ފަރެސްމާތޮޑާ އެއަޕޯޓު ހުޅުވުމުގެ ރަސްމިޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް

އެމްޓީސީސީން މި އަހަރު އިތުރު 3 އެއާޕޯޓު ނިންމަނީ

ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ވެސް އަހަރެއްގެ ތެރޭގައި ނިިމޭނެ ކަމަށް އެމްޓީސީސީން ބުނި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިން އެއާޕޯޓެއްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމައި އެ ތިން އެއާޕޯޓު ވެސް މި އަހަރު ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރި އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ 11 ދުވަހަކުން އެމްޓީސީސީން ޕްރޮޖެކްޓެއް ނިންމަމުން އަންނަ ކަމަށެވެ.

އެނގުން މުހިއްމު - ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތް ހަރުދަނާކޮށް ކުރި އެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން 20-30 މިނެޓުން ދެވޭ ސަރަހައްދުގައި އެއާޕޯޓު ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ.

ތަފްސީލް - އެ ސިޔާސަތުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ވެސް ތިން އެއާޕޯޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ އެއާޕޯޓުތަކަކީ:

  • މ. މުލި އެއާޕޯޓު - ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ

  • ފ. މަގޫދޫ އެއާޕޯޓު - ރަންވޭހގައި ތާރު އެޅުމުގެ މަސައްކަތް ޖޫން މަހު ފަށާނެ

  • ރ. އަލިފުށި އެއާޕޯޓު - ރަންވޭގައި ތާރު އަޅަން އޮގަސްޓުގައި ފަށާނެ

ބުނީ ކީކޭ؟ - އާޒިމް ވިދާޅުވީ އެ ތިން އެއާޕޯޓު މި އަހަރުގެ ތެރޭގައި ނިންމޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އެ ތިން އެއާޕޯޓު މި ދައުރުގެ ތެރޭ ހުޅުވިގެން ދާއިރު، މަނިކުފާނު ވެގެންދާނީ އެއް ދައުރެއްގައި ހަ އެއާޕޯޓު ތަރައްގީކޮށް، ހުޅުވާ ފުރަތަމަ ރައީސްއަށް،" އެ ރަސްމިއްޔާތުގައި އިންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފުކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

  • މި ސަރުކާރު ވެރިކަމަށް އައި ފަހުން ތަރައްގީކޮށް ހުޅުވި ފުރަތަމަ އެއާޕޯޓަކީ ހއ. ހޯރަފުށީ އެއާޕޯޓު

  • ކުރީ ސަރުކާރުގައި ތަރައްގީކުރަން ފެށި ގދ. މާވާރުލު އެއާޕޯޓު ނިންމައި ހުޅުވީ ވެސް މި ސަރުކާރުގައި

އާޒިމް ވިދާޅުވީ ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ރަންވޭ ލައިޓިން ހަރުކުރުމުގެ ކުރިން އެ ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިންމަން ޖެހޭ ކަމަށާއި އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

މީގެ އިތުރުން، އެ ކުންފުންޏާ ހަވާލުކޮށްފައިވާ ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ވެސް އަހަރެއްގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އާޒިމް ރޭ ދެއްވި އެވެ.

އަބޫ ދާބީ ފަންޑުގެ ލޯނެއްގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.

ގުޅުން ހުރި ކަމެއް - ފަރެސްމާތޮޑާ އެއާޕޯޓާއި ފަރެސްމާތޮޑާ ގުޅާލާ ކޯޒްވޭގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް