ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމަށް އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެ އެއްބަސްވުން ބަދަލުކުރަނީ. (ފޮޓޯ/އެމްއެފްއެމްސީ)

ސަރުކާރުގެ ސަބްމެރިން ކޭބަލް އަޅަން އަމްބާނީގެ ޖިއޯ ކުންފުންޏާ ސޮއިކޮށްފި

ރާއްޖެއަށް ގުޅުވާލަނީ، ޖިއޯ އިން ގާއިމްކުރަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ކޭބަލްގެ ކޮޅެއް
21 ފެބްރުއަރީ 2022

ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް، އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން އެ ކޭބަލް އަޅަން މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ކްރޮސްރޯޑްސްގައި މިހާރު ކުރިއަށްދާ އިވެންޓެއްގައި މިހާރު ވެސް ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލްއާ ގުޅުވާލާ އިތުރު ސަބްމެރިން ކޭބަލެއް އެޅުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވީ:

  • 1-

    އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޯސީއެމްގެ ޗެއާޕާސަން ރިޔާޒް މަންސޫރު

  • 2-

    ރިލަޔަންސް ޖިއޯގެ ރައީސް މެތިއު އޫމަން

ތަފްސީލު - މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރަނީ، ސަރުކާރުގެ %100 ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ ސަބްސިޑަރީއެއް ކަމަށްވާ، އޯޝަން ކަނެކްޓް މޯލްޑިވްސް އެވެ.

މިއަދުގެ ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ޖިއޯގެ ރައީސް މެތިއު ވާހަކަދައްކަވަނީ. (ފޮޓޯ/އެމްއެފްއެމްސީ)

މި ހަފްލާގައި ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން، ރާއްޖެއަށް ގުޅުވާލަނީ، ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ 'އިންޑިއާ-އޭޝިއާ އެކްސްޕްރެސް' ކޭބަލްގެ ކޮޅެކެވެ.

އެ ކޭބަލް ރާއްޖެއާ ގުޅުވާލާ ތަނެއް ކަމަށް އެ ޕްރެޒެންޓޭޝަނުގައި ދައްކަނީ ހުޅުމާލެ އެވެ.

މޯލްޑިވްސް - އައިއޭއެކްސް:

  • ރާއްޖެއަށް ކޭބަލް ގުޅާލެވޭނެ ކަމަށް ލަފާ ކުރެވެނީ ޖޫން 2023ގައި

  • ސްޕީޑު: ސިކުންތަކުގެ 100 ޖީބީ

  • ކެޕޭސިޓީ: ސިކުންތަކު 200 ޓީބީ

  • ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މިހާރު އިންޓަނެޓް ގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކުގައި އިންޓަނެޓް ފޯރުކޮށްދެވޭނެ

  • އިންޓަނެޓު ހިދުމަތުގެ ސްޕީޑު ހަލުވިވެ، އަގުތައް ކުޑަ ކުރެވޭނެ

  • ވިޔަފާރީގެ އާ ފުރުސަތުތަކެއް (މިސާލަކަށް ޑޭޓާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރި)

ޖިއޯގެ ބަސް - އެ ރަސްމިއްޔާތުގައި ޖިއޯގެ ރައީސް މެތިއު ވިދާޅުވީ، މިއީ ރާއްޖެ އާއި އިންޑިއާ ނުވަތަ ރާއްޖެއާ ސިންގަޕޫރާ އެކަނި ގުޅުވާލަދޭ ކޭބަލެއް ނޫން ކަމަށެވެ.

"މިއީ ރާއްޖެއާއި މުޅި މި ސަރަހައްދު، މައި އިންޓަނެޓް ހަބުތަކަށް، އެންމެ ދަށް ލޭޓެންސީ އާއި އެންމެ ޒަމާނީ ޓެކްނޮލޮޖީއިން ގުޅުވާލަދިނުން. މިއީ ރާއްޖެ ބަދަލުކޮށްލާނެ ވަރުގެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ހަފްލާގައި މެތިއު ވާހަކަދައްކަވަނީ. (ފޮޓޯ/އެމްއެފްއެމްސީ)

މެތިއުގެ ވާހަކައިގައި، މިކަމުގެ ފައިދާ ސިއްހީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫން މިހާރު ހިދުމަތް ދެނީ އެ ދެ ކުންފުނިން އަމިއްލައަށް ބޭރުގެ ފަރާތްތަކާ ގުޅިގެން އަޅާފައިވާ ތިން ކޭބަލެއް މެދުވެރިކޮށެވެ. އެއީ:

  • ރާއްޖެ-އިންޑިއާ ކޭބަލް: މި ކޭބަލް އެޅީ އުރީދޫ އާއި ފޯކަސް އިންފޮކޮމް އަދި މުކޭޝްގެ ކޮއްކޮ، އަނިލް އަމްބާނީގެ މިހާރު ބަނގުރޫޓުވެފައިވާ ރިލަޔަންސް އިންފޮކޮމް ގުޅިގެން

  • ރާއްޖެ-ލަންކާ ފުރަތަމަ ކޭބަލް: މި ކޭބަލް އެޅީ ދިރާގާއި ލަންކާގެ ސްރީ ލަންކާ ޓެލެކޮމް ގުޅިގެން

  • ރާއްޖެ-ލަންކާ ދެ ވަނަ ކޭބަލް: މި ކޭބަލް އެޅީ ދިރާގާއި އުރީދޫގެ އިތުރުން، ލަންކާގެ ޑައިލޮގް ގުޅިގެން

ރާއްޖޭގައި ދޭ މުއާސަލާތީ ހިދުމަތްތަކުގެ އަގު ދަށް ކުރަން، ސަރުކާރުން ކޮންޓްރޯލްކުރާ ސަބްމެރިން ކޭބަލެއް އަޅަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެކި ފޯރަމްތަކުގައި ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް