކާޑު ޝިޕްމެންޓަށް ލަސްކަމެއް

ތުރުކީން ގެންނަ ކާޑުގެ ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް އުޅުނު ނަމަވެސް ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބުމުގައި ދައްޗެއް ނޫޅޭނެ ކަމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ބުނޭ

ރަތްކަނޑު ނުވަތަ ރެޑްސީއަށް ޔަމަނުގެ ހޫތީން ދޭ ހަމަލާތަކާ އެކު ހުރި ދަތިތަކުގެ ސަބަބުން ތުރުކީން ރާއްޖެ ގެންނަ ކާޑު ޝިޕްމެންޓުގެ ފުރަތަމަ ބެޗު ރާއްޖެ އައުމުގައި ލަސްތަކެއް ކުރިމަތިވާކަން އެނގިއްޖެ އެވެ. 

ވީ ކިހިނެއް؟ - ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

  • އެ ދުވަހު ރައީސް ވިދާޅުވީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި މި މަސްތެރޭ ފުރަތަމަ ޝިޕްމެންޓު އަންނާނެ ކަމަށް

ގުޅުން ހުރި - އެތައް ޓްރިލިއަން ޑޮލަރެއްގެ ވިޔަފާރި މުދަލާ އެކު ދަތުރުކުރާ އާގު ބޯޓްތައް ހުރަސްކުރާ ރަތްކަނޑުގައި ހޫތީން ދެމުންދާ ހަމަލާތަކާ ގުޅިގެން މުދާ އުފުލާ ބޯޓު ފަހަރު ވަނީ އެ ކަނޑާ ދުރަށް ގޮސްފަ އެވެ.

ރަތް ކަނޑުން ވަދެގެން ގޮސް ސުއޭޒް ކެނަލްއިން ދަތުރުކުރާ އެތައް ބޯޓެއް މިހާރު އިހުތިޔާރުކޮށްފައި ވަނީ ޔަމަނާ ދުރުން ދަތުރުކޮށް އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕްގައި ބަނދަރުކޮށް ދެން މަންޒިލަށް ދިޔުމެވެ.

ތަފްސީލް - މިއާއެކު ތުރުކީ އިން ރާއްޖެ ގެންނަ ފުށުގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެ އައުމުގައި ލަސްތަކެއް އުޅޭ ކަމަށް އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. 

އެސްޓީއޯގެ އޮފިޝަލް ވިދާޅުވީ މުދާ އުފުލާ ބޯޓުތައް ކުރަންޖެހިފައިވާާ ދިގު ދަތުރާއެކު ބޯޓުތަކުގެ ޝެޑިއުލަށް ބުރޫއަރާތީ، އެ ޝިޕްމެންޓު ރާއްޖެ އަންނާނެ ސީދާ ތާރީހެއް އަދި ސާފު ނުވާ ކަމަށެވެ. 

ތުރުކީން ގެންނަ ކާޑު ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް އުޅުނު ނަމަވެސް ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބުމުގައި ދައްޗެއް ނޫޅޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

"ރޯދައަށް އަދި ތުރުކީގެ ކާޑް ޝިޕްމަންޓް ގެނެވޭނެ ކަމުގެ ޔަގީންކަމެއް މި ވަގުތު އަދި ނުދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ. 

އެނގުން މުހިއްމު - ރައީސް މުއިއްޒު ވިދާޅުވީ ހަނޑުލާއި ހަކުރު އަދި ފުށުގެ އެކި ބާވަތްތައް ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް %10 ލާފައި ގެނައުމަށް ތުރުކީ އާއެކު އެއްބަސްވުން ހަދާފައިވާނެ ކަމަށެވެ.

ކޮމެންޓް (2)

ހސނޓ

27 ފެބްރުއަރީ 2024
ދެން ބުނޭ މިސައިލަކުން ޖެހި ހުރިހާ ފުށްތައް ބުރައިގެން ގޮސްފިޔޭ.
4 0

ލާލު ސާގަރު

27 ފެބްރުއަރީ 2024
ލާލު ސާގަރަކީ ރަތްކަނޑެވެ. ރަތްކަނޑާއި ރާއްޖެއާއި އެހާ ބޮޑު ގުޅުމެއް ނޯންނާނެއެވެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް