މުހައްމަދު ނާޒިމް
ސިފައިންގޭގައި އުޅުއްވި އިރު ބޭރުގެ އެކި ގައުމުތަކުން އެތައް ތަމްރީނެއް ހެއްދެވި
ދެ ސަރުކާރެއްގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި
އާއިލީ ވިޔަފާރި އާރުސީސީ ތަރައްގީކުރުމުގައި އޭނާގެ ދައުރު ވެސް ބޮޑު
މުހައްމަދު ނާޒިމް އުއްމީދުކުރެއްވީ ބެޑްމިންޓަން ތަރިއަކަށް ވެވަޑައިގަންނަވާށެވެ. ނަމަވެސް މަޖީދިއްޔާއިން އޯ ލެވެލް ހެއްދެވުމާ އެކު އޭނާއަށް މަޖުބޫރުވެވަޑައިގަތީ ސިފައިންގެއަށް ވަންނަވާށެވެ.
އެންމެ 18 އަހަރުގައި ސިފައިންގެއަށް ވެންނެވި ގޮތަށް 24 އަހަރު ހިދުމަތުގައި ހުންނެވި އެވެ. ނާޒިމްއަކީ، އޭނާގެ އަމިއްލަ ބަހުން ނަމަ، 'ތަމްރީންވުމުގެ ފުރުސަތު އެންމެ ގިނައިން ލިބުނު އެކެކެ'ވެ. އެމެރިކާ އާއި އިނގިރޭސި ވިލާތުގަ އެވެ. އިންޑިއާ އާއި ޕާކިސްތާނުންނެވެ. އޭގެ އިތުރުން ވެސް އެކި ގައުމުތަކުންނެވެ.
ކާނަލްގެ މަގާމުގައި ހުންނަވައި 2011ގައި، ސިފައިންގެއިން ރިޓަޔަކުރެއްވުމާ އެކު އޭނާ ވެންނެވީ އާއިލީ ވިޔަފާރި، އާރުސީސީއަށެވެ. މިއީ ވަޑާމާއި ގެދޮރު އިމާރާތްކުރުމުގައި މިވަގުތު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އާރުސީސީ އެހެން ހަރުފަތަކަށް ގެންދިއުމުގައި އޭނާގެ ދައުރު ވެސް ބޮޑެވެ.
ސިޔާސީ ދާއިރާއަށް ވެންނެވީ 7 ފެބްރުއަރީ 2012ގެ ބޮޑު ހަަމަނުޖެހުންގަނޑަށް ފަހު އުފެދުނު ރައީސް މުހައްމަދު ވަހީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ ގޮތުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ ވެސް އޭނާ އެވެ. އެކަމަކު ގޭގައި ފިސްތޯލައެއް ގެންގުޅުއްވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށް ލި އެވެ. އޭނާ ސަލާމަތްވެވަޑައިގަތީ ޔާމީންގެ ވެރިކަން ނިމުމުންނެވެ.
ސިފައިންގެ މީހެއްގެ ގޮތުގަ އާއި މިނިސްޓަރުކަމުގައި ނާޒިމް ވަނީ ގައުމީ ބޮޑެތި އެތައް މަސައްކަތެއްގައި އިސް ރޯލެއް އަދާކުރައްވައިފަ އެވެ.
އިތުރަށް ކިޔާލަން