ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޕާކިން ޒޯންގައި ދެ މީހަކު މަޑުކޮށްލައިގެން ހުރި އިރު، ކުރިމަތީގައި އޮތް ތެޔޮ ރައްކާ ކުރާ ތެޔޮ ފުނަދޫ ޖެޓީގައި ބޮޑު ތެޔޮ ބޯޓެއް. އިގްތިސާދު، އެސްޓިއޯ، ވިޔަފާރި، ޕެޓްރޯލް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އިގްތިސާދު

ރަތް ކަނޑު ބަންދުވުން: ރާއްޖެއަށް ވެސް ނުރައްކާ

ރަތް ކަނޑުން ދަތުރުކުރާ ކާގޯ ބޯޓްތަކަށް ޔަމަނުގެ ހޫތީން ދެމުން ގެންދާ ހަމަލާތަކާ ވިދިގެން ޝިޕިންގެ އަގުތަކާއި އިންޝްއަރެންސްގެ އަގުތައް ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑު؛ އަދި ތެލުގެ އަގުތައް ބޮޑުވުމުގެ ފުރުސަތު ވެސް ބޮޑު
24 ޑިސެމްބަރު 2023
3

އެތައް ޓްރިލިއަން ޑޮލަރެއްގެ ވިޔަފާރި މުދަލާ އެކު ދަތުރުކުރާ އާގު ބޯޓްތައް ހުރަސްކުރާ ރެޑް ސީ ނުވަތަ ރަތް ކަނޑުގައި އިޒްރޭލާ ގުޅުން އޮންނަ ބޯޓްތަކަށް، އެ ކަނޑުގެ އައްސޭރީގައި އޮންނަ ޔަމަންގެ ބޮޑު ބައެއްގައި ވެރިކަން ކުރާ ހޫތީން ދެމުންދާ ހަމަލާތަކާ އެކު ބޮޑެތި ޝިޕިންލައިންތައް ވަނީ މިހާރު އެ ކަނޑާ ދުރަށް ގޮސްފަ އެވެ. ރަތް ކަނޑުން ވަދެގެން ގޮސް ސުއޭޒް ކެނަލްއިން ދަތުރުކުރާ އެތައް ބޯޓެއް މިހާރު އިހުތިޔާރުކޮށްފައި ވަނީ ޔަމަނާ ދުރުން ދަތުރުކޮށް އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕްގައި ބަނދަރުކޮށް ދެން މަންޒިލަށް ދިޔުމެވެ.

އާގު ބޯޓުތަކުގެ ދަތުރުތަކަށް މި އަންނަ ބަދަލާ އެކު ދުނިޔޭގެ ޝިޕިން ސިނާއަތަށް ބޮޑެތި އަސަރުތަކެއް މިހާރު ވެސް ވަނީ ކުރަން ފަށައިފަ އެވެ. ބޯޓުތަކުގެ މަގު ދިގުވެ، ޝިޕިން ފީތަކުގެ އަގު ބޮޑުވުމާއި އިންޝުއަރެންސް ކުންފުނިތަކުން ނަގާ އަގު ބޮޑުވުން ފަދަ ކަންކަމާ ހުރެ މުދާ އުފުލުމުގެ އަގުތައް ދަނީ މިހާރު އުފުލެމުންނެވެ. 

މިއާ އެކު އިމްޕޯޓަށް ބަރޯސާވެފައި އޮތް ރާއްޖެއަށް ވާނީ ކިހިނެއް ހެއްޔެވެ؟

އެމްޕީއެލް ގަ ބަހައްޓާފައި ހުރި ކޮންޓެއިނަރުތައް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ރާއްޖެއަށް ސީދާ އަސަރުތައް ކުޑަވާނެ

ބޭރުން ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ އަދި ލިލީ ޝިޕިންގެ ނަމުގައި ޝިޕިން ލައިނެއް ވެސް ހިންގާ ލިލީ ގްރޫޕްގެ ވެރިޔާ އަހުމަދު ނާސިރު (މައްލާ ނާސިރު) ވިދާޅުވި ގޮތުގައި ރަތް ކަނޑު ބަންދުވި ނަމަވެސް ރާއްޖެއަށް ސީދާ އަސަރުކުރުން ކުޑަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ރާއްޖެއަށް ގިނައިން މުދާ ގެންނަނީ ދުބާއީ، އިންޑިއާ އަދި އޭޝިޔާގެ ބައެއް ގައުމުތަކުން ކަމަށް ވުމެވެ. އެހެން ނަމަވެސް ރަތް ކަނޑަކީ އޭޝިޔާ އާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަގަކަށް ވާއިރު ޔޫރަޕުން ރާއްޖެ ގެންނަ މުދަލުގެ އަގުތަކަށް ބަދަލުތައް އަންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީ-ޖެޓީ ސަރަހައްދުގައި މުދާ ބާލައި އެރުވުމުގައި (ފޮޓޯ/ޕީއެސްއެމް)

މީގެ އިތުރަށް އޭނާ ވިދާޅުވީ މިވަގުތު ޝިޕިން އަގުބޮޑުވުން ފަދަ ކަންކަން ކުރިމަތި ނުވި ނަމަވެސް މުސްތަގުބަލުގައި އެ ރިސްކް ވަރަށް ބޮޑު ކަމަށެވެ. 

