މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އިންޓަނެޓް

އާ ކޭބަލާ އެކު އިންޓަނެޓު ގަންނަން ކުރާ ހޭދަ %50 ކުޑަވާނެ: ފައްޔާޒު

ޑޭޓާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް ވަނީ ރާވާފައި

އިންޑިއާގެ ރިލަޔަންސް ޖިއޯއާ ހަވާލުކޮށްގެން ސަރުކާރުން އެޅި ސަބްމެރިން ކޭބަލް އާއެކު، އިންޓަނެޓު ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ރާއްޖޭން ބޭރުން ޑޭޓާ ގަންނަން ކުރަން ޖެހޭ ހަރަދު %50 ކުޑަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންބާނީގެ ރިލަޔަންސް އާ ހަވާލުކޮށްގެން ސަރުކާރުން އެޅި ސަބްމެރިން ކޭބަލް ރާއްޖެ ގެނެސް މިއަދު ވަނީ އެއްގަންކޮށްފަ އެވެ. ކޭބަލް އެއްގަމަށް އަރުވައި އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

ސަބްމެރިން ކޭބަލް މިއަދު ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކޭބަލް ލޭންޑިން ސައިޓާ ގުޅާލައިފަ އެވެ.

ބުނީ ކީކޭ؟ - ސަބްމެރިން ކޭބަލް އިފްތިތާހު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ބޭނުންކުރަނީ ސްރީ ލަންކާ އާއި އިންޑިއާގެ ކޭބަލްތައް ކަމަށެވެ.

"އަލަށް އަޅުގަނޑުމެންނަށް މި ކުރެވުނު ކަމަކީ، އަދި ރާއްޖޭގެ ތާރީހުގައި އަލަށް ސީދާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލަކާ ރާއްޖެއާ މި ގުޅާލީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމަކީ އިންޓަނެޓުގެ ހިދުމަތް ދިނުން ނޫން ކަމަށާއި ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކަށް، މިހާރު ރާއްޖޭން ބޭރުން އިންޓަނެޓު ޑޭޓާ ގަންނަން ޖެހޭ އަގު ކުޑަކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަންދާޒާ އަކީ މަދުވެގެން އޯސީއެމްގެ މި ކޭބަލާ އެއްކޮށް މިހާރު ދިރާގު، އުރީދޫ ތަންތަނުން ބޭރުން [އިންޓަނެޓު] އެ ގަންނަ އަގު %50 އަށް ވުރެ އަގު ހެޔޮކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

ސަބްމެރިން ކޭބަލް އޯޝަން ކަނެކްޓުގެ ސްޓޭޝަނާ މިއަދު ގުޅާލުމުގައި ރައީސް ސޯލިހާއި އިސް ބޭފުޅުން ބައިވެރިވަނީ (ފޮޓޯ/ރައީސް އޮފީސް)

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ކޭބަލާއި ރާއްޖޭގެ ރަށްތަކާއި އަަތޮޅުތައް މުނިސިޕަލް ކޭބަލަކުން ގުޅާލާ، ރަށްރަށަށް ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ފަސްމަންޒަރު - މިހާރު ވެސް ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލްއާ ގުޅުވާލާ އިތުރު ސަބްމެރިން ކޭބަލެއް އެޅުމަށް ރިލަޔަންސް ޖިއޯ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ރާއްޖެއާ ގުޅާލާފައި ވަނީ ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ.

އިންޑިއާ-އޭޝިއާ އެކްސްޕްރެސް ފައިބާ ކޭބަލް ރާއްޖޭގައި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

މޯލްޑިވްސް - އައިއޭއެކްސް:

  • ސްޕީޑު: ސިކުންތަކު 100 ޖީބީ

  • ކެޕޭސިޓީ: ސިކުންތަކު 200 ޓީބީ

  • ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މިހާރު އިންޓަނެޓް ގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކުގައި އިންޓަނެޓް ފޯރުކޮށްދެވޭނެ

  • އިންޓަނެޓު ހިދުމަތުގެ ސްޕީޑު ހަލުވިވެ، އަގުތައް ހެޔޮ ކުރެވޭނެ

  • ވިޔަފާރީގެ އާ ފުރުސަތުތައް ކަމަށްވާ ޑޭޓާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް ވަނީ ރާވާފައި

ފައްޔާޒު ވިދާޅުވީ އިންޓަނެޓު ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ އިންފްރާސްޓްރަކްޗާގެ މިނިވަންކަން ސަރުކާރަށް އޮންނަން ޖެހޭނެ ކަމަށެވެ.

"ކުރިއަށް އޮތް މުސްތަގުބަލުގައި އިންޓަނެޓަކީ ނުވަތަ ޑިޖިޓަލްކޮށް ގުޅާލެވުމަކީ އަޅުގަނޑުމެންގެ ސެކިޔުރިޓީ އާއި އަޅުގަނޑުމެންގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިލާމެހިފައި އޮންނަ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް