ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި. (ފޮޓޯ/މަޖިލިސް)

ކުޑަކުދިން ބައިތިއްބާ ޖަލު އަހަރު ނިމުމުގެ ކުރިން ނިމޭނެ: އިމްރާން

ރާއްޖޭގައި ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނެތްކަމަށް އެޗްއާރްސީއެމް އިން ބުނުމުން، މަރުގެ މައްސަލަތަކެއްގައި ބަންދުކޮށްފައި ތިބި ކުދިން ވަނީ ގޭބަންދަށް ބަދަލުކޮށްފައި
21 ނޮވެމްބަރު 2021

ކުށް ކުރާ ކުޑަކުދިން ބައިތިއްބާ ޖަލުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި އެ ތަނުގައި ކުދިން ބައިތިއްބަން ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ކުށް ކުރާ ކުޑަކުދިން ބަލަހައްޓަމުން ދިޔައީ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގަ އެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ ޖަލަށް ކުރި ޒިޔާރަތަކަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެއީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް ނޫން ކަމަށެވެ.

އެނގުން މުހިންމު - އެޗްއާރްސީއެމްގެ ރިޕޯޓާ ގުޅިގެން:

  • ކުޑަކުދިން ބައިތިއްބާނެ ޖަލެއް ނެތުމުން، މަރުގެ ދެ މައްސަލައެއްގައި ޖަލުގައި ބަންދުކޮށްފައި ތިބި ދެ ކުއްޖަކު ވަނީ ގޭބަންދަށް ބަދަލުކޮށްފައި 

  • ބަންދުކުރި އިރު ކުޑަކުދިން ނަމަވެސް، މިހާރު އެ ކުދިންނަށް ވަނީ 18 އަހަރު ފުރިފައި

  • އެ ކުދިން ގޭބަންދަށް ބަދަލުކުރީ، ކުޑަކުދިން ބައިތިއްބަން އެކަށޭނަ ޖަލެއްގެ މަސައްކަތް ކޮށް ނިންމޭނެ ތާރީހެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް ކަރެކްޝަންސް އިން ކްރިމިނަލް ކޯޓަށް އެންގުމުން ކޯޓު އަމުރެއްގެ ދަށުން

މިނިސްޓަރުގެ ބަސް - މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ އެ ޖަލުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ.

"ކުޑަކުދިން މަރުކަޒުކޮށްގެން ކަރެކްޝަނަލް ސާވިސްގެ ދަށުގައި ގެންގުޅެން ޖެހޭ ތަންތަން ނުވަތަ ޖަލު އިރާދަކުރެއްވިއްޔާ މި އަހަރު ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެ ތަނުގައި ކުދިން ބޭތިއްބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އައްސޭރި ޖަލު: މިއީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވޭ.

ހަމަ އެއާ އެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުން ކުޑަކުދިން ބޭތިއްބުމަށް ހަމަޖެހިފައިވާ މަރުކަޒުގެ މަސައްކަތް ވެސް ދ. ކުޑަހުވަދޫގައި ފަށައިގެން ކުރިއަށްދާ ކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ 2023 ފެށޭ އިރު އެ ތަނުގެ ހިދުމަތް ވެސް ދޭން ފެށޭނެ ކަމަށެވެ.

'ކުދިން ޖަލުގައި ބަންދުކުރުމަކީ އެންމެ ފަހުން ކުރާނެ ކަންތައް'

މިނިސްޓަރު އިމްރާން ވިދާޅުވީ ޖުވެނައިލް ޖަސްޓިސްގެ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ޖަލުތަކުގައި ކުޑަކުދިން ބަންދުކޮށްގެން ގެންގުޅުމަށް ކަމަށެވެ. އަދި ކުދިން ބަންދުކޮށްގެން ގެންގުޅުމަކީ އެންމެ ފަހުގެ ހައްލު ކަމަށާއި އެ މަގުން މިހާރު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން:

  • ކުށަށް ހުށަހެޅިފައިވާ ކުޑަކުދިން، ކުށުގެ ވެށިން ދުރުކުރުމަށްޓަކައި ޕްރޮގްރާމުތަކެއް ހިންގަން ރާވާފައިވޭ

"އެކަމަށް މަސައްކަތް ކުރުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަމަށް ފުރިހަމައަށް ތަމްރީނުކުރެވިފައިވާ މުވައްޒަފުން މުޅި ރާއްޖޭގައި ނެތުން،" އިމްރާން ވިދާޅުވި އެވެ.

އދ.ގެ އެކިއެކި އިދާރާތަކާ އެކު މަސައްކަތްކޮށް، މިހާރު އެކަމަށް ރަނގަޅު މަގުތަކެއް ފެނިފައިވާކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން، ކުޑަކުދިންގެ މައްސަލަތަކުގައި މުއާމަލާތްކުރަންޖެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން ތަމްރީނުކުރާނެ ވަކި ގޮތްތަކެއް ހަމަޖެއްސުމަށް، ކަންކަން ކުރިއަށްދާނެ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ދަށުން ޕްރޮގްރާމްތައް ފަރުވާކުރެވެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް