އިންޑިއާ-އޭޝިއާ އެކްސްޕްރެސް ފައިބާ ކޭބަލް ރާއްޖޭގައި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފައިބާ ކޭބަލް އެޅުމަކީ ޓެކްނޮލޮޖީގެ ހަބަކަށް ރާއްޖެ ހެދުމުގެ ބިންގާ: ރައީސް

ރާއްޖޭގައި މުއާސަލާތީ ހިދުމަތާއި އިންޓަނެޓް ތައާރަފް ކުރިތާ އެތައް އަހަރެއްވީ އިރު، މިއަދާ ހަމައަށް އެއްވެސް ސަރުކާރަކުން އެކަން ކޮށްފައި ނުވާތީ އެކަން ރައީސް ފާހަގަ ކުރެއްވި

ބައިނަލްއަގުވާމީ ފައިބާ ކޭބަލް އެޅުމަކީ ޓެކްނޮލޮޖީގެ ހަބަކަށް ރާއްޖެ ހެދުމުގެ ބިންގާ ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދު ދެ ގުނަ ކުރަން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯއާ ހަވާލުކޮށްގެން ދިވެހި ސަރުކާރުން އަޅާ އިންޓަނެޓް ސަބްމެރިން ކޭބަލް މިއަދު ރާއްޖެ ގެނެސް، ކޭބަލް އަޅާ ނިންމާލުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއާ ގުޅާލާފައި ވަނީ ޖިއޯ އިން ގާއިމްކުރަމުން އަންނަ ޖުމްލަ ދެ ކޭބަލް ހިމެނޭ ދުނިޔޭގެ އެންމެ ބޮޑު ސަބްމެރިން ކޭބަލް ނެޓްވޯކުގެ ތެރެއިން އޭޝިއާ ސަރަހައްދުގައި އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލްގެ ކޮޅެކެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ރާއްޖެ، ބައިނައަލްއަގުވާމީ ފައިބާ ކޭބަލްއަކާ ގުޅާލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ވެސް ބިންގާ. އަޅުގަނޑުމެން މިއަދު މިއުޅެނީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅާލެވޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުގައި،" ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ކޭބަލް ފައިބާ ގުޅާލުމުގެ މަޝްރޫއު އިފްތިތާހު ކުރެއްވުމަށް ފަހު ރައީސް ވިދާޅުވި އެވެ.

ތަފްސީލު - ރައީސްގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، މިއަދު މި ފާހަގަ ކުރަނީ "ޑިޖިޓަލް ދިވެހި ޖީލުގެ ފެށުން" ކަމަށެވެ. ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްއަކުން ރާއްޖެ ގުޅުވާލުމަކީ ދިވެހި ތާރީހުގައި ވެސް އަލަށް ކުރާ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަން ކޮށް ނިންމާފައި އޮންނަން ޖެހޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ. 

"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުން ގޮވައިގެން، ވަކިން ހާއްސަކޮށް، ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން މި ދަތުރު ކުރަނީ މުޅިން އާ ދުނިޔެއަކަށް،" ރައީސް ވިދާޅުވި އެވެ.

ސަބްމެރިން ކޭބަލް އޯޝަން ކަނެކްޓުގެ ސްޓޭޝަނާ މިއަދު ގުޅާލުމުގައި ރައީސް ސޯލިހާއި އިސް ބޭފުޅުން ބައިވެރިވަނީ (ފޮޓޯ/ރައީސް އޮފީސް)

އާ ދުނިޔެއަކަށް ދަތުރު ފެށި ކަމަށް ވިދާޅުވި ސަބަބުތައް ވެސް ރައިސް ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ:

  • މިއީ މުއަސަލާތީ ގޮތުން އެކަނި ކުރާ ކަމެއް ނޫން؛ ޑިޖިޓަލް ދުނިޔޭގެ އުދަރެސް އެއަށް ވުރެ މާ ފުޅާ

  • ޒަމާނީ، ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ބައްރުތައް ހުރަސްކޮށް ދަތުރުކުރަނީ "ޑިޖިޓަލް ސަވާރީއެއްގައި"

  • ދުނިޔޭގެ އެއް ބިތުން އަނެއް ބިއްތަށް ވިޔަފާރީގެ މުއާމަލާތްތަައް އެ ހިންގަނީ އެއްވެސް ހުއްޓުމެއް ނެތި

  • ތިމާވެށީގެ ގޮތުން ވެސް ފައިދާ ބޮޑު

"ޑިޖިޓަލް މުއާސަލާތުގެ ސަބަބުން އެންމެ ދުރު ކަރަތައް ވެސް އެއް އިނގިލިހާ ކައިރިކޮށްފި. ނަމަވެސް އަޅުގަނޑުމެންނަށް އަދި މުޅިން މި އުޅެވެނީ، އެ ދުނިޔެއަށް ނުވަދެވިގެން،" ރައީސް ވިދާޅުވި އެވެ.