"ރިސްކު އެބަ އޮތް ވަރަށް ބޮޑަށް ރާއްޖެއަށް ވެސް. ޝިޕިންގެ އަގުބޮޑުވުން ކަހަލަ ކަންކަން މުސްތަގުބަލުގައި ކުރިމަތި ވުމުގެ. އަދި ދުބާއީ ތަންތަނަށް ވެސް އެބަހުރި ސީދާ ޔޫރަޕުން ގެނެސްގެން އެ ތަނުން ރާއްޖެ ގެންނަ އެއްޗިހި ވެސް. އެހެން ވީމާ، އޭގެ އަގަށް ބަދަލު އައިމަ މިކޮޅުގައި ބާޒާރަށް ވެސް އެ އަގު ބޮޑުވާނެ،" ނާސިރު ވިދާޅުވި އެވެ. 

ޝިޕިން ހަރަދުތައް އަގުބޮޑުވެދާނެ 

ރާއްޖެއަށް އަސާސީ ގިނަ މުދާ އެތެރެ ކުރާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭޝިޔާ ގައުމުތަކުން މުދާ ގެނައުމުގެ އަގު ބޮޑުނުވި ނަމަވެސް ތުރުކީ ހިސާބުން ރާއްޖެ މުދާ ގެންނަން ދެން އަގުބޮޑުވާނެ އެވެ. އަދި މީގެ އިތުރަށް ޝިޕިން ޝެޑިއުލްތަކަށް ބަދަލުތައް އައިސް ލަސްވުން ފަދަ ކަންކަމުގެ ސަބަބުން އިތުރު ހަރަދުތައް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު، އެމްޕީއެލް ސަރަހައްދު. (ދައުރު ފޮޓޯ

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއަށް ތެޔޮ ގެންނަނީ މެދު އިރުމަތީގެ ގައުމުތަކުން ކަމަށްވުމުން އެ ސަރަހައްދުގައި ހިނގާ ކޮންމެ ކަމަކާ ހުރެ ތެޔޮ ގެނައުމަށް ކުރަން ޖެހޭ ހަރަދާއި އަދި ތެލުގެ އަގު ބޮޑުވުމުގެ ރިސްކު ދުވަހެއް ދުވަހަކަށް ބޮޑުވެގެންދާނެ ކަމަށެވެ.

"މީގެ އިންޑައިރެކްޓް އިމްޕެކްޓް ވަރަށް ބޮޑުވާނޭ މުސްތަގުބަލުގައި މިކަން މި ގޮތަށް ދަންޏާ. އިންޝްއަރެންސް ޕްރިމިއަމް އަގު ބޮޑުވުމާއި ރޫޓްތައް ދިގުވެގެން ދިޔުމުން އެ އަންނަ އަގުގެ ބޮޑުވުން މި އެއްޗިހީގެ އިމްޕެކްޓް ދިގު މުއްދަތުގައި ހުންނާނެ." އޮފިޝަލް ވިދާޅުވި އެވެ. 

ކޮމެންޓް (3)

އާދަނު123

24 ޑިސެމްބަރު 2023
ހޫތީން ހަމަލާ ދެނީ އިޒުރާއިލްގެ ބޯޓުތަކަށް އެހެންވީމަ ކީވެ ރާއްޖެޔަށް އޭގެ އަސަރުކުރާނީ، ދެން ތިއާޓިކަލް ފެނިގެން ދިވެހި ވިޔާފާރިވެރިން ތަކެތީގެ އަގު ބޮޑުކުރާނީ
1 3

ޙޫތް

25 ޑިސެމްބަރު 2023
@އާދަނު123 ހޫތީންގެ ހަމަލާތަކާ ގުޅިގެން އިންޑިއާއިން ގެންނަ ފިޔަލާއި ބިހުގެ އަގުވެސް މިހާރު ބޮޑުވެއްޖެ
0 0

ތތތތތތތ

25 ޑިސެމްބަރު 2023
@އާދަނު123 އިސްރޭލަށް ވެސް އެއްޗެހި ގެންދަނީ ރާއްޖެއަށްވެސް ގެންނަ ބޯޓޫން. ބޮޑެތީ ކުންފުނިން މުޅި ދުނިޔެ ކޮންޓްރޯލް ކުރަނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް