އެސްޓީއޯގެ ކާޑު ގުދަން.
ކާޑު ގަންނަން ތުރުކީއާ އެކު އެއްބަސްވުމެއް ހަދައިފި؛ ފުރަތަމަ ޝިޕްމެންޓު އަންނަ މަހު
ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ދެންމެއަކު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި އަންނަ މަހު އެ ޝިޕްމެންޓު ލިބޭނެ ކަމަށެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ބޭސިކް ކޮމޮޑިޓީސް، ހަނޑޫ، ހަކުރު، ފުށް [އެތެރެ ކުރުމުގައި] އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ ތުރުކީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި... ހަނޑޫ، ހަކުރު، ފިޔާ، ބިސް އަދި އަލުވި އެކި ގައުމުތަކުން ވަނީ ހަމަޖެހިފައި. އެ ތަކެތި [ވެސް] އަންނާނެ."
ގުޅުން ހުރި ކަމެއް - ރައީސް މުއިއްޒު މިއަދު ވަނީ، ރާއްޖެއަށް ވަކި ގައުމަކުން ބޭސް ގެނައުން ނިމުމަކަށް ގެނެސް، ޔޫރަޕުގެ ބޭސް އުފައްދާ ކުންފުނިތަކުން ސީދާ ރާއްޖެއަށް ބޭސް އެތެރެކުރަން ފަށާނެކަން ވެސް އިއުލާންކުރައްވައިފަ އެވެ.
އެނގުން މުހިންމު - ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އިރު، ރާއްޖެއަށް އާންމުކޮށް ކާޑުގެ ބާވަތްތަކާއި ފިޔާ، ބިސް އަދި އަލުވީގެ އިތުރުން ބޭހުގެ ގިނަ ބާވަތްތައް އެތެރެކުރަނީ އިންޑިއާ އިންނެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން ރައީސް މުއިިއްޒުގެ ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި ވާއިރު، ސިފައިން ގެންދާނެ ސީދާ ތާރީހެއް މާޗު މަސް ނިމުމުގެ ކުރިން އަންގަން ވެސް ދިވެހި ސަރުކާރުން މިހާރު ވަނީ އެދިފަ އެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމުގެ ބަދަލުގައި ޗައިނާއަށް ކުރެއްވުމުން އިންޑިއާ އިން ރާއްޖެއާ މެދު ބަލަން ފަށާފައިވަނީ ފިނި ނަޒަރަކުންނެވެ.
ކޮމެންޓް (2)
ހިރިޔާ
ސާބަސް