"ހަގީގަތުގައި މިއީ، މީގެ އެތައް އަހަރެއް ކުރިން ދިވެހިންނަށް އަލިވިލެންވީ ދުވަހެއް."

އިންޑިއާ-އޭޝިއާ އެކްސްޕްރެސް ފައިބާ ކޭބަލް ރާއްޖޭގައި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
އިންޑިއާ-އޭޝިއާ އެކްސްޕްރެސް ފައިބާ ކޭބަލް ރާއްޖޭގައި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)

ރައީސް ފާހަކުރެއްވި ގޮތުގައި ރާއްޖޭގައި މުއާސަލާތީ ހިދުމަތްތައް ތައާރަފް ކުރިތާ 80 ވަރަކަށް އަހަރު އަދި އިންޓަނެޓްގެ ހިދުމަތް ދޭން ފެށިތާ 27 އަހަރު ފުރުނު އިރު، މިދިޔަ 80 އަހަރު ތެރޭ ދުނިޔޭގައި ކުރިއަރައިދިޔަ އެއް ދާއިރާއަކީ ޓެކްނޮލޮޖީ އާއި މުއާސަލާތެވެ.

"ޒަމާނީ ޓެކްނޮލޮޖީ ތެރެއިން އިންސާނުން އީޖާދު ކުރި އާޓިފިޝަލް އިންޓެލިޖެންސް، އިންސާނުން ފަހާ ދުވަމުންދާއިރު، ދިވެހިން އަދިވެސް ދުވަން ޖެހިފައި މި އޮތީ އިންޓަނެޓް ސްޕީޑާއި މޯބައިލް ރޭންޖްގެ ފަހަތުން،" އެއީ ދިވެހންނަށް ހައްގު މިންވަރު ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

"ޑިޖިޓަލް ދުނިޔޭގެ ދުވެލީގައި ދިވެހިން ކުރިއަރާ ގޮސް، ހައްގު މިންވަރު ލިބެން އޮތީ، ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ނިޒާމުގެ ތެރެއަށް މި ޖަޒީރާތައް ވަދެ، ލާމެހިގެން."

މި މަޝްރޫއުގެ މަގްސަދަކީ އެއީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ރާއްޖޭގައި އިންޓެނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ވެސް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި:

  • ސަރުކާރުން މި ކޮށްދޭ ކަމަކީ، ހިދުމަތްދޭ ކުންފުނިތަކާއި ބައިނަލްއަގުވާމީ ފައިބާ ކޭބަލްއަކާ ގުޅާލުމުގެ ފުރުސަތު ހުޅުވައިދިނުން

  • އޭގެ ސަަބަބުން ކުންފުނިތަކުން ހިދުމަތް ދިނުމުގައި ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެ

  • ނަތީޖާއެއްގެ ގޮތުން ހިދުމަތުގެ އަގު ހެޔޮވެ، މިހާރަށް ވުރެ ދެގުނަ ހަލުވި ސްޕީޑްގެ އިންޓަނެޓް ދެވޭނެ

"އަޅުގަނޑުމެން އަމާޒު ހިފާފައި މި ވަނީ، ރާއްޖޭގެ އިގްތިސާދު ދެގުނަ ކުރަން. މި ޒަމާނުގެ އިގްތިސާދީ ނާރެހަކީ، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ. މި ޓެކްނޮލޮޖީގެ ތެރެއަށް ގައުމެއް ވަދެ، ލާމެހިގެންދާ ވަރަކަށް އެ ގައުމެއްގެ ޖީޑީޕީ ވެސް މައްޗަށް އެބަދޭ،" ކުރިއަރާފައިވާ ގައުމުތަކުން އެ ހަގީގަތް ފެނިގެންދާކަން ފާހަކުރައްވައި ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް