ސަބްމެރިން ކޭބަލް އޯޝަން ކަނެކްޓުގެ ސްޓޭޝަނާ މިއަދު ގުޅާލުމުގައި ރައީސް ސޯލިހާއި އިސް ބޭފުޅުން ބައިވެރިވަނީ (ފޮޓޯ/ރައީސް އޮފީސް)
ނެޓް ހެޔޮކުރަން ޖިއޯ އާ ހަވާލުކޮށްގެން އެޅި ސަބްމެރިން ކޭބަލް ރާއްޖެއަށް އެއްގަންކޮށްފި
އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯއާ ހަވާލުކޮށްގެން ދިވެހި ސަރުކާރުން އަޅާ އިންޓަނެޓް ސަބްމެރިން ކޭބަލް ރާއްޖެ ގެނެސް މިއަދު އެއްގަންކޮށްފި އެވެ.
ތަފްސީލް - ކޭބަލް ރާއްޖެ ގެނައުން ފާހަގަކުރުމަށް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޭބަލް އެއްގަމަށް އަރުވައި އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ސަބްމެރިން ކޭބަލް މިއަދު ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލް ލޭންޑިން ސައިޓާ ގުޅާލައިފަ އެވެ.
ފަސްމަންޒަރު - މިހާރު ވެސް ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލްއާ ގުޅުވާލާ އިތުރު ސަބްމެރިން ކޭބަލެއް އެޅުމަށް ރިލަޔަންސް ޖިއޯ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ރާއްޖެއާ ގުޅާލާފައި ވަނީ ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ.
މޯލްޑިވްސް - އައިއޭއެކްސް:
-
ސްޕީޑު: ސިކުންތަކު 100 ޖީބީ
-
ކެޕޭސިޓީ: ސިކުންތަކު 200 ޓީބީ
-
ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މިހާރު އިންޓަނެޓް ގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކުގައި އިންޓަނެޓް ފޯރުކޮށްދެވޭނެ
-
އިންޓަނެޓު ހިދުމަތުގެ ސްޕީޑު ހަލުވިވެ، އަގުތައް ކުޑަ ކުރެވޭނެ
-
ވިޔަފާރީގެ އާ ފުރުސަތުތައް ކަމަށްވާ ޑޭޓާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް ވަނީ ރާވާފައި
އެނގުން މުހިއްމު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވ. ރަކީދޫ އަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ، މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދޭން ފެށުމުން އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގު އިތުރަށް ހެޔޮކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ސަބްމެރިން ކޭބަލްއެއް އެޅި ނަމަވެސް އިންޓަނެޓާއި މުވާސަލާތީ ހިދުމަތް ދިނުމުގެ ރީޓެއިލް ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަނުމުގެ ވިސްނުމެއް ނެތެވެ. އަދި އަލަށް ގެންނަ ކޭބަލުން ވެސް އެ ހިދުމަތް ފޯރުކޮށްދޭން މިހާރު ތިބި އޮޕަރޭޓަރުންނަށާއި އަލަށް އެ ހިދުމަތް ފަށަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި މި ގުޅުވާލަ ދެނީ ރާއްޖެ އާއި ދުނިޔޭގެ ހަލުވި އިންޓަނެޓާ. ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ވަންނަނީކީ ނޫން،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.